އުތުރު ކޮރެއާއިން މާސިންގާ ބެލިސްޓިކް މިސައިލެއް ދައްކާލައިފި

އުތުރު ކޮރެއާއިން ދައްކާލި ބޮޑު ބެލިސްޓިކް މިސައިލް

އުތުުރު ކޮރެއާއިން މީގެ ކުރިން ދައްކާލައިފައިނުވާވަރުގެ މާސިންގާ ބެލިސްޓިކް މިސައިލެއް ދައްކާލައިފި އެވެ.

އެ މިސައިލް ދައްކާލީ އެގައުމުގެ ވޯކާސް ޕާޓީގެ 75 އަހަރީ ދުވަހާ ގުޅިގެން ބޭއްވި ޕެރޭޑެއްގައެވެ.

އެ ޕެރޭޑްގައި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުންވެސް ބައިވެެރިވެލެއްވި އެވެ.

އުތުުރުކޮރެއާއިން އާންމުކޮށް އެފަދަ މިސައިލް ފަދަ ހަތިޔާރުތައް ދައްކާލަނީ އެފަދަ ޕެރޭޑްތަކުގަ އެވެ.

އެމެރިކާގެ މިޑުލްސްވެރީ އިންސްޓްޓިއުޓް އޮފް އިންޓަނޭޝަނަލް ސްޓަޑީސްގެ ސްކޯލާ ޖެފްރީ ލުއިސް ވިދާޅުވީ އުތުރުކޮރެއާއިން މިދިޔަ ޑިސެމްބަރު މަހު ލިކުއިޑް ފިއުލް ރޮކެޓްސް ޓެސްޓްކުރި ކަމަށާއި އެހެންކަމުން އަލަށް ދައްކާލި ބެލިސްޓިކް މިސައިލްއާ މެދު ހައިރާން ނުވާ ކަމަށެެވެ. އަދި އެ ބެލިސްޓިކް މިސައިލްގައި ގިނަ އަދަދެއްގެ ވޯ ހެޑްތައް އުފުލުމުގެ ކުޅަދާނަކަން ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިއީ ފާއިތުވި ދެ އަހަރު ތެރޭ ބޭއްވި ފުރަތަމަ ޕެރޭޑްވެސް މެ އެވެ. ޕެރޭޑް ބޭއްވި މި ދުވަސްވަރަކީ އުތުރުކޮރެއާގެ ޒަމާންވީ ދުޝްމަން އެމެރިކާގެ ރިޔާސީ އިންތިހާބް ބާއްވަން ކުޑަތަންވެފައި އޮތް ދުވަސްވަރެއްވެސް މެ އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއެކު އުތުރުކޮރެއާގެ ލީޑަރު ބޭއްވި ތާރީހީ ސުލްހައިގެ ސަމިޓަށްފަހު އުތުރުކޮރެއާއިން އެފަދަ ޕެރޭޑެއް ބާއްވައިފައެއް ނުވެ އެވެ.

އެ ޕެރޭޑަށް ބޭރުގެ އެއްވެސް މީޑިއާއެއް ދައުވަތު ދީފައެއް ނުވެއެވެ. --- ބީބީސީ

comment ކޮމެންޓް