ވިންދޭ ތިއީ ...

ފާރޫޤު ދެފަރާތަށް ބޯ ހޫރާލީ މާޔޫސްވެފައި ހުރެ އެވެ. އެއާއިއެކު ޝާކިރަށް އޭނަގެ ބޮލުގައި ދެއަތުން ހިފަހައްޓާލެވިއްޖެ އެވެ.

"ފާރޫޤު!... އަހަންނަށް ގޮތް ހުސްވެއްޖެ... މިކަން ފަސޭހަ ގޮތަކަށް ނިމޭނެ ހެނެއް ހިއެއް ނުވޭ..." ޝާކިރު ހާސްވެގެން ގޮސް ސޯފާއަށް ވެއްޓިގަތެވެ.

********

"ކިހިނެއް ހަދަންވީ؟... ބުނެފިއްޔާ އޭނަ..." ފާރޫޤަށް ބުނެވުނީ އެހިސާބަށެވެ.

"އުހޫނ..." އެވާހަކަ ހުއްޓާލުމަށް އަތުން އިޝާރާތް ކުރަމުން، ޝާކިރު ބުންޏެވެ.

ފާރޫޤުގެ މޫނުން ނަޒަރު ވަކިކޮށްލުމަށްފަހު، ޝާކިރު ބަލައިލީ ސީލިންގަށެވެ. ކަންކުރާނެ ގޮތަކާއިމެދު ވިސްނައިލަން އޭނައަށް ވަގުތުކޮޅެއް ބޭނުންވީ އެވެ. އެތައް އިރަކު އެގޮތުގައި އިނދެފައި ތެދުވިއިރު، އެ މޫނުން ހަމަޖެހުމުގެ އަސަރު ފެންނަމުން ދިޔަ އެވެ.

"އޭނަ ދޫކޮށްލާ..." ޔަޤީންކަން ކުޑަ ރާގަކަށް، ޝާކިރު ބުންޏެވެ.

"ކީކޭ؟..." ހައިރާން ވީވަރުން ފާރޫޤަށް ވާހަކަ ދެއްކުނީ ފުދޭ ވަރަކަށް ބާރަށެވެ.

"އާނ!... ތި އިވުނީ ރަނގަޅަށް... އޭނަ ދޫކޮށްލާ..." ޝާކިރު އޭނަގެ ޖުމްލަ ތަކުރާރު ކުރި އެވެ.

ބޯ ޖަހާލާފައި ފާރޫޤު ނުކުމެގެން ދިޔައީ އެވެ. ޝާކިރު ހިންދިރުވައިލި އެވެ. ފޯނުގެ އިސްކުރީނުން ފެންނަމުންދިޔަ ތަސްވީރުގައި އޭނަ ފިރުމައިލީ ތުރުތުރު އަޅަމުންދިޔަ އަތަކުންނެވެ. އަނަމް އޭނާގެ ހުރިހާ ދަތެއް ފެންނަ ވަރަށް ހީލައިގެން އިންދައި ނަގާފައިވާ އެ ތަސްވީރު ވަނީ ޝާކިރުގެ ފޯނުގެ އިސްކުރީނު ފުރާލާފަ އެވެ.

********

ތަޅު ހަލާކުކޮށްލައިގެން އެތެރެއަށް ވަންއިރު، އައިވަންގެ ހިތް ވަނީ އަވަސް ވެފައެވެ. އަނަމްގެ ހާލެއް ނޭނގޭތީ އެ ހިތް ތެޅެމުން ދިޔައީ މާ ވަރަކަށެވެ. އެތެރެއަށް ވަދެ ދޮރު ލައްޕައިލުމުން، އޭނައަށް ކުރިއަށް ހިނގައިގަންނަން ވެސް ނޭނގުނެވެ. އެ ކަނު އަނދިރިކަމަށް ލޯ ހޭނޭތޯ އޭނަ އިރުކޮޅަކު ހުއްޓެވެ. ދެ އަތް ދެފަރާތަށް ހޫރަމުން، ކުރިއަށް އަޅާލި ފުރަތަމަ ފިޔަވަޅާއިއެކު އެއްޗެއްގައި އަޅައިގެންފި އެވެ. އެއާއިއެކު، އަމިއްލަ ހަށިގަނޑުގެ މައްޗަށް ބާރު ނުފޯރުވި، ބިންމައްޗަށް ވެއްޓެން ދިޔަ އެވެ.

ދެއަތް ބިންމަތީގައި ވިއްދައިލެވުނު ކަން އެއީ އައިވަންގެ ނަސީބެވެ. ތިރީގައި އޮތް އެއްޗެއްގެ މައްޗަށް އެހަށިގަނޑު ނުވެއްޓެނީސް ސަލާމަތްވި ނަމަވެސް، ކޮންމެވެސް މަޑު އެއްޗެއްގައި އޭނަގެ ތުންފަތް ޖެހުނު ކަމުގެ އިހުސާސް ކުރެވުނެވެ. ހަމަ އެވަގުތު އޭނަގެ މޫނާއި ދިމާއިން މީހެއްގެ ކުކުރުމުގެ އަޑު އިވުނެވެ.

"އަނަމް!..." އައިވަންގެ ދެލޯ ބޮޑުވި އެވެ.

އޭނައަށް އެ އޮވެވުނީ އަނަމްގެ ގައި މަތީގައި ހެއްޔެވެ؟ މަޑުމަޑުން އެއް އަތް އުފުލައި، އަޑު އައި ދިމާއިން އަތް ހިންގައިލި އެވެ. އައިވަންއަށް ހީވީ ރަނގަޅަށެވެ. އަތް ޖެހުނީ އަނަމްގެ މޫނުގަ އެވެ. ހޫނުވެގެން، އެ މޫނުން ވަނީ ދާ ހިއްލާލާފަ އެވެ. ހަންގަނޑުވެސް އާދަޔާ ޚިލާފަށް ހޫނެވެ.

އައިވަންއަށް ފުންމައިގެން ތެދުވެވުނު ގޮތްވެސް ނޭނގުނެވެ. އޭނައަށް އަތް ޖައްސައިލެވުނީ ތުންފަތުގަ އެވެ.

އަނެއްކާވެސް އަނަމް ކުކުރައިލި އެވެ. ހަށިގަނޑުގައި އެއްވެސް ވަރެއް ނެތް ފަދަ ގޮތަކަށް ކުކުރަމުން ދިޔައިރު، ވަށައިގެން ހިނގަމުންދިޔަ ކަމެއް އެ އަންހެން ކުއްޖާއަށް ނުވެސް އެނގޭ ކަހަލަ އެވެ. އައިވަން ތިރިވެ، އަނަމްއަށް ގޮވަން ފެށި އެވެ. އެތައް އިރަކު ގޮވި އިރުވެސް، ޖަވާބެއް ނުލިބުނެވެ. ކުކުރުމުގެ އަޑު ފިޔަވައި އިތުރު އަޑެއް ނުވެސް އައި މެއެވެ.

ހަދަންވީ ގޮތެއް ނޭނގި އިރުކޮޅަކު ވިސްނަން އިނދެފައި އައިވަން ނެގީ، އޭނާގެ ފޯނެވެ. ފޯނުގެ ޗާޖު ގޮސްގެން އޮތީ ނިވެން ކައިރިވެފަ އެވެ. ނޫމާނަށް ގުޅަން ފިތައިލުމާއިއެކު، ފޯނު ނިވިއްޖެ އެވެ. މާޔޫސްކަމުން ހަތަރުފަރާތް ވަށައިލި ކަމުގެ އިހުސާސް އޭނައަށް ކުރެވުނެވެ. އަނަމް އަތްދަނޑި މައްޗަށް އުފުލާލައިގެން އެތަނުން ނެރުން ނޫން ގޮތެއް އޭނައަކަށް ނެތެވެ. ބިންމަތީގައި އަތް ކާއްތަމުން ދަނިކޮށް، ދިޔާ އެއްޗެއްގައި އޭނަގެ އަތް ޖެހުނުހެން ހީވި އެވެ. އައިވަންގެ ހަރަކާތްތައް ވަގުތުން ހުއްޓުނެވެ. ބިރުން ގޮސް ފަހަތަށް ޖެހިލެވުނީ މާޒީގެ ހަނދާނެއް ސިކުނޑީގައި ޓަކި ދިނުމުންނެވެ. މަންޒަރު ސިފަވާން ފެށުމުން، އޭނައަށް ދެލޯ މަރާލެވުނެވެ.

