ޖަރުމަނު އެންމެ ފަހުން ނޭޝަންސް ލީގުގެ މެޗަކުން މޮޅުވެއްޖެ

ނޭޝަންސް ލީގުގައި ޖަރުމަނާއި ޔުކްރޭން ބައްދަލު ކުރި މެޗުގެ ތެރެއިން: އެ މެޗު ޖަރުމަނު ކާމިޔާބު ކުރީ 1-2 ގެ ނަތީޖާއަކުން --- ފޮޓޯ//ލައިވްސްކޯ

މީގެ ދެއަހަރު ކުރިން ތައާރަފު ކުރި ޔޫއެފާ ނޭޝަންސް ލީގުގެ ދެވަނަ ސީޒަނުގެ ކުޅުން ފަށާފައިވާއިރު، 2014 ވަނަ އަހަރުގެ ވޯލްޑްކަޕް ޗެމްޕިއަން ޖަރުމަނުން ރޭ ޔުކްރެއިން ބަލިކޮށް އެ މުބާރާތުގެ ފުރަތަމަ މޮޅު ހޯދައިފި އެވެ.

ދުނިޔޭގެ ގަދަ ބާރެއްގެ ގޮތުގައި އަބަދުވެސް ފާހަގަވެފައި އޮންނަ ޖަރުމަނުގެ ވޯލްޑްކަޕް ތަށްޓާއެކު އެ ޓީމުގެ ފެންވަރު ބޮޑުތަނުން ވަނީ ދަށަށް ގޮސްފަ އެވެ. އެގޮތުން 2016 ވަނަ އަހަރުގެ ޔޫރޯއާއި 2018 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި ވެސް ރަނގަޅު ކުޅުމެއް ދެއްކިފައި ނުވާ އިރު، ނޭޝަންސް ލީގުގެ ފުރަތަމަ މުބާރާތުގައި ޖަރުމަނުން ނިންމާލީ މޮޅެއް ނުހޯދަ އެވެ. މި ފަަހަރުގެ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ސްޕެއިނާ އެއްވަރުވިއިރު، ދެ ވަނަ މެޗުން ސްވިޒަލެންޑާ ވެސް ވީ އެއްވަރެވެ.

އެހެން ނަމަވެސް ރަށުން ބޭރުގައި ރޭ ކުޅުނު މެޗުގައ ިޔުކްރެއިން މައްޗަށް ޖަރުމަނު ކުރި ހޯދީ 1-2 ގެ ނަތީޖާއަކުންނެވެ. މި މޮޅާ އެކު ޖަރުމަނު މިވަގުތު އޮތީ ގުރޫޕް އޭގެ ދެވަނައިގަ އެވެ. އެއްވަނައިގައި އޮތް ސްޕޭނަށް ހަތް ޕޮއިންޓް ލިބިފައިވާ އިރު ޖަރުމަނު ދެވަނައިގައި އޮތީ ފަސް ޕޮއިންޓާ އެކު އެވެ. ތިންވަނައިގައި ޔުކްރެއިން ތިން ޕޮއިންޓް ހޯދައިގެން އޮތް އިރު ސްވިޒަލެންޑަށް މިހާތަނަށް ލިބިފައިވަނީ އެއް ޕޮއިންޓެވެ.

ރޭގެ މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ޖަރުމަނުންނެވެ. މެޗުގެ 20 ވަނަ މިނެޓުގައި ޑިފެންޑަރު އެންޓޯނިއޯ ރުޑީގާ ދިން ޕާހަކުން މި ލަނޑު ޖަރުމަނަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރު މަތިއަސް ގިންޓާއެވެ. އެ ހާފުގައި ޖަރުމަނުން ދެ ވަނަ ގޯލެއް ޖަހަން ސާޖް ގްނަބްރީ އާއި ޔޯސުއާ ކިމިޗް ފޮނުވާލި ބޯޅަތައް ޔޫކްރޭނުގެ ކީޕަރު ޖިއޯޖީ ބުޝްޗާން ވަނީ މަތަކޮށްފަ އެވެ.

ދެވަނަ ހާފު ފަށައިގެން ހަތަރުވަނަ މިނެޓުގައި ޖަރުމަނުން ވަނީ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު ލެއޯން ގޮރެޓްޒްކާއެވެ. މި މެޗުގައި ޔުކްރެއިނުން ޖެހި ހަމައެކަނި ލަނޑު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ މެޗުގެ 77 ވަނަ މިނެޓުގައެވެ. ލިބުނު ޕެނަލްޓީއަކުން މި ލަނޑު ޔޫކްރޭނަށް ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު ރުސްލާން މަލިނޮވްސްކީއެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ޖަރުމަނު ޓީމުގެ ކޯޗު ޔަކީމް ލޯ ބުނީ މެޗުގެ ނަތީޖާއާ ދޭތެރޭ ހިތްހަމަ ނުޖެހޭ ކަމަށާއި، ޖަރުމަނަށް އެއަށްވުރެން ފަސޭހަކަމާ އެކު މޮޅުވެވުނީސް ކަމަށެވެ.

"ބައިކޮޅަށް ގޯލެއް ވަނުމުގެ ކުރިން ލީޑު ހަތަރު، ފަސް ގޯލަށް ފުޅާ ކުރަން ފުރުސަތު ލިބުނު. އަދި ފަހުން އިދިކޮޅު ޓީމަށް ދިން ޕެނަލްޓީއަކީ ވެސް ފަރުވާ ކުޑަކުރުމުގެ ނަތީޖާ. މާ ފަސޭހައިން ބޯޅަތައް ގެއްލެނީ. ދެ ގޯލަށްފަހު އިދިކޮޅު ޓީމު ފެނުނީ ވަރުބަލިކޮށް. އެކަމުގެ ފައިދާ ޓީމަށް ކުރި." ލޯ ބުންޏެވެ.

ޖަރުމަނުގެ ކުރީގެ ބައެއް ތަޖުރިބާކާރު ކުޅުންތެރިން ކަމަށްވާ ޖެރޯމް ބޮއެޓޭންގްއާއި ތޯމަސް މުލާ އަދި މެސުޓް އޮޒިލް ފަދަ ކުޅުންތެރިންނަށް ދެން ގައުމީ ޓީމުން ފުރުސަތު ދެވެން ނެތްކަމަށް ލޯ ބުނީ 2018 ވަނަ އަހަރުގެ ވޯލްޑްކަޕުގެ ނާކާމީޔާބީއަށްފަހު އެވެ. އެއަށްފަހު ލޯގެ އިރުޝާދާ އެކު ޖަރުމަނުގެ ސްކޮޑުގައި ގިނައިން ހިމަނާފައި ވަނީ ޒުވާން ކުޅުންތެރިންނެވެ.

comment ކޮމެންޓް