ޑިއަރ ލިލީ 26

މާތް ﷲ ގުރުއާނުގެ މުލްކު ސޫރަތުގެ ދެވަނަ އާޔަތުގައި ވަހީ ކުރައްވާފައިވެއެވެ. (ٱلَّذِي خَلَقَ ٱلۡمَوۡتَ وَٱلۡحَيَوٰةَ لِيَبۡلُوَكُمۡ أَيُّكُمۡ أَحۡسَنُ عَمَلٗاۚ وَهُوَ ٱلۡعَزِيزُ ٱلۡغَفُورُ) މާނައަކީ އެކަލާނގެއީ ތިޔަބައިމީހުންކުރެ އެންމެ عمل ރަނގަޅީ ކާކުތޯ امتحان ކުރެއްވުމަށްޓަކައި، މަރުވުމާއި، ދިރިހުރުން، އުފެއްދެވި ރަސްކަލާނގެއެވެ. އަދި އެކަލާނގެއީ، عزيز ވަންތަ، ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެއެވެ.

***

"ޝައުންއާއި ހެދި އެހެން ގާލްސް އިން އުޅުނީމަ ޕިސެސް މީ އޮފް. ހީޒް މައިން. އައި ވިޝް އެލީނާއާއި ޝައުންވެސް މިކަމާއިހެދި މައްސަލަ ޖެހިގެން ވަރިވާނެ ނަމައޭ ހަހަ....." ޒައިރާ ކޮކޯ ތަށްޓެއް ހިފައިގެން ގޮސް ސޯފާގައި ހަމަޖެހިލިއެވެ. ބޮޑު ބިއްލޫރި ދޮރުތަކުން ވާރޭ ވެހޭ މަންޒަރު ފެނެއެވެ. މިގޮތަށް ޝައުންގެ ގެއެއްގައި އެމެރިކާ ތަނެއްގައި ސްނޯ ވެހޭތަން ބަލަން "ވިޝުއަލައިޒް" ކުރުމުން ސިކުނޑި ވަކިން ރިލެކްސްވެ ހިނިތުން ވެވިއްޖެއެވެ.

ކުއްލިއަކަށް ނޭފަތުގައި ޖެހުނީ ރަބަރު ކަހަލަ އެއްޗެއް އަނދާ ވަހެވެ.

ތަނެއްގައި ރޯވީ ބާވައެވެ. ލޫކާއާއި ލިލީ ކޮބާހެއްޔެވެ. ޒައިރާއަށް ފުންމައިގެން ތެދުވެ ދުއްވައިގަނެވިއްޖެއެވެ. ކޮޓަރީގެ ދޮރު ހުޅުވާލުމާއެކު ތަނުގައި ދުންގަނޑު ފެތުރެން ފެށިކަން ފާހަގަވެ އޭނަ ވަގުތުން ފޯނު ނެގިއެވެ. ފަޔާއަށް ގުޅަން އެވަގުތުވެސް އޭނަގެ ސިކުނޑި އެންގިއެވެ. އެގެ ހުރިތަން ބުނެދިންއިރު އޭނަ ވަދެހުރީ ލިލީގެ ކޮޓަރިތެރޭގައެވެ. އަވަހަށް ލިލީ އުރާލިއިރު ލިލީވެސް ކޮށި އަރާ ކެއްސަންފެށިއެވެ. ތެތް ތުވާއްޔެއް އެކުއްޖާގެ ގައިގާ އޮޅާލައިގެން ނުކުންނާން ދުއްވައިގަތްއިރު ލޫކާ މަތިން ހަދާންވިއެވެ.

"ލޫކާ.....ނީވް. " ކަރުފަޅައިގެންދާ ހާ ބާރަށް ޒައިރާ ހަޅޭއްލަވައިގަތެވެ.

