ދަރިވަރުންނަށް ގިނިހިލަ ހޯދަން ދަސްކޮށްދޭ ޕްރޮގްރާމެއް ފަށަނީ

ދިވެހި ދަރިވަރުންތަކެއް މައުލޫމާތު ދިނުމުުގެ ސެޝަނެއްގައި --- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

ސްކޫލު ކުދިންނަށް ހާއްސަކޮށްގެން، އިންސްޓިޓިއުޓް ފޯ ގްލޯބަލް ސަކްސެސް (އައިޖީއެސް)އިން "އެސްޓްރޮއިޑް" ނުވަތަ ގިނި ހިލަ ހޯދަން ދަސްކޮށްދޭ ތަމްރީނު ޕްރޮގްރާމެއް ފަށަން ހަމަޖެހިއްޖެ އެވެ.

އައިޖީއެސްއަކީ ތަފާތު ދާއިރާތަކުން ދިވެހި ދަރިވަރުން ތަމްރީނުކޮށް، އާ ޖީލެއް ބިނާކުރުމަށް މަސައްކަތް ކުރާ އިންސްޓިޓިއުޓެކެވެ.

އައިޖީއެސްއިން ބުނީ ގިނި ހިލަ ހޯދަން ދަސްކޮށްދޭ ތަމްރީނު ޕްރޮގްރާމަކީ ގްރޭޑް އަށަކާއި 12އާ ދެމެދުގައި ކިޔަވާ ކުދިންނަށް ހާއްސަކޮށްގެން ހިލޭސާބަހަށް ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށެވެ. އަދި އެއީ މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށް ވެސް އެ ޖަމްއިއްޔާއިން ބުންޏެވެ.

އައިޖީއެސްއިން ބުނި ގޮތުގައި އެ ޕްރޮގްރާމުގެ ދަށުން ދަރިވަރުންނަށް ގިނިހިލަ ހޯދަން ދަސްކޮށްދޭނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކޮށްފައިވާ ޓެލެސްކޯޕުތަކުން ފޯރުކޮށްދޭ މައުލޫމާތުތަކުގެ އެހީގަ އެވެ.

އެ ޕްރޮގްރާމް ކުރިއަށްގެންދަން، ވޮލެންޓިއަރުން ހޯދަން އައިޖީއެސްއިން ވަނީ ހުޅުވާލާފަ އެވެ. އެ ވޮލެންޓިއަރުން ވަނީ ދަރިވަރުންނަށް ގިނިހިލަ ހޯދަން ދަސްކޮށްދޭނެ ޓްރެއިނަރުންނަށެވެ.

އައިޖީއެސްއިން ބުނީ ގިނިހިލަ ހޯދަން ވޮލެންޓިއަރުންވެސް ތަމްރީނުކޮށްދޭނެ ކަމަށެވެ. އަދި ދަރިވަރުންނަށް ތަމްރީނު ދިނުމަށް ވޮލެންޓިއަރުން ހޭދަ ކުރަން ޖެހޭނީ މަހަކު ގިނަވެގެން އެންމެ ހަތަރު ގަޑިއިރު ކަމަށްވެސް އެ އިންޓިޓިއުޓުން ބުންޏެވެ.

"އަޅުގަނޑުމެން ވޮލެންޓިއަރުންވެސް ތަމްރީނުކޮށްދޭނަން. އަދި އަމަލީ ތަޖުރިބާގެ ތެރެއިން ވޮލެންޓިއަރުންނަށްވެސް ގިނިހިލަ ހޯދުމުގެ ފުރުސަތު އޮންނާނެ،" އައިޖީއެސްގެ ސީއީއޯ އަދި ފައުންޑަރު މުހައްމަދު ރިފްއަތު ވިދާޅުވި އެވެ.

ރިފްއަތު ވިދާޅުވި ގޮތުގައި، އެ ޕްރޮގްރާމު ފުރިހަމަ ކުރާ ދަރިވަރުންނަށާއި، ވޮލެންޓިއާ ޓްރެއިނަރުންނަށް އެމެރިކާގެ ޖައްވީ އިދާރާ ނާސާގެ ސެޓިފިކެޓެއް ލިބޭނެ އެވެ.

ވޮލެންޓިއާ ޓްރެއިނަރަކަށް ވާން އެދޭ ފަރާތްތަކުން މި މަހުގެ 12ގެ މެންދަމު 12:00ގެ ކުރިން އައިޖީއެސްގެ އީމެއިލް އެޑްރެސް [email protected] އަށް އީމެއިލް ކުރަން އެ އިންސްޓިޓިއުޓުން އެދެ އެވެ.

comment ކޮމެންޓް