********

"މަންމާ!... މަންމާ!..."

ރޮއެރޮއެފައި މަންމައަށް ގޮވަމުން ދިޔައިރު، އެ ކުޑަ ފިރެހެން ކުއްޖާ ވަނީ ލެއިން ފޯވެފަ އެވެ.

ވެއްޓިފައި އޮތް އަންހެން މީހާގެ އެތައް ތަނެއްގައި ވަނީ ފުން ޒަޚަމު ތަކެކެވެ. އެމީހާ އުނދަގޫ ގޮތަކަށް ދެލޯ ހުޅުވައިލި އެވެ. ނިތްކުރި މަތިން އޮހެމުންދިޔަ ލޭތަކުން ދެލޯ ފުރައިލި އެވެ. މަޔަކު އެދޭނީ ދަރިފުޅުގެ ސޫރަ ފަހު ފަހަރަށް ނަމަވެސް ދެކެލުމަށެވެ. އެމީހާ އަވަސް އަވަހަށް އެސްފިޔަ ޖަހަން ފެށީ އެކަން ހާސިލުވޭތޯ ކަން ޤައިމެވެ. އޮހެމުންދިޔަ ލެޔަކަށް ހުއްޓުމެއް ނައެވެ. ދަރިފުޅުގެ ގައިގައި ޖައްސައިލުމަށް، އަތް އުފުލައިލަން އުޅުނު ނަމަވެސް، އެމީހާއަށް އެކަން ވެސް ކާމިޔާބު ވާގޮތެއް ނުވި އެވެ. އޭރު މުޅި ހިސާބު ދިޔައީ ލެއިން ކަޅިވަމުންނެވެ.

ކުޑަ ފިރެހެން ކުއްޖާ އޭނާގެ ހަށިގަނޑުގައިވާ ޒަޚަމަކަށް ނުވިސްނަ އެވެ. ބިންމަތީގައި ވެއްޓިފައި އޮތް އަންހެން މީހާގެ ފުރާނަ ސަލާމަތް ކުރުން އެ ކުއްޖާއަށް މާ މުހިއްމެވެ. އެ ކުޑަކުޑަ ދެއަތުން، ތެޅިފައިވާ ބިއްލޫރިކޮޅުތައް އެއްފަރާތް ކުރި އެވެ. ވެއްޓިފައިވާ އަންހެން މީހާ ދަމާފައި މަގުން އެއްފަރާތް ކުރެވޭތޯ މަސައްކަތް ކުރަމުން ދިޔައިރު، މުޅި ތަނުގައި ހަރުލާފައި ވަނީ އެ ކުއްޖާގެ ވޭނީ ރުއިމުގެ އަޑެވެ. ވަރުބަލިވެގެން މާނޭވާ ލެވެމުން ދިޔަ އިރުވެސް، އެކުއްޖާގެ މަސައްކަތެއް ހުއްޓައެއް ނުލަ އެވެ. އެންމެފަހުން ހިއްވަރު އެލިގެން ތެދުވެ، ވަށައިގެން ނަޒަރު ހިންގައިލި އެވެ.

އެއިން ހިސާބަކުން ވެސް މީހަކު ފެންނާކަށް ނެތެވެ. އެ ތަނަކީ ކުނިކޮށި ހަދާފައިވާ ސަރަހައްދު ކަމުން، ރޭގަނޑުގެ ވަގުތު އެ ހިސާބަކުން މީހަކު ފެންނަނީ މަދު ފަހަރަކު އެވެ. ތަންކޮޅެއް ދުރުގައި ދިއްލާފައިވާ މަގު ބައްތިން، އެހިސާބަކަށް މާ ބޮޑު އަލިކަމެއް ނުވެ އެވެ. އެ މަގުން ދުއްވާ އެއްޗެއް ދަތުރު ކުރާތީވެސް ނުފެނެ އެވެ. ސަލާމަތަށް އެދި އާދޭސް ކުރާނީ ކާކުގެ ކައިރީގައި ކަމެއް ނޭނގޭ ޚާލު ފިރެހެން ކުއްޖާ ދެކޮޅަށް ދުވެދުވެލާ ހުއްޓެވެ.

"މީހެކޭ!... މީހެކޭ!..." އެކުއްޖާ ގޮވަމުން ދިޔަ އެވެ. ރޮވޭ ވަރުން އެ އަޑު ނުކުންނަނީވެސް ކިރިޔާ އެވެ.

އެ އަޑު އަހާނޭ މީހަކު ނެތެވެ. މަޔެއްގެ ފުރާނަ ސަލާމަތް ކުރުމަށް އެ ކުއްޖާ ކުރަމުންދިޔަ މަސައްކަތް ފެންނަ ކޮންމެ މީހެއްގެ ހިތް ފަޅައިގެން ދާވަރު ވެއެވެ. އެ ހަރަކާތްތަކަށް ބަލަން އޮތް އަންހެން މީހާގެ މައި ލަގޮނޑިއަށްވެސް އެ މަންޒަރު ބަލަން ކެތް ނުވާނެ ކަން ޤައިމެވެ.

ދުއްވާ އެއްޗެއްގެ އަޑު އިވުމުން، މަގުގެ އަނެއް ފަރާތުގައި ހުރެފައި، އެ ކުއްޖާ ފަސްއެނބުރި ބަލައިލި އެވެ. ބާރު ދުވެއްޔެއްގައި އައި ކާރު ދިޔައީ މަގުމަތީގައި އޮތް އަންހެން މީހާ އާއި ދިމާއަށެވެ. އެ މަންޒަރު ފެނުމާއިއެކު، އެކުއްޖާ ބާރަށް ހަޅޭއްލަވައިގަތެވެ. އެހެނަސް އެއަޑު ބޭރުވި އިރު، ވަގުތު ފާއިތުވެއްޖެ އެވެ. ކާރު ގޮސް އަންހެން މީހާގެ ގައިގައި ޖައްސައިފި އެވެ. އަންހެން މީހާގެ ފައިވާންކިބަ ވިއްސައިގެން ގޮސް ޖެހުނީ، ފިރެހެން ކުއްޖާގެ ފައިގަ އެވެ.

ކާރު ހުއްޓި އެވެ. އެއިން ފޭބީ ފިރެހެނެކެވެ. އެމީހާ ގޮސް ފުރޮޅު ދަށުގައި އޮތް އަންހެން މީހާއަށް ބަލައިލި އެވެ. ގުދުވެގެން އެކުރި ކަމެއް ކުރުމަށްފަހު، ދެކޮޅު ހޯދައި ބަލަން ފެށި އެވެ. މީހަކު ފެންނަން ނެތްކަން ކަށަވަރު ވުމާއިއެކު، ދުވެފައި ގޮސް ކާރަށް އެރި އެވެ. އަންހެން މީހާ އެ ހާލަށް ދޫކޮށްލުމަށްފަހު، އެމީހާ ފިލީ އެވެ.

ފިރެހެން ކުއްޖާގެ ދެލޯ ވަނީ ބޮޑުވެފަ އެވެ. ހަރަކާތެއްވެސް ކޮށްލަން ނޭނގި ގަބުވެފައި އަންހެން މީހާއަށް ބަލަން އެތައް އިރަކު ހުއްޓެވެ. އެ މީހާ އޮތް ގޮތް ފެނުމުން ވެސް، އެ ހަށިގަނޑުގައި ފުރާނަ ނެތް ކަން އެ ސިކުނޑިއަށް ނަގައިގަނެވުނެވެ. އެކުއްޖާ ގުދުވި އެވެ. ތުރުތުރު އަޅަމުންދިޔަ އަތަކުން، ފައިދަށުގައި އޮތް ފައިވާން ކިބަ ނެގި އެވެ. އޭގައި ހިފައި ބާރުކޮށްލުމާއިއެކު، ދެލޮލުން ހޯސްލާފައި ކަރުނަ އޮހިގެންފި އެވެ.

