ރައީސާއި ނައިބު ރައީސްގެ މުސާރަ ކުޑަކުރި މައްސަލައިގެ އަޑުއެހުންތައް ފަށަނީ

ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް-19 އާއެކު ރައީސް އާއި ނައިބު ރައީސްގެ އިތުރުން ބައެއް މިނިވަން މުއައްސަސާތަކުގެ ވެރިންގެ މުސާރަތައް ކުޑަކުރަން ރައްޔިތުންގެ މަޖިލީހުން ނިންމީ ގާނޫނާ ހިލާފަށް ކަމަށް ބުނެ ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައާ ގުޅޭ އަޑުއެހުންތައް މި މަހުގެ 15 ގައި ފެށުމަށް ނިންމައިފި އެވެ.

އެކަމާ ގުޅޭ ދުސްތޫރީ މައްސަލައެއް ކޯޓަށް ހުށަހަޅާފައިވަނީ ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަހުމަދު ހަލީމްއެވެ.

ސުޕްރީމް ކޯޓުން އެ މައްސަލަ މިދިޔަ ޖޫން މަހުގައި ބަލައިގަތުމަށްފަހު މި މަހުގެ 15 ގައި އަޑުއެހުންތައް ފެށުމަށް ވަނީ ތައްޔާރުވެފައެވެ. އަދި އެ މައްސަލައިގައި އޮކްޓޯބަރު 15 ގައި ހާޒިރުވުމަށް އަންގައި އަމުރު ފޮނުވާފައިވަނީ ހަލީމަށެވެ.

ސުޕްރީމް ކޯޓުން ބުނެފައިވަނީ އެ މައްސަލައިގެ އަޑުއެހުން ކުރިއަށް ގެންދާނީ 11:00 ޖަހާއިރުން ފެށިގެން ކަމަށާއި އަޑުއެހުން ކުރިއަށްދާނީ އޮންލައިންކޮށް، މައިކްރޮސޮފްޓް ޓީމްސް ބޭނުންކޮށްގެން ކަމަށެވެ.

ކޮވިޑް-19 ބަލިމަޑުކަމާއި ގުޅިގެން މަޖިލީހުން މުސާރަ ކަނޑައަޅާ ފަރާތްތަކުގެ ތެރެއިން 20،000 އަށް ވުރެން މަތިން ލިބޭ ހުރިހާ ފަރާތްތަކުގެ މުސާރަތައް ކުޑަ ކުރުމަށް މަޖިލީހުގެ މާލިއްޔަތު ކޮމީޓީން ނިންމި ރިޕޯޓު 21 މެއިގައި މަޖިލީހުން ވަނީ ފާސްކޮށްފައެވެ. މުސާރަ ކުޑަ ކުރި މީހުންގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނައިބު ރައީސް ފައިސަލް ނަސީމްގެ މުސާރަވެސް ހިމެނެއެވެ. ނަމަވެސް އެ ދެ ބޭފުޅުންގެ މުސާރައަކީ ގާނޫނުގައި ލިޔެވިގެންވާ މުސާރައެއް ކަމުން ގާނޫނު އިސްލާހުނުކޮށް މަޖިލީހަށް އެ ބޭފުޅުންގެ މުސާރަ ކުޑަ ނުކުރެވޭނެ ކަމަށް ބައެއް ގާނޫނީ ބޭފުޅުން ދެކެވަޑައިގަންނައެވެ.

ވަކި ގާނޫނަކުން މުސާރައާއި އިނާޔަތްތައް ކަނޑައަޅާފައިވާ ފަރާތްތަކުގެ މުސާރަ ކުޑަކުރެވޭނީ ގާނޫނު އިސްލާހުކޮށްގެން ކަމަށް ބުނެ ހަލީމް ހުށަހެޅި މައްސަލައިގައި އެދިފައި ވަނީ މަޖިލީހުގެ ނިންމުން ގާނޫނާ ހިލާފު ކަމަށް ކަނޑައަޅައިދިނުމަށެވެ.

ރައީސް އާއި ނައިބު ރައީސްގެ މުސާރަ ކަނޑައަޅަނީ، 11/2009، "ރައީސުޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މުސާރައާއި އެހެނިހެން އިނާޔަތްތަކާ ބެހޭ ގާނޫނު"ގެ ދަށުންނެވެ. އެގޮތުން، އެ ގާނޫނުގެ ތިން ވަނަ މާއްދާގައި ބުނާގޮތުން، ރައީސުލްޖުމްހޫރިއްޔާގެ މުސާރައަކީ، 100،000 ރުފިޔާ އެވެ. ހަމަ އެ ގާނޫނުގެ 10 ވަނަ މާއްދާގައި ބުނަނީ ނައިބުގެ މުސާރައަކީ، 75،000 ރުފިޔާ އެވެ.

comment ކޮމެންޓް