ޖުމްލަ ތަފާތު ހަތަރު މޮޑެލް އާއެކު އެޕަލް ކުންފުނީގެ އެންމެ އައިފޯން ސީރީޒްގެ އެންމެ ފަހުގެ ފޯނު "އައިފޯން 12"ގެ ފޯނުތައް ރޭގައި ދައްކާލައިފި އެވެ.
މުޅީން އާ ސައިޒުގެ ފޯނަކާއެކު ރޭގައި އެޕަލްއިން ވަނީ އެކުންފުނީގެ އާ އައިފޯނުތައް ދައްކާލުމަށް ވާޗުއަލް އިވެންޓެއް ކުރިއަށް ގެންގޮސްފަ އެވެ.
ހަތަރު ފޯނެއް، މުޅީން އާ ސައިޒެެއް!
ރޭގައި އެޕަލް އަށް އަލަށް ތައާރަފުކޮށްފައިވާ ސައިޒުގެ ފޯނަށް ކިޔަން ހަމަޖެހިފައިވަނީ "އައިފޯން 12 މިނީ" އެވެ. އެ ފޯނަކީ އެކުންފުނީގެ ކުރީގެ އައިފޯން 6 ސީރީޒްގެ ފޯނުތަކުގެ ފުޓްޕްރިންޓަށް ތައްޔާރުކޮށްފައިވާ 5.4 އިންޗީގެ ޑިސްޕްލޭއެއް ހިމެނޭ ފޯނެކެވެ. އެ ފޯނަކީ މިހާރު އެޕަލް އައިފޯން 12 ލައިންއަޕްގެ އެންމެ ކުޑަ ފޯނެވެ.

އައިފޯން 12 ސީރީޒް ފޯނެއްގެ އިންޓާނަލް ---
ރޭގައި ދެން ދައްކާލާފައިވަނީ އައިފޯން 12 އާއި އައިފޯން 12 ޕްރޯ އަދި އައިފޯން 12 ޕްރޯ މެކްސް އެވެ. އައިފޯން 12 އަކީ އެކުންފުނީގެ މިޑް ރޭންޖް އައިފޯން އެވެ.
މިއަހަރު ތައާރަފުކުރި ޕްރޯ މޮޑެލްގެ ފޯނުތަކަކީ އެކުންފުނީން މިހާތަނަށް އާންމުކޮށްފައިވާ ޕްރޯ ސީރީޒްގެ އެންމެ ބޮޑެތި ފޯނުތަކެވެ. އެގޮތުން އައިފޯން ޕްރޯގެ ޑިސްޕްލޭ ވަނީ 5.8 އިންޗީން 6.1 އިންޗިއަށް ބަދަލުކޮށްފައެވެ. އަދި އައިފޯން 12 ޕްރޯ މެކްސްގެ ޑިސްޕްލޭ ވަނީ 6.5 އިންޗީން 6.7 އިންޗިއަށް ބަދަލުކޮށްފައެވެ.
އާ އައިފޯނުތަކުގެ ޑިޒައިންއަށް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން އައިފޯން ސީރީޒްގެ ހަތަރެއް އަދު ފަހެއްގެ ފޯނުތަކުގެ ޑިޒައިންނާ އެއްގޮތަށް އައިފޯނު 12ގެ ފޯނުތައް ވަނީ ބަދަލުކޮށްފައެވެ. އެގޮތުން ޑިޒައިން ވަނީ "ފްލެޓް" ޑިޒައިނަކަށް އެޕަލް އިން ބަދަލުކޮށްފައެވެ.

އާ އައިފޯނުގެ ރީޓެއިލް ފޮށިގަނޑު ---
ޗާޖަރު ދެން ޖެހޭނީ ވަކިން ގަންނަން!
ރޭގެ އިވެންޓުގައި ފެނިގެން ދިޔަ އިތުރު އެންމެ ބޮޑު އެއް ކަމަކީ އާ އައިފޯނުތަކުގެ ރީޓެއިލް ފޮށިގަނޑެވެ. މިފަހަރު ޝިޕް ކުރާ ރީޓެއިލް ފޮށިގަނޑުތަކުގައި ލިބޭނީ ހަމައެކަނި ފޯނެވެ. އެޕަލް އިން ޗާޖަރު އަދި ހެޑްފޯނެއް މިފަހަރަކު ނުދޭނެއެވެ.
އޭގެ ބަދަލުގައި 20 ޑޮލަރު ދިނުމަށްފަހު ޖެހޭނީ ޗާޖަރެއް ގަންނާށެވެ.
އެޕަލް އިން ބުނާގޮތުގައި އެގޮތަށް ނިންމާފައިވަނީ ތިމާވެއްޓަށް ބެލުމުގެ ގޮތުންނެވެ. އެއީ ޗާޖަރުތައް ގިނަ ވާތީއެވެ. އެހެންކަމުން އެޕަލްގެ ޗާޖަރެއް އޮތް ފަރާތަކަށް އެއީ މައްސަލައަކަށް ނުވާނެއެވެ. އެހެންނަމަވެސް އެޕަލްގެ އައިފޯނު ޗާޖަރުތަކަކީ އަބަދުވެސް ވަރަށް އަވަހަށް ހަލާކުވެގެންދާ އެއްޗެއް ކަމަށް ބުނެ އެޕަލް ޔޫޒަރުން މައްސަލަ ޖައްސަމުން އަންނަތާ އަހަރުތަކެއް ވެއްޖެއެވެ.
އާ އައިފޯނުތައް ވިއްކަން ފަށާ އަގަކީ 699 ޑޮލަރެވެ. އެގޮތުން އައިފޯން 12 މިނީ ވިއްކަން ފަށާ އަގަކީ 699 ޑޮލަރެވެ. އަދި އައިފޯން 12 ވިއްކަން ފަށާ އަގަކީ 799 ޑޮލަރެވެ. އައިފޯން 12 ޕްރޯ 999 ޑޮލަރަށް ވިއްކަން ފަށާއިރު 12 ޕްރޯ މެކްސް ވިއްކަން ފަށާ އަގަކީ 1،099 ޑޮލަރެވެ.
އެޕަލް އިން ބުނީ 12 ސީރީޒްގެ ފޯނުތަކަށް މި ހުކުރު ދުވަހު ޕްރީ އޯޑަރު ކުރަން ފެށޭނެ ކަމަށާއި 23 ގައި ވިއްކަން ފަށާނެ ކަމަށެވެ. އަދި 12 މިނީ ވިއްކަން ފަށާނީ އަންނަ މަހުގެ 13 އިން ފެށިގެން ކަމަށް އެޕަލް އިން ބުނެއެވެ.