ތަހުގީގީ ނޫސްވެރިކަމުގެ ދާއިރާއިން އިތުރަށް މަސައްކަތް ކުރަންޖެހޭ: ހިދާޔަތުﷲ

އިންވެސްޓިގޭޓިވް ޖާނަލިޒަމް ނުވަތަ ތަހުގީގީ ނޫސްވެރިކަމުގެ ދާއިރާއިން ރިޕޯޓުތައް ލިޔެ ކަންކަމުގެ ހަގީގަތް ހޯދައިގަތުމަށް އިތުރަށް މަސައްކަތްކުރަން މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރައީސް ހިދާޔަތުﷲ ގޮވާލައްވައިިފިއެވެ.

އެމްއެމްސީއިން ހިންގި "ނޫސްވެރިކަމުގެ އަސާސީ ޕްރޮގްރާމް 2020" ނިންމުމުގެ ގޮތުން ވާޗުއަލްކޮށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހިދާޔަތުﷲ ވިދާޅުވީ ނޫސްވެރިކަމަކީ ކޮންމެ ގައުމެއްގެވެސް މޫނުބަލާ ލޯގަނޑަށް ވާއިރު، އެ ލޯގަނޑު ބަލައިލުމުން އެ ގައުމެއްގެ ހާލަތު ވަރަށް ރީތިކޮށް އެނގޭނެ ކަމަށެވެ.

އަދި އެއީ ނޫސްވެރިން މިއަދު ވިސްނާލަން ޖެހޭ ކަމެއް ކަމަށާއި ފަތު އަޑުކިޔާފައި ނޫސްވެރިކަން ރާއްޖޭގައި ފުޅާވެގެންދާއިރު އޮންލައިން ނޫސްތަކާއި، ނޫސްމަޖައްލާތަކުގެ އިތުރުން ރޭޑިއޯ އާއި ޓީވީގެ ހަބަރުތައް ބަލާ، އަދި އަޑުއަހާ ކޮންމެ މީހަކަށް ގައުމު އޮތްގޮތް ވަރަށް ރީތިކޮށް ވަޒަންކޮށްލެވޭނެ ކަމަށެވެ.

އެހެންކަމުން ނޫސްވެރިންގެ މަސައްކަތަކީ ވަރަށް ބޮޑު ޒިންމާއެއް އަދި މަސްއޫލިއްޔަތެއް ކަމަށް ވިދާޅުވިއެވެ.

"އެ މަސްއޫލިއްޔަތު އަޅުގަނޑުމެން އުފުލަންވާނީ ޒިންމާދާރުކޮށް. ތެދުވެރިކަމާއި، އަމަނާތްތެރިކަމާއެކީގައި. ވަކިއަތަކަށް ނުޖެހި. އިންސާފުވެރިކަމާއި، އިހްލާސްތެރިކަމާއެކު. ތައުލީމާއި ތަމްރީނުގެ ބޭނުން ކުރައްވައިގެން ދިރާސާތަކާއި އެކު،" އޭނާ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ގައުމު ހަމަ މަގަށް އަޅުވާ، ގައުމުގެ މިސްރާބު ދައްކައިދޭ ބަޔަކަށް ނޫސްވެރިން ވާން ޖެހޭ ކަމަށެވެ.

"އިންވެސްޓިގޭޓިވް ޖާނަލިޒަމް ނުވަތަ ތަހުގީގީ ރިޕޯޓުތައް ލިޔެ ކަންކަމުގެ ހަގީގަތްތައް ހޯދައިގަތުމަށް އިތުރު މަސައްކަތްކުރަން މިރޭ އަޅުގަނޑު ގޮވާލަން،" ހިދާޔަތުﷲ ވިދާޅުވިއެވެ.

ހަމައެއާއިއެކު ޒަމާނުގެ ވަސީލަތްތަކާއި އެކު މީޑިއާ ކުރިއަރަމުންދާއިރު، ސޯޝަލް މީޑިއާގެ ޒަރީއާއިން ފަތުރާ ހަބަރުތަކުގެ ތެދު ދޮގު އޮޅުން ފިލުވަންޖެހޭކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

މިރޭ 120 ފަރާތަކުން ވަނީ ނޫސްވެރިކަމުގެ އަސާސީ ޕްރޮގްރާމް ފުރިހަމަކޮށްފައެވެ.

ހިދާޔަތުﷲ ވަނީ އެ ތަމްރީން ޕްރޮގްރާމްގެ ބޭނުން ރަނގަޅުގޮތުގައި ހިފައި، ޕްރޮގްރާމުން ދަސްވި އެއްޗެއްގެ އަލީގައި ނޫސްވެރިކަމުގެ މަސައްކަތުގައި ބާރަށް ކުރިޔަށް ދިޔުމަށް އެދިވަޑައިގެންފައެވެ.

އޭނާ ވިދާޅުވީ އެމްއެމްސީ އަކީ ހަމައެކަނި ނޫސްވެރިން ލިޔާއެއްޗަކާއި މެދު ފިޔަވަޅު އަޅަން އޮންނަ ތަނެއް ނޫން ކަމަށާއި މީޑިއާ ކައުންސިލްގެ ގާނޫނުގައި އެންމެ ބޮޑަށް ބާރު އަޅާ އެއްކަމަކީ މިނިވަން ނޫސްވެރިކަމަކަށް ޖާގަ ދިނުމާއެކު ނޫސްވެރިންނަށް ތައުލީމާއި ތަމްރީންގެ ފުރުސަތު ވީހާވެސް ފުޅާދާއިރާއެއްގައި ފަހިކޮށްދިނުން ކަމަށެވެ.

"އަދި އެކަން މިކައުންސިލްގެ މުޅި މަސައްކަތުން ވެސް ފެނިގެންދާނެ،" އޭނާ ވިދާޅުވިއެވެ.

މީޑިއާގެ ދާއިރާ އިތުރަށް ހަރުދަނާކޮށް ފުޅާކޮށް، ކިޔަވާކުދިންގެ ހިތްތަކުގައި ދާއިރާއަށް ލޯބި ޖެއްސުމަށް ރާއްޖޭގެ ސްކޫލް ތަކުގައި މީޑީއާ ކްލަބު އުފެއްދުމުގެ މަސައްކަތުގެ އިތުރަށް ވެސް މީޑިއާ ކައުންސިލުން މިއަހަރު ގިނަ މަސައްކަތްތަކެއް ކުރަން ރާވާފައި ހުރިކަމަށް އޭނަ ވިދާޅުވިއެވެ.

ނަމަވެސް ކޮވިޑް19 ގެ ސަބަބުން ކައުންސިލުން ރޭވި ހުރިހާ ހަރާތްތަކެއް ވަރަށް ބޮޑަށް މެޑުޖެހިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ހިދާޔަތުﷲ ވިދާޅުވީ މިދަތި ދަނޑިވަޅުގައި ވެސް ކައުންސިލުން މަސައްކަތް ކުރަމުން އަންނަނީ މީޑިއާ އަށާއި ނޫސްވެރިންނަށް ކޮންމެވެސް ކަމެއް ކޮށްދިނުމުގެ ރޫހުގައި ކަމަށެވެ.

comment ކޮމެންޓް