45 ބައިވެރިންނާއެކު ދަނޑުވެރިންގެ ފޯރަމް ފަށައިފި

ތޮއްޑޫ ދަނޑުވެރި ބިންތައް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދަނޑުވެރިންގެ ދުވަހާއި ގުޅިގެން ކުރިއަށް ގެންދާ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި ހިމެނޭ ދަނޑުވެރިންގެ ފޯރަމް ފަށައިފި އެވެ.

މިއަހަރުގެ ދަނޑުވެރިންގެ ދުވަހު ބޭނުންކުރުމަށް ކަނޑައަޅާފައިވާ ޝިއާރަކީ "ފަރުދީ ދަނޑުވެރިކަން - ކާނާގެ ޔަގީންކަން" އެވެ.

މި ފޯރަމްގެ މައިގަނޑު މަގްސަދަކީ މިނިސްޓްރީގެ އެގްރިކަލްޗަރ ޑިޕާޓްމަންޓުން ދަނޑުވެރިންނަށާއި އާންމުންނަށް ފޯރުކޮށްދެމުންދާ ހިދުމަތްތައް އިތުރަށް ފުރިހަމަ ކުރުމަށްޓަކައި، ކަމާގުޅުންހުރި ފަރާތްތަކުގެ ހިޔާލާއި މަޝްވަރާ ހޯދުމެވެ.

ޒޫމް މެދުވެރިކޮށް އޮންލައިންކޮށް ކުރިއަށްގެންދާ މި ފޯރަމްގައި ދަނޑުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ޖުމުލަ 45 ފަރާތަކުން ވަނީ ބައިވެރިވެފަ އެވެ.

އޭގެ ތެރޭގައި ދަނޑުވެރި ރަށްރަށުގެ ކައުންސިލް މެންބަރުން، ދަނޑުވެރިންގެ މަންދޫބުން، ވިޔަފާރީގެ އުސޫލުން ދަނޑުވެރިކަން ކުރަން ދޫކޮށްފައިވާ ފަޅުރަށްތަކުގެ މަންދޫބުން އަދި ދަނޑުވެރިކަމާ ގުޅުންހުރި ދައުލަތުގެ އެކި މުއައްސަސާތަކާއި ދަނޑުވެރި ކޯޕަރޭޓިވްސްތަކާއި ދަނޑުވެރިކަމަށް ބޭނުންވާ ތަކެތި ވިއްކުމުގައި ހަރަކާތްތެރިވާ ވިޔަފާރިތައް ހިމެނެ އެވެ.

މިއަދުން ފެށިގެން ދެ ދުވަހުގެ މުއްދަތަށް، ކޮންމެ ދުވަހަކު ހެނދުނު 9:30 - 12:00އަށް ކުރިއަށްގެންދާ މި ފޯރަމްގައި އަލަށް އުފައްދާފައިވާ ޕެސްޓިސައިޑް ގާނޫނާއި ގަވާއިދުތަކުން ދަނޑުވެރިކަމުގެ ވައްޓަފާޅިއަށް އަންނާނެ ބަދަލުތަކާއި، މިނިސްޓްރީގެ އެގްރިކަލްޗާ ޑިޕާޓްމަންޓުން ދޭ އާންމު ހިދުމަތްތަކުގެ މައުލޫމާތު ހިއްސާކުރާނެ އެވެ.

މީގެ އިތުރުން އެ ފޯރަމްގައި ދަނޑުވެރިކަން ކުރިއެރުވުމަށް މިނިސްޓްރީން ހިންގާ ހަރަކާތްތަކާއި މަޝްރޫއުތަކުގެ އިތުރުން މިއަހަރު ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ސަރުކާރުގެ 100 ޕަސެންޓު ހިއްސާވާ ކުންފުނި، އެގްރޯ ނެޝަނަލް ކޯޕަރޭޝަންއިން ދަނޑުވެރިންނަށް ފޯރުކޮށްދޭނެ ހިދުމަތްތަކާއި ބެހޭ މައުލޫމާތު ހިއްސާކޮށް، އެ ހިދުމަތްތައް އިތުރަށް ފުރިހަމަ ކުރުމަށް ފޯރަމްގެ ބައިވެރިންގެ ހިޔާލު ހޯދައި މަޝްވަރާ ކުރާނެ އެވެ.

ދަނޑުވެރިންގެ ދުވަސް ފާހަގަ ކުރުމަށްޓަކައި މިނިސްޓްރީގެ ފަރާތުން ދަނީ ތަފާތު ހަރަކާތްތަކެއް ހިންގަމުންނެވެ.

އޭގެ ތެރޭގައި ދަނޑުވެރިކަމުގެ މައުލޫމާތު ދިނުމަށް މިމަހުގެ ފަސްވަނަ ދުވަހުން 13ވަނަ ދުވަހަށް ކުރިއަށްގެންދިޔަ އޮންލައިން ސިލްސިލާ ޕްރޮގްރާމާއި އާންމުންނަށް ބައިވެރިވެވޭ ގޮތަށް މިނިސްޓްރީގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް އޮކްޓޮބަރު 13 - 15ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ ދަނޑުވެރިންގެ ދުވަހާ ގުޅޭ ކުއިޒް މުބާރާތް ހިމެނެ އެވެ.

މީގެ އިތުރުން ދަނޑުވެރިންގެ ދުވަހު ހއ. މޮޅަދޫ، ވަށަފަރު އަދި އުލިގަމުގައި ގަސްބެހުމުގެ ހަރަކާތެއް ކުރިއަށް ގެންދިއުމަށް ވެސް ވަނީ ރާވާފަ އެވެ. އަދި ރާއްޖޭގެ ރުއްތަކުގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި ރުކުގެ އައު ޖީލެއް އުފެއްދުމަށް ބޭނުންވާނެ މުޑުވައް އުފެއްދުމަށް އަމާޒުކޮށްގެން ހަނިމާދޫ އެގްރިކަލްޗާ ސެންޓަރުގައި 100 ރުކުގެ ރުއް ދަނޑެއް އެޅުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މިއަހަރުން ފެށިގެން ކޮންމެ މީލާދީ އަހަރެއްގެ އޮކްޓޯބަރު 15ވަނަ ދުވަހަކީ ރާއްޖޭގެ ދަނޑުވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސޯލިހު ވަނީ ނިންމަވާފަ އެވެ.

comment ކޮމެންޓް