ދިވެހި ނެޓްވޯކުތައް: ޑުރަގް ގެންނަން އިންސާނުން ރަހުނުކުރަނީ!

އަތްފައިގައި ޗެންޗޭނު ޖަހައި ކުނަލެއްގެ މައްޗަށް އެއްލާލާފައި ވަނީ ދިވެއްސެކެވެ. ފެންނަ ފެނުމަށް އެއީ 30 އަހަރާއި 35 ދެމެދުގެ ފަސް ފޫޓުގެ އިސްކޮޅެއް ހުރި މީހެކެވެ. ހިކި އަނަރޫފަވެފައިވާ އޭނާގެ ކަރުގައި ވެސް އޮތީ ޗެންޗޭނު ޖަހައިފަ އެވެ. ހިރި ނުލެވޭނެ ގޮތަށް އަތް ފަހަތަށް ލައި އޭނާ އޮތީ ރަނގަޅަށް ބަނދެލާފަ އެވެ. މޫނު މަތިން ޒަހަމްތަކުގެ އަސަރުވެސް ފެންނަން ހުއްޓެވެ. އެ ފޮޓޯ އަހަރުމެންނަށް ދެއްކުމުން އެއީ ދިވެއްސެއްކަން ފުރަތަމަ ގަބޫލުވެސް ނުކުރެވުނެވެ. ނަމަވެސް، އޭނާ އިތުރަށް ދިން މައުލޫމާތުން އެކަން ޔަގީންވި އެވެ.

އެކަމަކު، އެއީ ޖަލެއްގައި ބަންދުކޮށްފައި އޮތް ގައިދީ އެއް ނޫނެވެ. އެއީ ރާއްޖޭގެ ޑުރަގް ނެޓްވޯކަކުން ޝިޕްމަންޓެއް ގެންނަން ރަހުނެއްގެ ގޮތުގައި ބައިނަލްއަގުވާމީ ޑުރަގް ނެޓްވޯކަކާ ހަވާލުކޮށްފައި ހުރި ދިވެއްސެކެވެ. ޝިޕްމަންޓް ދިވެހި ފުލުހުންގެ އަތްދަށުވުމުން އެއްބަސްވުމާ އެއްގޮތަށް އެ ޑުރަގް ނެޓްވޯކުން އޭނާ ރަހީނުކޮށް އަނިޔާކުރަނީ އެވެ. އޭނާއަށް ސަލާމަތް ވެވޭނީ ރާއްޖެއިން އޭނާ ފޮނުވި މީހުން ބަސްޓުވި ޝިޕްމަންޓަށްވާ ވަރަށް ފައިސާ ހަމަޖައްސައި ފޮނުވުމުންނެވެ.

އަގު ބޮޑެތި މުދާ ރަހުނުކޮށް ބޭންކުތަކުން ލޯނު ނަގާ އުސޫލުން ބައިނަލްއަގުވާމީ މަސްތުވާތަކެތީގެ ބޮޑެތި ނެޓްވޯކްތަކުންވެސް ބޮޑެތި އަދަދުން މަސްތުވާތަކެތި ބަދަލު ކުރާ އިރު ކަންކުރާ ގޮތަކީ ފުރާނައެއް ރަހުނު ކުރުމެވެ. އިންސާނަކު ރަހުނުކުރުމެވެ. ޝިޕްމަންޓަށްވާ ފައިސާ ނުލިބިއްޖެ ނަމަ، އޭނާ މަރުވާން ދެން ބޮޑެތި އުގޫބާތް ދެ އެވެ. ރަހުނުކުރި މީހާ ސަލާމަތްވާނީ ފައިސާ ދައްކާ ހަލާސްކުރުމުންނެވެ. މިއީ މަސްތުވާތަކެތީގެ ބޮޑެތި މުއާމަލާތްތައް ހިނގާ ގޮތެވެ.

އެ ފޮޓޯގައި އެ ފެނުނު މެދު އުމުރުގެ އެމީހާވެސް އެ ވަނީ އެފަދަ ރަހުނަކަށްވެ، ބޭރު ގައުމަކުން ރާއްޖެ އެތެރެކުރަން އުޅުނު މަސްތުވާތަކެތީކެ ގެރެންޓާއަކަށްވެފަ އެވެ. އެއީ މީގެ އަހަރެއްހާ ދުވަސް ކުރިން ރާއްޖޭގެ ސަރަހައްދުން އަތުލައިގަތް އީރާން ބޯޓަކުން އެތެރެކުރަން އުޅުން 50 ކިލޯގެ މަސްތުވާތަކެތީގެ ބަދަލުގައި ރަހުނުކޮށްފައި ހުރި ދިވެހި މީހާއަށް އެ މީހުން ޖައްސާފައި ހުރި ހާލެވެ. މިއަދާހަމަށްވެސް، އޭނާ ވީ ކޮންތާކު ކަމެއް، ދުނިޔޭގެ ދިރިހުރި ކަމެއް ވެސް ނޭނގެ އެވެ.

