އަށް މަސްވީ އިރުވެސް ވަކީލަކު ހަމަ ނުޖެހުމުން އަދުހަމުގެ ޝަރީއަތް ކުރިއަކަށް ނުގެންދެވުނު

ގާސިމް މަރާލި ކަމަށް އިއުތިރާފްވުމަށްފަހު ފަހުން އިންކާރު ކުރި އަދުހަމް މީގެ ކުރިން އަޑުއެހުމަށް ކުރިމިނަލް ކޯޓަށް ވައްދަނީ --- ސަން ފައިލް ފޮޓޯ: މުއާވިޔަތު އަންވަރު

ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލިކަމަށް އިއުތިރާފުވުމަށް ފަހު، ފަހުން އެކަމަށް އިންކާރުކޮށްފައިވާ މުހައްމަދު އަދުހަމްގެ މައްސަލަައިގެ އަޑުއެހުމެއް އަށް މަސް ފަހުން މިއަދު ބޭއްވި ނަމަވެސް ވަކީލަކު ހަމަ ޖެހިފައި ނުވާތީ ޝަރީއަތް ކުރިއަށް ނުގެންގޮސް ހުއްޓާލައިފި އެވެ.

ގާސިމް މަރާލި މައްސަލައިގައި އަދުހަމްގެ މައްޗަށް ކުރަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ. އެ މައްސަލައިގައި މި އަހަރުގެ ފެބްރުއަރީ މަހު 12 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި އަދުހަމް ވަނީ ދައުވާއަށް އިއުތިރާފުވެފަ އެވެ. ނަމަވެސް އޭގެ ހަ ދުވަސް ފަހުން ބޭއްވި އަޑުއެހުމުގައި އޭނާ ވަނީ އެކަމަށް އިންކާރުކޮށްފަ އެވެ.

އެ މައްސަލައިގައި އަދުހަމް އެންމެ ފުރަތަމަ ހިޔާރު ކުރީ ދައުލަތުން ހަމަޖެއްސި ވަކީލެކެވެ. ނަމަވެސް ދައުވާއަށް އިންކާރު ކުރުމަށްފަހު އަމިއްލައަށް ވަކީލަކު ހަމަޖެއްސުމަށް އެދުމުން ކޯޓުން ވަނީ އެ ފުރުސަތު އަދުހަމަށް ދީފަ އެވެ.

ޓެކްސީ ޑްރައިވަރު ގާސިމް މާރާލި މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމުގެ ތެރެއިން ---

އަމިއްލައަށް ވަކީލަކު ހަމަޖެއްސުމަށް ފުރުސަތު ދިނުމަށްފަހު އޭގެ އަށް މަސް ފަހުން މިއަދު ބޭއްވި އަޑުއެހުމުގައި އަދުހަމު ބުނީ، އޭނާ މި އޮތީ ކަރަންޓެއް ނެތް "ކޮތަރު ކޮއްޓެއް" ކަހަލަ ކުޑަ ކުޑަ ގޮޅިއެއްގައި ކަމަށާއި ވަކީލަކު ހަމަޖެއްސުމަށް ކަރެކްޝަނަލް ސާވިސްގެ ފަރާތުން އެއްބާރުލުން ނުލިބޭ ކަމަށެވެ.

"އަޅުގަނޑަކީ އަމިއްލަ ފޯނުތަކާއި އެއްޗެހި މިތަނުގައި ގެންގުޅޭ މީހެއް ނޫން. މިތަނަށް މަނާ އެއްޗެހި އެއީ އަމިއްލަ ފޯނާއި އެއްޗެހި. ދެން މިތަނުން ފޯނު ކޯލެއް ލިބޭނީ އެ އިންނަ ޕްރޮސީޖާ ގެ ތެރެއިން. އެ ޕްރޮސީޖާގެ ތެރެއިން ދާން ހަދައިގެން ވަކީލަކު ހަމަ ޖެއްސުމަށް އަދި ފޯނުކޯލެއް ލިބިފައެއް ނުވޭ،" އޮންލައިންކޮށް ކުރިއަށް ގެންދިޔަ ޝަރީއަތުގެ މަޖިލީހުގައި އަދުހަމް ބުންޏެވެ.