އޭރު ލޫކާ ހުރި ތަނެއްގައި ހުރެފައި އޭނަ ގެންގުޅޭ ބުދުތައް ކޮތަޅަކަށް ލައިގެން ނުކުމެ ނުކުމެ ހުއްޓެވެ. އެ ދޮންމޫނު ރަތްވެ ނޭފަތުން ފެންފައިބާއިރު ކެއްސަމުން ދިޔައީ އުދަގޫގޮތަކަށެވެ. ކޮށި އަރައިގެން އުޅޭފަދަ ގޮތަކަށެވެ. ނީވް އައިސް ވަނީ ބޭރުންނެވެ. ބަދިގެއާއި ދިމާލުން އޭރު އަލިފާންގަނޑު ފެންނަމުން ދިޔައެވެ. ނީވް ހޭކަނޑާލާފައި ދުއްވައިގަތީ ފެންހޮޅިއާއި ދިމާލަށެވެ. ޒައިރާ މަސައްކަތްކުރީ ކުދިން ވީހާވެސް ދުރަށް ގެންދެވޭތޯއެވެ. ގެ އެއްކޮށް އަނދައިގެން ދިޔަސް ކުދިން ސަލާމަތުން ތިބިއްޔާ އެއީ ރަހުމަތެކެވެ. ޒައިރާ އެހެން ލާފައި ދިޔަ ކާރެއް ހުއްޓުވާ އަރާފައި ސްކައިމޯ ހޮސްޕިޓަލަށް ގެންދާން އެދުނެވެ. އަލިފާނުގެ ހާދިސާގައި ދުމުން ކުދިންނަށް އަސަރުކޮށްފައިވާކަން އެގިގެން ޑްރައިވަރުވެސް އަވަސްވެގަތީ އޭނަގެ ވާޖިބު އަދާކުރުމަށެވެ. އޭރުވެސް ލިލީ ހުއްޓުމެއްނެތި ކެއްސަނީއެވެ.

"މޭ ﷲ ހޭވް މާސީ އޮން ދިސް ލިޓްލް ވަން...." ޒައިރާ އެކުއްޖާ މެޔާލާ ބޮނޑިކޮށްލައިފިއެވެ.

މިކުއްޖާއާއިމެދު ހާދަ ހަމްދަރުދީއަކާ ލޯތްބެއް ހިތުގައި އުފަންވެއްޖެއެވެ. މި ކުއްޖާ ބަލި ކުއްޖަކަށް ވީމަ ކަމަށް ވެދާނެއެވެ. ޒައިރާ އާއްމުކޮށް ރޮއި އުޅޭ ކުއްޖަކަށް ނުވިޔަސް ކަރުނަތިއްކެއް ކޯތާފަތުން ތިރިއަށް ދެމިގެންފިއެވެ. ކާރު ނައްޓައިލިއިރު ފަޔާ ލޮރީގެ ސައިރެންގެ އަޑު ކަންފަތުގައި ޖެހި ހިތަށް ހަމަޖެހުމެއް ލިބުނެވެ. އެހިސާބަށް މީހުން އެއްވަމުންދާކަންވެސް ފާހަގަވިއެވެ. ޝައުންމެންނަށް ޚަބަރު ލިބޭއިރު ޝޮކަކަށް ނުދާނެހެއްޔެވެ؟ ހީކުރާނީ ލޫކާއާއި ލިލީވެސް އެގޭތެރޭގައި ވާނެކަމުގައެވެ. ޒައިރާގެ ޚިޔާލު އެގޮތް މިގޮތަށް ދަތުރުކުރަމުން ދިޔައިރު އޭނަ ކިޔާންއަށްވެސް ގުޅައިފިއެވެ. ވެގެން އުޅޭގޮތް ކިޔައިދިނެވެ. ކިޔާން އޭރު ސާޖަރީއަކުން ނިމިގެން ހުރީ ސްކްރަބްގައެވެ. ޝައުންގެ ފޯނަށްވެސް އޭނަ ގުޅިއެވެ. ބިޒީ ޓޯންއެވެ. އެހެންވެ ދުއްވައިގަނެވުނީ އިމަޖެންސީއާއި ދިމާލަށެވެ. އެވަގުތަކީ ލިލީއާއި ލޫކާވެސް އެތަނަށް ގެނެވުނު ވަގުތެވެ. ކިޔާންއަށް ބޭ އިޚުތިޔާރުގައި ލިލީ އަތުތެރެއަށް ލެވުނެވެ. ނޭވާލަން އުދަގޫވެފައިވައިރު އެކުޑަ މޫނު ކޮޅު ހުދުވެފައެވެ.

"ލިލީ...ލިލީބެލްސް...."

"ވަރަށް ކުޑަކޮށް ދުމުގެ އަސަރު ކުރާނީ. ވަގުތުން ގެއިން ބޭރަށްލިން. ލޫކާއަށް ކަން ނޭގޭ ބޮޑަށް އެކަމުގެ އަސަރުކުރާނީ....." ޒައިރާ ކިޔާދިނެވެ.

"އާ ޔޫ އޯކޭ ޒައިރް..." ކިޔާން އެހީ ވަރަށް އޯގާތެރިކޮށެވެ.