********

ޚިޔާލާއި ފިކުރުތަކުގެ ތެރެއިން ބޭރުވެވުނުއިރު، އައިވަންގެ ގިސްލުމުގެ އަޑު މުޅި ތަނުގައި ހަރުލާފައި ހުއްޓެވެ. އެ ހާދިސާއަށް ކިތަންމެ ދުވަހެއް ވީ ނަމަވެސް، ދެންމެ ވީ ކަމެއްހެން އޭނައަށް އެ މަންޒަރުތައް ސިފަވަމުން ދެއެވެ. ހިތާމަވެރި އެންމެ ހާދިސާއަކުން އަރާމު ނިދިން ވެސް އޭނަ ވަނީ މަޙުރޫމް ވެފައެވެ.

އަނެއްކާވެސް އަނަމް ކުކުރައިލި އަޑު އިވުނެވެ. ޚިޔާލީ ދުނިޔެ ސިކުނޑިން ނެރެ އެއްލައިލަން އޭނައަށް މަޖުބޫރު ކުރުވީ، ޙާލަތެވެ. އައިވަންއަށް އައު ހިއްވަރެއް ލިބުނުހެން ހީވި އެވެ. ބިންމަތީގައި އަތް ކާއްތަމުން ގޮސް، އަނަމް އޭނާގެ ދެއަތުގެ ބާރުގެ ދަށަށް ގެންދިޔަ އެވެ. އެއަށްފަހު، އެ ހަށިގަނޑު އަތްދަނޑި މައްޗަށް އުފުލާލައިފި އެވެ.

އެ އަނދިރި ގުދަނުގެ ތެރެއިން ނުކުމެވުނު ނަމަވެސް، އެ ގެއިން ނުކުންނާނެ ގޮތަކާއިމެދު އައިވަންއަށް ޖެހުނީ ވިސްނާށެވެ. އޭނަ ފުރަތަމަ އިސްކަން ދިނީ އަނަމްގެ އަތްފައި މިންޖު ކުރުމަށެވެ. ހަރަކާތް ހުސްވެފައިވާ އެ އަންހެން ކުއްޖާ، ވިނަގަނޑުގެ މަތީގައި ބާއްވާލުމަށްފަހު، އައްސާފައިވާ ވާތައް މޮހައިލީ ދާދި ފަސޭހައިންނެވެ.

އަނަމަގެ ބުރަކަށިން ހަލާކުވެފައިވާ ތަނުން ލޭ އަންނަމުން ދިޔަކަން އައިވަންއަށް އެނގުނީ ވާތައް މޮހާލަން އުޅުމުގެ ތެރޭގައި ތެތްކަމެއް އިހުސާސް ކުރެވުމުންނެވެ. ލައިގެން އިން ޓީޝާޓު ބޭލުމަށްފަހު، އަނަމްގެ ބުރަކަށިން ހަލާކުވެފައިވާ ތަނުގައި ޖައްސައި ބާރުކޮށްލި އެވެ. އޭނަ ތެދުވީ ލޭ މަނާ ވިކަން ކަށަވަރު ކޮށްފަ އެވެ.

އައިވަންގެ ހަރަކާތްތައް އަވަހެވެ. ގަސްތަކުގެ ތެރެއިން ގޮސް ގެއިން ނުކުމެވެން ހުރި ދޮރު ކައިރީގައި މީހަކު ހުރިތޯ ހޯދައިލި އެވެ. ގެއިން ނުކުމެވެން ހުންނަ ދޮރު ކައިރީގައި ދެމީހަކު ތިއްބެވެ. އެ ދެމީހުން ތިބީ ކޮންމެވެސް ކުޅިވަރެއްގަ އެވެ. ހީ ސަކަރާތްޖަހަމުންދިޔަ އަޑު އެ ހިސާބަށް އިވިއިވި ހުއްޓެވެ.

އަނަމް އެހާލުގައި އޮއްވާ ފާރުމަތިން ނޭރޭނެ ކަން އެނގޭތީ، އައިވަން ހާސްވެގެން ދެކޮޅަށް ހިނގަން ފެށި އެވެ. ކުއްލިއަކަށް ގުގުރައިލި އަޑު އިވުނެވެ. ވާރޭ ވެހެން ފެށީ، އިތުރު އިންޒާރެއް ދިނުމެއް ނެތި އެވެ. ހީވީ އައިވަންއަށް އޭނަ ބޭނުންވިފަދަ ފުރުސަތެއް ފަހިކޮށްދިން ހެންނެވެ. ބޭރުގައި ތިބި ދެމީހުން ދުވެފައި ގޭތެރެއަށް ވަނެވެ. ވަގުތުގެ ބޭނުން ހިފައި އަނަމް އަތްދަނޑި މައްޗަށް އުފުލާލައިގެން އެތަނުން ނުކުތުމަށް އައިވަން އަވަސްވެގަތެވެ.

