ރައީސް ޔާމީން މިނިވަންކޮށް، ދިން އަނިޔާތަކަށް ބަދަލު ލިބެންޖެހޭ: ޝިޔާމް

ޖޫން 22، 2020: މެމްބަރު ޝިޔާމް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަބްދުލްގައްޔޫމްގެ އަށް ބޭންކް އެކައުންޓު ފްރީޒްކުރަން ކޯޓު އަމުރު ނެރުނީ ގޯސްކޮށް ކަމަށް ސުުޕްރީމް ކޯޓުން ނިންމުމާއެކު، އެމަނިކުފާނު މިހާރުން މިހާރަށް ދޫކޮށްލަން ޖެހޭ ކަމަށާއި، ނުހައްގުން ދިން އަނިޔާގެ ބަދަލު ލިބެންޖެހޭނެ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާ މެމްބަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ އަށް އެކައުންޓެއް ފްރީޒް ކުރުމުގެ އަމުރެއް މިދިޔަ އަހަރު ކުރީކޮޅު ކްރިމިނަލް ކޯޓުން ނެރުނީ އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން ދައުލަތަށް ލިބެންޖެހޭ ފައިސާ އެމަނިކުފާނުގެ އެކައުންޓަށް ޖަމާވެފައިވާ ކަމަށް ބުނެ އެފަދަ އަމުރަކަށް ފުލުހުން އެދުމުންނެވެ. އެ އަމުރުގައި ބުނެފައިވަނީ އެ ފައިސާ ނުހިފަހައްޓައިފިނަމަ އޭގެން އެމަނިކުފާނު މާލީ މަންފާއެއް ހޯދުމުގެ ފުރުސަތު އޮތް ކަމަށާއި ދައުލަތަށް ގެއްލުންވެދާނެ ކަމަށެވެ.

ކްރިމިނަލް ކޯޓުގެ އެ އަމުރު ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުން ވަނީ އެ އަމުރު ބާތިލުކޮށްފަ އެވެ. އެހެންކަމުން، ދައުލަތުން ހައިކޯޓުގެ ހުކުމް ސުޕްރީމްކޯޓުގައި އިސްތިއުނާފު ކުރި އެވެ.

މިއަދު އެ މައްސަލައިގައި ސުޕްރީމް ކޯޓުން ހުކުމް ކުރީ ރައީސް ޔާމީންގެ އެކައުންޓްތައް ފްރީޒްކުރީ ގާނޫނާ ހިލާފަށް ކަމަށެވެ.

މިރޭ "ސަން" އާ ވާހަކަދައްކަވަމުން މެމްބަރު ޝިޔާމް ވިދާޅުވީ ރައީސް ޔާމީން މިހާރުން މިހާރަށް ދޫކޮށްލަންޖެހޭނެ ކަމަށާއި އެމަނިކުފާނުގެ މައްޗަށް އުފުލިފަ ހުރި ދައުވާއެއް ވިއްޔާ މިހާރު ބާތިލް ވެފައިވާކަަށް ގަބޫލުކުރައްވާ ކަމަށެވެ.

"އެމަނިކުފާނަށް ކުރެވުނި އަނިޔާ، އެމަނިކުފާނަށް ދެވުނު އަނިޔާތަކަކީ ބަދަލު ލިބެންޖެހޭނެ އަނިޔާތަކެއް. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެނޫން ގޮތަކަށް އެކަންތައް ވެގެންނުވާނެ،" ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ރައީސް ޔާމީނަށް ނުހައްގުން އަނިޔާކުރަމުން ދަނީ ސަރުކާރުގެ ނުފޫޒުން ކަމަށެވެ. އެހެންކަމުން މިހާރުން މިހާރަށް ރައީސް ޔާމީން ދޫކޮށްލަން ޝިޔާމް ވަނީ ގޮވާލައްވައިފައެވެ.

"ރައީސް ޔާމީން މިނިވަންކުރަން. ގެއަށް ބަދަލުކުރާނީކީ ވެސް ނޫން، ހަމަ މިނިވަން ކުރަން ޖެހޭނީ. އެއީ ބާތިލު ދައުވާތަކެއްގެ މައްޗަށް، ބާތިލު ހުކުމެއް ކްރިމިނަލް ކޯޓުން އެމަނިކުފާނުގެ މައްޗަށް އިއްވާފަ އެމަނިކުފާނު މިހާރު 10 މަސް ދުވަސް ޖަލުގައި އެ ހޭދަކުރައްވަނީ. އެހެންވީމަ އެކަމުގެ ބަދަލުވެސް ދިވެހި ރައްޔިތުން ބޭނުންވާނެ ލިބެން،" ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް މިރޭ ވިދާޅުވީ ގައުމެއްގެ މަސްލަހަތު ގެއްލޭނެ އެންމެ މައިގަނޑު އެއް ސިފަ އަކީ އެ ގައުމެއްގެ ޝަރުއީ ނިޒާމު ކޮރަޕްޓުވުން ކަމަށާއި، މިހާރު އެ ސިފަ ރާއްޖެއިން ފެންނަމުންދާ ކަމަށެވެ.