"ގިނަފަހަރު ނޭވާ ނުލާ އުޅުނީ..."ޒައިރާ ގެ އެސްފިޔަތައް ހުރީ ތެމިފައެވެ.

އޭނަ ކެމީލާއަށް ގުޅިއެވެ.

ކެމީލާގެ ފަރާތުން ލިބުނީ އެހާ ބިރުވެރި ޚަބަރެކެވެ. ރޭގެ ހާދިސާއިން ޖުއާންގެ އެކުވެރިއަކު ވަރަށް ބަލިވެގެން އަދިވެސް ހޮސްޕިޓަލުގައި ފަރުވާދެމުން ދާ ކަމަށާއި ޖުއާން ވަރަށް ދެރަވެފައި ހުރިކަމަށެވެ. ރުއި ކަމަށެވެ. އެކަމަކު އެގޭގައި އޭނަގެ ސަބަބުން ޖެހިގެން އުޅޭ ހާ ކަންތައްގަނޑު ސިއްރުކުރިއެވެ. އޭނައަށް ރެއިން ފެށިގެން ކޮޓަރިން ނިކުންނަން ނުކެރި ކޮޓަރީގައި ބަންދުވެގެން އިން ވާހަކަ ބުނާކަށް ނުކެރުނެވެ. އެހެންވެ އޭނަ މިހިރީ ރޭ ދަންވަރު ޗޮކްލެޓެއް ކައިލިގޮތަށް ރޯދައަށެވެ.

"ލިލީމެންނަށް އެ ޖޫސް ނުބޮވުނީ ކީއްވެ؟ "

ތާނީއާއި ވިޝާ އަދި ލިލީއަށް މާ ގިނަ ޖަންކްފުޑް ކެވުނީ. ތާނީ ބަލިވީމަ އާއެކު ނުކެވޭތީ ކާހިތްވެސް ނުވީ. ޗިޕްސްއާއި ނަޓްސް ޗޮކްލެޓް ކަހަލަ އެއްޗެއް ކައިގެން ފޮނި އެއްޗެއްވެސް ކެވުނީ. ތަންކޮޅެއް ފަހުން ކާން ހިތަށް އެރީ. އެކަމަކު އެންމެން ބަލިވާން ހެދީމަ އެނގިއްޖެ މީހަކު ޖޫހަށް އެއްޗެއް އެޅީކަން...."

"ނަސީބެއްނު ކޮއްކޮ ސަލާމަތްވިކަން. ދެން ޕާޓީތަކަށް ނުދައްޗޭ..."

"ޔެސް. އެއީ ގޯސްކަމެއްކަން އެނގުނު ވަގުތުން ފެށިގެން ދުވަހަކު އެގޮތަށް ޕާޓީއަކަށް ނުދާން އަޒުމް ކަނޑައެޅީ." ކެމީލާ ހީލިއެވެ.

***

ލިލީޕެލެސްގެ ބަދިގޭގައި ރޯވި އަލިފާންގަނޑު ނިއްވާލެވުނުއިރު ބަދިގެ އެއްކޮށް ކަހަލަ ގޮތަކަށް އަނދާ ހުލިވެ އެހެން ކޮޓަރިތަކަށްވެސް އަލިފާނުގެ އަސަރުކުރިއެވެ. ޔަގީނުންވެސް އެގޭގައި ދިރިނޫޅެވޭވަރުވިއެވެ. ޝައުންއަށް އެ ޚަބަރު ލިބުނުއިރު އޭނަވެސް ހުރީ ކެންސަރު ބަލިމީހެއްގެ ސާޖަރީގައެވެ. އެލީނާއާއި އާއިޒާ ބާޒާރު ކުރަން ތިއްބާ އެ ޚަބަރު ލިބިގެން އާދެވުނުއިރު ކުދިން ސަލާމަތްވިކަން އެނގުނެވެ. ނީވް އަލިފާން ނިއްވަން މަސައްކަތްކުރިކަން އެނގުނެވެ. އެލީނާ ދެރަވީ އޭނަ އެހާވަރުން ޑިޒައިން ކުރުވި ލިލީ ތީމްއަށް ވާ އެ ރީތި ހުވަފެނީ ގެ ހަލާކުވުމުންނެވެ. އެގެ އަލުން އިމާރާތްކުރެވެންދެން އޭނަ ދިރިއުޅޭނީ މަންމަމެން ގާތުގައެވެ. އެލީނާއަށް މަންމަމެންގެ ފަރާތުން ލިލީމެންގެ ހާލު އޮޅުން ފިލުމުން ހޮސްޕިޓަލަށް ދާން އަވަސްވެގަތެވެ. އިމަޖެންސީ ރޫމް ކައިރިން މަންމައާއި ބައްޕައާއި ދިމާވިއިރު އެލިނާގެ ލޮލުން ކަރުނަ ނުހިކެއެވެ.

"ގެ އެއްކޮށް ހަލާކުވީ. ޑެލިބެރޭޓްކޮށް މީހަކު ކުރި ކަމަކާ ވައްތަރީ...."

"ދަރިފުޅު ހެދުނު ޒިކުރުކުރިންތަ؟ ގެއިން ނިކުންނަމުން ދުއާކުރިންތަ؟ މާތްﷲއާއި ވަކީލުކުރިންތަ؟ " އަމީރު އެއްސެވިއެވެ.

"ނޫން ބައްޕާ. އަޅުގަނޑު ހަދާނެއްވެސް ނެތް..."

"އެހެންވީމައޭ. ދަރިފުޅުމެން މަތްﷲ މަތިން ހަދުމަ ނުކުރަންޏާ ކިހިނެއް ވާނީ؟"

އެލީނާއަށް ބައްޕަ އެވަގުތުވެސް ދެއްވީ ނަސޭހަތެވެ. އެލީނާ ކަންބޮޑުވެ އަމިއްލަ ނަފުސާއިމެދު ވިސްނައިލަން މަޖުބޫރުވި ވަގުތުކޮޅެކެވެ. އެބުނާހެން އެވީ އެގޮތަށް ހެއްޔެވެ؟ އޭނަގެ ގޭގައި ބަރަކާތް ނުލައްވަނީ އުޅެވޭގޮތަކުން ބާވައެވެ. އޭނަ މާތްﷲ ހަދުމަނެތިކޮށްލުމުން މާތްﷲ އަޅާގެ މަތިން ހަދުމަނެތި ކޮށްލެއްވީބާވައެވެ. އޭނައަށް އުޅެވެނީ އެހެން މީހުންނަށް ހަގީގަތް ފޮރުވައިގެންނެވެ. ކަޅު ހެދުމުގެ ނިވަލުގައި ފިލާ ހުރެ މާތް ސޫރައެއް ދެއްކޭއިރު އޭނައެކޭ ނިވާނުވެ އުޅޭ ކުއްޖެކޭ ހުރި ތަފާތެއް ނުފެނެއެވެ، އެހެން ކުދިން މާ ވަފާތެރި އިހުސާންތެރިންނަށް ވެދާނެއެވެ. އިންސާނުން ވެއްޖެއްޔާ ފާފަކުރެވޭނެއެވެ. ގޯސްހެދޭނެއެވެ. ނަމަވެސް އޭނައަށް މިއުޅެވެނީ ހުރިހާކަމަކުން ކިޔާންގެ ލޯބީގެ އަވައިގާ ޖެހިފައެވެ. ލޯބިވާންވީވެސް މާތްﷲއަށްޓަކާކަން އޭނަ ދަނެއެވެ. ލޯބީގެ ފޮނިކަމާއި މީރުކަން ނަސީބު ނުކުރައްވައިގެން އުޅެނީ އެހެންވީމައެވެ. އެންމެ ކުރިން ވާން ޖެހޭނީ ހެއްދެވި ފަރާތުގެ އާޝިގަކަށެވެ. އެލީނާ އިސްޖެހިފައި ހުރިއިރު ލޮލުން ކަރުނަތައް ތިކި ތަޅަމުން ދިޔައެވެ.

***

ސޯފިއާ ޖުއާން އަށް ޗޮކްލެޓް ތަށްޓެއް ގެންގޮސްދިނެވެ. އަދި ކުރިމަތީގައި ހުރި ގޮނޑީގައި ދެއަތް ތިލަ އުނގުގައި ބާއްވައިގެން އިށީނެވެ.

"ޖުއާން. މަންމަ ގަބޫލުކުރަން ކެމީލާ އެކުރީ ކުށެއްކަން. އޭނަގެ ސަބަބުންކަން ދަރިފުޅު ބަދުނާމުވީ. އެކަމަކު އެންމެ ފަހަރަކުވެސް ދަރިފުޅުގެ ކުށެއް އޮތްކަމަށް ގަބޫލުނުކުރާނީތަ؟ދަރިފުޅަށް ހަމަ ނޭގި ޑްރަގް ބޭނުން އެކުރީ؟އެކުވެރިޔާ މަރާ ހަގުރާމަކުރަން އައިސީޔޫގައި އެއޮތީ؟ " ސޯފިއާގެ އަޑުގައި ލޯބި އެކުލެވުނަސް ހަރުކަމެއް ވިއެވެ. އެހެން މައިންބަފައިން ހަދާހެން ކުދިންނަށް ހަޅޭއްލެވުމުގެ ބަދަލުގައި ކުށެއްކުރިޔަސް ސޯފިއާ ވާހަކަދައްކަނީ ރީތިކޮށެވެ.

"އައި ސްވިއާ. އެއްގޮތަކަށްވެސް ނުދެނެހުރިން...." ޖުއާން ތަށި ހިފައިގެން ރަހަ ބަލާނުލާ އިނެވެ.

"ދަރިފުޅަށް ސޯޅަ އަހަރު. ނުވިސްނޭވަރުގެ ކުއްޖެއް ނޫން. މަންމަ ބުނެދީފައި އޮންނާނީ މިކަހަލަ ޕާޓީތަކުގައި ޕާޓީ ޑްރަގް ބޭނުންކުރާ ވާހަކައާއި ސަމާލުވާން. މަންމަ ނުބުނަމޭ ޖުއާންއަށް އެއްފަހަރުވެސް ނުބުނެވޭނެ. މިހާރު މިވީގޮތުން މުޅި އާއިލާގެ ނަން ޚަރާބުވީ. މީހުން ކިހާ މަލާމާތްކުރާނެ. ދަރިފުޅުގެ ނަން ކްލިއާ ކުރަން މަސައްކަތް އެބަކުރެވޭ އެކަމަކު މީހުން ބުނާނީ ކީކޭކަން ދަރިފުޅަށް އެނގޭތަ؟ ރައީސް މީހާގެ ދަރި ވީމަ މަތި އަޅާ ފޮރުވައިލީއޭ. ޖުއާންގެ ކުށެއް ނެތްކަން ދެނެވޮޑިގެންވަނީ ހެއްދެވި ފަރާތް. އިންސާނުންނަކަށް އެކަމެއް ނޭގޭނެ." ސޯފިއާ ގެ މޫނުމަތިން ފެނުނީ ސީރިއަސްކަމެވެ.

"މަންމަ އަޅުގަނޑަށްޓަކާ އެންމެ ކަމެއް ކޮށްދެއްވާ. ކެމީލާއައެކު މިގޭގައި ދެނެއް ނޫޅެވޭނެ...."

"މީހުންނަށް މާފުކުރަންވެސް ދަސްކުރޭ ޖުއާން. މަންމަ ނިންމާނީ މަންމައަށް ފެނުނު އެންމެ ރަގަޅުގޮތަކަށް. މަންމަ ކެމީލާއާއި ވާހަކަ ދައްކާނަން. އެންމެންގެ ހިތުގައި ކެމީލާއަށްޓަކާ ނަފްރަތުވަނީ....އެކަމަކު އިންސާފަކީވެސް އޮތް އެއްޗެއް. އޭނަގެ ކުށަކީ އެކަން ފުލުހުންނަށް ރިޕޯޓްކުރިކަން. އަންގަން ޖެހޭ ފަރާތްތަކަށް ނޭންގިކަން. ތަންކޮޅެއް ޅަ ވީމަ ފަހަރެއްގައި އެވަގުތު ކަންތައް ކުރަންވީގޮތް ސިކުނޑިއަށް ނައީކަމަށް ވެދާނެ.. މަންމަ ވިޝާއާއި ތާނީއާވެސް ވާހަކަދައްކާނަން..." ސޯފިއާ ބުނެލިއެވެ.

"ކެމީލާ ކުރި ކަމަކަށްވާނީ. ސިއްރު އެޖެންޑާއެއް އޮތް. ރިވެންޖް ނަގަން އޭނަ އުޅެނީ..." ޖުއާން ޔަގީންކުރިއެވެ.

***

ކެމީލާ ކޮޓަރީގައި އޮތްވާ މީހަކު ދޮރުގައި ޓަކިދިނެވެ. ހުޅުވައިލިއިރު ދޮރުމަތީގައި ހުރީ ގޭގައި އުޅޭ ފްރެންޗް ޚާދިމާއެކެވެ. އޭނަ އަންނަން އެދުމުން ކެމީލާ ކަންބޮޑުވެގެން ހުރެ ފަހަތުން އައެވެ. ގެންދިޔަ ކޮޓަރީގައި ސޯފިއާއާއި ވިޝާވެސް އިނެވެ. ސޯފިއާގެ ކުރިމަތީގައި ހުރި ގޮނޑީގައި ވިޝާ އިށީދެލައިގެން އިނދެފައި ކެމީލާއާއި ހަތަރުކަޅި ހަމަކުރިއެވެ. ސޯފިއާ އެންގީ އިށީނުމަށެވެ. ދެކުދިން ކައިރީގައި އިށީދެ ހަމަޖެހިލުމުން ރޭގައި ކަންތައް ހިނގިގޮތް ކިޔައިދޭން ސޯފިއާ އެދުނެވެ. ވިޝާ އޭނައަށް ފެނުނު މަންޒަރުތައް ކިޔާދިން އިރު އޭނަވެސް އިނީ ފިނިވެފައެވެ.

"ކާކު ޖޫސް ގިރީ؟ " ސޯފިއާ އެހިއެވެ.

"ނޭގޭ. އެކަމަކު...." ވިޝާ އެއްޗެކޭ ބުނަން އުޅުނެވެ.

"އަޅުގަނޑު ޖޫސް ތަށިތަކަށް އެޅިން......" ކެމީލާ ހިންދިރުވައިލިއެވެ.

"އެހެންވެއެއްނު ކެމީލާ ޖޫސްތަށިތަކަށް ޑްރަގް އެޅިކަމަށް އެހެން ކުދިން ގަބޫލުކުރީ. އަދި ނުވީތާކަށް ފުލުހުންނަށް ގުޅީ. ކާކު ބުނީ ފުލުހުންނަށް ގުޅާށޭ؟ "

"ކޮންމެވެސް ކުދިންތަކެއް އެތާ ތެރެއިންވެސް އެހެން ކިއިދޯ. އެހެންވެ ކެމީލާ ގުޅީ.." ވިޝާ ހަގީގަތް ބުނެލިއެވެ.

"ކުޑަކުދިންގެ ތެރޭވެސް ބުއްދިވެރިން އުޅޭ. ފުލުހުންނަށް ގުޅީމަ ކުށްވެރިންގެ ގޮތުގައި ދެކެ ބަދުނާމުވާނެވަރު ވިސްނަންޖެހޭނެއްނު. ޖުއާންއަށް އެ ދެވުނީ ވަރަށް ބޮޑު ގެއްލުމެއް. މިހާރު ޖުއާން ބޭނުންވަނީ އެނބުރި ބޭރަށް ދާން. ކިހިނެއްހެއްޔޯ މީހުންނާ ކުރިމަތިލާނީ؟ ކެމީލާމެން ޖޫސްނުބޮއި ތިބުމުން ޝައްކު ކުރެވޭ. މިކަންތަކާ ގުޅިގެން ބެލި ބެލުމުން ކެމީލާގެ އާއިލާއިން ސިއްރުވެރިކަންތައް ކުރާކަން ޔަގީންވެއްޖެ. ފުރަތަމަ ކަމަކީ ކެމީލާގެ ބޭބެ އެހެރީ ޝައުން ގާތުވެސް ތިއީ ތިމަންނަގެ ކޮއްކޮ ކަމަށް ނުބުނެ. އަދި ލޫކާމެންގެ ނެނީއަކީ ކެމީލާގެ ދައްތަކަންވެސް ފޮރުވައިގެން ތިބީ. އެކަންތައްވެސް އެނގުނު ގޮތަކަށް ޝުވޭކާރަށްވެސް އެނގިގެން ގުޅި. ކެމީލާގެ މައުސޫމް މޫނުގެ ފަހަތުގައި ތިހިރީ ކާކުކަމެއް ނޭގޭ. ކެމީލާ ޖަވާބުދީބަލަ. ކީއްވެ ފުލުހުންނަށް ގުޅީ..." ސޯފިޔާގެ ހަރުކަށި ނަޒަރު ކެމީލާއަށް ހުއްޓުނެވެ.

"ސޯފީ އާންޓީ. ޝީޒް ޖަސްޓް އެ ކިޑް. އެހެންވެ މިސްޓޭކެއް ހެދުނީ. ޕްލީޒް ފޮގިވް ހާ...." ވިޝާގެ ހިތުގައި ހަމްދަރުދީ އުފެދުނެވެ.

"ކެމީލާ އަތުގައި މިގޭ އެންމެންގެ ނަމްބަރު އޮތް. ކީއްވެ މާ ދުރުގައި ތިބި ބަޔަކަށް ގުޅީ؟ މާފުކުރިޔަސް މި އާއިލާގައި ޖެހުނު ހުތުރު ލައްގަނޑު ނުފިލާނެ. ނޫސްވެރިންނަށް ދެވުނު އަގުހުރި ހަދިޔާއަކަށް އެ ޚަބަރު ވީ. މުޅި ސޯޝަލް މީޑިއާގައި އެވާހަކަ................................." ސޯފިއާ ކިތަންމެ މަޑުމައިތިރިކޮށް ވާހަކަ ދެއްކިޔަސް ކެމީލާއަށްޓަކާ ހިތުގައި ވާ ލޯބި ހިނގައްޖެ ކަމުގައި ކެމީލާއަށް ގަބޫލުކުރެވުނެވެ.

ސޯފިއާއަށް ފޯނެއް އައުމުން ތެދުވެގެން ދާން ހިނގައިގަތުމުން ކެމީލާގެ އަތުގައި ވިޝާ ހިފައިލިއެވެ.

"ދެރަނުވޭ. އައިމް ވިތް ޔޫ. ފިލާވަޅެއް ދަސްވެއްޖެ. ހަގީގަތުގައި ގޯސްކުދިންނާއެކު އުޅެވުނީމަ މިކަހަލަ ލަނޑު ލިބެނީ. ދީނީ ރަގަޅު އެކުވެރިން ހޯދަން ދީން ބާރު އަޅާ ސަބަބަކީ އެއީ. ޖޮންގެ ގޯސް ފްރެންޑްއިން ތިބީމަ ޖޮންގެ އަގު ވެއްޓުނީ. ނޮޓް ބިކޯޒް އޮފް ޔޫ. ހަމަޖެހިލާ. ސޯފީ އާންޓީ ވަރަށް ރަގަޅުވާނެ. އަދި މާފުވެސް ކުރާނެ. އެހެންނޫނަސް ކެމީލާގެ ފެމިލީއެއް އެބައޮތް ދޯ. ނުލާހިކު ލޯބިވާ މާމައަކާއި ބޭބެ އަދި ދައްތަ އެބަހުރި. މިގެއިން ދާން ޖެހުނަސް ގެއްލޭނެ މާ ބޮޑު އެއްޗެއް ނޯންނާނެ...." ވިޝާ ކެމީލާއަށް ވިސްނައިދޭން މަސައްކަތްކުރިއެވެ.

"ޖަޒާކަﷲ ޚައިރަން....."

"ދީނަށް ލޯބިކުރާ ކުދިންނަށްވެސް ފާފައެއް ކުރެވިދާނެ. އައިމް ޝުއާ އަދި ކެމީލާ ތިހާ ޅަވީމަ ދީނަށް އުޅެން މަސައްކަތް ކުރިޔަސް ނޭގޭ ކިތަންމެ އެއްޗެއް ހުންނާނެކަމާއި އަދި ދަސްވެފައިވާނީ ކުޑަ މިންވަރެއްކަން. އަހަންނަށްވެސް ގޯސްހެދޭ. އަބާޔާ ލައިގެން ހުރެ ބެސްޓީއަކަށް ޖޮން މިހިރީ. ބޯއި އެއް. މަހުރަމަކަށް ނުވާ ފިރިހެނަކާއި އެފަދަ ގުޅުމެއް އޮތީމަވެސް ސުވާލު އުފެދޭނެ. ޔޫ ނޯ ވަޓް. ތެދަށް ބުނަންޏާ ބައްޕަ އެވަރަށް ދަރުސް ދެއްވާއިރުވެސް ޝައިތާނާ ސިކުނޑިއަށް ވަދެ އޮޅުވާލާ ހެއްލުން ތެރި ކުރުވާ ފަހަރު އާދޭ. އެކަމަކު ފާފަ ކުރެވިއްޖެއްޔާ ތައުބާ ވެވޭނެ ދޯ. އަހަންނާއި ކެމީލާގެ އޭޖް ކުޑަވީމަ އަދި ދީނީ ވިޔަސް ބައްޕަމެންފަދަ އަޅުވެރިންނަށް ނުވެވޭނެ ދޯ. އެކަމަކު ހިނގާ ޓްރައި ކުރަމާ...." ވިޝާ ހިނިތުންވެލިއެވެ.

***

ޝައުން ލޫކާއާއި ލިލީ ގޮވައިގެން ގެއަށް ދާން ތައްޔާރުކުރުވިއެވެ. ދެކުދިންގެ ހާލު ފުދޭވަރަކަށް ރަގަޅެވެ. ކޮންމެވެސް ވަރަކަށް ކެއްސުން ފިޔަވާ އިތުރު އުދަގުލެއް މިހާރު ނެތެވެ. ޝައުން ކާރަށް އަރާ ލޫކާ ކުރީ ސީޓުގައި ބޭންދިއެވެ. އެލީނާ ލިލީ އުނގުގައި ބައިންދައިގެން ފަހަތު ސީޓަށް އެރިއެވެ.

