ވިންދޭ ތިއީ ...

އެއް އަރިއަކަށްވާހެން އަނަމް ފުރޮޅައިލުމަށްފަހު، ބުރަކަށީގައިވާ ޒަޚަމަށް އޭނާ ފުން ނަޒަރެއް ދިނެވެ. ފުންކޮށް ކަފައިގެން ގޮސްފައިވާ އެ ތަނުން ފުދޭ ވަރަކަށް ލޭ އައިސްފައި ހުއްޓެވެ. ތެމިފައި އޮތުމުގެ ސަބަބުންނާއި، ލެޔާއިއެކު އަނަމް ލައިގެން އޮތް ހެދުން ހަޑިވެފައި އޮތުމުން، އެ ހެދުން ހަށިގަނޑާއި ވަކިކޮށްލަން އައިވަންއަށް މަޖުބޫރު ވިއެވެ.

********

ކުރިމަތިން ފެންނަން ހުރި ބޮޑު ސިޑިން މައްޗަށް އަރައިގެން ގޮސް އައިވަން ހުއްޓިލީ، ބޮޑު ދޮރެއްގެ ކުރިމަތީގަ އެވެ. ފާރުގައިވާ ފިތަކަށް އޮބައިލުމާއިއެކު، ދޮރު ދެފަރާތަށް ކެހިގެން ދިޔަ އެވެ. އެތަނުގެ ތެރޭގައި ވަނީ ހުސް އަންނައުނެވެ. އެކަކު ހުންނާނެހައި ޖާގަ މެދުގައި ހުއްޓެވެ. ވަށައިގެންވި ފާރުތަކުގައި ހަދާފައިވާ ކަބަޑުތަކުގައި ވަނީ އެކި އުމުރުގެ ހެދުންތަކެވެ. ތަނުގެ އެތެރޭގެ ޖާގަ ކުޑަވި ނަމަވެސް، ދެފަރާތުގައި އަތުރާފައިވާ އެއްޗެހިތައް ތަރުތީބެވެ. ތަން ފަރުމާކޮށްފައިވާ ގޮތުން، ބަލައިލަން ހިތްފަސޭހަ އެވެ.

ތަނުގެ މެދުގައިވާ ހަނި ޖާގައިން ހިނގަމުން ގޮސް، އައިވަން ހުއްޓިލީ، އަންހެނުންގެ އަންނައުނުތަކެއް ބަހައްޓާފައިވާ ކަބަޑެއްގެ ކައިރީގަ އެވެ. ފަހަރަކު ހެދުމެއް ބަލަމުން ދިޔައީ ފަރިތަ ކަމާއި އެކުގަ އެވެ. އެ އިނގިލިތަކުގެ ހަރަކާތް ހުއްޓުނީ، ހުދުކުލައިގެ ގަމީސްކޮޅަކާއި ހަމައިންނެވެ. އެ ނަގައި ބަލައިލުމުން، އަނަމްއަށް އެ ހެޔޮވަރު ވާނެކަން އޭނައަށް އެނގުނެވެ. ދެން ނެގީ، ރަތްކުލައިގެ ހިތްތަކެއް ޖަހާފައިވާ ދޫ ހަރުވާޅެކެވެ. އެ ނަޒަރު ދެން ހުއްޓުނީ އަންހެނުން އެތެރެއިން ލާން ގެންގުޅޭ އަންނައުނު ތަކަށެވެ. ވަގުތުން އެ މޫނު ރަތްވެގެން ދިޔަ އެވެ.

