ކެނދިކުޅުދޫ ޒުވާނުންނަށް ހާއްސަ ފުޓްސަލް ކޯޗިންގް ކޭމްޕެއް

ކޮމެޓްސް ސްޕޯޓްސް ކުލަބުން އިންތިޒާމު ކޮށްގެން ބޭއްވި ފުޓްސަލް މެޗެއްގެ ތެރެއިން --- ފޮޓޯ: ކެޕްޗާސް

ނ. ކެނދިކުޅޫދޫ ކޮމެޓްސް ސްޕޯޓްސް ކުލަބު (ސީއެސްސީ) އިން އިންތިޒާމުކޮށްގެން އެ ރަށުގެ ޒުވާނުންނަށް ހާއްސަކޮށްގެން ބާއްވާ ފުޓްސަލް ކޯޗިންގް ކޭމްޕުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މި ހިނގާ އޮކްޓޫބަރު މަހުގެ ތެރޭގައި ބާއްވަން ހަމަޖެހިފައިވާ މި ކޭމްޕުގެ މަގުސަދަކީ މިވަގުތު ރާއްޖޭގައި އެންމެ ބާރަށް ކުރިއަރުމުން އަންނަ، އަދި ކުޅިވަރުން އެންމެ ބޮޑު އާމުދަނީއެއް ލިބޭ ފުޓްސަލްއަށް ޒުވާނުން އަހުލުވެރިކުރުމާއި، ރަނގަޅު ފެންވަރުގެ ކޯޗުން ތަމްރީން ކުރުމެވެ. އެގޮތުން މި ކޭމްޕުގައި ބައިވެރިވެވޭނީ 16 އަހަރާއި 30 އަހަރާއި ދެމެދުގެ ޒުވާނުންނަށް ކަމަށް ކޮމެޓްސް އިން ވަނީ ބުނެފަ އެވެ.

https://www.facebook.com/CometsSC2019/posts/347618436686147

ކޮމެޓްސްއިން ބުނީ މިދުވަސްވަރަކީ ރަށުގައި ގިނަ އަދަދެއްގެ ޒުވާނުންތަކެއް ތިބި ދުވަސްވަރަކަށް ވެފައި މިފަދަ ކޭމްޕެއް ރަށުގައި ކުރިއަށް ގެންދިއުމަކީ ޒުވާނުންނަށް މުސްތަގުބަލުގައި ފައިދާ ކުރުވަނިވި، އަދި ފުޓްސަލްގެ ވާދަވެރި ޖީލެއް ބިނާ ކުރުމަށް އެޅިގެންދާނެ ރަނގަޅު ބިންގަލެއް ކަމަށެވެ.

މި ކޭމްޕުގައި ބައިވެރިންނަށް އިރުޝާދު ދޭނީ ފުޓުބޯޅާ ކޯޗިންގް "ސީ" ލައިސެންސިން ފުރިހަމަ ކޮށްފައިވާ ރަށު ފެންވަރުގައި އެންމެ ތަޖުރިބާކާރު ރެފްރީ އަބްދުލް ސަލާމް (ސަލްބެ) އެވެ. މި ކޭމްޕްގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ކޮމެޓްސްއިން ކަމާ ބެހޭ ގޮތުން ތައްޔާރުކޮށްފައިވާ އިއުލާނާ އެއްގޮތަށް އަމަލު ކުރުމަށް އެކުލަބުން ވަނީ ބުނެފަ އެވެ.

ކޮމެޓްސްއިން ވަނީ މި އަހަރުގެ ތެރޭގައި އެ ރަށުގެ ޒުވާނުންނަށް އަމާޒުކޮށްގެން ފުޓްސަލް މުބާރާތެއް ވެސް ބާއްވައިފަ އެވެ. އަށް ޓީމުގެ ބައިވެރިވުމާއެކު ބޭއްވި އެ މުބާރާތް އަންނަ އަހަރުވެސް އިތުރަށް ފުޅާކޮށް، ރަނގަޅު ފައިސާގެ އިނާމެއް ދީގެން ބާއްވާނެ ކަމަށް އެކުލަބުން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް