ޑިއަރ ލިލީ 27

މާތް ﷲ ގުރުއާނުގެ ހުޖުރާތު ސޫރަތުގެ އެގާރަ ވަނަ އާޔަތުގައި ވަހީކުރައްވާފައި ވަނީ (يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ لَا يَسۡخَرۡ قَوۡمٞ مِّن قَوۡمٍ عَسَىٰٓ أَن يَكُونُواْ خَيۡرٗا مِّنۡهُمۡ وَلَا نِسَآءٞ مِّن نِّسَآءٍ عَسَىٰٓ أَن يَكُنَّ خَيۡرٗا مِّنۡهُنَّۖ وَلَا تَلۡمِزُوٓاْ أَنفُسَكُمۡ وَلَا تَنَابَزُواْ بِٱلۡأَلۡقَٰبِۖ بِئۡسَ ٱلِٱسۡمُ ٱلۡفُسُوقُ بَعۡدَ ٱلۡإِيمَٰنِۚ وَمَن لَّمۡ يَتُبۡ فَأُوْلَٰٓئِكَ هُمُ ٱلظَّٰلِمُونَ) މާނައަކީ އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ފިރިހެނުންގެ އެއްބަޔަކު އަނެއްބަޔަކަށް ފުރައްސާރަ ނުކުރާހުށިކަމެވެ! އެހެނީ އެ ފުރައްސާރަކުރި މީހުންނަށްވުރެ، އެ ފުރައްސާރަކުރެވުނު މީހުން މާހެޔޮކަން ބޮޑުކަމުގައި ވެދާނެތެވެ. އަދި އަންހެނުންގެ އެއްބަޔަކު އަނެއްބަޔަކަށް ފުރައްސާރަ ނުކުރާހުށިކަމެވެ! އެހެނީ އެ ފުރައްސާރަކުރި މީހުންނަށްވުރެ، އެފުރައްސާރަކުރެވުނު މީހުން މާހެޔޮކަންބޮޑުކަމުގައި ވެދާނެތެވެ. އަދި ތިޔަބައިމީހުންގެ އަމިއްލަ نفس ތަކަށް عيب ނުކިޔާށެވެ! (އެބަހީ: އެކަކު އަނެކަކަށް عيب ނުކިޔާށެވެ!) އަދި އެއްބަޔަކު އަނެއްބަޔަކަށް ނުރުހޭކަހަލަ لقب ތަކުން ނުގޮވާށެވެ! إيمان ވުމަށްފަހު فاسق ވުމުގެ ނަން ލިބުމަކީ، ހާދަހާ ނުބައިވެގެންވާ ކަމެކެވެ. އަދި (އެކަންތަކުން) توبة ނުވި މީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ، ހަމަ އަނިޔާވެރިންނެވެ.

***

އެލީނާއަށް އެ ސުވާލުގެ ޖަވާބު ވިސްނުނުފަދައެވެ. ކަޅުހެދުމުގެ ފަހަތުގައި ނިވާވެ ހުރެ ދުނިޔޭގައި ލެއްވިހާ ފާފައެއް ކުރުމަކީ ރަގަޅުގޮތަކީ ހެއްޔެވެ؟ އަމިއްލަ ނަފުސާއިމެދު ނުބައިކޮށް ވިސްނެން ފެށުމުން އެލީނާ ހިމޭންކަން ޚިޔާރުކޮށް ކާރުގެ ބިއްލޫރިގަނޑުން ބޭރަށް ބަލަންފެށިއެވެ. މަޑުމަޑުން ބިއްލޫރިތަކުގައި ވާރޭގެ ތިކިތައް ބޮސްދޭން ފެށިގޮތަށް އިރުކޮޅެއްނުވެ އެތައް ހާސް ތިކިތައް ހަމަލާދޭންފެށިއެވެ. ވައި ގަދަވިއެވެ. ކުއްލިއަކަށް ތޫފާނެއް ބޯމަތިވިފަދައެވެ. އޭނަގެ ސިކުނޑީގައިވެސް އޭރު އުފެދިފައިވާ ތޫފާން ވަކި ކުޑައެއްނޫނެވެ. އޭނަގެ ހަޔާތަށް މި އަންނަން އުޅެނީ ކޮންފަދަ ބޮޑު ޒަލްޒަލާއެއް ހެއްޔެވެ؟ އޭނައާއި ޝައުން އެކީ އުޅުނަސް އޭނައަކީ މިހާރު އިއްދައިގާ އިން އަންހެނެކެވެ. އަދި ކިޔާންއާއި އޭނަގެ ގުޅުން އެނގިއްޖެއްޔާ ވާނެގޮތެއް ހިތަށް އެރުމުން މެޔަށް ނުބައިގޮތެއްވެ ހަތަރެސްފައި ފިނިވެއްޖެއެވެ. ލިލީ މޭގައި ޖައްސާ ބާރުކޮށްލެވުނެވެ.

ގޭތެރެއަށް ވަނުމާއެކު ލޫކާ ދުވެގޮސް އެރީ ސިޑިއަށެވެ. ސިޑިމަތީ ދުވާވަރުން އެލީނާ ބޭނުންވީ ހަޅޭއްލަވައިގަންނާށެވެ. ބޮޑު އަނިޔާއެއް ނުވަނީސް އެތަނުން ބާލުވަން ޝައުންއަށްވެސް ނުބުނެވޭނީހެއްޔެވެ؟ ފަރުވާކުޑަކަމުގެ އިންތިހާއެވެ. އެކަމަކު މިގޭގައި ހުންނަން ޖެހެނީ އެހެން ސިފައެއް ދައްކައިގެންނެވެ. ހިިނިތުންވެލައިގެންނެވެ. އެވަގުތު ކެމީލާ ސިޑިން ފައިބައިގެން އަންނަ ތަން ފެނުނެވެ. މެގެންޓާ ކުލައިގެ ސްވެޓަރު ފާޑެއްގެ ހެދުމަކާއި ފިޔާތޮށި ސްކާފެއް އަޅާފައި ކަޅު ހަރުވާޅެއްލައިގެން ހުރިއިރު ނަލަކަމާއި މައުސޫމްކަމުން ހޫރެއްފަދައެވެ. ލޫކާއަށް ކެމީލާ ފެނުމުން ދުއްވައިގަނެވުނެވެ.

"ދައްތީ......." ލޫކާ ހިފައިގަތްގޮތުން ކެމީލާ ނުވެއްޓުނީވެސް ކިރިޔާއެވެ.

"މިސްޑް ޔޫ ލޫކް..." ކެމީލާ ލޫކާގެ އިސްތަށިގަނޑާއި ކުޅެލަމުން ބުނެލިއެވެ. ޝައުންގެ ނަޒަރު ކެމީލާއާއި ބައްދަލުވިއެވެ.

"ކެމީލާ ކިހިނެއް؟ "

"އަލްހަމްދުލިﷲ......" ކެމީލާގެ ލޯބި ހިނިތުންވުމާއެކު ބުނެލިއެވެ.

"ތަނަކަށް ދާން ތިއުޅެނީ؟ "އެލީނާ އެހިއެވެ.

"ލައްބަ. މާމައަށް ވިޒިޓްކޮށްލަން ކަމަށް.. އެކަމަކު ވަރަށް ބޯކޮށް ވާރޭ އެބަވެހޭ....."

"އެހެންވީއިރު އިރުކޮޅަކަށް ލޫކާއާއެކު ކުޅެލަންވީނު. ނޫނީ ސިޑިމަތިން ދުވާނީ އަނިޔާ އެއް ވެދާނެ.."އެލީނާއަށް ކެމީލާ މިގޭގައި ހުރުމަކީ ލިބޭނެ ހިތްވަރެކެވެ. ޒައިރާ މިގެއަށް ގެންނަން ސޯފިއާމެން ހުއްދަ ނުދީފާނެއެވެ. ސޯފިއާމެންވެސް "ނެނީ" އަކަށް ވެދާނަމޭވެސް ބުނެފާނެއެވެ. ކޮންމެގޮތެއް ވިޔަސް ސޯފިއާ ކެމީލާ އެޑޮޕްޓްކޮށްގެން ގެންގުޅުމުން އޭނައަށް ފައިދާތަކެއް ލިބޭނެކަން ޔަގީނެވެ. ލޫކާއާއި ލިލީ ބެލުމުގައި ފަސޭހަތަކެއް ލިބިގެންދާނެއެވެ. ކުޑަކުދިންވެސް ކެމީލާއާއި ހެދި މިވަނީ ހާދަ ވަރެކޭ އެލީނާގެ ހިތަށް އެރިއެވެ.

ކޮޓަރިއަށް ވަންއިރު ލިލީއަށް ނިދިއްޖެއެވެ. ޝައުންގެ ކިންގްސައިޒް އެނދުގައި ދަރިފުޅު ބޭއްވުމަށްފަހު އޭނަ ކަޅުހެދުން ބޭލިއެވެ. އެތެރެއިން ލާފައި ހުރީ އަތްކުރު ޓޮޕްކޮޅަކާއި ޓައިޓެކެވެ. ޝައުން ލިލީގެ ގައިމަތީ ބޯ ރަޖާއެއް އެޅިއެވެ. އޭސީގެ ފިނިވެސް މަޑުކޮށްލައިފިއެވެ. އެލީނާ ފާޚާނާއަށް ވަދެފައި ނުކުތީ ވުޟޫކޮށްލައިގެންނެވެ. އޭރު ޝައުން ފެންނާކަށް ނެތެވެ. އިރުކޮޅަކުން އައީ އޭނަގެ ފެވެރިޓް ކޮފީ ހިފައިގެންނެވެ.

"ކީއްވެ ބަލަނީ؟ " ޝައުން ބަލާހެން ހީވެފައި އެލީނާ އިސް އުފުލައިލިއެވެ.

"ހިތަށްއެރީ އަހަރެންގެ ދިރިއުޅުން ވޭސްޓްކުރެވެނީއޭ. އިތުރަށް އެކްޓްކުރުމުގެ މާނައެއް ނެތޭ. މިހާރުން މިހާރަށް ފެމިލީ ކައިރީ ހަގީގަތް ކިޔާދޭންވީއޭ..." ޝައުން އިށީނީ ސޯފާގައި އެއްފައި ދަމާލައިގެންނެވެ.

"ނޫން...." އެލީނާއަށް ބުނެވުނީ ތަންކޮޅެއް ބާރަށެވެ.

"ޔޫ ހޭޓް މީ. ދެން ކީއްކުރަން އެކީ ދިރިއުޅެނީ؟ އަމިއްލަ ނަފުސާ ސުވާލުކޮށްބަލަ. އެހެންމީހުންނަށް ދެއްކެން ނަމެއްގައި ފިރިއެއްގެ ގޮތުގައި ބެހެއްޓުމަކީ އެލީނާއަށް ފައިދާ ހުރިކަމެއްތަ؟ ބުނަން ވާހަކައެއް. އެލީނާއަށް އަސްލު ހެއްދެވިފަރާތަށްވެސް އިހުސާންތެރިއެއް ނުވެވޭ. އެކަން ރަގަޅުކޮށްލުމާއެކު ތި އެކްޓްކުރުން ހުއްޓިދާނެ. ފޭކް ރިލޭޝަނެއްގައި ދެމިތިބުމުގެ މާނައެއްނެތް.." ޝައުން މަޑުމަޑުން ބުނެލިއެވެ.

"ދެން އިންނާނީ އާއިޒާ އާ ތަ؟ " އެލީނާ ބުމަ ކައިރިކޮށްލިއެވެ.

"އާއިޒާ؟ "ޝައުން އެއް ބުމަ އަރުވައިލިއެވެ. "އާއިޒާވެސް ގޯހެއް ނޫން..ކޮންމެ މީހަކާއި އިނަސް އެލީނާއަށް ކޮން ކަމެއްތަ؟ ޑޫ ޔޫ އިވެން ކެއާ؟ " ޝައުން އެހިއެވެ.

"ޝައުން......." އެލީނާ އަލިފާން ބުރާފަދަ ގޮތަކަށް ކަޅި އަޅައިގަނެފައި ބާރަށް ގޮވައިލިއެވެ. "އެނީވަން ބަޓް އާއިޒާ........"

"އެންމެން ގާތު ބުނާނަން ޝައުން ކުރިހާ ކަންތައް. އެރޭގެ ވާހަކަ......"

"ފައިން....." ޝައުން ހިނި އައެވެ.

"އަނދިރީގައި އާއިޒާކަމަށް ހީކޮށް އާއިޒާގެ ނަމުން ގޮވާފައި އޮޅިގެން ކުރިހާ ކަމެއް މެމޮރީގައި އެބަހުރި. ޑީޓެއިލްކޮށް ކިޔާދޭނަން. އޭރުއްސުރެ އާއިޒާއަށް ހިތް ކިޔައިގެން އައިޒް އޭ ކިޔަ ކިޔާފައި އެރޭ މޮޔަވީ. ދުވަހަކު އެކަމަށް މާފެއްނުކުރާނަން. އަންހެންކުދިންގެ ހުއްދަނެތި އެބިއުޒްކުރާ މީހަކު އޮންކޮލިޖިސްޓެއްގެ ގޮތުގައި ހުއްޓަސް އަދި މީހުން ވަރަށް ފޫހިވާނެ. އަގު ވެއްޓި ބަދުނާމުވާނެ. އެބިއުޒްކޭސް އެއްގެ ގޮތުގައި ތި ކޭސް ފައިލްކޮށްގެން ކޯޓަށް ގެންދަން ވެއްޖެއްޔާ ވާނެ ގޮތް އެނގޭތަ؟ " އެލީނާ ހަށަން ބަދެލައިގެން ހުރިއިރު ލޮލުން އެތައް އަސަރެއް ފެނުނެވެ.

"އައި ވޯޒް ޔަންގް......"

"މަށަށް ވުރެ ބޮޑު ދޯ. ކުޑަކުއްޖަކާ ބެހުނީ ކަމަށް ނޫންތަ ވާނީ؟ "

"ކޯޓަށް ދާން މަނާ ކުރަނީ ކާކު؟ ތެދަށް ބުނެފާނަން. އަހަރެން މިހިރީ އަހަރެންގެ މަންމައާއި ބައްޕަ ގާތު ހަގީގަތް ހާމަކުރަން ތައްޔާރަށް. އަހަރެން ކުރީ ކުށެއް. އެކަމަކު އެލީނާ ރުޅިއައީ ހަމައެކަނި އަހަރެން އާއިޒާއޭ ބުނީތީ. އެހެނޭ ކިޔާފައި ރޭޕްގެ ތުހުމަތު އަޅުވާފައި ނުވާކަމެއް ހަދައިގެން މެރީކުރުވަން މަޖުބޫރުކުރުވީ. ފުރަތަމަ އެލީނާ ހަމަ އޯކޭވި. ފަހުން އާއިޒާ އޭ ބުނީމަ ދޯ ރުޅިއައީ...."ޝައުން ބުނެލިއެވެ. "އެލީނާގެ މައްސަލައަކީ ކޮބާކަން އެނގޭތަ؟ ޔޫ އާ ރިއަލީ ސެލްފިޝް. ހުރިހާ ކަމެއް އެލީނާ ބޭނުންހާ ގޮތަށް ވާން ޖެހޭނީ. އަދި އެންމެނަކީ އެލީނާގެ ޕަޕެޓްސް...."

އެލީނާ އަށް އެނދުގައި އަތް ވިއްދާލައިގެން އިށީދެވިއްޖެއެވެ. ތުންފަތުގައި ބާރަށް ދަތް އަޅާލައިގެން އިނދެ ވިސްނަނީ ކޯންޗެއްކަމެއް ވެސް ނޭގެއެވެ. ޝައުން އެބުނި ފަދަ ސިފަތައް އޭނަގެ ހުރިތޯ ކަން ނޭގެއެވެ. އެހެން އިނދެލާފައި ފަހަތަށް ވެއްޓިގަތްގޮތަށް ބުރަކަށި ޖެހުނީ އެނދުގެ މަޑުގޮދަޑީގައެވެ. އެނދުގެ އަރިމަތީގައި އެއް ވާނަކަށް ދެފައި ތަޅަންފެށިއެވެ.

"އެލީނާ ބުނަން ވާހަކައެއް. ވަރަށް ދުވަސްވާންދެން ތިހެން އުޅެވިއްޖެ. ދެން އޮތީ މަގޭ ފަހަރު. އަހަންނާއެކު އުޅެންޏާ އަހަރެންގެ މީހެއްގެ ގޮތުގައި ހުންނާނީ. މިބުނީ މަގޭ ޕަޕެޓެއްގެ ގޮތުގައި. ބުނާހާ ގޮތަށް ހަދަން ޖެހޭނީ. މަގޭ ގޭގައި މަގޭ ރޫމްގައި އުޅެންޏާ............... "ޝައުން އެލީނާގެ ދެފައިގާ ހިފެހެއްޓިގޮތުން ގުޑުވާވެސް ނުލެވުނެވެ.

"ޝައުން..........."އެލީނާ ހަޅޭއްލަވައިގަތެވެ. "ޑޯންޓް ޓަޗް މީ....."

"އަތްލާ ހިތަކުން ނޫނޭ. ދެފައި ތަންތާ ތަޅާ ބިންދައިލީމަ އުދަގޫވާނީވެސް އެހެން މީހުންނަށޭ. މޮޔަކަން ހުއްޓުވަން އެބަ ޖެހެއެއްނު.........." ޝައުން ދެފައިގާ ހިފަހައްޓައިލިގޮތަށް އޮށޯވެ އެފައިތިލަމަތީ މޫނު ޖައްސާލައިގެން ދެލޯ މަރައިލިއެވެ.

***

އެންމެން ރޭގަނޑު ކެއުމަށް އިންސާފުކުރަން މޭޒުދޮށުގައި ހަމަޖެހިލިއެވެ. ކެމީލާވެސް ކާން އައެވެ. ޝައުންއާއި އެލީނާވެސްމެއެވެ. ކެމީލާ އައީ އަމިއްލައަށެވެ. ބީރައްޓެހިކަމުގެ އިހުސާސްކުރެވުނެވެ. ދަލު ބޭރުން ޖެހި ދައުވަތު ނުލިބެނީސް މި އާއިލާގެ މީހުންގެ ތެރެއަށް ވަދެވިފައެވެ. އާތިކާ އެލީނާއަށް ބަލައިލީ ރުހުމުގެ ނަޒަރަކުންނެވެ.

"ސޯފީ އަންހެން ދަރިއެއް ނުލިބިގެން އުޅޭއިރު މާތްރަސްކަލާނގެ ދެއްވި ޖަވާހިރެއްނު ލިބުނީ. ކޮންމެ ކަމަކަށް ހިކުމަތެއްވޭ. އެގެއަށް އެ ދިމާވި ހާދިސާއަކީ މިގެއަށް ލެއްވި ބަރަކާތެއްކަމަށް ވާނީ. އެލީނާ މިގެއަށް އައުމުން މިގޭ ކުދިންނަށް އެދެވޭ އަސަރުތަކެއްކުރާނެ ހެން ހީވޭ. ކަޅު ހެދުން ލީމަ ހާދަ މާތް ފާޑުޖަހައޭ. ކޮބާ ވިޝާގެ ހާލު ކިހިނެއްތަ؟ " އާތިކާގެ އެ ޖުމްލަތަކުން އެންމެންގެ ނަޒަރު އެލީނާއަށް ހުއްޓުނެވެ. ކަޅު އަބާޔާ ލައިގެން ދޫކޮށް ޝޯލް އިސްތަށިގަނޑުގައި އޮޅާލައިގެން އިންއިރު މާތް ފާޑު ޖަހައެވެ.

"ވިޝާގެ ހާލު އެންމެ ރަގަޅަށް އެނގޭނީ ޖޮންއަށް...." ލޭކެން އެއް މިޔަކަނުން ހީލިއެވެ.

"ވިޝާ ޕާޓީއަށްފަހު ރުޅިވެއްޖެ...." ޖުއާން ބުނެލިއެވެ.

"އެ ކިހިނެއްވީ؟ " ކައިދަން އެހިއެވެ.

"ކުދިންނޭ މާމަ ދުރުވަންވާއިރަށް ސަޕްރައިޒްޕާޓީ އެއް ބާއްވަން ސޯފީ އެބައުޅޭ. ކިހިނެއްވާނެ. މާމަގެ އުފަންދުވަހު އަދި ޖެޓެއްގައި މިރަށަށް ގެންނަނީ........" އާތިކާ ވާހަކަ އޮޅުވައިލިއެވެ.

އެކި ވާހަކަ ދެކުނުއިރު ކެމީލާ އިނީ ބާކީވެފައެވެ. އޭނަގެ ގައިގާ އަލާއުއްދީންގެ ރަޖާގަނޑު އޮޅާލުމުން އެހެން މީހުންނަށް އޭނަ ނުފެންނަނީފަދައެވެ. ޝައުންއަށް އެކަން އިހުސާސްކުރެވުނީ ކަން ނޭގެއެވެ. ޝައުންގެ ސަމާލުކަން އޭނައަށް ހުއްޓުނެވެ.

"ކެމީލާ. ރަގަޅަށް ކައްޗޭ. ނޫނީ އަނެއްކާ ބަލިވެދާނެ...."

"ލައްބަ...."ކެމީލާ ހިނިތުންވެލިއެވެ. އެކަމަކު އެވަގުތު ލޮލުގައި ވި ތެތްކަން އޭނައަށް ފާހަގަކުރެވުނެވެ.

އިރުކޮޅެއްފަހުން ކެމީލާ އަޅުގަނޑު ދާންވެއްޖެއޭ ރަކިގޮތަކަށް ބުނެފައި އެތަނުން ދާން ހިނގައިގަތުމުން ޝައުން އެކަމާއި ހިތްހަމަނުޖެހުނެވެ. އެންމެން ކެމީލާ ބާކީ ކުރި ސަބަބެއް އެނގެން ބޭނުންވިއެވެ. ކަން ހިނގިގޮތް ކިޔާދިނީ ޖުއާންއާއި ލޭކެންއެވެ. އާތިކާއެވެ. އެހެންމީހުން ތިބީ އަޑުއަހާށެވެ.

"ޝީޒް އެ ޗައިލްޑް. އުމުރަށްވުރެ ޅަކޮށް އުޅޭ އަދި އެހާ ތެދުވެރި ކުއްޖެއް. ބަސްއަހާ............" ޝައުން ސީރިޔަސްވެފައި ބުނެލިއެވެ.

"ދޮންބެ ހާދަ ވަރަކަށް......ޕޭޝަންޓަކަށް ވިޔަސް ތިހާވަރަށް ލޯބިވާކަށް ނުވާނެ.." ޖުއާން އަނގަޔަށް ގޮތެއް ހަދައިލިއެވެ.

"ކޮއްކޮ ބަދުނާމު ކުރިޔަސް ހެޔޮ ދޯ. ޅަކުދިންނަށް އެކަހަލަ ހަރު ކަންތައް ކުރަން އެނގޭނެކަމާއި މެދު ޝައްކު.................." އާތިކާ އެހިއެވެ.

"އެކަހަލަ އިންޓެންޝަންއެއްގައި ކެމީލާ އެކަން ކުރިކަމެއް ގަބޫލެއްނުކުރެވޭ. އެންމެ ރަގަޅު. އެކުއްޖާ ކުރީ ކުށެކޯ އެހެންވިއްޔާ އެކަމުގެ އަދަބު ތިގޮތަށް ނުދީ އޭނަ އާއިލާ ކައިރިއަށް ފޮނުވާލީމަކަން ނޭގޭ ރަގަޅުވާނީ. އެއީ ސީރިޔަސް ބައްޔަކާއި ހަގުރާމަކުރަމުންދާ ކުއްޖެއް..އަޅުގަނޑުގެވެސް ޕޭޝަންޓެއް...." ޝައުން ގެ ޖުމްލައިން އެތަނަށް ހިމޭންކަމެއް ވެރިވިއެވެ.

"ދަރިފުޅާ......" ސޯފިއާ ކަރުކެހިލިއެވެ.

"ދޮންބެ ޑޯންޓް ވޮރީ. އެކުއްޖާއަކީ ހިދުކޮޅެއްގެ މެހުމާނެއް. އެކުއްޖާ މިގެއަކު ނުހުންނާނެ. މަރުވިޔަސް ހިތަކަށް އެއްޗެއް ނާރާނެ. އެންމެންވެސް މަރުވޭ. މިނިޓަކު ދުނިޔެއިން ގާތްގަނޑަކަށް ސަތޭކަ ވިހި ވަރަކަށް މީހުން މަރުވޭ. އަހަރަކު ފަސްދޮޅަސް ފަސް މިލިއަން ވަރަކަށް މީހުން ދުނިޔެއިން މަރުވާކަމުގައި ދިރާސާތަކުން ދައްކާ.." ޖުއާން ހަމަޖެހިލާފައި ކިޔައިލިއެވެ. އޭނަގެ ހިތުގައި ކެމީލާއަށްޓަކާ އެއްވެސް ހަމްދަރުދީއެއް ނެތެވެ. ހުރިހާ އިހުސާސްއެއްގެ މަތީ ކެމީލާ ގަނޑުފެން އަޅައިފިއެވެ.

ކެމީލާއާއި ދެކޮޅަށް އެންމެން ކަހަލަ ގޮތަކަށް ވާހަކަދެއްކިއިރު ހިމޭނުން އިނީ އެލީނާއެވެ. ތައިމޫރުއާއި ސޯފިއާ ކެމީލާއާއި ދެކޮޅަށް ވާހަކަދެއްކީ ޖުއާން އިނީމައެވެ. ޖުއާންގެ ހިތަށް ކޮށްފައިވާ އިހުސާސްތަކާއި ނަފްސާނީގޮތުން ކުރި އަސަރުތައް އެދެމަފިރިންނަށް ފެނެއެވެ. ދަރިފުޅު ސްކޫލަށް ދާކަށްވެސް ބޭނުމެއްނުވެއެވެ. އޭނަ ބޭނުމީ މާމަ ކައިރިއަށް ބަދަލުވާށެވެ. ކުށެއް ނުކުރިޔަސް އެންމެ މަޝްހޫރުވީ އޭނަގެ ނަމެވެ. ރައީސްގެ ދަރިފުޅަށްވެފައި ސްކޫލް ކެޕްޓަނަށްވެސް ވީމައެވެ. އެކަން ކުރި މީހަކު އަދިވެސް ހޯދައިގަނެވޭ ގޮތެއްނުވެއެވެ. ނޫނީ ސިފައިން ގަސްތުގައި އެމީހަކަށް ރައްކާތެރިކަން ދިނީއެވެ. މާތް މުއްސަދިންގެ ދަރިން ވުމުން ހިމާޔަތް ކުރީ ނޫންކަމެއްވެސް ނޭގެއެވެ. ޝައުންއަށްވެސް ޖުއާންގެ ނަފްރަތު ރޭކާލުމުން ކޮއްކޮއާއި ދެކޮޅަށް ވާހަކަ ނުދައްކާ ހިމޭންކަން ޚިޔާރުކުރިއެވެ. ނަމަވެސް އޭނަގެ ހިތުގައި ކެމީލާއަށްޓަކާ ވަނީ ތަފާތު ކުލުނެކެވެ. ސޯފިއާއަށްވެސް ވީ އެފަދަ ގޮތެކެވެ. ބޭރުފުށުން ދެއްކި ނުރުހުމުގެ ކުލަ ކަމުގައިވިޔަސް ހިތުގެ އިހުސާސްތައް ތަފާތެވެ. ކެމީލާއަށް ދަރި ކުލުނު ޖެހި އެގޭގެ ޅީދަރިއެއްގެ ގޮތުގައި ނަމަވެސް ހުރުން އެދެވެނީއެވެ.

***

ނީވް ހޮޓަލުގެ ރޫމެއް ބުކްކޮށްލުމަށްފަހު ކޮންމެވެސް މީހަކަށް ގުޅިއެވެ. މާގިނައިރުތަކެއް ނުވަނީސް ކޮޓަރީގެ ދޮރުގައި ޓަކިދިނުމުން ދޮރު ހުޅުވައިލިއިރު ދޮރުމަތީގައި ހުރީ ޖައިޝްއެވެ.

"ބީން......" ޖައިޝް ނީވް ގެނެސް މޭގައި ޖައްސައިލިއެވެ.

"ދޮންބެ. ޑިޑް އައި މޭކް ޔޫ ޕްރައުޑް؟ " ނީވް ފަޚުރުވެރި ގޮތަކަށް ހީލިއެވެ.

"އަދި އެހާ ފަސޭހައިން އެލީނާގެ އާއިލާއަށް މިނިވަންކޮށް އުޅެވިގެން ނުވާނެ. އަމީރުގެ ގެއިން ވަޒީފާ ހޯދަން ބުނޭ. އެލީނާވެސް ނީވް ވަންނާނެ ތަނެއް ނެތީމަ ހަމްދަރުދީވާނެއްނު...." ޖައިޝް އާއި ނީވް އަތާ އަތްޖެހިއެވެ.

"ޝޭޚުއަމީރުގެ ބެސްޓީގެ ދަރިއެއްކަން އެނގޭއިރަށް ކުޑަ ގިޔާމަތެއް ވާނެ ދޯ ހަހަ....އެލީނާ ހީކުރާގޮތުން އަހަންނަކީ އާއިލާއެއްނެތް ބިކާރީއެއް........." ނީވް ހިނިގަނޑެއްޖެހިއެވެ. ދެބެން ކުޅިގަނޑު އަތުރާލާ މަޝްވަރާކުރަން އިރުކޮޅެއްވާންދެން ތިބެފައި ވަކިވުމުގެ ސަލާމްކޮށްލިއެވެ. ވެހެެމުންދިޔަ ވާރެއަށް ފަރުވާލެއް ނުބަހައްޓާ ޖައިޝް މަޑު ހިނގުމެއްގައި ގޮސް ކާރަށް އަރައިފިއެވެ. އޭނަގެ ތުންފަތުގައި ނުލަފާ ހިނިތުންވުމެއްވިއެވެ. ކިޔާންގެ އެކުވެރިކަމަށް ވުރެ އޭނައަށް މުހިއްމީ އޭނަގެ އާއިލާއަށް އަމީރުގެ އާއިލާއިން ދިން އަނިޔާގެ ބަދަލު ހިފުމެވެ. އެހެންމީހުންގެ އަބުރު ކަތިލާންޖެހުނަސް ކޮންމެ ފަދަ ގުރުބާނީއެއްވާން ޖެހުނަސް އޭނަގެ ފަރުވާލެއްނެތެވެ. އޭނަ މިހިރީ ކިރިޔާވެސް ދަނޑިވަޅެއް ލިބިއްޖެއްޔާ ސްކައިމޯގެ ވިޔަފާރިވެސް ބަނގުރޫޓޫ ކުރަން އަތުކުރި އޮޅާލައިގެންނެވެ.

***

ސޯފިއާގެ މަންމައަށް ސަޕްރައިޒް ޕާޓީއެއް ބޭއްވިއިރު ކެމީލާއަށް ދައުވަތެއް ނުލިބުނެވެ. ކޮޓަރިން ނިކުންނާކަށްވެސް ނުކެރުނެވެ. އެކަމަކު ފަހުން ސޯފިއާގެ މަންމަ ރޯޒީން ކެމީލާއާއި ބައްދަލުވެ ވަރަށް ރުހެވުނު ކުއްޖެއްކަމުގައިވިއެވެ. އެ ކޮޓަރިއަށް ގެންގޮސް އިނގިރޭސިން ވާހަކަދެއްކިއެވެ. ފްރެންޗްގެ ރީތިކަން ރޯޒީންއަށް ލިބިފައިވެއެވެ. އެލޮލުގައި ހުރި ރީތިކުލަ އެކި ފަހަރު އެކި ކުލައަށް ބަދަލުވާފަދައެވެ. އެއުމުރުގައިވެސް ރީތި އަންހެނެކެވެ. ރޯޒީން ކެމީލާގެ އާއިލާއާއި ބެހޭގޮތުން ސުވާލުތައްކުރިއެވެ. ސޯފިއާގެ ދަރިއަކަށް ހެދުމުން އުފާވާކަމުގައި ބުނެލިއިރު ކެމީލާގެ ކުށުގެ ހިލަމެއް އޭނައަކަށް ވެފައި ނެތެވެ.

އެލީނާ ޖެހިގެން އައި ދުވަހު އެގޭގައި ނަމާދުކުރާނެ ބަޔެއް ތައްޔާރުކުރިއެވެ. ރީތި ރަންކުލައިގެ ދޫލައެއް އަޅާ މަތިން މުސައްލާތައް ފަރުތާލާ ފާރުގައި އިސްމުފުޅުތަކާއި އާޔަތްތައް ހުރި ފްރޭމްތައް ހަރުކުރިއެވެ. އެއް ފަރާތުގެ ފާރުގައި ގެފުޅުގެ ޕޯސްޓަރެކެވެ. ކުޑަ ޝެލްފްގައި ކުލަކުލައިގެ ޚަތިމްތަކާއި ދުޢާ ފޮތްތަކެވެ. ކޮންމެ ގަޑިއެއްގައި ހުރިހާ އަންހެންވެރިންނަށް އެތަނުގައި ނަމާދުކުރެވޭނެހެން ތައްޔާރުކޮށްލުމުން އަޅުކަން ކުރަން އެކަނިވެރި އަރާމު މާހައުލެއް ލިބުނީއެވެ. ސޯފިއާ އާއި އާތިކާގެ ތައުރީފުގެ ކޮޅެއްނެތެވެ. މެންދުރު ކެއުމުގެ ގަޑީގައި އެލީނާ ހެނދުނު ފުރިހަމަ ކުރި މަސައްކަތަށް ފަޚުރުވެރިވެ ސޯފިއާ ވާހަކަދެއްކިއެވެ. ކެމީލާވެސް އިނީ ހިނިތުންވެލައިގެންނެވެ. އެލީނާ ދައްތަ އެކޮށްދިން ކަމަކުން އޭނަވެސް އަޅުކަންކުރަން އެތަނަށް ވަންނަ ހިތްވިއެވެ. މިއަދުވެސް ކެމީލާއާއި އަނގައިން ބުނާނެ އެކަކުވެސް ނުވިއެވެ. އެންމެން ކެއުން ނިމިގެން ދިޔުމުން ކެމީލާ ވަނީ ނަމާދުކުރާ ބަޔަށެވެ. ބަރަކާތްތެރި ތަނަކަށް ވަނުމުން ލިބުނު ހިތް ހަމަޖެހުން ބުނެދޭކަށްވެސް ނޭގެއެވެ. ގުރުއާން ކިޔަވަން އިރުކޮޅެއްވާންދެން އިންދާ އާތިކާ ގޮވާލައިފިއެވެ. އާތިކާ ކެމީލާ ގޮވައިގެން ޓެރެސްއަށް ދަނިކޮށް އެލީނާ ގޮވާލަފައި ކޮންމެވެސް އެއްޗެކޭ ބުނެލިއެވެ. ކެމީލާއަށް އެކީ އެއްޗެއް ދޭހައެއް ނުވިއެވެ. ފިނިފިނި ވައިރޯޅިތައް ޖެހެމުން ދިޔައެވެ. ކެމީލާ ހީކަރުވާގޮތްވިއެވެ.

"ކެމީލާއަށް އަދިވެސް އެއްޗެއް ނުވިސްނޭތަ؟ ސޯފިއާ ފަސްޓްލޭޑީވީމަ މިގެއިން ދާށޭ ނުބުނާނެ. އެކަމަކު ޖޮން ބޭނުމެއްނުވެއޭ ކެމީލާ މިގޭގައި ހުންނަން."

"ސޯފީ މަންމަ ފޮގިވް ކުރައްވާނެކަމަށް އުއްމީދުކުރަނީ....."

"ނުކުރާނެ. އެއީ މީހުން މާފުދޭ ކަހަލަ ކުށެއްތަ؟ ޑަމްބްވިޔަސް ބޮޑުވަރު އިނގޭ. އެކަކުވެސް އަނގައިން ނުބުނާއިރު މިގޭގައި މަތިންބައިން ހުންނަން ލަދުގަންނަން ޖެހޭނެ. ސޮރީ ކެމީލާ. މިގެއަކުން ޖާގައެއްނެތް. ގެއަށް ދޭ....."

ތިރިއަށް ބަލައިލިތަނާ ފެނުނު މަންޒަރަކުން ކެމީލާގެ މޭގަނޑު އަނގަޔަށް އަންނަވަރުވިއެވެ. ލިލީ އެކަނިމާ އެކަނި ޕޫލާއި ދިމާލަށް ދަނީއެވެ. އެކުޑަ ކުއްޖާ ފެންގަނޑަށް ވެއްޓިއްޖެއްޔާ ވާނެގޮތް ދެނެވޮޑިގެންވަނީ މާތްﷲއެވެ. ކުއްލިއަކަށް ވާރޭ އޮހިގަތީ އިންޒާރަކާ ނުލައެވެ. ކެމީލާގެ ދެފައި ހަރަކާތްކުރިއެވެ. އުދުހިފައި ކަހަލަގޮތަކަށް ގޮސް ލިލީއާއި ހަމަޔަށް ފޯރި ކިރިޔާ އެކުއްޖާގެ ހެދުމުގައި ބާރަށް ނުހިފުނުނަމަ ފެންގަނޑަށް ވެއްޓުނީހެވެ. ބޮޑެތި ވާރޭތިކިތައް ހުރިހާ ފަރާތަކުން ހަމަލާދިނުމާއެކު އޭނަ ތެމިފޯވެ ހެދުން ގައިގާ ތަތްލަވައިފިއެވެ. ހީކަރުވައިގެން ރޫރޫއެޅިޔަސް ލިލީ ގޮވައިގެންގޮސް އަވަހަށްތެތް ހެދުން ބާލުވާފައި ހިކި އެއްޗެހި ލެއްވިއެވެ. ރަޖާގަނޑު އޮޅާލުމަށްފަހު ހޫނު ޗޮކްލެޓެއް ގެނުވިއެވެ.

"ކިހިނެއްވީ ކެމީލާ...." އެލީނާ ކޮޓަރިއަށް ވަދެފައި ހައިރާންކަމާއެކު ބަލަން ހުއްޓެވެ.

"ޓެރެސްގައި ހުއްޓާ ލިލީ ޕޫލާއި ދިމާލަށް ދަނިކޮށް ފެނުނީ......." ކެމީލާ ގެ މޫނު ކަފަކޮޅެއްހާ ހުދެވެ.

"އަހަރެން އޭރު ބުނި އެއްޗެއް ނީވުނީ ދޯ. ބުނީމެއްނު ލިލީ ސިޓިންރޫމްގައޭ ޓޮއިލެޓަށް ވަދެފައި އަންނާނަމޭ. ކޮންމެވެސް މީހަކު ދޮރު ހުޅުވައިލިތަނާ ނުކުމެގެން ދިޔައީކަމަށްވާނީ. އަލްހަމްދުލިﷲ. ކަމެއްނުވީމަ. ކެމީލާ ގޮސް ތެތް އެއްޗެހި ބަދަލުކޮށްލާ. ނޫނީ ބަލިވެދާނެ................" އެލީނާ ހިނިތުންވެލިއެވެ. ކެމީލާ ސިޑިއާއި ދިމާލަށް ދިޔައިރު ފުލުފުލުގައި ކިނބިހި އެޅެން ފެށުނެވެ. ހޫނު ފެނުން ފެންވަރައިލުމަށްފަހު އޭނަ ގުޅީ ދޮންތައަށެވެ.

"ދޮންތީ އައިމް ސިކް....ޓޭކް މީ ހޯމް..." ކެމީލާ ވަރުދެރަ އަޑަކުން ބުނެލިއެވެ.

"ކޮބާ ލިލީގެ ފެމިލީ؟" ޒައިރާ ހައިރާންވިއެވެ.

"ދޮންތީ ފަހުން ކިޔާދޭނަން. މިސްޓޭކެއް ހެދުނީ....."

"ކޮންކަހަލަ...." ޒައިރާ ބިރުގަނެއްޖެއެވެ.

އެވަގުތު މީހަކު ދޮރުގައި ޓަކިދިނެވެ. ދޮރުމަތީ ހުރީ ފްރެންޗް ޚާދިމާއެކެވެ. އޭނަ އެދުނީ ކެމީލާ ޕެކްކުރުމަށެވެ. ކެމީލާ ބުނީ މިގޭގައި އޭނަގެ އެއްޗެއް ނެތްކަމުގައެވެ. އޭނަގެ އަތުގައި އޮތް އަނގޮޓިއާއި ގަހަނާތައްވެސް ބޭލިއެވެ. ގެއިން ގެނައި ހެދުން ލުމަށްފަހު ކެމީލާ ހިނިތުންވެލިއެވެ. "ޖިޒަލް. ތޭންކްސް ފޯ ދަ ހެލްޕް. އަދި ހުރިހާ ކުދިންގެ ފަރާތުން ކައްކަން ދަސްވެއްޖެ....." ކެމީލާ ޖިޒަލް އާއިއެކު ހިނގައިގަތެވެ.

"މިގޭ ޑްރައިވަރު ގެންގޮސްދޭނެ..."

"ނޫން. ދޮންތީ އަންނާނެ އަހަރެން ބަލާ. ޓެކްސީއެއްގައި ދާނީ........" ކެމީލާ ލިވިން ރޫމާއި އަރާހަމަވީއިރު ޓީވީބަލަން އެގޭ ހުރިހާ ފިރިހެންކުދިން އިށީދެލައިގެން ތިއްބާ ފެނުނެވެ. ކެމީލާގެ ފިޔަވަޅު ހުއްޓުނެވެ. އެންމެނަށް އަލްވަދާއު ކިޔަންވީ ބާވައެވެ.

ނުނިމޭ

comment ކޮމެންޓް