********

ދެ ކުށްވެރިން ފަދައިން ނުހާ އާއި ނޫމާން ތިބީ، ސޯފާގަ އެވެ. ކުރިމަތީގައި އިން އަނަމްގެ ބޮޑުބޭބެ ސާލިޙްގެ ނަޒަރު ހުއްޓިފައިވީ ސީދާ އެ ދެމީހުންގެ މޫނަށެވެ.

"އަނަމްއަށް ދެރަގޮތެއް ވެއްޖެއްޔާ ޒިންމާ ނަގަންޖެހޭނީ ކަލޭމެން ދެމީހުން..." ސާލިޙް ރުޅި އައިސްފައި ބުންޏެވެ.

ނުހާ އެއްޗެއް ބުނަން އުޅުމުން، ނޫމާން އޭނަގެ އަތުގައި ހިފަހައްޓައިލި އެވެ. އެ އަމަލުން، އެކަމާއި ގުޅުވައިގެން އެއްޗެކޭ ބުނަން ނޫމާން ބޭނުން ނުވާ ކަން ނުހާ ދެނެގަތެވެ.

"ނަސްމާ ކައިރީ ދެން އަހަރެން ކީކޭ ބުނާނީ ވެސް... ކަލޭމެންނާ ދެކޮޅަށް އަހަރެން މައްސަލަ ޖައްސާނަން..." ސާލިޙް ތެދުވި އެވެ.

ހަޤީޤަތް ނުބަލާ ހިތަށް އައިހާ އިންޒާރެއް ދީފައި، އޭނަ ގޮސް ގެއިން ނުކުތެވެ. މަންޒަރު ބަލަން ނުހާ އިނީ ފެންކަޅިވެފަ އެވެ. އުފަލުން އުޅެމުން އައި އާއިލާ ވެއްޓިފައިވާ އަނދަވަޅުން ސަލާމަތް ކުރެވިދާނެ ކަމާއިމެދު އޭނައަށް ޝައްކު ވަނީ އެވެ.

"މިހާރު އެއޮއް ދަންވަރު ދޭއް ޖެހީ... އަދިވެސް އައިވަން އާ ނުގުޅޭތަ؟..." ނުހާ ހާސްވެފައި ސުވާލު ކުރި އެވެ.

ނޫމާން ބޯ ޖަހާލީ އެއްވެސް ގޮތެއް ނެތުމުންނެވެ. ނުހާ ހާސްވާނެކަން އެނގޭތީ، ކަންކަން ސިއްރު ކުރަން ބޭނުން ވިޔަސް، އެކަން ކުރެވޭކަށްވެސް ނެތެވެ.

"ނޫމާން!... އަހަރެން ވަރަށް ބިރުގަނޭ އެބަ... ހިނގާބަ ފުލުހުންނަށް އަންގަން..." ނުހާ ފެށީ ރޯށެވެ.

********

އަނަމް ގެންގޮސް ކާރަށް އަރުވާފައި ދުއްވައިލިއިރު، އައިވަން ހުރީ ތެމި ފޯވެފަ އެވެ. ވަރުބަލިވެގެން އޭނައަށް ރަނގަޅަށް ނޭވާވެސް ނުލެވެ އެވެ. ކާރު ގޮސް މަޑުކޮށްލީ، އެ ސަރަހައްދާއި ފުދޭވަރަކަށް ދުރުގައި ހުރި ގެއެއްގެ ކުރިމައްޗަށެވެ. ވަށާފާރު ރާނާފައި ނުވާ އެގޭގެ އިން ވަކިކޮށްފައި ވަނީ، ވަށައިގެން ޖަހާފައިވާ ބަގީޗާ ގަސްތަކުންނެވެ.