ބޭނުންވި ހުރިހާ ސާމާނެއް ހިފައިގެން އައިވަން އައިސް އަނަމްގެ ކައިރީގައި އިށީނެވެ. ތުރުތުރުލަމުންދިޔަ ދެ އަތް އަނަމް ލައިގެން އޮތް ހެދުމުގެ މޭމަތީގައި ހަރުކޮށްފައިވާ ގޮށްތަކާއި ދިމާއަށް ގެންދިޔަ އެވެ. ވަކި ހިސާބަކުން އެ އަތުގެ ހަރަކާތް ހުއްޓުނެވެ. ކުއްލިއަކަށް ތެދުވެ ދެއަތް ޖީބަށް ކޮއްޕާލައިފި އެވެ. އަނެއްކާވެސް އިށީނދެ ހަމަ އެފަދައިން އަމަލު ކުރި އެވެ. މިފަހަރު އަދި ކުރިއަށްވުރެ ބޮޑަށް އެ އަތް ތުރުތުރު އަޅަ އެވެ.

"އައިމް ސޮރީ.... ސޮރީ..." ފުން ނޭވާއެއް ދޫކޮށްލަމުން އައިވަން ބުންޏެވެ.

އޭނަ މަޑުމަޑުން އަނަމް ލައިގެން އޮތް ހެދުމުގެ މޭމަތީގައިވާ ގޮށްތައް ނައްޓުވަން ފެށި އެވެ. ވަކި ހިސާބަކުން އެ އަތުގެ ހަރަކާތް މަޑު ޖެހުނެވެ. އެފަދަ ހާލެއްގައި ވިޔަސް، އަނަމް ލަދުގަންނަންޖެހޭ ވަރުގެ ކަމެއް ނުކުރުމަށް އޭނަ އަޒުމު ކަނޑައެޅި އެވެ. އޭނަ އަމިއްލަ ހިތަށް ވިސްނައިދިނީ، އެކަން ކުރަނީ އަނަމްގެ ފުރާނަ ސަލާމަތް ކުރުމަށްޓަކައި ކަމެވެ.

އައިވަން އޭނާގެ ނަޒަރު ދުރަށް ހުއްޓައިލިގޮތަށް ދެލޯ މަރާލައިފި އެވެ. އަނަމްގެ އަންނައުނުތައް ހަށިގަނޑާއި ވަކިކޮށްލީވެސް އެގޮތުގައި އިނދެ އެވެ. ހިތަށް އެތައް ގޮތްތަކެއް ވަމުންދިޔަ ނަމަވެސް އޭނަ ކެތްތެރި ވިއެވެ.

އައިވަންގެ ނަޒަރު އަނަމްއަށް ހުއްޓައިލީ، ސޯފާގެ މަތީގައި އޮތް ފޮތިގަނޑުން އަނަމްގެ ހަށިގަނޑުން ބޮޑު ބައެއް ނިވާކުރުމަށް ފަހުގަ އެވެ. އެ ހަށިގަނޑު އަރިއަކަށް ވާހެން އަނބުރައިލުމަށްފަހު، ބުރަކަށިން ހަލާކުވެފައިވާ ހިސާބަށް ފޮތިގަނޑު ތިރިކޮށްލި އެވެ.

އަނަމްގެ ބުރަކަށީގައިވާ ލަކުނުތައް ފެނުމާއިއެކު، އައިވަން ދިޔައީ ސިއްސައިގެންނެވެ. ކުދިކުދި އެ ލަކުނުތައް ފެނުމުން، ހައިރާންވެގެން ހަރަކާތް ހުއްޓިއްޖެ އެވެ. ހީވަނީ ކުދިކުދި އެތިކޮޅުތަކެއް ހެރިފައިވާ ތަންތަން ހެންނެވެ. އަނިޔާ ލިބުނު ވަގުތު އެ ހަށިގަނޑުގައި އަޅާނޭ ވޭން އޭނައަށް އިހުސާސް ކުރެވުނެވެ. އެ ފިކުރުތަކުގެ ތެރެއިން، ލަކުނުތަކުގައި ފިރުމައިލެވުނީ ވެސް އޭނަގެ އިޙުތިޔާރުން ބޭރުގަ އެވެ.

އައިވަން އޭނާ ލައިގެން އިން ޖީންސްގެ ފައިކުރި މައްޗަށް ހިއްލައިލި އެވެ. އޭނަގެ ފައިގައި ވެސް އެހުރީ ހަމަ އެފަދަ ލަކުނު ތަކެކެވެ. އެއްވެސް ތަފާތެއް ނެތެވެ. ހިތަށް އެރި އެއްޗަކުން އައިވަންއަށް އޭނަގެ އަނގަމަތީގައި އަތް އަޅާލެވުނެވެ. އަނަމްއަށް އޭނަ ބަލައިލީ ތަފާތު ނަޒަރަކުންނެވެ.

********

އުނދަގޫ ގޮތަކަށް ދެލޯ ހުޅުވައިލި ރާވިންގެ ނަޒަރު ފުރަތަމަ ހުއްޓުނީ ސީލިންގަށެވެ. އޭގެ ފަހުގައި ވަށައިގެންވި މާހައުލަށެވެ. އޭނައަށް އޮވެވުނީ ކުރިން އޭނަ ހައްޔަރުކޮށްފައިވާ އަނދިރި ކޮއްޓަކު ނޫނެވެ. ރީތި ފުރިހަމަ އިމާރާތެއްގެ ތެރޭގަ އެވެ. ހަށިގަނޑުގައިވާ ޒަޚަމުތަކުގައި ވެސް އޮތީ ބޭސް އަޅާފަ އެވެ. ރާވިން ފުންމައިގެން ތެދުވީ، ވާން އުޅޭ ގޮތް ކޮންމެވެސް ވަރަކަށް ރޭކައިލުމުންނެވެ.

ކުއްލިއަކަށް ދޮރު ހުޅުވިއްޖެ އެވެ. އެތެރެއަށް ވަން މީހަކު ފެނި، އޭނައަށް ފަހަތަށް ޖެހިލެވުނެވެ. ކުރިމަތީގައި އެހުރީ އޭނަ އެންމެ ޖެހިލުންވާ އެއް ސޫރަ އެވެ.

"ހަމަޖެހޭ!..." އެތެރެއަށް ވަދެ ދޮރު ލައްޕައިލަމުން ޝާކިރު ބުންޏެވެ.

ޝާކިރު ކުރިއަށް އަންނަމުންދިޔަ ވަރަކަށް ރާވިން ޖެހެމުން ދިޔައީ ފަހަތަށެވެ. ވަކި ހިސާބަކަށް ގޮސްފައި ޝާކިރު އޭނާގެ އަތުގައި އޮތް ސިޓީއުރަ ރާވިން އާއި ދިމާއަށް އެއްލި އެވެ. އުރައިގެ ތެރެއިން ނުކުތް ތަސްވީރުތަކުގެ ތެރެއިން ތަސްވީރެއް ރާވިންގެ ފައިދަށުގައި ޖެހުނެވެ. އެއީ އޭނަ އާއި އަނަމް އެކުގައި ތިއްބާ ނަގާފައިވާ ތަސްވީރެކެވެ. ރާވިން ސިހިފައި ޝާކިރުގެ މޫނަށް ބަލައިލި އެވެ.

"އިތުރަށް ސުވާލު ކުރުމުގެ ބޭނުމެއް ނެތެއްނު..." ޝާކިރު ވާހަކަ ދެއްކީ ހަމަޖެހިފައި ހުރެގެން ނަމަވެސް، އެ އަޑުން އެކަނިވެސް މީހަކު ޖެހިލުންވާވަރު ވެއެވެ.

ރާވިންގެ އަތްފައި ފިނިވި އެވެ. ބުނާނެ އެއްޗެއް ނޭނގުނެވެ. ބިރުވެރިކަމުން ހަތަރު ފަރާތް ވަށާލައިފި އެވެ. ސަލާމަތް ވެވޭނެ ހަމަ އެއްވެސް މަގެއް ދެން އޭނައަކަށް ނެތެވެ.