ބޭރު ގައުމުތަކުން ރާއްޖެއަށް ގެންނަ މަސްތުވާތަކެތީގެ ޝިޕްމަންޓްތައް މި އުސޫލުން ގެންނަ ކަމަށް މީހަކު ބުނެފި ނަމަ، އެއީ އާންމު މީހަކަށް ވަރަށް އާ ވާހަކައަކަށް ވެދާނެ އެވެ. ބައެއް މީހުން ގަބޫލުވެސް ނުކޮށްފާނެ އެވެ. ބައެއް ފަހަރު އެއީ ބޭރުގެ ފިލްމުތަކުގައި ފެންނަ ކަހަލަ ކަމެކޭ ވެސް މީހުންނަށް ހީވެދާނެ އެވެ. އެހެން ނަމަވެސް ހަގީގީ ދުނިޔޭގައިވެސް ކަން ހިނގަނީ އެ އުސޫލުންނެވެ. ޝިޕްމަންޓަށް ވާ ފައިސާ ނުދެއްކިއްޖެ ހާލަތެއްގައި، ރަހުނުކޮށްފައި ހުރި މީހާގެ ދުވަސްދިޔައީ އެވެ.

ރާއްޖޭގެ ޑުރަގު ނެޓްވޯކްތަކުން ވެސް ޑުރަގުގެ މި ނުރައްކާ ވިޔަފާރީގައި އިންސާނުން ވަނީ ބޭނުން ކުރަން ފަށައިފަ އެވެ. މިދިޔަ ދެ އަހަރެއްހާ ދުވަސްތެރޭ އޭގެ މައްސަލަތައް މަދުމަދުން ފެންތިވާން ފަށައިފި އެވެ. އެހެން ގޮތަކަށް ބުނާ ނަަމަ، އެ ޒާތުގެ މައްސަލަތައް ފުލުހުންނަށް ފާހަގަވާން ފެށީ އަދި ކިރިޔާ އެވެ.

އަބުޗާގެ ނެޓްވޯކުންވެސް ކަން ކުރީ ހަމަ އެގޮތަށް!

އަބުޗާ: އޭނާ ވަނީ ޝަރީއަތް ނިމެންދެން ބަންދަށް ޖަހާފައި، އެ އޮޕަރޭޝަންގައި ފުލުުހުން ވަނީ 98.6 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައި -- ފައިލް ފޮޓޯ/ ޕޮލިސް

މި މަހުގެ ދެ ވަނަ ދުވަހު އައްޑޫ ސިޓީގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންގައި އަތުލައިގަތް ނެޓްވޯކްގެ އެންމެ އިސް ލީޑަރަކީ، އަބްދުﷲ އިބްރާހިމް (އަބުޗާ)އެވެ. އޭނާއަކީ މަސްތުވާތަކެތީ ވިޔަފާރު ފުޅާ ދާއިރާއެއްގައި ކުރާ ކަމަށް ފުލުހުން ތުހުމަތު ކުރާ މީހެކެވެ. އެ އޮޕަރޭޝަންގައި ފުލުހުން ވަނީ 98.6 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފަ އެވެ.

"ސަން"އަށް އިތުބާރު ހުރި މަސްދަރަކުން ކަށަވަރުވެފައިވާ ގޮތުގައި އަބުޗާގެ ނެޓްވޯކުންވެސް މަސްތުވާތަކެތީގެ އެ ޝިޕްމަންޓް ގެނައީ ރާއްޖެއިން ބޭރު ގައުމެއްގައި ދިއްވެސަކު ރަހީނު ކުރުމަށް ފަހު އެވެ. އެ މަސްތުވާތަކެއްޗަކީ ޕާކިސްތާނުގެ ނެޓްވޯކަކާ ގުޅިގެން ރާއްޖެއަށް އެތެރެ ކުރަން އުޅުނު މަސްތުވާތަކެތި ކަމަށް އެނގިފައިވެ އެވެ.

އެނގިފައިވާ ގޮތުގައި އެމީހާ ރަހުނު ކޮށްފައި ވަނީ ޕާކިސްތާނުގަ އެވެ. އޭނާ ޕާކިސްތާނަށް ފުރީ މަސްތުވާތަކެތި އަތުލައިގަތުމުގެ ދުވަސްގަނޑެއް ކުރިންނެވެ.

"ހަމަ ސީދާ އައްޑުއަށް ނިސްބަތްވާ މީހަކު އެބަހުރި ޕާކިސްތާނަށް ފޮނުވާފައި. ގެރަންޓާއެއްގެ ގޮތުގައި އޭނާ ފޮނުވާފައިވަނީ، މަސްތުވާތަކެތި ވިއްކައިގެން އެ ޝިޕްމަންޓަށްވާ ފައިސާ ފޮނުވުމުން އޭނާ އަނބުރާ ރާއްޖެ ފޮނުވާ ގޮތަށް،" މައުލޫމާތު އެނގޭ މީހަކު ކިޔައިދިނެވެ.

މި ހަފްތާ ތެރޭ މަސްތުވާތަކެތި ނައްތާލުމަށް ދޫނިދޫގައި ބޭއްވި ރަސްމިއްޔާތަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ "ސަން"އަށް ލިބިފައިހުރި މައުލޫމާތުތަކުގެ ސައްހަކަން ކަށަވަރުކޮށްދީފަ އެވެ.

"ޑުރަގު ގަންނަ ފަރާތުން އެބަ ޖެހޭ، ވިއްކި ފަރާތުގެ ބެލުމުގެ ދަށުގައި ދިވެއްސަކު ބަހައްޓަން. ފާއިތުވީ ބޮޑެތި އޮޕަރޭޝަންތަކުގައި އެކަން ހިނގާފައިވާކަން އެނގެން އެބަހުރި. ފޮޓޯ އަދި ވީޑިއޯ އެބަހުރި އެމީހުންނާ މެދު އަމަލު ކުރެވޭގޮތް. ސޯސް ކަންޓްރީ ނުވަތަ މަސްތުވާތަކެތި ވިއްކާ ފަރާތުން ކަނޑައަޅާ ތަނެއްގަ އެމީހަކު ހައްޔަރުގައި ހުންނަޖެހޭ އޭގެ އަގު އަދާކުރަންދެން،" ހަމީދު ވިދާޅުވި އެވެ.

މަސްތުވާތަކެތި ނައްތާލުމަށް ދޫނިދޫގައި ބޭއްވި ރަސްމިއްުޔާތަށްފަހު ސީޕީ ހަމިދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ --- ފޮޓޯ/ ޕީއެސްއެމ

ޓާގެޓަކީ އާއިލާތަކާ ގުޅުން ނެތް މީހުން!

މަސްތުވާތަކެތީގެ ވަބާގައި މީހަކު ހަލާކުވުމުން، ގިނަ ފަހަރަށް އާއިލާއާ އޮންނަ ގުޅުން އެކީ ކެނޑިގެން ދެ އެވެ. އާއިލާތަކުންވެސް އެކަހަލަ މީހުން ގެއިން ނެރެ ބޭރުކޮށްލަ އެވެ. "ސަން"އިން ބެލި ބެލުންތަކުން އެނގުނު ގޮތުގައި އެ ހިސާބުން އެ މީހުންގެ އަތުގައި ހިފަނީ، ޑުރަގުގެ ބޮޑެތި ނެޓްވޯކުތަކުންނެވެ. އެ ކަހަލަ މީހުންގެ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ ކަންކަން ވެސް ކުރަނީ މި ނެޓްވޯކުތަކުގެ އިސް ލީޑަރުންނެވެ. އެ މީހުންގެ ގާތް މީހުންނަށް ހަދަނީ އެވެ. އެންމެ ފަހުން އާއިލާއަށްވެސް ވެ، ބެލެހެއްޓުމުގެ "ޒިންމާ"ނަގަނީވެސް ޑުރަގް ނެޓްވޯކުންނެވެ. އެ މީހުންނަށް ބައިއަތު ހިފައި، ނެޓްވޯކުގެ ވެރީން އަންގާ ގޮތަށް "މިޝަންތައް" އެ މީހުން ނިންމަ އެވެ.

އީރާނުގައި ރަހުނުކޮށް، ފަހުން ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހާއަކީ އެގޮތަށް ރަހުނު ކުރި ފުރަތަމަ ދިވެހި ރައްޔިތު ނޫންކަން "ސަން"އަށް އެނގިފައިވެ އެވެ. މިގޮތަށް ކަންކަން ކުރަމުން އަންނަތާ މަދު އަހަރުތަކެއް ވެއްޖެކަން މި ވިޔަފާރި ވަރަށް ރަނގަޅަށް ދަންނަ ބައެއް މީހުންނާ ވާހަކަ ދައްކާލަމުން އެނގެ އެވެ.

