ދުނިޔެއިން ނެތިދިއުމުގެ ބިރު ހީވެފައިވާ މެންގްރޫވްގެ ބާވަތެއް ކެލާއިން ފެނިއްޖެ

ދުނިޔޭގައި ވަރަށް މަދުން ހެދޭ އަދި ނެތިދިއުމުގެ ބިރު ހީވެފައިވާ މެންގްރޫވްގެ ބާވަތެއް ކަމަށްވާ ބުރުގެރިއާ ހެނެސީގެ ގަހެއް ރާއްޖެއިން ފެނިއްޖެއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ މި ބާވަތުގެ މެންގްރޫވް ގަސް ރާއްޖެއިން ފެނުނީ މި އަހަރުގެ މާޗު މަހު ހއ. ކެލާ ކަނޑޫފާ ސަރަހައްދުގައި ކުރިއަށްގެންދިޔަ އިކޮލޮޖިކަލް ސާވޭގައި އެރަށުގެ ކުޅީގެ ސަރަހައްދުން ކަމަށެވެ.

ސާވޭ ކުރިއަށް ގެންދިއައީ ހިމާޔަތްކޮށްފައިވާ ސަހަރައްދުގެ ދިރުންތަކާއި ބެހޭ މައުލޫމާތު އެއްކުރުމަށް ޔޫއެސްއޭއައިޑީގެ ހިލޭ އެހީގެ ދަށުން ދިވެހި ސަރުކާރުން ހިންގާ ޕްރޮޖެކްޓެއް ކަމަށްވާ "ރީޖެނެރޭޓް" ޕްރޮޖެކްޓްގެ ތެރެއިން އިންޓަނޭޝަނަލް ޔޫނިއަން ފޯ ކޮންޒަރވޭޝަން އޮފް ނޭޗާ (އައިޔޫސީއެން) މޯލްޑިވްސްއާއި ގުޅިގެން ކަމަށް މިނިސްޓްރީން ބުންޏެވެ.

އަދި އެ ސާވޭއަކީ އެންވަޔަރަމަންޓް މިނިސްޓްރީ އާއި އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ އަދި އައިޔޫސީއެން ބައިވެރިވެގެނެ ކުރިއަށް ގެންދެވުނު ސާވޭއެއް ކަމަށެވެ.

މިނިސްޓްރީން ބުނީ ކެލާގައި ކުރެވުނު ސާވޭއިން އެބާވަތުގެ ހަތަރު ގަހެއް ހުރިކަން ފާހަގަވެފައިވާ ކަމަށެވެ.

އެ ގަސް އައިޑެންޑިފައި ކޮށްދެއްވީ ގަހުގެ މައުލޫމާތު ފޯރުކޮށްދިނުމުން އައިޔޫސީއެން މެންގްރޫވް ސްޕެޝަލިސްޓް ގްރޫޕް އަދި އެމްއެސްޖީ ރެޑް ލިސްޓް ކޯޑިނޭޓަރ ޑރ. ޔޮންގ ކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ ކަނޑޫ އާއިލާއަށް ނިސްބަތްވާ އެ ގަހުގައި އަޅާ މޭވާ ވައްތަރީ ބޮޑަވަތްކާ ކަމަށާއި ނަމަވެސް މޭވާ ބޮޑަވަކިއަށްވުރެ ކުރުވެފައި ފަލަ ކަމަށެވެ.

ހެނެސީ ގަހަކީ ކަނޑޫފަލަށް ނިސްބަތްވާ ގަސްތަކުގެ ތެރެއިން ނެތިދާނެކަމުގެ ބިރު ހީވެފައިވާ ދެބާވަތުގެ ތެރެއިން އެއް ބާވަތެވެ. މި ބާވަތުގެ ގަހަކީ އައިޔޫސީއެން ރެޑް ލިސްޓްގައި "ކްރިޓިކަލީ އެންޑެންޖާޑް" ނުވަތަ ނެތިދާނެ ކަމުގެ ބިރު އެންމެ ބޮޑަށް ހީވެފައިވާ ކެޓެގަރީ ލިސްޓްގައި ހިމެނޭ ބާވަތެކެވެ.

އެ ބާވަތުގެ ކަނޑޫފަލަކީ އޮސްޓްރޭލިއާ، ޕަޕުއާ ނިއު ގިނީ، އިންޑޮނޭޝިއާ، މެލޭ ޕެނިންސުލާ، ތައިލެންޑް އަދި މިޔަންމާރުން ފެނިފައިވާ ބާވަތެކެވެ.

ދެހާސް ދިހަ ވަނަ އަހަރާ ހަމައަށް ކުރެވުނު ސާވޭއިން ދައްކާ ގޮތުގައި ދުނިޔޭގައި ހުރީ މިބާވަތުގެ ބޮޑުވެފައިވާ 200 ގަހެވެ. އަދި އޭގެ އާބާދީ އަންނަނީ މަދުވަމުންނެވެ.

ކެލާއިން މި ބާވަތް ފެނުމަކީ އެރަށަށް ލިބޭ އިތުރު ހާއްސަ ސިފައެއް ކަމަށް މިނިސްޓްރީން ބުންޏެވެ.

ސާވޭއާ ގުޅޭ ރިޕޯޓް މިހާރުވަނީ އެންވަޔަރަންމަންޓް މިނިސްޓްރީ، އީޕީއޭ އަދި އައިޔޫސީއެން ގުޅިގެން ތައްޔާރުކޮށްފައެވެ.

ރާއްޖޭގެ ކަނޑޫފާތަކުން މީގެ ކުރިންވަނީ 14 ބާވަތެއްގެ މެންގްރޫވް ގަސް ރެކޯޑް ކުރެވިފައެވެ. މި ފެނުނު އާ ބާވަތާއެކު ރާއްޖޭން މުޅިއެކު 15 ބާވަތުގެ މެންގްރޫވް ގަސް މިހާރުވަނީ ފެނިފައެވެ.

މިބާވަތް މިހާތަނަށް ކެލާއިން ރެކޯޑް ކުރެވިފައިވީނަމަވެސް ރާއްޖޭގެ އެހެން ކުޅިފާތަކުންވެސް ފެނުން އެކަށީގެންވާ ކަމަށާއި މިބާވަތުގެ ގަހަށް ކިޔާނެ ދިވެހި ނަމެއް ހޯދުމަށް މިމިނިސްޓްރީ އާއި ކަމާއި ގުޅޭ ފަރާތްތަކާއެކު މަޝްވާރާކުރަމުން އަންނަ ކަމަށް މިނިސްޓްރީން ބުންޏެވެ.

comment ކޮމެންޓް