މާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި އަންހެނެއްގެ ހާލު ސީރިއަސް

މިއަދު އިރުއޮއްސުނު ވަގުތު މާލޭ ބޮޑުތަކުރުފާނު މަގުގައި ސައިކަލަކާއި ވޭނެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެކްސިޑެންޓް ހިނގީ 18:08 ހާއިރު، ބޮޑުތަކުރުފާނު މަގުން ދުއްވާފައި ދިޔަ ސައިކަލެއްގެ ފަހަތުން އައި ވޭނެއް ޖެހިގެން ކަމަށެވެ.

އެކްސިޑެންޓުވި ސައިކަލުގައި ތިބި ދެމީހުންނަށް ވެސް އަނިޔާވެފައިވާ ކަމަށާއި، އެމީހުންނަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އޮފިޝަލް ވިދާޅުވީ ސައިކަލުގެ ފަހަތުގައި އިނީ އަންހެނެއް ކަމަށާއި އޭނާގެ ހާލު ސީރިއަސް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އެކްސިޑެންޓުވި ދެ އުޅަނދު ދުއްވަން ތިބީ ވެސް އެ ކެޓަގަރީގެ އުޅަނދު ދުއްވުމުގެ ލައިސެންސް އޮންނަ ދެމީހުންނެވެ.

މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.

comment ކޮމެންޓް