"ކޮންތާކަށް ތިދަނީ؟ " ޝައުން ލަނބައިލީ އުތުރަށް ކަމުން އެލީނާ ހާސްވިއެވެ.

"ލިލީ ޕެލެސްގައި ނޫޅެވޭނެއްނު. ސޯ އަހަރެންގެ ގެއަށް މިދަނީ....."

"ބަޓް... އަހަންނަށް އުޅެވޭނީ މަންމަމެން ގާތު..."

"އެލީނާ ބޭނުމިއްޔާ އެގެއަށް ދޭ...."

"ކުދިންނޯ..."

"އަހަރެން ގާތު ތިބޭނީ...." ޝައުން ހުންގާނުގައި ތަންކޮޅެއް ބާރަށް ހިފެހެއްޓިއެވެ.

"ގެ އަނދައިގެން ދިޔައީމަ އަހަންނަށް ބްލޭމްކުރަނީތަ؟ މީހަކު ރުޅި އަންނަވަރުގެ ކަމެއް ނުކުރަމޭ. ތިގެއަށް ގޮއްސަ ހުރިހާ ފިރިހެނުންގެ ގާތު ކިހިނެއް އުޅޭނީ؟ ހަތަރުދަމު ކަޅު ހެދުންލައިގެން ބުރުގާ އަޅައިގެން އުޅެންވެއްޖެއްޔާ މޮޔަވެދާނެ......" އެލީނާ ބުމަ ކައިރިކޮށްލައިގެން ވިސްނުމެއްގައި އިނެވެ. ލޫކާ އިނގިލި ޖަހައިގެން ވިސްނުމެއްގެ ތެރޭގައެވެ. އެހާ ކުޑައިރުވެސް މައިންބަފައިން ކިތަންމެ ރީތިކޮށް މަޑުމައިތިރިކޮށް ވާހަކަދެއްކިޔަސް ހިތް ހަމަނުޖެހިފައިވާކަން އެނގިގެން ދެރަވެފައި އިންފަދައެވެ.

ޝައުން ޖަވާބެއް ނުދިނެވެ.

އެލީނާއަށް އެ ސުވާލުގެ ޖަވާބު ވިސްނުނުފަދައެވެ. ކަޅުހެދުމުގެ ފަހަތުގައި ނިވާވެ ހުރެ ދުނިޔޭގައި ލެއްވިހާ ފާފައެއް ކުރުމަކީ ރަގަޅުގޮތަކީ ހެއްޔެވެ؟ އަމިއްލަ ނަފުސާއިމެދު ނުބައިކޮށް ވިސްނެން ފެށުމުން އެލީނާ ހިމޭންކަން ޚިޔާރުކޮށް ކާރުގެ ބިއްލޫރިގަނޑުން ބޭރަށް ބަލަންފެށިއެވެ. މަޑުމަޑުން ބިއްލޫރިތަކުގައި ވާރޭގެ ތިކިތައް ބޮސްދޭން ފެށިގޮތަށް އިރުކޮޅެއްނުވެ އެތައް ހާސް ތިކިތައް ހަމަލާދޭންފެށިއެވެ. ވައި ގަދަވިއެވެ. ކުއްލިއަކަށް ތޫފާނެއް ބޯމަތިވިފަދައެވެ. އޭނަގެ ސިކުނޑީގައިވެސް އޭރު އުފެދިފައިވާ ތޫފާން ވަކި ކުޑައެއްނޫނެވެ. އޭނަގެ ހަޔާތަށް މި އަންނަން އުޅެނީ ކޮންފަދަ ބޮޑު ޒަލްޒަލާއެއް ހެއްޔެވެ؟ އޭނައާއި ޝައުން އެކީ އުޅުނަސް އޭނައަކީ މިހާރު އިއްދައިގާ އިން އަންހެނެކެވެ. އަދި ކިޔާންއާއި އޭނަގެ ގުޅުން އެނގިއްޖެއްޔާ ވާނެގޮތެއް ހިތަށް އެރުމުން މެޔަށް ނުބައިގޮތެއްވެ ހަތަރެސްފައި ފިނިވެއްޖެއެވެ. ލިލީ މޭގައި ޖައްސާ ބާރުކޮށްލެވުނެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު