ދީބާޖާ މައްސަލައިގެ ޝަރީއަތް މާދަމާ ފަށަނީ

އޮކްޓޯބަރ 1، 2019: ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދީބާޖާ އިންވެސްޓްމެންޓްސް ކުންފުނީގެ އެގްރިމަންޓް ބާތިލް ކުރި މައްސަލައިގައި އެ ކުންފުންޏަށް ބަދަލުގެ ގޮތުގައި 348 މިލިއަން ރުފިޔާ ދޭން ސުޕްރީމް ކޯޓުން މީގެ ކުރިން ތާއިދުކޮށްފައިވާ ހުކުމް އަލުން ރިވިއުކުރުމަށް ހުށަހެޅި މައްސަލައިގެ ފުރަތަމަ އަޑުއެހުން މާދަމާއަށް ތާވަލުކޮށްފި އެވެ.

ދީބާޖާގެ މައްސަލައިގައި ސުޕްރީމް ކޯޓުން ނިންމި ނިންމުން ރިވިއު ކުރަން ބަންޑާރަނައިބުގެ އޮފީހުން ހުށަހެޅީ މިދިޔަ ޖެނުއަރީ މަހުގެ ތެރޭގަ އެވެ. އެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގަތީ މި އަހަރުގެ މާޗް މަހުގެ ތެރޭގަ އެވެ.

އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން މާދަމާއަށް ތާވަލުކޮށްފައިވާކަން ސުޕްރީމް ކޯޓުން މިއަދު ވަނީ ހާމަކޮށްފަ އެވެ. އެ އަޑުއެހުން އޮތީ މާދަމާ ހެނދުނު 10:00ގަ އެވެ. މިހާރު ސުޕްރީމް ކޯޓުގެ ހުރިހާ އަޑުއެހުމެއް ލައިވް ކުރާ ފަދައިން އެ އަޑުއެހުންވެސް ލައިވް ކުރާނެ އެވެ.

ރައީސް ނަޝީދުގެ ސަރުކާރުގައި ދަތުރުފަތުރުގެ ހިދުމަތް ދިނުމުގެ މަސައްކަތް ހަވާލުކުރި ދީބާޖާ ކުންފުނީގެ އެގްރިމަންޓް ބާތިލުކުރުމުން، އެ ކުންފުނިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ހުކުމް ކުރީ، ބަދަލުގެ ގޮތުގައި ދައުލަތުން އެ ކުންފުންޏަށް 348 މިލިއަން ރުފިޔާ ދިނުމަށެވެ. ދައުލަތުން އޭރު ހައިކޯޓުގައި އެ ހުކުމް އިސްތިއުނާފުކުރުމުން، ސިވިލްކޯޓުގެ ހުކުމް ހައިކޯޓުން ބާތިލުކުރި އެވެ. ސުޕްރީމް ކޯޓުން އޭރު ސިވިލް ކޯޓުގެ ހުކުމް ތާއީދު ކުރީ އެންމެ ނުކުތާއެއް މައްޗަށް ރިއާޔަތްކޮށެވެ. އެއީ އެ މައްސަލާގައި ދައުލަތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައި ވަނީ އިސްތިއުނާފަށް ކަނޑައަޅާފައިވާ މުއްދަތަށް ވުރެ ފަހުން ކަމަށް ބުނެ ފާހަގަކޮށްފައިވާ ނުކުތާ އެވެ. އަދި ސުޕްރީމް ކޯޓުން ފަނީ ފަހުން ސިވިލް ކޯޓުގެ ހުކުމް ދަމަހައްޓާފަ އެވެ.

އެ މައްސަލައިގައި ރައީސް ސޯލިހު ނިންމެވީ، ބަދަލުގެ ގޮތުގައި 174 މިލިއަން ރުފިޔާ ދީބާޖާއަށއް ދިނުމަށެވެ. އެހެން ނަމަވެސް އެ މައްސަލަ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއިން ބަލައި، މަޖިލީހުގެ ތަޅުމުން ފާސްކޮށްފައި ވަނީ އެ މައްސަލަ އަލުން ރިވިއު ކުރުމަށް ސުޕްރީމްކޯޓަށް ހުށަހެޅުމަށް ރައީސްއަށް ދެންނެވުމަށެވެ.

ދީބާޖާ މައްސަލަ ރިވިއު ކުރުމަށް ހުށަހެޅީ ދީބާޖާއަށް ބަދަލު ދިނުމަށް މީގެ ކުރިން ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމާމެދު އާންމުންގެ ކަންބޮޑުވުން އޮތް ކަމަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބަންޑާރަނައިބުގެ އޮފީހަށް އަންގަވާފައިވާތީ އެވެ.

comment ކޮމެންޓް