އަބުޗާގެ ނެޓްވޯކުގެ އިތުރު ތިން މީހަކު ޝަރީއަތް ނިމެންދެން ބަންދަށް، ވަނަވަރު އާންމުކޮށްފި

އައްޑޫ ސިޓީގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަނުގައި ހައްޔަރު ކުރި މީހުންގެ ތެރެއިން އިތުރު ތިން މީހެއް ޝަރީއަތް ނިމެންދެން ބަންދުކޮށް އެ މައްސަލައިގައި ހައްޔަރު ކުރި އެންމެންގެ ވަނަވަރު ހާމަކޮށްފި އެވެ.

ޖުމްލަ 98.6 ކިލޯގެ މަަސްތުވާތަކެތި އަތުލައިގަތް އެ އޮޕަރޭޝަންގައި ހައްޔަރު ކުރި މީހުންގެ ތެރެއިން މިވަގުތު ހައްޔަރުގައި ތިބި ފަސް މީހުންގެ މައުލޫމާތު ފުލުހުން ވަނީ މިއަދު ހާމަކޮށްފަ އެވެ.

ފުލުހުން ބުނީ، ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވަނި، ސ. ހިތަދޫ/ ފިނިފަރު، ހަސަން އާމިރު 25، އާއި ސ. ހިތަދޫ/ބުލޫބާރޑް، ހޫދު ލަތީފް 24 އާއި ސ. ހިތަދޫ/މަންދޫބުގެ، ޙުސައިން ސިމާހު 27 އެވެ.

އެ މީހުންގެ ތެރެއިން ހޫދު ލަތީފަކީ އެމައްސަލައާ ގުޅިގެން މިދިޔަ ބުދަ ދުވަހުގެ ވަގުތެއްގައި ހައްޔަރުކޮށް، އެދުވަހު ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ މީހެއް ކަމަށް ފުލުހުން ބުންޏެވެ.

އަނެއް ދެމީހުން ޝަރީއަތް ނިމެންދެން ބަންދުގައި ބޭތިއްބުމަށް އަމުރުކޮށްފައިވަނީ އެދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހާޒިރުކުރުމުން ކަމަށް ފުލުހުން ބުންޏެވެ.

އެ ތިން މީހުންނާއެކު މިހާރު ޖުމްލަ ފަސް މީހަކު ވަނީ ޝަރީއަތް ނިމެންދެން ބަންދަށް ޖަހާފައެވެ.

އެނެޓްވޯކްގައި އެންމެ އިސްކޮށް އުޅުނުކަމަށް ފުލުހުން ތުހުމަތު ކުރާ ދެ މީހަކަށް މީގެ ކުރިން ވަނީ ޝަރީއަތް ނިމެންދެން ބަންދަށް ޖަހާފަ އެވެ. އެއީ ސ. ހިތަދޫ/ފިނިފަރު، ޢަބްދުﷲ އިބްރާހިމް 33 (އަބުޗާ) އާއި ސ. ހިތަދޫ/ކޯޅި، މުހައްމަދު ޔާމީން ނަސީރު 23 އެވެ.

އަބުޗާ (ވ) އާއި އޭނާއާ އެކު ދެން ހައްޔަރުކުރި މީހާ

ފުލުހުން ބުނީ މިމަހު އެއް ވަނަ ދުވަހުން ފެށިގެން އައްޑޫ ސިޓީގައި ހިންގި އެ އޮޕަރޭޝަންގައި މިހާތަނަށް ޖުމްލަ 16 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

އެ 16 މީހުންގެ ތެރެއިން އަށް މީހަކު ފުލުހުން އިއްޔެ ވަނީ ދޫކޮށްލާފަ އެވެ. އެ މީހުން ދޫކޮށްލީ ތަހުގީގަށް އިތުރަށް ބަންދުގައި ބަހައްޓަން ނުފެންނާތީކަމަށް ފުލުހުން އިއްޔެ ބުންޏެވެ.

އެ ތަކެއްޗަކީ ޕާކިސްތާނު ޑްރަގު ނެޓްވޯކަކާ ގުޅިގެން އަބުޗާ އިސްވެ ހުރެ ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު މަސްތުވާތަކެތި ކަމަށް ފުލުހުން ތުހުމަތު ކުރެ އެވެ. އަތުލައިގަތް މަސްތުވާތަކެތީގެ ތެރޭގައި އެމް.ޑީ.އެމް.އޭ އާއި، އެމްފިޓަމިން އާއި ހެރޮއިން ހިމެނެ އެވެ.

https://sun.mv/143865

comment ކޮމެންޓް