ކޮރަޕްޝަނުގެ މައްސަލަތައް ބަލަން ކުރާ ހަރަދުވެސް ދައުލަތަށް ނުލިބޭތީ ކަންބޮޑުވުން

އޮކްޓޯބަރ 15، 2019: އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ފަރާތުން ނޫސްވެރިންނަށް މައުލޫމާތު ދިނުން -- ސަން ފޮޓޯ/ ފަޔާޒުމޫސާ

ކޮރަޕްޝަނާއި ވައްކަމާއި ހިޔާނާތުގެ މައްސަލަތައް ބަލަން ޖެހޭ ސަބަބުތައް ބައިވަރެވެ. އޭގެ ތެރެއިން އެއް ކަމަކީ އެ ކުށް ކުރި މީހާއަށް އަދަބު ދިނުމެވެ. އަނެއް ކަމަކީ އެ ހިޔާނާތެއްގެ ތެރެއިން ގެއްލުނު ފައިސާ ދައުލަތަށް ހޯދުމެވެ. އެކަމަކު އެކަން ވޭތޯ އެއީ ބޮޑު ސުވާލެކެވެ. ދައުލަތުން ވައްކަން ކޮށްގެން ނުވަތަ ހިޔާނާތުގެ ތެރެއިން ގެއްލުނު ފައިސާގެ ތެރެއިން ކިހާ ފައިސާއެއް ދައުލަތަށް މިހާތަނަށް ލިބިއްޖެ ހެއްޔެވެ؟

ވޭތުވެ ދިޔަ ހަފްތާގައި ރައްޔިތުންގެ މަޖިލީހުގައި ވަރަށް ހޫނުކޮށް އެ މައުލޫއަށް ބަހުސް ކުރެވުނެވެ. ގިނަ މެމްބަރުންގެ ސުވާލަކަށް ވީ ވެސް ގެއްލުނު ފައިސާގެ ތެރެއިން ދައުލަތަށް މިހާތަނަށް ލިބުނީ ކިހާ ފައިސާއެއް ހެއްޔެވެ؟ އަދި އެ ފައިސާ ހޯދަން މިހާތަނަށް ދައުލަތުން ކިހާ ހަރަދެއް ކޮށްފި ހެއްޔެވެ؟ އަދި ބޮޑެތި އަދަދުތަކުން ފައިސާ ގެއްލިފައި ވަނިކޮށް އިސްކަމެއް ދީގެން ބޮޑު ހަރަދު ކޮށްގެން ކުދި ކުދި މައްސަލަތައް އެންޓި ކޮރަޕްޝަން ކޮމިޝަނުން ބެލުމުން އޭގެން ލިބުނު ފައިދާ އަކީ ކޮބައި ހެއްޔެވެ؟ އެ ހުރިހާ ސުވާލަކާއެކު މެމްބަރުންގެ ބޮޑެތި ކަންބޮޑުވުންތަކެއް ވަނީ ބަންޑުން ކޮށްލާފަ އެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް މަޖިލީހުގެ ތަޅުމުގައި ބަހުސް ކުރައްވަމުން ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވީ އޭސީސީ އުފެދުނު ފަހުން 12 އަހަރު ވެފައިވާއިރު ކޮރަޕްޝަނާ ގުޅިގެން ކިތައް މީހުންގެ މައްޗަށް ދައުވާ ކުރެވުނުތޯ އެއީ އުފެދޭ ސުވާލެއް ކަމަށެވެ.

ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން -- ފޮޓޯ/ މަޖިލިސް

"ކިހާ ފައިސާއެއްތޯ ދައުވާކޮށްގެން ހޯދުނީ. ނުވަތަ އެ ކޮރަޕްޝަން އެންޓި ކޮރަޕްޝަން ކޮމިޝަނުގެ މަސައްކަތާއި ދޭތެރޭ ރައްޔިތުން ދެކެނީ ކިހިނެތްތޯ މިއީ އަޅުގަނޑުމެން މިއަދު ކޮށްލަން ޖެހޭ ސުވާލެއް." އަލީ ހުސައިން ވިދާޅުވި އެވެ.

އަލީ ހުސައިން ވަނީ ދައުލަތުގެ ކަމާ ބެހޭ އިދާރާއަކުން ހިއްސާ ކުރި މައުލޫމާތެއް ކަމަށް ވިދާޅުވެ ބައެއް މައުލޫމާތު ހިއްސާކުރައްވާފަ އެވެ. އޭނާ ވިދާޅުވާގޮތުން ދައުލަތުގެ ބަޖެޓުން އޭސީސީއަށް ކުރާ ހަރަދުވެސް ކޮރަޕްޝަނުގެ މައްސަލަތައް ބަލައިގެން ދައުލަތަށް ހޯދިފައެއް ނެތެވެ.

