ކަނޑޫފާތައް މަރުވާތީ އިންޑިއާގެ ޔުނިވާސިޓީއެއްގެ އެހީ ހޯދައިފި

ހދ. ނޭކުރެންދޫ ކަނޑޫފަލުން މަރުވެފައިވާ ސަރަހައްދެއް -- ފޮޓޯ/ ސޭވް މޯލްޑިވްސް

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުރި ކަނޑޫފާތައް މަރުވާތީ، އެކަން ދިރާސާ ކުރުމުގައި އިންޑިއާގެ ޔުނިވާސިޓީއެއްގެ އެހީ އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން ހޯދައިފި އެވެ.

އީޕީއޭއިން މިއަދު ބުނީ ކަނޑޫފާތައް މަރުވާ މައްސަލައާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް މިއަދު އިންޑިއާގެ ކޮޗިން ޔުނިވާސިޓީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީގެ މާހިރުންތަކަކާއެކު އޮންލައިން ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ.

ކަނޑޫފާތަކުގައި ޕްލާންޓް ޕެތޮޖެން އާއި ޕެސްޓު ހުރިތޯ ބެލުމަށް ޕީސީއާރު އަދި ޑީއެންއޭ ސީކުއެންސް އެނަލިސިސް ހެދުމުގައި އެ ޔުނިވާސިޓީއިން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އީޕީއޭއިން ބުންޏެވެ. އޭގެ އިތުރުން ވެލި އަދި ފެނުގެ ސާމްޕަލްތައް ތަހުލީލުކޮށްދޭނެ ކަމަށް އެ އެޖެންސީއިން ބުންޏެވެ.

އީޕީއޭއިން ބުނި ގޮތުގައި މި ބައްދަލުވުމަކީ ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނާއި އެންވަޔަރަމެންޓް މިނިސްޓްރީގެ އެހީގައި ބޭއްވި ބައްދަލުވުމެކެވެ.

ހދ. ވައިކަރަދޫ ކަނޑޫފަލުގެ ބޮޑު ސަރަހައްދެއް މަރުވެފައި: ކަނޑޫފަލުގެ 75 ޕަސެންޓު މަރުވެފައިވާ ކަމަށް ލަފާ ކުރެވޭ -- ފޮޓޯ/ އަލީ ރިފްހާން

ރާއްޖޭގައި އާދަޔާ ހިލާފު ބާރުމިނެއްގައި ކަނޑޫފާތައް މަރުވާކަން އެންމެ ބޮޑަށް ފާހަގަ ކުރެވުނީ މި އަހަރުގެ މާޗް ހިސާބުގަ އެވެ. އެ މައްސަލަ އެންމެ ފުރަތަމަ ފާހަގަ ކުރެވުނީ ހއ. ކެލާ އަދި ހދ. ނޭކުރެންދޫގަ އެވެ. މިހާރު ށ. ފޭދޫ، ހއ. އުލިގަން އަދި ގދ. ހޯނޑެއްދޫ ހިމެނޭހެން 11 ރަށެއްގައި މި މައްސަލަ ވަނީ ފާހަގަ ކުރެވިފަ އެވެ.

މީގެ ކުރިން އީޕީއޭއާއި ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީ ގުޅިގެން ވަނީ ކެލާ އަދި ނޭކުރެންދޫގެ ކަނޑޫފަލުގެ ދިރާސާއެއްގެ ފީލްޑް ސާވޭއެއް ހަދައިފަ އެވެ. ނަމަވެސް އެ ދިރާސާތަކާ ގުޅޭ ހޯދުންތައް އަދި ޝާއިއު ނުކުރެ އެވެ.

ބައެއް ރަށްރަށުގެ ކަނޑޫފާތައް އެކީހެން މަރުވަމުންދާއިރު އެކަށީގެންވާ ބާރުމިނެއްގައި ހޯދުންތައް ހޯދައި ފިޔަވަޅު އަޅަމުން ނުދާ ކަމަށް ބުނެ ތިމާވެށި ހިމާޔަތް ކުރަން ގޮވާލާ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅު ކުރެ އެވެ.

comment ކޮމެންޓް