ދިވެހިން މަރާފައި ވިޔަސް އިންޑިއާ ބޭނުން ނަމަ ރާއްޖެ ހިފިދާނެ: ފައްޔާޒު

ފައްޔާޒު: އޭނާ ވިދާޅުވީ، އިންޑިއާއިން ބޭނުން ނަމަ، ރާއްޖެ މިހާރު އޮންނާނީ ހިފާފައި ކަމަށް --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިންޑިއާ އިން ރާއްޖެ ހިފަން ބޭނުން ނަމަ، ދިވެހިން މަރާފައި ވިޔަސް އެކަން ކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ފައްޔާޒު މިގޮތަށް ވިދާޅުވީ، ދިވެހި ރާއްޖޭގެ އަޑުން އިއްޔެ ގެނެސްދިން "އަހާށޭ ބުނާނަން" ޕްރޮގްރާމަށް އެހުންތެރިއަކު ފޮނުވި ސުވާލަށް ދިން ޖާވާބުގަ އެވެ.

މިނިސްޓަރު ވިދާޅުވީ، އިންޑިއާ އިން ރާއްޖެ ހިފައި، އެގައުމުގެ އަތްދަށަށް ރާއްޖެ ގެންނަ ބޭނުންވާ ނަމަ މިހާރު ވެސް އެކަން އޮންނާނީ ކޮށްފައި ކަމަށެވެ. އަދި އެކަމުގައި ރާއްޖެއަށް "ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ" ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

އޭގެ މާނައަކީ ރާއްޖޭގެ ސިފައިން ބަލިކަށިވުމެއް ނޫން ކަމަށާއި ރާއްޖޭގެ ސިފައިނަށް ވުރެ އިންޑިއާއަކީ ބާރު ގަދަ ގައުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"[ދިވެިހި]ސިފައިން މަސައްކަތް ނުކުރާ ވާހަކައެއް ނޫން. ސިފައިނަށް ވުރެ މާ ބާރުގަދަ ގައުމެކޭ އަޅުގަނޑު މި ދަންނަވަނީ [އިންޑިއާ އަކީ]. އަޅުގަނޑުމެން އެންމެން މަރާފައި ވެސް އެމީހުން ބެނުމިއްޔާ ކުރާނެ [ރާއްޖެ ހިފާނެ]. އަދި އެ މީހުން އެކަންޏެއް ނޫން، އެއަށްވުރެ ކުދި ކުދި ގައުމުތަކުން [ވެސް]،" ހާރިޖީ ސިޔާތުގައި އެންމެ ގައުމަކަށް ބަރޯސާވުމަކީ އެންމެ ފައިދާ ހުރި ގޮތްތޯ ކުރި ސުވާލަށް ޖަވާބު ދެއްވަމުން ފައްޔާޒު ވިދާޅުވި އެވެ.

ފައްޔާޒު ވިދާޅުވީ، އެއްވެސް ގައުމަކީ އެގައުމެއްގެ އަމިއްލަ ހައިސިއްޔަތު ވަކިވެގަނެގެން ހިންގޭނެ ގައުމެއް ނޫން ކަމަށެވެ. އެއީ އެމެރިކާ، ރަޝިއާ އަދި ޗައިނާ ފަދަ ބާރުގަދަ ގައުމުތަކުން ވެސް ކުރެވޭނެ ކަމެއް ނޫން ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

ފައްޔާޒު ވިދާޅުވި ގޮތުގައި ރާއްޖޭ ހާރިޖީ ސިޔާސަތުގެ އެންމެ ވަރުގަދަ ހާއްސަ ސިފަޔަކީ، ބައިނަލްއަގުވާމީ މުޖްތަމައުގެ ހުރިހާ ފަރާތްތަކާ ވެސް ގުޅިގެން އުޅޭ އުޅުމެވެ. އަދި އެއީ ކޮންމެ ޕާޓީއެއް ވެރިކަމުގައި އޮތަސް ރަސްރަސްކަލުންގެ ޒަމާނުއްސުރެ ވެސް، ރާއްޖޭގެ ވެރިން ގެންގުޅެމުން އައި ސިޔާސަތު ކަމަށް ފައްޔާޒު ވިދާޅުވި އެވެ. އެގޮތުން އިންޑިއާ އެކު މި ސަރުކާރުން ބާއްވާ ގުޅުމަށް ވަރަށް ބޮޑަށް ތައުރީފުކޮށް ފައްޔާޒު ވާހަކަ ދެއްކެވި އެވެ.

"މި ސަރުކާރުގައި ހާއްސަ ސަމާލުކަމެއް އެބަ ދެން އައްވެއްޓެރި ގައުމުތަކަށް. އޭގެ ތެރެއިން އިންޑިއާ ފަސްޓް ޕޮލިސީ އަޅުގަނޑުމެން މި ގެންގުޅެނީ. އެއީ ކޮންމެ ގޮތެއްވިޔަސް އިންޑިއާ އަކީ، މި ހިސާބުގައި އޮތް ވަރަށް ބޮޑު ވަރުގަދަ ގައުމެއް. އަޅުގަނޑުމެންނާ އެތައް ގަރުނެއްގެ ގުޅުން އޮތް ގައުމެއް،" ފައްޔާޒު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ޑީއެންއޭ ޗެކްކޮށްލިއްޔާ ވެސް ދާދި އެކައްޗެއްހެން އޮންނާނީވެސް [އިންޑިއާ މީހުންނާއި ދިވެހިންނާ]. ސަގާފީ ގޮތުން ވެސް ވަރަށް އެއްގޮތްވޭ. ދުނީގެ ދެވަނައަށް އެންމެ ގިނަ މުސްލިމުން ގިނަ ގައުމުވެސް،"

ސިޔާސީ ގޮތުންނާއި އިގްތިސާދީ ގޮތުން ވެސް ދެގައުމުގެ ގުޅުން ބޮޑު އިރު، އެ ގުޅުން ވަރުގަދަ ކުރުމަކީ މި ސަރުކާރުގެ ހާރިޖީ ސިޔާތުގެ މައި ތަބެއްގެ ގޮތުގައި ފައްޔާޒު ވިދާޅުވި އެވެ. އަދި އޭގެ މަނައަކީ، އެހެން ގައުމާކާ ގުޅުން ކަނޑާލުން ނޫން ކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ.

"ކުރީގެ ސަރުކާރުން [ރައީސް ޔާމިންގެ ސަރުކާރުން] ގެންގުޅުނު ސިޔާސަތުގެ ދަށުން އިންޑިއާ އެއްކޮށް އެކަހެރިކޮށްލީ. ހަގީގަތުގައި އިންޑިއާ ކަނޑުގެ ތެރޭ މި ފިނި ހަނގުރާމައެއް ފެށުމަށް ޖާގަ ދިނީ މިދިޔަ ސަރުކާރުން،" ފައްޔާޒު ވިދާޅުވި އެވެ.

comment ކޮމެންޓް