މަތީ ތައުލީމު ފުރިހަމަކުރުމަށް ޒަކާތު ފަންޑުން އެހީއަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

އޭޕްރީލް 17، 2018: އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)ގެ ތިންވަނަ ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މަތީ ތައުލީމު ސާސިލު ކުރަމުންދާ ދަރިވަރުންގެ ތެރެއިން، މާލީ ފުދުންތެރިކަން ނެތުމުގެ ސަބަބުން ކިޔެވުން ކުރިއަށް ގެންދިއުމަށް ދަތިވެފައިވާ ދަރިވަރުންނާއި، ފުރިހަމަކުރަމުން ދިޔަ ކޯސް މެދުކެނޑިފައިވާ ދަރިވަރުންނާއި، ގްރެޖުއޭޓް ނުވެވިފައިތިބި ދަރިވަރުންނަށް ޒަކާތު ފަންޑުގެ ދަށުން ހާއްސަ އެހީއަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މަތީ ތައުލީމަށް ޒަކާތު ފަންޑުން ސްކޮލާޝިޕާއި ހާއްސަ އެހީ ދިނުމުގެ އުސޫލު މިހާރު ވަނީ އާންމުކޮށްފަ އެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ އުސޫލުގެ ދަށުން ހާއްސަ އެހީއަށް އެދި ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން 15 ނޮވެންބަރު ވާ އާދިއްތަ ދުވަހުގެ މެންދުރު 14:00ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

އެހީއަށް އެދި ހުށަހަޅާ ދަރިވަރުންނަކީ އިސްލާމީ ޝަރީއާ ހުއްދަކުރާ ކޯހެއްގައި ކިޔަވާ ދަރިވަރުން ކަމުގައި ވާންޖެހެ އެވެ. އަދި މާލީ ގޮތުން ފުދުންތެރިކަމެއް ނެތް، ޒަކާތް ލިބުން ހައްގުވާ ގިންތިއެއްގައި ހިމެނޭ ފަރާތެއްކަމުގައި ވާންޖެހޭނެ އެވެ.

މީގެ އިތުރުން ރާއްޖޭގެ ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލުކުރާ، ގައުމީ ސަނަދުތަކުގެ އޮނިގަނޑުގައިވާ ލެވެލް ފަހަކުން ފެށިގެން ލެވެލް 10ގެ ނިޔަލަށް ހިމެނޭ ކޯހެއްގައި ކިޔަވާ ދަރިވަރަކަށް ވުމުގެ އިތުރުން، ހާއްސަ އެހީއަށް އެދޭ ދަރިވަރަކީ އަމިއްލަ ބާރެއް ނެތި ދިމާވި ކަމެއްގެ ސަބަބުން، ކޯސް ފުރިހަމަކުރުމަށް ފައިސާގެ ދަތިކަން މެދުވެރިވެފައިވާ ދަރިވަރެއް ކަމުގައި ވެސް ވާންޖެހޭނެ ކަމަށް އިއުލާނުގައިވެ އެވެ.

އަދި އެ ދަރިވަރަކީ ޒަކާތު ފަންޑުގެ ދަށުން ސްކޮލާޝިޕް ލިބިފައިވާ ދަރިވަރެއް ކަމުގައި ވެގެން ނުވާނެ އެވެ.

comment ކޮމެންޓް