"ތެދުވެރިކަމަކީ، އެންމެ މުހިއްމު ކަންތައް... އަހަރެން ރާވިންއަށް ވަރަށް އިތުބާރު ކުރިން... ކާންދީ ބަލާ ބޮޑުކޮށްފަ ތިހުރީ، ފަސޭހަ ދިރިއުޅުމެއް ލިބޭނެ ކަމަށް އުއްމީދު ކޮށްގެން... އެކަމަކު ކާންދިން އަތުގަ ދަތް ތި އެޅީ ވަރަށް ހިތި ގޮތަކަށް... އެކަމަކުގެ ބަދަލުވެސް ލިބެންވާނެ... އެހެންނު!..." ޝާކިރު ދިނީ ނުރައްކާތެރި އިންޒާރެކެވެ.

"ސޮރީ!... ސޮރީ!... ދެން އެކަހަލަ ކަމެއް ތަކުރާރެއް ނުވާނެ..." ދެކަކޫ މައްޗަށް ތިރިވަމުން ރާވިން ބުންޏެވެ.

ޝާކިރު ނުކުމެގެން ދިޔައީ އެވެ. ރާވިން ތިރިވެ، ބިންމަތީގައި އޮތް ސިޓީއުރަ ނެގި އެވެ. ތަސްވީރުތަކުގެ އިތުރުން އޭގައި ލިޔުންތަކެއް ވެސް އޮތެވެ. އެ ތަކެތި ފެނުމާއިއެކު، އޭނައަށް ލިބުނީ ވަރުގަދަ ސިހުމެކެވެ. އެއީ އޭގެ ކުރިން އޭނަ ދެކެފައިވާ ލިޔުންތަކެއް ނޫނެވެ.

ސިޓީއުރަ ފަތްޖަހައިލުމަށްފަހު، އޭނަ އެ ލީ، ލައިގެން ހުރި ފަޓުލޫނުގެ ޖީބަށެވެ. ޝާކިރުގެ ޚަބަރެއް ނުވެ ގިނައިރުވުމުން، އޭނަ ކޮޓަރީގެ ތަޅުގައި ހިފައިލި އެވެ. ދޮރު ހުރީ ތަޅުލާފަ އެވެ. ރާވިން ހުށިޔާރެވެ. ޖީބުން ނެގި ކުޑަ ނަރުކޮޅެއް ތަޅަށް ކޮއްޕައިލުމަށްފަހު ގޮތްތަކެއް ހަދައިލި އެވެ. ތަޅު ހުޅުވުނީ އޭނަ ހީކުރި ވަރަށްވުރެ މާ ފަސޭހައިންނެވެ. އޭނަ މަޑުމަޑުން ނުކުމެ، ވަށައިގެން ހޯދައިލި ނަމަވެސް، އެއްވެސް މީހެއްގެ ޙިލަމެއް ނުވި އެވެ. ގެއިން ބޭރަށް ނުކުމެވެސް ހުންނަ ދޮރަށް ހުރީ އެތެރެއިން ތަޅުދަނޑި ޖަހާފަ އެވެ. ރާވިންގެ ދެލޯ ވިދައިގަތެވެ. މަޑުމަޑުން ތަޅު ހުޅުވައިލުމަށްފަހު، ބޭރަށް ނުކުމެ، ދެފަޔަށް ލެވުނުހާ ބާރެއް ލާފައި އެ ގެއާއި ދުރަށް ދުއްވައިގަނެފި އެވެ.

********

މޯޅިއަކަށް ދެމިލުމަށްފަހު އަނަމް ފުރޮޅިލި އެވެ. މަޑު ތަންމަތީގައި އޭނަ އޮތީ އަރާމުވެފަ އެވެ. ނިދީގެ އަރާމުކަން ލިބިގަންނަމުން ދިޔައިރު، އޮވެވުނީ ކޮން ތާކުކަމެއް އޭނައަކަށް ނޭނގެ އެވެ. އުނދަގޫ ގޮތަކަށް ގައިމަތީގައި އަޅާފައިވާ ރަޖާގަނޑު ދުރުކޮށްލައިފި އެވެ. އޭނަ ތެދުވީ އޭގެ އިރުކޮޅެއް ފަހުންނެވެ. އޭރު ބަނޑުހައި ވެގެންގޮސް، އެ ހަށިގަނޑުގައި ކުރާނެ ކަމެއް ވެސް ނެތެވެ. ތެދުވެ އިށީދެގެން އިން އިރުވެސް ދެލޯ ހުޅުވައިލާނޭ ހިއްވަރެއް އެ ހަށިގަނޑުގައި ނެތެވެ.

ބުރަކައްޓާއި ދިމާއިން ތަދު އިހުސާސް ކުރެވުނީ، އޭގެ އިރުކޮޅެއް ފަހުންނެވެ. ފުރަގަހަށް އަތް ގެންގޮސް ތަދުވާ ތަނުގައި ޖައްސައިލުމާއިއެކު، އަނަމްއަށް ސިހުމެއް ލިބުނެވެ. އޭނަގެ އަތް ޖެހުނީ، ކޮނޑާއި ދިމާއިން އަޅާފައިވާ ބޭސްގަނޑުގަ އެވެ. ވަގުތުން އެ ހަނދާނަށް ހުރިހާ ކަމެއް އައިސްފި އެވެ.

އަނަމް ކުއްލިއަކަށް ދެލޯ ހުޅުވައިލާފައި އަމިއްލަ ހަށިގަނޑަށް ބަލައިލި އެވެ. އެއްވެސް އަންނައުނެއް ނެތް ހަށިގަނޑު ފެނުމާއިއެކު އޭނަގެ ދެލޯ ބޮޑުވެއްޖެ އެވެ. ތޫލި އަޑަކުން ހަޅޭއްލަވައިގަންނަމުން، ފޮތިގަނޑުގެ ދަށަށް ވަދެ، ފިލައިފި އެވެ.

އަނަމްގެ ބޮޑު ދެލޮލުން ކަރުނަތައް ބަންޑުންވާން ފެށި އެވެ. ގަދަކަމުން އޭނަ ނެރެގެން ގެންގޮސް، ގުދަނަކަށް ވެއްދިކަން ހަނދާނުގައި ހުއްޓެވެ. ފަހުން ކަންތައް ވީގޮތެއް އޭނަގެ ހަނދާނުގައި ކުޑަކޮށް ވެސް ނެތެވެ. ރޮއެ ރޮއެ ދެލޯ ދުޅަވީ އިރުވެސް އަނަމްއަށް ހުއްޓައެއް ނުލެވުނެވެ. އޭނަ ހީކުރީ، އިއްފަތްތެރިކަން ވެއްޔާއި މޮޑެވުނީ ކަމަށެވެ. އެ ބަޔަކު އޭނަގެ ހަށިގަނޑުގެ ނާޖާއިޒް ފައިދާ ނެގީ ކަމަށެވެ.

އަނަމް އެގޮތުގައި އޮންނަތާ މާ ގިނަ އިރެއްނުވެ، ކޮންމެވެސް މީހަކު ދޮރު ހުޅުވައިލި އަޑު އިވުނެވެ. އޭނަ އޮތީ މޫނާއިއެކު މުޅި ހަށިގަނޑުގައި ރަޖާގަނޑު އަޅާލައިގެންނެވެ.

އަނަމް އޮތްގޮތް ފެނުމުން، އައިވަންއަށް އޭނަގެ ތިރީ ތުންފަތުގައި ދަތްއަޅާލެވުނެވެ. އަމިއްލައަށް ކުށްވެރިވެފައިވާ ކަމުގެ އިހުސާސް އޭނައަށް ކުރެވެން ފެށި އެވެ.

"އެއްޗެހި ލައިގެން އަވަހަށް އެއްޗެއް ކާލަން އަންނަންވީނު..." އައިވަން އެހެން ބުނެފައި އަވަހަށް ކޮޓަރިން ނުކުންނަން އުޅުނެވެ.

އަނަމްގެ ދެލޯ ބޮޑުވީ، އެ އަޑު އައިވަންގެ އަޑާއި ވައްތަރު ވުމުންނެވެ. ހަމައެކަނި މޫނާއި ހަމައަށް ފޮތިގަނޑު ތިރިކޮށް ބަލައިލިއިރު، އޭނައަށް ފެނުނީ އައިވަންގެ ފުރަގަހެވެ. އެމީހަކު ނުކުމެ ދޮރު ލައްޕައިލަނީ އެވެ. ހަށިގަނޑު ނިވާ ކުރަމުން ތެދުވި، އަނަމްއަށް އެނދުމަތީގައި އޮތް އަންނައުނުތައް ފެނުނެވެ. ހުރިހާ އެއްޗެއް ވެސް ހުރީ، ރީތިކޮށް ފަތްޖަހާލާފަ އެވެ. އެތެރެއިންލާ އަންނައުނު ވެސް ހުއްޓެވެ. އަނަމް އަވަހަށް އެ ތަކެތި ދަމައިގަނެގެން ގެނެސް، ރަޖާގަނޑުގެ ދަށަށް ވެއްދި އެވެ.

އަނަމް ތައްޔާރުވެލައިގެން ނުކުތީ، ކޮޓަރި ތެރޭގައި އިން ފިހިގަނޑު އަތަށް ހެޔޮވަރުކޮށްލައިގެން ހުރެ އެވެ. ތިރިއަށް ފޭބެން ހުރި ސިޑީގެ ހަރުފަތްތައް ގިރާ ކުރަމުން ދިޔައީ ދެފައިގެ ކޮޅު ޖައްސައިގެންނެވެ. ވަށައިގެން ފެންނަމުންދިޔަ މާހައުލަށް އެ ނަޒަރު ހުއްޓެމުން ދިޔަ އެވެ.

ބަދިގެ ތެރޭގައި މީހަކު ހުއްޓެވެ. އެމީހަކު ހުރީ، މަޑު ނޫ ކުލައިގެ ޓީޝާޓަކާއި ކަޅު ސޯޓެއްގައެވެ. އުނދުން ކައިރީގައި ދޮރާއި ފުރަގަސް ދީގެން ހުރުމުން އަނަމްއަށް އެމީހެއްގެ މޫނު ފެންނަ ވަރެއް ނުވި އެވެ. އުނދުން މައްޗަށް އުދާފައިވާ އެއްޗެއް ކެކެމުން ދިޔަ އަޑު އިވެ އެވެ. މުޅި ތަނުގައި ހިފާލާފައިވީ، އެ އެއްޗެއްގެ މީރު ވަހެވެ.

އަނަމް މަޑުމަޑުން ހިނގަމުން ގޮސް، އެމީހަކާއި ދިމާއަށް ފިހިގަނޑު މަޅައިލި އެވެ. އުނދުން ކައިރީގައި ހުރި އައިވަން ކުއްލިއަކަށް ފަސް އެނބުރިފައި އެ ހަމަލާއިން ރެކިގަތެވެ. ފިހިގަނޑުގެ ދަނޑީގައި ހިފެހެއްޓިގޮތުން ހީވީ، އެފަދަ ކަންކަން ވަރަށް ރަނގަޅަށް ދަސްކޮށްފައިވާ މީހެއް ހެންނެވެ.

އައިވަން ފެނުމުން، ދެލޯ ބޮޑުވި ގޮތަށް އަނަމް ހުރީ، ނޭވާ ލާންވެސް ހަނދާން ނެތިފަ އެވެ. އެސްފިޔަ ވެސް ޖަހާނުލައި އެ މޫނަށް ބަލަން ފެށުމުން، އައިވަން އުނދަގޫ ވެގެން އެހެން ދިމާއަކަށް ނަޒަރު ހުއްޓާލައިފި އެވެ.

(ނުނިމޭ)

comment ކޮމެންޓް