25 އަހަރު ތެރޭ ގްރޭޓް ބެރިއާ ރީފްގެ ދެބައިކުޅަ އެއްބައި މުރަކަތައް މަރުވެއްޖެ

ގްރޭޓް ބެރިއާ ރީފްގެ މުރަކަތައް ހުދުވެ، މަރުވުން ކަނޑުގެ ލޮނުގަނޑު ހޫނުވުމާ ގުޅިފައިވޭ --- ފޮޓޯ: އެންޑްރިއަސް ޑީޓްޒެލް

ކެންބެރާ (އޮކްޓޯބަރު 14): އޮސްޓްރޭލިއާގެ ގްރޭޓް ބެރިއާ ރީފްގެ 50 ޕަސެންޓު މުރަކަތައް ފާއިތުވި 25 އަހަރު ތެރޭ މަރުވެފައިވާ ކަމަށް އާ ދިރާސާއަކުން ދައްކައިފި އެވެ.

އޮސްޓްރޭލިއާގެ އާކް ސެންޓާ ފޯ އެކްސެލެންސް ފޯ ކޮރަލް ރީފް ސްޓަޑީސްގެ މެރިން ސައިންޓިސްޓުން ކުރިއަށް ގެންދިޔަ އެ ދިރާސާގައި ވަނީ 1995ގެ ފަހުން ގްރޭޓް ބެރިއާ ރީފްގެ އެކި ބާވަތްތަކުގެ މުރަކައިގެ އާބާދީއަށް އައިސްފައިވާ ބަދަލުތައް ބަލާފަ އެވެ. އަދި ފާއިތުވި އަހަރުތަކުގައި އެ ފަރުގައި ހިމެނޭ ހުރިހާ ބާވަތެއްގެ މުރަކައިގެ އާބާދީތައް ވެސް މަދުވެފައިވާކަން ދިރާސާ އިން އެނގުނު ކަމަށް ސައިންސުވެރިން ބުންޏެވެ.

"އަޅުގަނޑުމެންނަށް ފާހަގަ ކުރެވުނީ 1990ގެ އަހަރުތަކުގެ ފަހުން ގްރޭޓް ބެރިއާ ރީފްގެ ކުޑަ، މެދު ސައިޒު އަދި ބޮޑު މުރަކައިގެ އަދަދުތައް ވެސް 50 ޕަސެންޓަށް މަދުވެފައިވާ ކަން،" އެ ދިރާސާގައި ބައިވެރިވި ޕްރޮފެސަރު ޓެރީ ހިއުސް ވިދާޅުވި އެވެ.

ޕްރޮސީޑިންސް އޮފް ދަ ރޯޔަލް ސޮސައިޓީ ޖާނަލްގައި ޝާއިއުކޮށްފައިވާ އެ ދިރާސާގައި އިސްކޮށް ހުންނެވި ޑރ. އޭންޑީ ޑީޓްޒެލް ވިދާޅުވި ގޮތުގައި ސިއްހަތު ރަނގަޅު މުރަކަ އާބާދީއެއްގައި އެތައް މިލިއަން ކުދި މުރަކަ އާއި ބޮޑު މުރަކަ ހިމެނޭނެ އެވެ. ނަމަވެސް އެފަދަ މުރަކަތައް މަދުވުމުން ފަރަށް އަލުން ދިރުން ގެންނަން ނަގާ މުއްދަތު އިތުރުވެގެންދެ އެވެ.

ގްރޭޓް ބެރިއާ ރީފްގެ މުރަކައިގެ އާބާދީ އެންމެ ބޮޑަށް ދަށްވެފައި ވަނީ 2016 އާއި 2017ގައި ރެކޯޑު މިންވަރުތަކަށް ދުނިޔެ ހޫނުވެ، ގާ ހުދުވުމާ ގުޅިގެންނެވެ.

ގާ ހުދުވަނީ ކަނޑުގެ ލޮނުގަނޑު ހޫނުވުމުން މުރަކަތަށް "ސްޓްރެސްވެ"، އެއަށް ކުލަ އާއި ހަކަތަ ފޯރުކޮށްދޭ އަލްގީ ބޭރުކޮށްލުމުންނެވެ. އޭގެ ސަބަބުން މުރަކަތައް ވަގުތުން މަރު ނުވި ނަމަވެސް ކަނޑުގެ ފިނު ހޫނުމިން އާދައިގެ މިންވަރަކަށް ދަށަށް ނުދާ ނަމަ އެ މުރަކަތައް މަރުވެ އެވެ.

އެހެންކަމުން ގްރޭޓް ބެރިއާ ރީފް ސަލާމަތް ކުރުމަށްޓަކައި، ދުނިޔެ ހޫނު ކުރުމަށް މަގުފަހި ކުރާ ގްރީން ހައުސް ގޭސްތައް ޖައްވަށް ބޭރު ކުރާ މިންވަރު ވަގުތުން މަދު ކުރަން ޖެހޭ ކަމަށް އާ ދިރާސާގައިވެ އެވެ.

ދުނިޔޭގެ އެންމެ ބޮޑު ފަރު ކަމަށްވާ ގްރޭޓް ބެރިއާ ރީފް އޮންނަނީ 1،400 މޭލަށް ފެތުރިފަ އެވެ. އަދި 1981 ވަނަ އަހަރު އެ ފަރު ވަނީ ޔުނެސްކޯގެ ތަރިކައިގެ ލިސްޓުގައި ހިމަނާފަ އެވެ.

comment ކޮމެންޓް