އާދަމް ޝަރީފް ފައްޔާޒަށް: ބަވަނަވެފައިވާ ދުނިޔެއެއްގައި އެއްވެސް ގައުމަކަށް ރާއްޖެ ނުހިފޭނެ

ޕީޕީއެމުން ބޭއްވި ޖަލްސާގައި އާދަމް ޝަރީފް ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ: ފަޔާޒު މޫސާ

ބަވަނަ ވެފައިވާ ދުނިޔެއެއްގައި އެއްވެސް ގައުމަކަށް ރާއްޖެ ނުހިފޭނެކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވިއިރު ދިވެހި ރާއްޖޭގެ އަޑުން އިއްޔެ ގެނެސްދިން "އަހާށޭ ބުނާނަން" ޕްރޮގްރާމަށް އެހުންތެރިއަކު ފޮނުވި ސުވާލެއްގެ ޖަވާބުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވީ އިންޑިއާ އިން ރާއްޖެ ހިފައި، އެގައުމުގެ އަތްދަށަށް ރާއްޖެ ގެންނަ ބޭނުންވާ ނަމަ މިހާރު ވެސް އެކަން އޮންނާނީ ކޮށްފައި ކަމަށެވެ. އަދި އެކަމުގައި ރާއްޖެއަށް "ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ" ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

އިންޑިއާ އިން ރާއްޖެ ހިފަން ބޭނުން ނަމަ، ދިވެހިން މަރާފައި ވިޔަސް އެކަން ކުރާނެ ކަމަށް ފައްޔާޒް ވިދާޅުވިއެވެ. އެކަމަށް ރައްދު ދެއްވައި އާދަމް ޝަރީފް ވިދާޅުވީ ދިވެހިން މަރާފައިވެސް އިންޑިއާ ބޭނުން ނަމަ ރާއްޖެ ހިފާނެކަމަށް ސަރުކާރުން ބުނުމަކީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމާ މެދު އެއްވެސް ޔަގީންކަމެއް ނެތްކަން ދޭހަކޮށްދޭ ކަމެއް ކަމަށެވެ.

އިންޑިއާ ގުޅޭގޮތުން ގިނަ އަޑުތަކެއް ފެތުރިގެން އުޅޭ މިދުވަސްވަރު "އިންޑިއާއައުޓް"ގެ ނަމުގައި މީސް މީޑިއާގައި ބައެއް ދިވެހީންދަނީ ބޮޑެތި ކެމްޕޭނެއްވެސް ހިންގަމުންނެވެ. އިންޑިއާގެ ސިފައިން ރާއްޖޭގައި ހަރަކާތްތެރިވަމުންދާއިރު ރާއްޖޭގައި މިވަގުތު ތިބީ ކިހާ ސިފައިންނެއްކަމެއް ހާމަކުރަން ސަރުކާރުން ވަނީ ދެކޮޅު ހަދައިފައެެވެ.

ނިމިގެން ދިޔަ ސަރުކާރުގައި ރާއްޖެއާއި އިންޑިއާގެ ގުޅުން އޮތީ ވަރަށް ގޯސްވެފައެވެ. ނަމަވެސް އާ ސަރުކާރުން ވެރިކަމާ ހަވާލުވެ އިންޑިއާއާ ވަނީ ގުޅުން ރަނގަޅުކޮށްފައެެވެ. ފައްޔާޒް ވިދާޅުވީ ސިޔާސީ ގޮތުންނާއި އިގްތިސާދީ ގޮތުން ވެސް ރާއްޖެއާ އިންޑިއާއާ ދެމެދު ގުޅުން ބޮޑު އިރު، އެ ގުޅުން ވަރުގަދަ ކުރުމަކީ މި ސަރުކާރުގެ ހާރިޖީ ސިޔާތުގެ މައި ތަބެއް ކަމަށެވެ.

comment ކޮމެންޓް