"ރާއްޖޭގެ ޝަރުއީ ނިޒާމު އިސްލާހުކުރަން އައި ބަޔަކު އަޅުގަނޑުމެންނަށް މި ފެންނަނީ ޝަރުއީ ނިޒާމާ ދޭތެރޭގައި ކަންތައްތައް ކުރަމުންދާ ގޮތް. އެމީހުން ބޭނުންވާ ދިމާލަކަށް ފިތާލާފަ، ބޭނުންވާ ދިމާލަކުން ވައި ދުއްވާލާފަ، އެކަހަލަ ގޮތަކަށް ނޫންތޯ މިދަނީ؟" ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވަނީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު، މަނީ ލޯންޑްރިންގެ ދެ ދައުވާއަކަށް އިއުތިރާފުވެވަޑައިގަތުމުން ވެސް ދެ މިލިއަން ރުފިޔާގެ ހުކުމެއް އަންނަންވީ ކީއްވެގެންތޯ ސުވާލު އުފައްދަވައިފައެވެ.

"އެހެންވީމަ ދައުވާއަކަށް މިލިއަނެއް މި އައީ. މިއީ ކޮން އިންސާފެއްތޯ؟ މީ ދިވެހި ރައްޔިތުން ވެސް ސުވާލު އުފައްދާން ކަންތައްތައް،" ޝިޔާމް ވިދާޅުވިއެވެ.

އިއުތިރާފު އެއްބަސްވުމުގެ ދަށުން އަދީބުގެ ހުކުމް ލުއިވެގެން ގޮސްފައިވާތީ އެކަމަށް ވެސް ޝިޔާމް ފާޑުވިދާޅުވިއެވެ. ޝިޔާމް ވިދާޅުވީ ކޮންމެ މީހަކު ވެސް ވައްކަން ކުރުމަށްފަހު އެކަމަށް އިއުތިރާފުވުމުން އެ ހިސާބުން ކުށް ނުކުރާ މީހަކަށް ވެގެންދާ ކަމަށެވެ.

އަދި އެއަށްފަހު އެހެން ބައެއްގެ ބޮލުގައި ތުހުމަތު އެޅުވުމުގެ ފުރުސަތު ވެސް ލިބިގެންދާ ކަމަށާއި، ހަމައެއާއެކު ސަރުކާރުން ބޭނުންވާ ގޮތަކަށް، ބަޔާންތައް ވެސް ނެރެވިދާނެ ކަމަށެވެ. ޝިޔާމް ވިދާޅުވިގޮތުގައި، އަދީބު އިއުތިރާފު އެއްބަސްވުން ހެއްދެވީ ޕީޖީ އާއެކު އެއް ނޫނެވެ. ސީދާ ސަރުކާރާ އެކުގައެވެ.

"އެކަން އަސްލު ހިނގާފައި އޮތް ގޮތަކީ ސަރުކާރުން ބޭނުންވަނީ އަހްމަދު އަދީބު ލައްވައި ސަރުކާރުން ބޭނުންވާ ގޮތަކަށް ބަޔާންތަކެއް ނެރެން. ސަރުކާރުން ބޭނުންވާ ބައެއްގެ ބޮލުގައި ތުހުމަތުތަކެއް އަޅުވަން،" ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ އިދިކޮޅު ސިޔާސީ ޕާޓީއެއް އޮތުމުން ސަރުކާރަށް އުނދަގޫވާ ކަމަށާއި ސަރުކާރުން ބޭނުންވަނީ އިދިކޮޅުގައި ތިބި މީހުން ޖަލަށް ލުމަށެވެ.

"އެހެންވެގެން އަހްމަދު އަދީބު އެކަންކަމަށް އިއުތިރާފުވެވަޑައިގަތީ. އިއުތިރާފުވެވަޑާއިގެން ދެން މިއަދު އިދިކޮޅުގަ މަސައްކަތް ކުރާ މީހުންތަކަށް ސިޔާސީ ގޮތުން އަނެއްކާވެސް އަނިޔާތަކެއް ލިބުމުގެ ކޮޅުމަތި މި ފެންނަނީ. މިހާރުވެސް ރައީސް ޔާމީނަށް ލިބެމުންދާ އަނިޔާތަކަކީ ސިޔާސީ ގޮތުން، ނުހައްގުން، ނާއިންސާފުން ދެވޭ އަނިޔާތަކެއް،" ޝިޔާމް ވިދާޅުވިއެވެ.

އަދި "ބޮޑު ވަގަކު" ދޭ ނަންތަކެއް ދައުލަތުން ގަބޫލުކުރުމަކީ ކިހާ ވަރެއްގެ ކަމެއްތޯ ރައްޔިތުން ވިސްނާލުމަށް ވެސް ޝިޔާމް އެދިވަޑައިގަތެވެ.

"ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަރަށް ބިރުގަނޭ ޕީޕީއެމް އޮންނާތީ. ޕީޕީއެމްގެ ހަރަކާތްތައް ކުރިއަށް ދާތީ ވަރަށް ބިރުގަނޭ. އެހެންވީމަ ދެން އޭގަ އޮންނާނީ ޕީޕީއެމް މީހުން ޖަލަށް ލުންތާ،" ޝިޔާމް ވިދާޅުވިއެވެ.

comment ކޮމެންޓް