ވަކީލަކު ހަމަ ނުޖެހުނު ނަމަވެސް މައްސަލައާ އެކު ކުރިއަށް ދިއުމަށް ބޭނުންވާ ކަން އަދުހަމު ވަނީ މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ބުނެފަ އެވެ. އެހެން ނަމަވެސް އެގޮތަށް ކުރިއަށް ދާން ބޭނުންވަނީ މައްސަލައާ ގުޅޭ ހުރިހާ ލިޔެކިޔުމެއް އޭނާ އަތަށް ލިބުމުން ކަން ފާހަގަކުރި އެވެ.

ޓެކްސީ ޑްރައިވަރު ގާސިމް މާރާލި ކަމަށް ކުރިން އިއުތިރާފް ވުމަށްފަހު ފަހުން އިންކާރު ކުރި އަދުހަމް، މިއަދުގެ ޝަރީއަތުގެ އަޑުއެހުމުގައި ---

"އަޅުގަނޑަށް ވެސް ދިވެހިރާއްޖޭގެ ގާނޫނު އަސާސީ އެނގޭ މިންވަރަކުން އަޅުގަނޑަށް ވެސް އުޅެވިދާނެ. އަޅުގަނޑުގެ މައްސަލައާ ބެހޭގޮތުން އެނގެން ޖެހޭ ހުރިހާ އެއްޗެއް މިހާރު ހުންނާނީ ހޯދައި ބަލައި ދެނަގަނެފައި،" އަދުހަމު ބުންޏެވެ

އަމިއްލަ އަށް ވަކީލަކު ހަމަޖެއްސި ނަމަވެސް އޭނާއާ އެކަހެރިކޮށް ބައްދަލު ނުކުރެވޭ ނަމަ އެކަމުގެ އެއްވެސް ބޭނުމެއް ނެތް ކަން އަދުހަމު ފާހަގަކުރި އެވެ. އަދި ޝަރީއަތުގެ އަޑުއެހުމުގެ ތެރެއިން ވެސް އޭނާއާ ވަކީލު ދައްކާ ވާހަކަ ހުރިހާ އެންމެނަށް އަޑުއިވޭ ގޮތަށް ހުރުމުން އެއީ ބޭކާރު ކަމެއް ކަމަށް އަދުހަމް ވަނީ ބުނެފަ އެވެ.

"ވަކީލަކު އަޅުގަނޑެއް ބޭނުމެއް ނޫން. ވަކީލަކަށްވުރެން އަޅުގަނޑަކަށް ހިއެއް ނުވޭ އަޅުގަނޑު ދޫ ވެސް ވަކި ފަރިތަ ނުވެދާނެ ހެންނެތް،" އަދުހަމް ބުންޏެވެ.

އެ މައްސަލައާ ގުޅޭ ހުރިހާ ލިއުމެއް މިހާރު ހުރީ ދައުލަތުގެ ފަރާތުން ހަމަޖެއްސި އަދުހަމުގެ ދިފާއީ ވަކީލު އަތުގަ އެވެ. އަދި އެ ހުރިހާ ލިޔެކިޔުމެއް މިއަދުގެ ވަގުތެއްގައި ކަރެކްޝަނާއި ހަވާލު ކުރުމަށް މަސައްކަތް ކުރާނެ ކަން ވަކީލު ފާހަގަކުރެއްވި އެވެ.

ތޫނު އެއްޗަކުން ހަމަލަދީ ޓެކްސީ ޑްރައިވަރު ގާސިމް މަރާލާފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު ހަތަރު ވަނަ ދުވަހު އެވެ. ގާސިމް މަރުވީ އޭނާގެ އަތުން ފައިސާ ފޭރުމުގެ ގޮތުން ބިރުދެއްކުމަށް އުޅުމުގެ ތެރޭގައި ކަމަށް އަދުހަމް އިއުތިރާފްވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް