ޗައިނާގެ ވިޔާފާރީގެ އެއްބަސްވުމަށް މިހާރު އޮތް ގޮތަށް އަމަލެއް ނުކުރާނެ: ފައްޔާޒު

ފައްޔާޒު: ޗައިނާގެ އެއްބަސްވުން މިިހާރު އޮތް ގޮތަށް ކުރިއަށް ނުގެންދެވޭނެ ކަމަށް އޭނާ ވިދާޅުވި -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ޗައިނާއާއެކު ހެދި މިނިވަން ވިޔަފާރީގެ އެއްބަސްވުން ނުވަތަ ފްރީ ޓްރޭޑް އެގްރިމަންޓް (އެފްޓީއޭ)އަށް މިހާރު އޮތް ގޮތުން އަމަލު ނުކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ރާއްޖެއިން ޗައިނާއާ އެކު ފްރީ ޓްރޭޑް އެގްރިމެންޓެއްގައި ސޮއިކުރީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 2017 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. އެއްބަސްވުމުގައި ސޮއި ކުރީ، ފައްޔާޒުވެސް އޭރު ހިމެނިވަޑައިގެންނެވި 18 ވަނަ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެން އެވެ. އޭރުވެސް ފައްޔާޒު އެ އެއްބަސްވުމާ ދެކޮޅު ހައްދަވަމުން ގެންދެވި އެވެ.

ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ "އަހާށޭ ބުނާންނަ" ޕްރޮގްރާމަށް މީހަކު ފޮނުވި ސުވާލަށް ޖަވާބު ދެއްވަމުން ފައްޔާޒު ވިދާޅުވީ، އޭރު މަޖިލީހުގައި އިންނެވި އިރުވެސް އެ އެއްބަސްވުމާ ދެކޮޅު ހެއްދެވި ކަމަށެވެ. އަދި މަޖިލީހުން އެކަން ފާސްކޮށްފައިވަނީ ވެސް މެމްބަރުންނަށް އެކަށީގެންވާ ވަގުތު ނުދީ ކަމަށް ފައްޔާޒު ފާހަގަ ކުރެއްވި އެވެ.

"އަމިއްލަ ހައިސިއްޔަތުން އެ އެގްރިމަންޓް އެ އޮތް ގޮތަށް ކުރިއަށް ގެންދިޔުމަކީ އަޅުގަނޑު އިގްތިސާދީ މިނިސްޓަރަކަށް ހުރެ ކުރާނެ ކަމެއް ނޫން. އެހެން ނަމަވެސް އޭގައި ހުރި ފްރީ ޓްރޭޑާ ބެހޭ ގޮތުން ވާހަކަ ދައްކައި، އިތުރަށް ރަނގަޅުކުރަމަކީ ނެތް ކަމެއް ނޫން،" ފައްޔާޒު ވިދާޅުވި އެވެ.

"އެ ފްރީ ޓްރޭޑް އެގްރީމަންޓަކީ އެއްގޮތަކަށްވެސް ސޮއިކުރަން ހެޔޮވާވަރުގެ އެގްރިމަންޓެއް ނޫން. ރަނގަޅު ކަންތައްތަކެއްވެސް އެބަހުރި. ކޮންމެ ކަމެއްގަވެސް ހުންނާނެ ރަނގަޅާއި ގޯސް،"

ފައްޔާޒު "އަހާށޭ ބުނާނަން" ޕްރޮގްރާމްގައި ވާހަކަ ދައްކަވަނީ --

އެނާ ވިދާޅުވީ، އެއްބަސްވުމުގެ ސަބަބުން އެހެން ގައުމުތަކާ ގާއިމުކޮށްފައިވާ ވިޔަފާރީގެ ގުޅުމަށް ވަރަށް ބޮޑަށް ބުރޫއަރާނެ ކަމަށެވެ. އެގޮތުން ޗައިނާއިން ގެންނަ މުދަލުން ޑިއުޓީ ފްރީވުމުން ވިޔާފަރިވެރިންނަށް މުދާ ގެނައުމަށް އަގުހެޔޮވި ނަމަވެސް، ވިޔަފާރީގެ ގޮތުން އެއް ގައުމަކަށް ބަރޯސާވާން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެއީ އެހެން ގައުމުތަކުގެ ވިޔަފާރީގެ ގުޅުންތަކަށް ގޯސްވާނެ ކަމެއްގެ ގޮތުގައި މިނިސްޓަރު ފައްޔާޒު ފާހަގަ ކުރެއްވި އެވެ.

"އަޅުގަނޑުމެންނާއެކު ޒަމާނުއްސުރެ ޓްރޭޑުގެ ގޮތުން އެސްޓަބްލިޝްވެފަހުރި ހުރިހާ ލިންކުތަކެއް ހަލާކުވެގެން ދާނެ. އޭގެ މާނައަކީ އަޅުގަނޑުމެން ފޯލްބެކް އެއްވެސް އެއްޗެއް ނޯންނާނޭ. ސިންގަޕޫރާއެކު އޮތް ޓްރޭޑް ރިލޭޝަން ދިޔައީ، ދުބާއީ އާއެކު އޮތް ޓްރޭޑް ރިލޭޝަން އޭރުން ދިޔައީ، އިންޑިއާއެކު އޮތް ޓްރޭޑް ރިލޭޝަންސް ދިޔައީ،" ފައްޔާޒު ވިދާޅުވި އެވެ.

މިދިޔަ އަހަރު ތެރޭ ސަރުކާރުން ބުނެފައިވާ ގޮތުގައި އެގްރިމަންޓްގައި ހުރި ކަންކަން ރިވިއު ކުރާނެ އެވެ. އެ ވަހާކަތައް ފައްޔާޒުވެސް އަނެއްކާވެސް ތަކުރާރު ކުރެެއްވި އެވެ.

"މިއީ ވަރަށް ހައި ލެވެލް ކަމެއް [އެގްރިމަންޓާ މެދު ގޮތެއް ނިންމުން]. އޭގައި އަޅުގަނޑަށް އެނގިފައި އޮތް ސަރުކާރުގެ ޕޮޒިއަޝަން އަކީ އޭގައި ރިވިއު ކުރުމުގެ ވިސްނުމެއްކަން،" ފައްޔާޒު ވިދާޅުވި އެވެ.

comment ކޮމެންޓް