"އެމީހަކު ފޮނުވާލަނީ ކުޑަވަރެއްގެ ޗުއްޓީއަކަށް. ދެކޮޅު ޓިކެޓް ދީފައި، ހުރުމުގެ ހަރަދާއި ޕޮކެޓް މަނީވެސް ދިފައި. ދެން އޭނާއާ ހަވާލުވާނީ އެކޮޅު އެޖެންޓުން. ހަވާލުވުމަށްފަހު ޕާސްޕޯޓާ އެއްޗިހި އަތުލާނެ. ކަންކަން ރޭވެފައިވާ ގޮތަށް ގޯހެއް ނުވެ، ދަންޏާ އޭނައަށް ނުރައްކަލެއް ނޯންނާނެ،" ރާއްޖޭގެ މަސްތުވާތަކެތީގެ ވިޔަފާރީތައް އޮޕަރޭޓް ކުރާ ގޮތް އެނގޭ މީހަކު ބުންޏެވެ.

އޭނާ ބުނީ، ބައެއް ފަހަރު އެމީހަކަށް އޮޅުވާލައިގެންވެސް ފޮނުވާލާ ފަހަރު އަންނަ ކަމަށެވެ. ވާން އުޅޭ ގޮތްވެސް އެނގެނީ އެގައުމަށް ދާ ހިސާބުން ކަމަށް އެނާ ބުންޏެވެ. އެގޮތަށް ބައެއް މީހުން މިހާރުވެސް ގޮސް އެ ގައުމުތަކުގައި ތާށިވެފައިވެސް އެބަހުރި ކަމަށް އޭނާ ބުންޏެވެ.

"އާންމުކޮށް މިގޮތަށް ދަނީ އާއިލާއާ ގުޅުން ނޯންނާ މީހުން. އެމީހުން ގެއްލުނަސް ނުހޯދާނެ ވިއްޔާ،" އޭނާ ކިޔައި ދިނެވެ.

މީގެ ކުރިން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން މަސްތުވާތަކެއްޗާއެކު އަތުލައިގަތް ބައެއް --- ފޮޓޯ/ ކަސްޓަމްސް

އިރާނުގައި ރަހީނު ކުރި މީހާއަކީވެސް އޭނާގެ އާއިލާއާ ގުޅުން އޮތް މީހެއް ނޫނެވެ.

އަބުޗާގެ ނެޓްވޯކުންވެސް ޕާކިސްތާނަށް މިފަހަރު ފޮނުވި މީހާ އަކީ އޭނާގެ ގެޔަށް އާއިލާ ކައިރިއަށް ނައިސް އަބުޗާގެ ގޭންގާއެކު ދިރިއުޅޭތާ ދުވަސްތަކެއް ވެފައިވާ މީހެކެވެ. އެހެން ކަމުން މި ފަހަރުވެސް އޭނާ ގެއްލިގެން އާއިލާއިން ރިޕޯޓެއް ނުކުރެ އެވެ. އޭނާގެ ފުރައިގެން ދިޔަކަންވެސް އާއިލާއަށް އެނގުނީ، މަސްތުވާތަކެތި އަތުލައިގަތް ފަހުން ފުލުުހުންގެ ފަރާތުން ކަމަށްވެ އެވެ.

އިންސާނުން ރަހުނުކޮށް ރާއްޖެއަށް މަސްތުވާތަކެތި ގެނައުން މިއީ އާދައިގެ ކަމެއް ނޫނެވެ. މިކަމުން ދަލީލު ކުރަނީ ރާއްޖޭގައި ވެސް ޑުރަގުގެ ވިޔަފާރި ފުޅާވެ ފައްކާވަމުންދާ މިންވަރެވެ. ބޭރުގެ ޑުރަގު ނެޓްވޯކުތަކާ އެކު ދިވެހީންގެ ޑުރަގް ނެޓްވޯކްތައް ވެސް ހަރަކާތްތެރިވަނީ އެންމެ މަތީ ލެވަލްގަ އެވެ. މިއީ އެންމެ ޕްރޯ ލެވަލް އެވެ. މި ނެޓްވޯކުތަކުގެ އެތެރެއަށް ވަދެ އެ މީހުންގެ ހާލިތައް ހަލާކުކޮށް ނުލެވޭ ނަމަ، މި ވިޔަފާރީގެ ނުރައްކާ ދާނީ ދުވަހެއް ދުވަހަކަށް ބޮޑުވެ، ސީދާ ރާއްޖެއަށް ނުރައްކާ ކުރަމުންނެވެ. ރާއްޖޭގެ ރަނގަޅު ޖީލެއް މި ވަބާގައި ނެތި ހިނގައިދާނެ އެވެ.

comment ކޮމެންޓް