ގެއަށް ވަދެވެން ހުންނަ ދޮރުގެ ދެފަރާތުގައި ދެ ގަސްޕޮޓު ބަހައްޓާފައި ހުއްޓެވެ. ދެ ގަހުގައިވެސް އެކި ކުލަކުލައިގެ ރީތި ފިނިފެންމާތައް ފޮޅިފައި ހުއްޓެވެ. އެތަނުން އެއް ޕޮޓުގެ އެތެރޭގައިވާ ވެލިތައް ކުޑަކޮށް ކޮނެލުމާއިއެކު، އައިވަންގެ އަތުގައި ހަރު އެއްޗެއް ޖެހުނެވެ. އެއީ ދަގަނޑުން ހަދާފައިވާ ކުޑަ ފޮއްޓެކެވެ. އައިވަންގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވި އެވެ. ފޮށީގެ މަތި ހުޅުވައިލާފައި އޭގައި އޮތް ތަޅުދަނޑި ނެގީ އެތެރޭގައި އޮތީ ކޮން އެއްޗެއް އެނގިގެން ނަގާ ކަހަލަ ގޮތަކަށެވެ.

އައިވަން ހީކުރިގޮތާއި ޚިލާފަށް ގޭތެރެ އޮތީ ސާފުކޮށެވެ. މަކުނުވަލުގެ އަސަރެއް ނެތް ތަނުގައި މުށިތަކުގެ މަތިވެސް އޮތީ ރީތިކޮށެވެ. ފަރުނީޗަރުތަކުގެ މަތީގައި ހުދު ފޮތި އަޅާފައިވާއިރު، ފޮތިތައް ހުދުކަމުން އަޖައިބުވާހައި ވެއެވެ. ކޮންމެވެސް މީހަކު އެ ގެ ބަލަހައްޓަމުން ދާކަން އައިވަންއަށް އެނގުނެވެ.

ސޯފާގެ މަތީގައި އޮތް ފޮތިގަނޑު ރީތިކޮށްލުމަށްފަހު، އައިވަން ބޭރަށް ނުކުތީ، ކާރުގެ ފަހަތު ޝީޓުގައި ބާއްވާފައި އޮތް އަނަމް ގޭތެރެއަށް ވެއްދުމަށެވެ. އަނަމް ގެނެސް ސޯފާގައި ބާއްވައިލުމަށްފަހު، އޭނަ ގޮސް ވަނީ، ބަދިގެ އަށެވެ. ބަދިގޭގެ ފާރުގައި ހަރުކޮށްފައިވާ ކަބަޑު ތެރޭގައި ބޭސް އަޅާފައިވާ ކުޑަ ފޮއްޓެއް އިނެވެ.

އައިވަންގެ އަމަލުތައް ހުރިގޮތުން އެ ގެއަކީ އޭނައަށް އައު ތަނެއް ނޫންކަން އެނގެ އެވެ. ބޭސްފޮށި ހިފައިގެން އައިސް އޭނަ އިށީނީ ސޯފާގެ ކައިރީގަ އެވެ. އެ ނަޒަރު ހުއްޓިފައިވީ އަނަމްގެ ލޫޅާފަތި ހަށިގަނޑަށެވެ. ތެމިފައި އޮތުމުން، ލައިގެން އޮތް ހެދުން ވަނީ އެ ހަށިގަނޑުގައި ތަތްލާފަ އެވެ. ބޮލުގެ އިސްތަށިގަނޑު ތެމި، މޫނުމަތީގައި ބައެއް އިސްތަށިކޮޅުތައް ތަތްލާފައި އޮތެވެ.

އެއް އަރިއަކަށްވާހެން އަނަމް ފުރޮޅައިލުމަށްފަހު، ބުރަކަށީގައިވާ ޒަޚަމަށް އައިވަން ފުން ނަޒަރެއް ދިނެވެ. ފުންކޮށް ކަފައިގެން ގޮސްފައިވާ އެ ތަނުން ފުދޭ ވަރަކަށް ލޭ އައިސްފައި ހުއްޓެވެ. ތެމިފައި އޮތުމުގެ ސަބަބުންނާއި، ލެޔާއިއެކު އަނަމް ލައިގެން އޮތް ހެދުން ހަޑިވެފައި އޮތުމުން، އެ ހެދުން ހަށިގަނޑާއި ވަކިކޮށްލަން އައިވަންއަށް މަޖުބޫރު ވިއެވެ.

(ނުނިމޭ)

comment ކޮމެންޓް