މާޒިޔާއިން އައު ސީޒަނުގެ ފަރިތަކުރުންތައް ފަށައިފި

އައު ސީޒަނަށް ތައްޔާރުވުމުގެ ގޮތުން މާޒިޔާއިން ފަރިތަކުރުންތައް ފަށާފައި: މާޒިޔާއިން ފަރިތަކުރުންތައް ފެށީ އެޗްޕީއޭގެ ގައިޑްލައިންތަކާ އެކު --- ފޮޓޯ//އެފްއޭއެމް

ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ އަށް ކްލަބްގެ ޕްރެކްޓިސްތައް ފަށަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ރަސްމީކޮށް ހުއްދަ ލިބުމާ އެކު އެންމެ ފަހުގެ ލީގު ޗެމްޕިއަން މާޒިޔާއިން އިއްޔެ އެ ޓީމުގެ ޕްރެކްޓިސްތައް ފަށައިފި އެވެ.

ފުޓުބޯޅައިގެ ޕްރެކްޓިސްތައް ނުފެށި ގައުމީ ކޯޗުންނާއި، ޓީމުތަކުގެ ކަންބޮޑުވުންތައް ގިނަވެ އެ މައްސަލަ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހްއާ ހަމައަށް ވެސް ގެންދިއުމަށް މަޝްވަރާ ކުރެވެމުން ދަނިކޮށް މި މަހުގެ އެއްވަނަ ދުވަހު އެޗްޕީއޭއިން ވަނީ ފުރަތަމަ ޑިވިޝަނުގެ ޓީމުތަކަށް ފަރިތަކުރުންތައް ފެށުމުގެ ހުއްދަ ދީފައެވެ. އެހެން ނަމަވެސް މި ހުއްދައަކީ އެޗްޕީއޭގެ ވަކި ހާއްސަ ގައިޑްލައިންތަކެއްގެ ދަށުން އެ އިދާރާއިން ބުނާ މިންގަނޑަކަށް ފައްތައިގެން ކުރުމަށް ލިބުނު ހުއްދައެކެވެ.

އެޗްޕީއޭއިން ދިން ހުއްދައާ އެކު ޓީމުތަކުން ޕްރެކްޓިސް ފަށާއިރު ގައިޑްލައިންގައިވާ ކަންތައްތައް ފުރިހަމަވޭތޯ ބަލަން ކޮންމެ ކްލަބަކުން ހައިޖީން އޮފިސަރެއް ވަނީ ހަމަޖައްސައިފަ އެވެ. މި އޮފިސަރުންގެ ބެލުމުގެ ދަށުން ކޮންމެ ކުޅުންތެރިއަކަށްވެސް ޕްރެކްޓިސްތަކުގައި ބައިވެރިވެވޭނީ ވަކި ކަންތައްތަކެއް ފުރިހަމަ ވުމުންނެވެ.

މާޒިޔާގެ ހައިޖީން އޮފިސަރު --- ފޮޓޯ//އެފްއޭއެމް

އެގޮތުން ބަލާއިރު، ކުޅުންތެރިންނާއި އޮފިޝަލުން ދަނޑަށް ވަންނަން ޖެހޭނީ މާސްކް އަޅައިގެންނެވެ. ދަނޑަށް ވަންނައިރު އޮފިސަރުން ކޮންމެ ކުޅުންތެރިއެއްގެ ފިނިހޫނުމިން ޗެކްކުރާނެ އެވެ. އަދި ކަނޑައެޅިފައިވާ ފިނިހޫނުމިނަށް ވުރެން މަތި ވެއްޖެނަމަ ދަނޑަށް ނުވައްދާ ކަމާބެހޭ ފަރާތްތަކަށް ރިޕޯޓްކުރަން ޖެހޭނެ އެވެ. މީގެ އިތުރުން ޓްރެއިނިން ދަނޑަށް އަންނައިރު އެއް ކްލަބް އަނެއް ކްލަބާއި މަސްހުނިނުވާ ގޮތަށް ހެދުމާއި ޓްރެއިން ކުރާއިރު ކޮންމެ ޓީމަކުން ވެސް ބައިވެރިވެވޭނީ 30 ކުޅުންތެރިންނާއި 10 އޮފިޝަލުން ކަމަށް ކަނޑައަޅާފައިވެ އެވެ. އަދި ކުޅުންތެރިންނާއި އޮފިޝަލުންނަށް ސެނިޓައިޒާ އާއި ފެނުގެ އިންތިޒާމު ހަމަޖައްސާފައި ހުންނަން ޖެހެ އެވެ.

މި އުސޫލުތަކާ އެކު މާޒިޔާއިން އިއްޔެ ހަވީރު ވަނީ އައު ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ފަރިތަކުރުންތައް ފަށައިފަ އެވެ. ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން އެންމެ ފުރަތަމަ ޕްރެކްޓިސްތައް ފެށި ޓީމަކަށް މާޒިޔާ ވެފައިވާ އިރު، މިދިޔަ އޮގަސްޓް މަހުވެސް އެ ޓީމުން ވަނީ ފަރިތަކޮށްފައެވެ. އެ ފަހަރު މާޒިޔާއިން ފަރިތަކުރީ ހާއްސަ ހުއްދައެއްގެ ދަށުން އޭއެފްސީ ކަޕަށް ތައްޔާރުވުމަށެވެ. އެކަމަކު ފަހުން އޭއެފްސީ ކަޕް ކެންސަލް ކުރުމުންް މާޒިޔާއިން ފަރިތަކުރުންތައް ހުއްޓާލިއެވެ.

އެފްއޭއެމުން ރަސްމީކޮށް ލޯކަލް ސީޒަން ފަށާނެ ތާރީހެއް އިއުލާނުކޮށްފައިނުވި ނަމަވެސް އެ އެސޯސިއޭޝަންގެ ޓެކްނިކަލް ޓީމުގެ މަޝްވަރާތަކަށް ފަހު އެކުލަވާލާފައިވާ ކަލަންޑަރުގައިވާ ގޮތުން ސީޒަން ފަށަން ކަނޑައަޅާފައިވަނީ ޑިސެމްބަރު މަހު އަށް ވަނަ ދުވަހު އެވެ.

މި އަހަރު ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ އަށް ޓީމަކީ އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާގެ އިތުރުން ޓީސީ، އީގަލްސް، ގްރީން ސްޓްރީޓްސް، ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް، ކްލަބް ވެލެންސިއާ، ޔުނައިޓެޑް ވިކްޓްރީ އަދި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އެވެ.

comment ކޮމެންޓް