ރާއްޖެއިން ބޭރުގައި އުޅޭ ދިވެހީންނަށް އޮންލައިންކޮށް ދިވެހި، ގުރުއާން ކިޔަވައިދޭން މަޝްވަރާކުރަނީ

މިއަދު މެންދުރުފަހު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގެ ތެރެއިން-- ފޮޓޯ/ރައީސް އޮފީސް

ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް އިސްލާމް، ދިވެހި އަދި ގުރުއާން ފަދަ މާއްދާތައް އޮންލައިންކޮށް ކިޔަވައިދިނުމާ ގުޅޭގޮތުން ނައިބު ރައީސް ފައިސަލް ނަސީމް ކަމާގުޅޭ ފަރާތްތަކާ ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފި އެވެ.

މިއަދު މެންދުރުފަހު ރައީސް އޮފީހުގައި ބޭއްވި މި ބައްދަލުވުމުގައި ނައިބު ރައީސް ފައިސަލް ނަސީމް ދެއްކެވި ވާހަކަފުޅުގައި ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހި ދަރިވަރުންނަށް ދިވެހި ބަހާއި ގުރުއާން އަދި އިސްލާމް ފަދަ މާއްދާތައް ކިޔަވައިދިނުމުގެ މުހިންމުކަމާއި، ދިވެހިންގެ އާދަކާދައާއި ސަޤާފަތަށް އެކުދިން އަހުލުވެރިކުރުމުގެ މުހިންމުކަން ފާހަގަކުރެއްވި އެވެ.

މިކަން ހާސިލުކުރުމަށް ކަމާގުޅޭ އިދާރާތައް ގުޅިގެން މަސައްކަތްކޮށްދެއްވުމަށް އެ ބައްދަލުވުމުގައި ނައިބު ރައީސް ވަނީ އެދިވަޑައިގެންފަ އެވެ.

މި ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ، އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު، ދިވެހިބަހުގެ އެކެޑަމީގެ ރައީސް އަޝްރަފު އަލީ، ރައީސް އޮފީހުގެ ސްޕެޝަލް އެޑްވައިޒަރު އޮން ސޯޝަލް ޕޮލިސީ ޑރ. މުސްތަފާ ލުތުފީގެ އިތުރުން ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަންއާއި ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

ބޭރު ގައުމުތަކުގައި ދިރިއުޅޭ ދިވެހި ދަރިވަރުންނަށް މި މާއްދާތައް ކިޔަވައިދިނުމުގެ މަސައްކަތް ފެށުމަށް އެ އިދާރާތަކުން ކުރަންޖެހޭ އިންތިޒާމުތައް ކުރިއަށް ގެންދަވާނެކަމަށް އެ ބައްދަލުވުމުގައި ބައިވެރިވި ބޭފުޅުން ވަނީ ވިދާޅުވެފަ އެވެ.

comment ކޮމެންޓް