ޔައުގޫބުގެ ގޮނޑީގެ މައްސަލަ ބުރާސްފަތި ދުވަހު ފަށަނީ

މެއި 30، 2020: 2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 1 ވަނަ ޖަލްސާ -- ފޮޓޯ/ މަޖިލިސް

ރައްޔިތުން މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲގެ މެންބަރު ކަމުގެ ޝަރުތު ގެއްލިފައިވާ ކަމަށް ބުނެ އޭނާގެ ގޮނޑިއާ މެދު ސުވާލު އުފައްދާ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް އެ ކޯޓުގައި ފަށަން ތާވަލްކޮށްފި އެވެ.

ރައްޔިތުން މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲގެ މެންބަރު ކަމުގެ ޝަރުތު ގެއްލިފައިވާ ކަމަށް ބުނެ އޭނާގެ ގޮނޑިއާ މެދު ސުވާލު އުފައްދާ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް އެ ކޯޓުގައި ފަށަން ތާވަލްކޮށްފި އެވެ.

ޔައުގޫބުގެ މެންބަރު ކަމުގެ ގޮނޑިއާ މެދު ސުވާލު އުފައްދާ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވީ ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމް އަލީ އެވެ.

ހަލީމް މިއަދު "ސަން"އަށް ވިދާޅުވީ ޔައުގޫބުގެ ގޮނޑިއާ ގުޅޭ ގޮތުން އޭނާ ހުށަހެޅުއްވި މައްސަލަ އަންނަ ބުރާސްފަތި ދުވަހުގެ 9:00 އަށް ސުޕްރީމް ކޯޓުގައި އޮންނާނެކަން އޭނާއަށް އަންގާފައިވާ ކަމަށެވެ.

ޔައުބޫގުގެ ގޮނޑިއާ މެދު ސުވާލު އުފެއްދީ، ރައްޔިތުން މަޖިލީހުގެ މެންބަރަކަށް ދައުލަތުގެ އެހެން އެއްވެސް މަގާމެއް ނުފުރޭނެ ކަމަށް ގާނޫނު އަސާސީގައި ބުނެފައި ވަނިކޮށް، އިންސްޓިޓިއުޓް އޮފް ޗާޓާ އެކައުންޓެންޓުންގެ ބޯޑު މެންބަރުކަމުގެ މަގާމު އޭނާ ގަބޫލު ކުރެއްވުމުންނެވެ.

އެކަމާ ގުޅިގެން ފާޑުކިޔުން އަމާޒުވުމުން އޭނާ ވަނީ އިންސްޓިޓިއުޓް އޮފް ޗާޓާ އެކައުންޓެންޓްސްއިން އިސްތިއުފާ ދެއްވައި އެކަން އިއުލާނުކުރައްވައިފަ އެވެ.

ހަލީމް ހުށަހެޅުއްވި މައްސަލާގައި ބުނެފައި ވަނީ، ގާނޫނު އަސާސީގެ އަށްވަނަ މާއްދާއާއި 73 ވަނަ މާއްދާއާ ޔައުގޫބު ހިލާފްވެވަޑައިގެންފައިވާ ކަމަށާއި އެހެން ކަމުން އޭނާ ފުރުއްވަމުންދާ ދާންދޫ ދާއިރާގެ ގޮނޑި ހުސްވެއްޖެ ކަމަށް ކަނޑައަޅައިދެއްވުން އެދޭ ކަމަށެވެ.

ގާނޫނު އަސާސީގެ އަށް ވަނަ މާއްދާގައި ބަޔާންކޮށްފައި ވަނީ ގާނޫނު އަސާސީގެ ސިޔާދަތެވެ. އެގޮތުން ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ހިންގާންވާނީ ގާނޫނު އަސާސީގައިވާ ގޮތުގެ މަތިން ކަމަށް އެ މާއްދާގައި ބުނެ އެވެ.

ގާނޫނު އަސާސީގެ 73 ވަނަ މާއްދާގައި ބަޔާންކޮށްފައި ވަނީ މެމްބަރަކަށް ވުމުގެ ޝަރުތުތަކާއި މެމްބަރުކަމުން ވަކިވާނެ ހާލަތްތައް އަދި މެމްބަރެެއްގެ ގޮތުގައި ހުރެ އަދާކޮށްގެން ނުވާނެ ވަޒީފާތަކެވެ. އެގޮތުން އެ މާއްދާގެ (ރ)ގައި ބުނާ ގޮތުން، މަޖިލިހުގެ މެމްބަރުންނަށް މުސްތަގިއްލު ކޮމިޝަނެއްގެ މެމްބަރުކަން ނުވަތަ މުސްތަގިއްލު މަގާމެއް އަދާނުކުރެވޭނެ އެވެ.

comment ކޮމެންޓް