އެކަމަށް ބަލާއިރު ފަސް މެމްބަރުންނާއި 40 ވަރަކަށް އިންވެސްޓިގޭޓަރުން ބައިތިއްބައިގެން ކުރެވެނީ ކީއްތޯ އަލީ ހުސައިން ސުވާލު ދުފެއްދެވި އެވެ. އަދި ރާއްޖޭގައި ކޮރަޕްޝަން ހިންގާ ފަރާތްތަކުގެ އެކަށީގެންވާ ތަހުގީގެއް ނުހިންގި ދައުވާ ނުކުރެވިގެން އުޅެނީ ކީއްވެތޯވެސް އޭނާ ސުވާލު އުފެއްދެވި އެވެ. އަދި ވަކި ބާރެއް ނުލިބިގެން މައްސަލަތައް ލަސްވާ ކަމަށް ބުނާ މައްސަލައަށް މިހާރު ގާނޫނުތަކަށް ގެންނަ އިސްލާހާ އެކު ހައްލު ލިބިގެންދާނެ ކަމަށް އަލީ ހުސައިން ވިދާޅުވި އެވެ.

މެމްބަރު އަލީ ހުސައިންގެ ސުވާލުތަކަކީ މިހާތަނަށް ރައްޔިތުންނަށްވެސް ޖަވާބު ލިބިފައި ނުވާ ސުވާލުތަކެކެވެ. ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖުވެސް ވަނީ ހަމަ އެ ސުވާލުތައް މަޖިލީހުގެ ތަޅުމުގައި ބަހުސް ކުރައްވަމުން ކުރިމަތި ކުރައްވާފަ އެވެ.

މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ/ މަޖިލިސް

"އަޅުގަނޑަށް ފެެންނަ މަންޒަރުތަކުން އަޅުގަނޑަށް ލިބިފައިހުރި މައުލޫމާތަށް ބަލާއިރު ވަރަށް މަދު މައްސަލައެއްގައި ފިޔަވާ ޕްރޮސެކިއުޓަ އޮފީހަށް ދައުވާކުރަން ފޮނުވިފައެއް ނުވޭ. ދައުލަތުގެ ބަޖެޓުން އެތައް މިލިއަނެއް އެތައް ބިލިއަނެއް ވޭތުވެ ދިޔަ 12 އަހަރުގެ ތެރޭގައި އޭސީސީއަށް މިހާރު ވަނީ ހަރަދު ކުރެވިފައި." މޫސާ ސިރާޖު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެކުރި ހަރަދުން ރައްޔިތުންނަށް ހާސިލްވީ ކޮން ކަމެއްތޯ އެއީ ބަލާލަން ޖެހޭ ކަމެއް ކަމަށެވެ. އޭސީސީއަށް މާ ބޮޑު މަސައްކަތްތަކެއް ކުރެވިފައި ނުވާ ކަމަށް މޫސާ ސިރާޖު ވިދާޅުވި އެވެ.

"ރަށެއްގައި ހިނގާ ކުޑަ ކުޑަ ކޮރަޕްޝަނުގެ ކަމެއް. ބަލަން ޖެހޭނެ ކިތަންމެ ކުޑަވިޔަސް. އެހެންނަމަވެސް އެންމެ އިސްކަމެއް ދީގެން އަޅުގަނޑުމެންނަށް މިފެންނަނީ މިބާވަތުގެ މައްސަލަތައް. މިސާލަކަށް 2000 ރުފިޔާއަށް ހިޔާނާތްވާ މައްސަލައެއް ބަލައެއް 30،000 ރުފިޔާ ހަރަދުކޮށްފައި އެރަށަށްގޮސް އެމައްސަލަ ބަލާތަން އަޅުގަނޑުމެންނަށް އެބަފެނޭ." މެމްބަރު މޫސާ ސިރާޖު ވިދާޅުވި އެވެ.

ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު -- ފޮޓޯ/ މަޖިލިސް

ހިޔާނާތުގެ ބޮޑެތި މައްސަލަތައް ދައުލަތުގެ ބަޖެޓުން ގެއްލިފައިވާ ބޮޑެތި ފައިސާގެ މައްސަލަތައް މިހާތަނަށް އޭސީސީއަށް ބެލިފައި ނުވާ ކަމަށް ސިރާޖު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އޭސީސީއަށް މިހާރު އައްޔަނުކޮށްފައި ތިބި މެމްބަރުންގެ މައްސަލައަކަށްވެސް އެކަން ވެދާނެ ކަމަށެވެ.

މެމްބަރުންގެ ކަންބޮޑުވުމަކީ ކޮރަޕްޝަނުގެ މައްސަލަތަށް ބެލުމުގެ ނަމުގައި ބޮޑެތި ހަރަދުތަކެއް ކުރާއިރު އޭގެން ދައުލަތަށް ލިބޭ ފައިދާއެއް ނެތުމެވެ. ކުދި މައްސަލަވެސް ބަލަން ޖެހޭނެކަން މެމްބަރުން ފާހަގަކުރި އެވެ. އެކަމަކު ހިޔާނާތުގެ ބޮޑެތި މައްސަލަތަކަށް އިސްކަމެއް ދީ އަވަހަށް ބަލަން ޖެހޭނެ ކަމަށް މެމްބަރުން ވަނީ ފާހަގަކުރައްވައިފަ އެވެ.

comment ކޮމެންޓް