ސަނާ ހާން ފިލްމް އިންޑަސްޓްރީ ދޫކޮށްލައިފި

ސަނާ ހާން

"ޖޭ ހޯ" ފަދަ ފިލްމުތަކުން މަގުބޫލުކަން ހޯދާފައިވާ ބޮލީވުޑް އެކްޓްރެސް ކަމަށްވާ ސަނާ ހާން ފިލްމު އިންޑަސްޓްރީއިން ވަކިވާން ނިންމައިފި އެވެ.

ސަނާ ދާދި ފަހުން ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އެންޓަޓެއިންމެންޓް އިންޑަސްޓްރީ ދޫކޮށްލަން ނިންމާފައިވާ ކަމަށެވެ.

އުމުރުން 33 އަހަރުގެ ސަނާ ފިލްމު އިންޑަސްޓްރީ ދޫކޮށްލުމަށް ނިންމާފައިވަނީ ދީނީ ސަބަބުތަކާ ހުރެ ކަމަށް އޭނާ ވަނީ ހާމަކޮށްފައެެވެ.

"މުނިފޫހިފިލުވުމުގެ ދާއިރާގައި އަހަރެން މަސައްކަތް ކުރާތާ ވަރަށް ދުވަސްވެއްޖެ. އެއިން ލިބުނު ލޯތްބާއި މަގުބޫލުކަމަށް ޝުކުރުވެރިވަން. އެހެންނަމަވެސް ރަނގަޅު ގޮތް ދަސްވެ މިހާރު ބޭނުންވަނީ ދުނިޔެއަށް ފޮނުވާފައިވާ ސަބަބުގައި ހިފައި މާތްﷲގެ ނަމުގައި ރަނގަޅު މުސްލިމަކަށް ވުމަށް،" ސަނާގެ ޕޯސްޓުގައި ބުންޏެވެ.

އިންޑަސްޓްރީއާ ދުރަށްގޮސް ދީނީ ގޮތުން ރަނގަޅު އަޅަކަށް ވުމާ ހަމައަށް މަސައްކަތް ކުރުމަށް މަގު ފެނުމަކީ އޭނާއަށް ލިބުނު އެންމެ ބޮޑު އުފާވެރިކަން ކަމަށް ސަނާ ބުންޏެވެ.

ސަނާގެ ނިންމުމާއެކު އޭނާއާ އެކު މަސައްކަތް ކޮށްފައިވާ ބައެއް ތަރީން ވަނީ އޭނާއަށް މެސެޖުކޮށް އޭނާ އަށް މަރުހަބާ ކިޔާފައެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ސަނާއަށް ސަޕޯޓުކުރާނެ ކަމަށާއި އޭނާގެ ނިންމުންތަކަށް ތައުރީފުކުރާ ކަމަށް ބައެއް ތަރީން ވަނީ ބުނެފައެވެ.

comment ކޮމެންޓް