ދައުލަތަށް ލިބުނު އާމްދަނީގެ ބޮޑު ބައެއް ލިބުނީ އިންކަމް ޓެކުހުގެ ގޮތުގައި

އޮކްޓޯބަރ 1، 2019: މީރާ އަދި ފިނޭންސް މިނިސްޓްރީ ހިންގަމުންދާ އިމާރާތް -- ސަން ފޮޓޯ/ ފަޔާޒް މޫސާ

މި ސަރުކާރުގައި އަލަށް ނަގަން ފެށި އާމްދަނީ ނުވަތަ އިންކަމް ޓެކުހަކީ މިދިޔަ މަސް ތެރޭ އެއް ޓެކުހަކުން ދައުލަތަށް އެންމެ ގިނައިން އާމްދަނީ ލިބުނު ޓެކުހަށް ވެއްޖެ އެވެ.

ދައުލަތުގެ ޓެކްްސް އިދާރާ މީރާއިން މިއަދު އާންމު ކުރި މިދިޔަ ސެޕްޓެމްބަރު މަހުގެ އާމްދަނީގެ ތަފާސްހިސާބުތަކުގައިވާ ގޮތުގައި މިދިޔަ މަހުގެ ދައުލަތަށް ލިބުނު 843.04 މިލިއަން ރުފިޔާގެ އާމްދަނީގެ ތެރެއިން 45.7 ޕަސެންޓަކީ އިންކަމް ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ އެވެ. އިންކަމް ޓެކުހުގެ ގޮތުގައި، 385.57 މިލިއަން ރުފިޔާ މިދިޔަ މަހު އެކަނި ވަނީ ލިބިފަ އެވެ. މިއަހަރުގެ ނުވަ މަސް ދުވަހުގެ ތެރޭގައި 1.74 ބިލިއަން ރުފިޔާ ވަނީ އާމްދަނީގެ ގޮތުގައި ދައުލަތަށް ލިބިފަ އެވެ.

ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޖީއެސްޓީ އިންނެވެ. އެއީ ޖުމްލަ އާމްދަނީގެ 25.8 ޕަސެންޓް ނުވަތަ 217.16 މިލިއަން ރުފިޔާ އެވެ. މީގެ އިތުރުން، ބީޕީޓީގެ ގޮތުގައި 150.13 މިލިއަން ރުފިޔާ، ރެސިޑެންޝަލް ޕާމިޓްގެ ގޮތުގައި 21.06 މިލިއަން ރުފިޔާ، މުދަލު ޒަކާތުގެ ގޮތުގައި 11.07 މިލިއަން ރުފިޔާ އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 58.04 މިލިއަން ރުފިޔާ ވަނީ މީރާއަށް ލިބިފަ އެވެ.

އެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން މިދިޔަ މަހު ލިބުނު 843.04 މިލިއަން ރުފިޔާ އަކީ މިދިިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 30.9 ޕަސެންޓް ދަށް އަދަދެއް ކަމަށެވެ.

މީރާއިން ބުނި ގޮތުގައި އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ ކޮވިޑް-19 އާ ގުޅިގެން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ މިންވަރު ދަށްވެފައިވުމުގެ ސަބަބުން ޓޫރިޒަމް ދާއިރާގެ ހަރަކާތްތައް މަދުވެ، ޓޫރިޒަމް ދާއިރާއިން ޓެކުހުގެ ގޮތުގައި ލިބިފައިވާ އާމްދަނީ ދަށްވެފައިވުމެވެ. އަދި ޖީއެސްޓީ އާއި ގްރީން ޓެކްސް ފަދަ ޓެކުހުން ލިބިފައިވާ އާމްދަނީ ދަށްވެފައިވާ ކަމަށް ވެސް މީރާއިން ބުންޏެވެ. އަދި ޓޫރިޒަމް ލޭންޑް ރެންޓް ދެއްކުމުގެ ސުންގަޑި އިތުރުކުރެވިފައިވުމުން، މި މުއްދަތުގައި ލިބިފައިވާ އާމްދަނީ، މީގެ ކުރީ އަހަރުގެ މި މުއްދަތާއި ބަލާއިރު މަދުކަމަށް މީރާއިން ވަނީ ފާހަގަކޮށްފަ އެވެ.

މިދިޔަ މަހު ޑޮލަރު ބަލައިގެންފައިވާ އާމްދަނީ އަކީ، 6.74 މިލިއަން ޑޮލަރެވެ.

ގުޅޭ ޓެގު
comment ކޮމެންޓް