ބަތަލާ އަނީތާ އަށް ދަރިއަކު ލިބެނީ

ބަތަލާ އަނީތާ އާއި އޭނާގެ ފިރިމީހާ ރޯހިތު---

ބޮލީވުޑްގެ ފިލްމުތަކުންނާއި ޓީވީ ސީރީޒްތަކުން ފެންނަ ކުޅަދާނަ ބަތަލާ އަނީތާ ހަސަނަންދާނީ އަށް ކުއްޖަކު ލިބެން އުޅޭކަން ހާމަކޮށްފި އެވެ.

ޓީވީ އިންޑަސްޓްރީގެ އެންމެ ކާމިޔާބު މަޝްހޫރު ބަތަލާއިންގެ ތެރޭގައި ހިމެނޭ އަނީތާ އޭނާގެ އަލަތު ދަރިފުޅަށް ބަލިވެ އިން ކަން ހާމަކުރީ އިންސްޓަގްރާމަށް ހިއްސާކުރި ވީޑިއޯއަކުންނެވެ. އެ ވީޑިއޯއިން އާންމުކުރުމާއެކު ގިނަ ފޭނުންނެއް އަންނަނީ މަރުހަބާ ކިޔަމުންނެވެ.

ސްޓާޕްލަސް އިން ކުރިން ދެއްކި ހިންދީ ޑްރާމާ "ޔޭ ހޭ މޮހޮއްބަތައިން"ގެ ޝަގުން ރޯލު ކުޅެގެން އާންމުންގެ ލޯބި ހޯދާފައިވާ އަނީތާ އާއި އޭނާގެ ފިރިމީހާ ރޯހިތު ރެޑީ ގެ ކައިވެންޏަށް ހަތް އަހަރު ފަހުން އަލަތު ދަރިފުޅު ލިބޭއިރު ދެމަފިރިންވެސް ތިބީ ވަރަށް އުފަލުންނެވެ.

އިންޑިއާގެ އެންމެ މަޝްހޫރު ޑާންސް ޝޯ ނަޗް ބަލިޔޭ ގެ ނުވަ ވަނަ ސީޒަނުގައި ބައިވެރިވި ދެތަރިން ވަނީ އެއިން ދެވަނަ ހޯދާފަ އެވެ. އެ ޝޯގެ ތެރެއިން އަނީތާ ބުނީ ޝޯ ނިމުމަށްފަހު ދަރިއަކު ހޯދަން މަސައްކަތްކުރާނެ ކަމަށެވެ.

ބަތަލާ އަނީތާ އާއި އޭނާގެ ފިރިމީހާ ރޯހިތު ވަނީ މީގެ ކުރިން ޗުއްޓީ ހޭދަކުރަން ރާއްޖެވެސް އައިސްފަ އެވެ. އަދި ރާއްޖޭގެ 51 ވަނަ މިނިވަން ދުވަހު، ދެމަފިރިން ރަސްފަންނަށް ގޮސް ވަނީ ދިވެހިންނާވެސް ބައްދަލުކޮށްފަ އެވެ.

"އެވަރޔޫތު" އަދި "ބޯރޯޕްލަސް" ފަދަ ބްރޭންޑުތަކުގެ މޮޑެލް އެއްގެ ގޮތުގައި އަނީތާ ފެނުމަށް ފަހު ފިލްމީ ދާއިރާ އަށް ނުކުތީ 2001 ވަނަ އަހަރު މެޓްރޯ ގޯލްޑް އިން ދައްކަން ފެށި ޑްރާމާ، "ކަބީ ސޯތަން، ކަބީ ސަހޭލީ" އިންނެވެ. ބޮލީވުޑް ފިލްމަކަށް އޭނާ އެންމެ ފުރަތަމަ ކުޅުނީ 2003 ވަނަ އަހަރު ނުކުތް ތުރިލާ ފިލްމު، "ކުޗް ތޯ ހެއި" އިންނެވެ.

ރޯހިތު އަކީ އަމިއްލަ ވިޔަފާރި ކުރާ މީހެކެވެ. ދެމީހުން ކައިވެނި ކުރީ 2013 ވަނަ އަހަރު އެވެ.

comment ކޮމެންޓް