އިނގިރޭސިވިލާތުގެ ދާރުލްއާސާރަކަށް ފޭސްބުކުން އެއް މިލިއަން ޑޮލަރު ހަދިޔާކޮށްފި

ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި ޖަރުމަނުގެ ސިއްރު މެސެޖުތަކުގައިވާ މައުލޫމާތު ހޯދުމަށް ބްލެޗްލީ ޕާކުގައި ކުރި މަސައްކަތުގައި ބޭނުން ކުރި ބައެއް ތަކެތި -- ފޮޓޯ: ޕީއޭ

ލަންޑަން (އޮކްޓޯބަރު 14): ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި، ޖަރުމަނުގެ ކޯޑުކޮށްފައިވާ ސިއްރު މެސެޖުތަކުގައިވާ މައުލޫމާތު ހޯދުމުގައި އިސް ދައުރެއް އަދާ ކުރި އިނގިރޭސިވިލާތުގެ ގަވަމެންޓް ކޯޑް އެންޑް ސައިފާ ސްކޫލް ހުރި ބްލެޗްލީ ޕާކްގެ ދާރުލްއާސާރަށް ފޭސްބުކުން 1.3 މިލިއަން ޑޮލަރު ހަދިޔާކޮށްފި އެވެ.

ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ބްލެޗްލީ ޕާކުގައި ކޮށްފައިވާ މަސައްކަތްތަކުގެ ތެރޭގައި، ޕްރޮގްރާމް ކުރެވޭ ޑިޖިޓަލް ކޮމްޕިއުޓަރެއް ފުރަތަމަ ފަހަރަށް އުފައްދާ، ޖަރުމަނުގެ މެސެޖުތައް ޑީކޯޑު ކުރުން ހިމެނެ އެވެ. އޭގެ ސަބަބުން، އިނގިރޭސިވިލާތާއި އެމެރިކާ އާއި ސޯވިއެޓް ޔޫނިއަން އިސްވެ އޮތް އެލައިޑް ޕަވާސްއަށް ޖަރުމަނުގެ ހަރަކާތްތަކާއި އެ ގައުމުން ދޭން ރާވަމުން ދިޔަ ހަމަލާތަކުގެ މައުލޫމާތު ލިބުނެވެ. އެ މަސައްކަތުގެ ސަބަބުން ދެވަނަ ބޮޑު ހަނގުރާމަ އިތުރު ދޭއް ނުވަތަ ހަތަރު އަހަރަށް ދިގުލައިގެން ދިޔުން ހުއްޓުވުނު ކަމަށް ބެލެވިފައިވެ އެވެ.

ފޭސްބުކުން ބްލެޗްލީ ޕާކަށް ފައިސާ ހަދިޔާ ކުރީ ކޮރޯނާވައިރަހުގެ ސަބަބުން އެ ޕާކު ބަންދު ކުރަން ޖެހި، މި އަހަރު އެ ޕާކަށް 2.3 މިލިއަން ޑޮލަރުގެ ގެއްލުމެއް ލިބޭނެކަން އިއުލާން ކުރި ފަހުންނެވެ. އަދި އެ ޕާކުގައި މަސައްކަތް ކުރާ މީހުންގެ ތެރެއިން ތިންބައިކުޅަ އެއްބައި މުވައްޒަފުން ވަޒީފާއިން ވަކި ކުރަން ޖެހިފައިވާކަން ބްލެޗްލީ ޕާކް ޓްރަސްޓުން ހާމަ ކުރި ފަހުންނެވެ.

ދާރުލްއާސާރެއްގެ ގޮތުގަ އާއި ކޮމްޕިއުޓާ ކޯޑިންއާ ގުޅުން ހުރި ކޯސްތައް ބާއްވާ ތަނެއްގެ ގޮތުގައި މިހާރު އޮތް ބްލެޗްލީ ޕާކަށް ފައިސާ ހަދިޔާ ކުރާކަން ހާމަ ކުރަމުން ފޭސްބުކުން ވަނީ އެއީ "ކޮމްޕިއުޓަރުގެ ޒަމާން" ފެށިގެން އައި ތަނުގެ ގޮތުގައި ސިފަކޮށްފަ އެވެ.

"ބްލެޗްލީ ޕާކަށް ޒިޔާރަތް ކުރި މީހުންގެ އަދަދު މަދުވުމުން، އެހެން ބައެއް ތަންތަނެކޭ އެއްގޮތަށް އެ ޕާކަށްވެސް ވަނީ ގެއްލުމާ ކުރިމަތިލާން ޖެހި، އެތަނުގެ މުސްތަގުބަލާ މެދު ދަތި ނިންމުންތަކެއް ނިންމަން ޖެހިފަ. އެހެންކަމުން މުޅި ދުނިޔެއަށް ބްލެޗްލީ ޕާކު ހުޅުވާފައި ބެހެއްޓުމަށް އެހީވުމުގެ ގޮތުން އެ ޕާކަށް އެއް މިލިއަން ޕައުންޑު ހަދިޔާ ކުރުމަކީ ފޭސްބުކަށް ލިބޭ ޝަރަފެއް،" ފޭސްބުކުގެ ޗީފް ޓެކްނޮލޮޖީ އޮފިސަރު ވިދާޅުވި އެވެ.

ފޭސްބުކުގެ އިތުރުން ކޮރޯނާވައިރަހުގެ ސަބަބުން މާލީ ގެއްލުންތައް ލިބޭ ދާރުލްއާސާރުތަކަށާއި އާޓް އޯގަނައިޒޭޝަންތަކަށް އެހީ ފޯރުކޮށްދޭ އިނގިރޭސި ސަރުކާރުގެ ކަލްޗަރަލް ރިކަވަރީ ފަންޑުން ވެސް ވަނީ ބްލެޗްލީ ޕާކަށް ބައި މިލިއަން ޑޮލަރު ދޭން ނިންމާފަ އެވެ.

ބްލެޗްލީ ޕާކުން ވަނީ ފޭސްބުކާއި ކަލްޗަރަލް ރިކަވަރީ ފަންޑުގެ އެހީއަށް ޝުކުރު އަދާކޮށް، އޭގެ ސަބަބުން ޕާކު ހުޅުވާފައި ބެހެއްޓުމަށާއި ތައުލީމީ ޕްރޮގްރާމްތައް އަދިވެސް ކުރިއަށްގެންދިޔުމަށް މަގުފަހި ވާނެ ކަމަށް ބުނެފަ އެވެ.

comment ކޮމެންޓް