ޕީޖީ ނޫސްވެރިންނަށް ގޮވާލެއްވީ ފޮތް ކިޔައި، ކަންކަން ދިރާސާކުރުމަށް!

ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ލިޔުންތެރިކަމުގެ ފަންނު ކުރިއެރުވުމަށްޓަކައި ހުރިހާ ނޫސްވެރިން ވެސް ފޮތް ކިޔުން އިތުރުކުރުމަށާއި، މައުލޫމާތު ހޯދާ ކަންކަން ދިރާސާކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މިއަދު ގޮވާލައްވައިފިއެވެ.

އެމްއެމްސީއިން ހިންގި "ނޫސްވެރިކަމުގެ އަސާސީ ޕްރޮގްރާމް 2020" ނިންމުމުގެ ގޮތުން ވާޗުއަލްކޮށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި މިރޭ ޕީޖީ ޝަމީމް ވިދާޅުވީ ނޫސްވެރިކަމަކީ ވަރަށް ގިނަ ބާރު ލިބޭ މަސައްކަތެއް ކަމަށާއި، އަދި ނޫސްވެރިންގެ އެންމެ ވަރުގަދަ ހަތިޔާރަކީ މައުލޫމާތު ކަމަށެވެ.

އެހެންކަމުން މައުލޫމާތު ހޯދާ ލިބިގަތުމާއި، މައުލޫމާތު އެނަލައިޒްކޮށް އެ މައުލޫމާތު ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމަށްޓަކައި، ނޫސްވެރިންގެ ކިބައިގައި މައުލޫމާތު ހޯދުމުގެ ޝައުގުވެރިކަން ހުންނަންޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށް ޝަމީމް ވިދާޅުވިއެވެ.

ޕީޖީ ޝަމީމް ވަނީ މިހާރަކަށް އައިސް، މައުލޫމާތު ހޯދުމުގެ ފަންނު ނޫސްވެރިންގެ މެދުގައި ކުޑަކޮށް ދަށްވަމުން އަންނަކަން ފާހަގަކުރައްވައި އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

"އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި މީހަކު ކުރާ ޓުވީޓެއް، މީހަކު ފޭސްބުކްގައި ލިޔާ ޕޯސްޓެއް އެއީ ހަބަރަކަށް ހަދައިގެން ލިޔާ ވަރަށް ވުރެ އެއާ ގުޅޭ މައުލޫމާތު އެހެން ގޮތްގޮތުން ހޯދެން ޖެހޭނެ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ. ހަމައެކަނި ޓުވީޓެއްގައި އޮންނަ ވާހަކައެއް ބޮޑު ހަބަރަކަށް ހަދައިގެން، އަޅުގަނޑު ހަބަރު ބަލާލައިރު ބައި ސަފްހާގެ ހަބަރެއް. އިތުރު ވާހަކައެއް ނޯވޭ. އޭގެ ބަދަލުގައި ދައުލަތުގެ ތެރޭގައި އެބަހުރި ވަރަށް ބައިވަރު މައުލޫމާތު،" ޕީޖީ ވިދާޅުވިއެވެ.

ހަމައެއާއެކު މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ބޭނުން ހިފައިގެން ވެސް ނޫސްވެރިންނަށް އެތައް މައުލޫމާތެއް ހޯދޭނެކަން ޕީޖީ ފާހަގަކުރެއްވިއެވެ.

އެހެންކަމުން ނޫސްވެރިން ކަންކަން ދިރާސާކޮށް، މައުލޫމާތު ހޯދައިގެން ހަބަރު ލިޔުމުގެ ފަންނުވެރިކަން، އަދި ޝައުގުވެރިކަން އުފެއްދުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ޕީޖީ ވިދާޅުވިއެވެ.

މިރޭ ނޫސްވެރިކަމުގެ އަސާސީ ޕްރޮގްރާމް ނިންމި ނޫސްވެރިންނަށާއި އެހެން ނޫސްވެރިންނަށް ވެސް ޕީޖީ ވަނީ ނޫސްވެރިކަމުގެ ދާއިރާ އިން އިތުރަށް ކިޔެވުމަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ.

ހަމައެއާއެކު ނޫސްވެރިންނަކީ ހުރިހާ ދާއިރާއެއްގެ މައުލޫމާތު ވެސް އެނގެންޖެހޭ ބަޔަކަށް ވާތީ ތަފާތު އެކި ދާއިރާތަކުގެ މައުލޫމާތުވެސް ހޯދާ އުނގެނުމަށް ޕީޖީ އިލްތިމާސްކުރެއްވިއެވެ. އަދި ކޮންމެ ނޫސްވެރިޔަކީ ވެސް ކޮންމެ ކޮންމެ ކަމަކާ ބެހޭގޮތުން ވެސް އެންމެ އަސާސީ މައުލޫމާތު އެނގޭ، އެކަމެއްގެ މުހާވަރާއެއް ހެދޭ ވަރަށް މައުލޫމާތު ލިބިފައިވާ މީހަކަށް ވާންޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.

