ސައިފް ބޭނުންވަނީ ތައިމޫރު އެކްޓަރަކަށް ހަދަން

ތައިމޫރު އަލީ ޚާން އެކްޓަރަކަށް ހަދަން ބޭނުންވާ ކަމަށް ބޮލީވުޑްގެ އެކްޓަރު ސައިފް އަލީ ޚާން ބުނެފި އެވެ.

ހަގު ދަރިފުޅު ބޮޑުވެގެން އެކްޓަރަކަށް ވާތަން ދެކުމަކީ ދެކެން ބޭނުންވާ ދުވަހެއް ކަމަށާއި އަދި އޭނާ ކުޅޭ ފުރަތަމަ ފިލްމު ހިޓަކަށް ވާތަން ބަލަން ބޭނުންވާ ކަމަށް ސައިފް ވަނީ ބުނެފަ އެވެ. އުފަންވީއްސުރެ އާންމުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ތައިމޫރާ ގުޅޭގޮތުން ސައިފް ބުނީ އޭނާ ބޮޑުވެގެން ރަނގަޅު ވަޒީފާއަކަށް ގޮސް ކާމިޔާބު މީހަކަށް ވާތަން ބަލަން ބޭނުންވާ ކަމަށެވެ. ތައިމޫރުގެ ފުރަތަމަ ފިލްމު ރިލީޒްކުރަން ބޭނުންވަނީ ހުކުރުދުވަހެއްގައި ކަމަށްވެސް ސައިފް ވަނީ ބުނެފަ އެވެ.

ސައިފް ބުނީ ބޮލީވުޑަކީ މަސައްކަތްކުރަން އެންމެ އެކަށޭނެ ތަން ކަމަށާއި ކެރިއަރެއްގެ ގޮތުގައި އެކްޓްކުރުމަކީ ރަނގަޅު މަސައްކަތެއް ކަމަށެވެ. ސައިފްގެ ދޮށީ ދަރިފުޅު ސާރާ އަލީ ޚާން އަކީ މިހާރު ބޮލީވުޑްގައި ކުރިއަރަމުން އަންނަ ތަރިއެކެވެ. އޭނާގެ ދެވަނަ ދަރިފުޅު އިބްރާހިމް އަލީ ޚާން ވެސް ކިޔަވާ ނިންމައިގެން ފިލްމީ ދާއިރާއަށް ނުކުންނާނެ އެވެ.

އެކްޓަރު ބުނީ އޭނާގެ އުމުރުން 17 އަހަރުގައި އޭނާ ކުރިއަށްދާނެ ރޮނގެއް ނެތި އެތަން މިތަނުގައި އުޅުނު ކަމަށާއި އެކަންތައްތަކުން އޭނާ ސަލާމަތްވީ ފިލްމީ ދާއިރާއަށް ނުކުމެ އެންމެން ދަންނަ މީހަކަށް ވުމުން ކަމަށެވެ. ގޯސް މަގަކުން ނުގޮސް މީހާ މަގުބޫލުވީ ފިލްމީދާއިރާގެ ސަބަބުން ކަމަށް ސައިފް ބުންޏެވެ.

comment ކޮމެންޓް