ރައީސް ޔާމީންގެ އިސްތިއުނާފު މައްސަލައަށް ޖޭއެސްސީއިން ނުފޫޒު ފޯރުވާކަމުގެ ތުހުމަތު

ޖުލައި 8، 2020: ކުރީގެ ރައީސް އަބްދުﷲ ޔާމީން، ހައި ކޯޓަށް ހާޒިރުކުރުން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ޝަރީއަތަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ނުފޫޒު ފޯރުވަން މަސައްކަތް ކުރަމުންދާ ކަމަށް ސަރުކާރާ އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ތުހުމަތުކޮށްފި އެވެ.

އިދިކޮޅު ކޯލިޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނީ ރައީސް ޔާމީންގެ އެކައުންޓްތައް ފްރީޒްކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށް މިމަހުގެ އަށްވަނަ ދުވަހު ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެން، ހައިކޯޓުގައި ކުރިއަށްދާ ރައީސް ޔާމީންގެ އިސްތިއުނާފު މައްސަލައަށް ނުފޫޒު ފޯރުވުމަށް ޖޭއެސްސީން މަސައްކަތް ކުރާކަމުގެ މައުލޫމާތު އެ ކޯލިޝަނަށް ލިބިފައިވާ ކަމަށެވެ.

މިއީ ސުޕްރީމް ކޯޓުން ދަށު ކޯޓުގެ ހުކުމަށް ތާއީދު ކުރުމާއެކު، ރައީސް ޔާމީނަށް ކޮށްފައިވާ ހުކުމަކީ ސިޔާސީ ހުކުމެއްކަން ދިވެހި ރައްޔިތުންނަށް އިތުރަށް ޔަގީންވެފައިވާ ދަނޑިވަޅެއްގައި ޖޭއެސްސީގެ އިސްވެރިންނާއި މިސަރުކާރުގެ އިސްވެރިން ގޮތް ހުސްވެގެން ކުރަމުންދާ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށް އިދިކޮޅު ކޯލިޝަނުން ސިފަކުރެ އެވެ. މިކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށް އެ ބަޔާނުގައި ބުނީ ފަނޑިޔާރުންނަށާއި ކޯޓުތަކަށް ނުފޫޒު ފޯރުވުމަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

ގާނޫނު އަސާސީގެ 157ވަނަ މާއްދާގައި ޖޭއެސްސީއަކީ މުސްތަގިއްލު، ވަކި ފަރާތަކަށް ބުރަ ނުވާ މުއައްސަސާއެއްގެ ގޮތުގައި ބަޔާންކޮށްފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އެމަނިކުފާނުގެ ލޯޔަރުންނާއި، މިސަރުކާރަށް ތާއީދުކުރާ ފަރާތްތައް ޖޭއެސްސީގެ މެމްބަރުންގެ ގޮތުގައި ތިއްބަވައިގެން ރައީސް ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި މި ސަރުކާރުން ޝަރުއީ ނިޒާމުގެ ތެރެއަށް ބާރުފޯރުވާފައިވާ މިންވަރު އެކަމުން ވެސް ހާމަވާ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެ އެވެ.

ރައީސް ޔާމީންގެ އެކައުންޓްތައް ފްރީޒް ކުރީ ގާނޫނާ ހިލާފަށް ކަމަށް ސުޕްރީމް ކޯޓުން ނިންމެވިޔަސް މިހާރުވެސް އެކައުންޓުތައް ހުރީ ފްރީޒް ނުކޮށް ދޫކޮށްލައިފަ އެވެ. ފްރީޒްކޮށްފައި ހުރީ ހަމައެކަނި ގއ. ވޮޑަމުލާގެ އެއް މިލިއަން ޑޮލަރު ޖަމާވި އިސްލާމިކް ބޭންކުގެ ޖެނެރަލް އިންވެސްޓްމެންޓް އެކައުންޓެވެ.

ރައީސް ޔާމީން މިހާރު ހުންނެވީ މާފުށީ ޖަލުގަ އެވެ. އެއީ ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ފައިސާ ލޯންޑާ ކުރި މައްސަލަ ސާބިތުވެ އިއްވި ފަސް އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރުމަށެވެ. އެ މައްސަލައިގެ އިތުރުން އެހެން މަނީ ލޯންޑަރިންގެ ދައުވާތަކެއްވެސް އެމަނިކުފާނުގެ މައްޗަށް މިހާރު ވަނީ އުފުލާފައެވެ.

comment ކޮމެންޓް