"އެކަން ކުރެވޭނީ މިހާރަށް ވުރެ ގިނައިން ފޮތް ކިޔައިގެން، ތަފާތު އެކި އެއްޗެހި ކިޔައިގެން، ނޫސްތަކާއި ތަފާތު ފޮތްތަކާއި، ރިޕޯޓުތަކާ މިހެން ގޮސް ކިޔުމުގެ އާދަ، ދިރާސާކޮށް ކިޔުމުގެ އާދަ އާލާކުރެވިގެން ނޫނިއްޔާ އެކަމުގެ މައްޗަށް ހަބަރު ލިޔުމުގެ ޝައުގުވެރިކަމެއް، ހަބަރު ލިޔުމުގެ ފަންނުވެރި ކަމެއް އަންނާނެ ކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ،" ޕީޖީ ވިދާޅުވިއެވެ.

"އަބަދުވެސް ދަސްކުރައްވާށޭ. އަބަދުވެސް ކިޔަވާށޭ. ދެމެހެއްޓެނެވި ގޮތެއްގައި ފޮތް ކިޔުމުގެ އާދަ ހުރިހާ ބޭފުޅުންގެ ގައިގައި އަށަގެންނެވުމަކީ އެއީ ވަރަށް މުހިންމު ކަމެއް ކަމަށް އަޅުގަނޑަށް ފެންނާތީ އެވާހަކަ ދަންނަވާލީ،" ޕީޖީ ވިދާޅުވިއެވެ.

ޕީޖީ ވަނީ ދައުލަތުގެ އެކި ބާރުތަކާ މުއައްސަސާތައް ކުރާ މަސައްކަތުގެ މައުލޫމާތު އަދި އެފަރާތްތަކުން މަސައްކަތް ކުރަނީ ރަނގަޅަށްކަން ކަށަވަރުކޮށް، މުއައްސަސާތަކާއި ވެރިން ޖަވާބުދާރީ ކުރުވާ ބަޔަކީ ނޫސްވެރިންކަން ފާހަގަކުރައްވައިފައެވެ.

އެހެންކަމުން ނޫސްވެރިންގެ މަސައްކަތަކީ ދައުލަތް ހިންގަން ތިބޭ މީހުންނަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއް، ކަމަށާއި އަދި ގޯސް މަގަކުން ނުދާން ބާރުލިބޭ ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.

"އެ މަގަށް ދުއްވައިފިއްޔާ، އެމަގަށް ގޮސްފިއްޔާ ނޫސްވެރިން އަޅުގަނޑުމެން ފަހަތުން އައިސް އަޅުގަނޑުމެން ޖަވާބުދާރީ ކުރުވާނެކަން އެއީ މި ނިޒާމު ރަނގަޅަށް ހިނގުމަށްޓަކައި ކޮންމެހެން ބޭނުންވާ ކަމެއް ކަމަށް އަޅުގަނޑު ދެކެނީ،" ޕީޖީ ވިދާޅުވިއެވެ.

މީގެ އިތުރުން ޕީޖީ ވަނީ ނޫސްވެރިން ލިޔާ ލިޔުންތަކާއި، ޓީވީތަކުން ގެނެސްދޭ ރިޕޯޓުތަކުގައި ދިވެހި ބަސް ބޭނުންކުރާ ގޮތާއި، އިބާރާތްކުރުމުގެ ފެންވަރު ކުޑަކޮށް ދަށްވާތީ އެކަމާމެދު ވެސް ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

ޕީޖީ ވިދާޅުވީ ޖުމްލަތައް ދިގުވެ، އިބާރާތްކުރާ ގޮތުން ބައެއް ފަހަރު އެ ލިޔުމެއް ކިޔަން، ނުވަތަ ހަބަރެއް އަޑުއަހަން އުނދަގޫވާ ކަމަށެވެ.

އެހެންކަމުން ބަހުގެ ހަމަތައް ދަސްކޮށް، ބަސް ބޭނުންކުރުމުގައި ފަރުވާތެރިވުމަށާއި، ރީތިކޮށް، ކުރުކޮށް، ސާފުކޮށް އިބާރާތް ކުރުމަށް ވެސް ޕީޖީ ވަނީ ނޫސްވެރިންނަށް އިލްތިމާސްކުރައްވައިފައެވެ.

comment ކޮމެންޓް