65 ކެންޑިޑޭޓުން ނަން އަނބުރާ ގެންގޮސްފި

ސަން ފައިލް ފޮޓޯ

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތެރެއިން މިހާތަނަށް 65 ކެންޑިޑޭޓުން ނަން އަނބުރާ ގެންގޮސްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ގާނޫނު 2020ގެ ތިންވަނަ މާއްދާގެ (ށ) ދަށުން، ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ ޖޫން މަހުގެ 23 ގައެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަދި ތަރުޖަމާނު އަހްމަދު އަކްރަމް ވިދާޅުވީ ނަން އަނބުރާ ގެންދިޔަ ކެންޑިޑޭޓުންގެ ތެރޭގައި ހިމެނެނީ ކައުންސިލް އިންތިހާބަށް ކުރިމަތިލީ ކެންޑިޑޭޓުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލީ 22 ކެންޑިޑޭޓުން ކަމަށެވެ.

ނަން އަނބުރާ ގެންދިޔަ ކެންޑިޑޭޓުންގެ ތެރޭގައި އެންމެ ގިނައީ އެމްޑީޕީގެ ކެންޑިޑޭޓުންނެވެ. އެމްޑީޕީގެ 29 ކެންޑިޑޭޓުން ނަން އަނބުރާ ގެންދިޔަ އިރު، ޕީޕީއެމްގެ ހަތް ކެންޑިޑޭޓުންނާއި ޖޭޕީގެ ހަތަރު ކެންޑިޑޭޓުން ވެސް ވަނީ ނަން އަނބުރާ ގެންގޮސްފައެވެ.

އޭގެ އިތުރުން އަމިއްލަގޮތުން ކުރިމަތިލީ 25 ކެންޑިޑޭޓުން ވެސް ވަނީ ނަން އަނބުރާ ގެންގޮސްފައެވެ.

65 ކެންޑިޑޭޓުން ނަން އަނބުރާ ގެންދިއުމާއެކު ކައުންސިލް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ގޮތުގައި މިވަގުތު ތިބީ 2391 މީހެކެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބުގައި ވާދަކުރާ 1787 ކެންޑިޑޭޓުންނެވެ.

އެއީ އެމްޑީޕީގެ 1564، ޕީޕީއެމްގެ 1187، އަމިއްލަ 1127، ޖޭޕީގެ 179، އަދާލަތު ޕާޓީގެ 54، އެމްޑީއޭގެ 42، އެމްއާރްއެމްގެ 20، އެމްއެލްއެސްޑީޕީގެ ހަތަރެއް އަދި ޑީއާރްޕީގެ އެއް ކެންޑިޑޭޓެވެ.

މި އަހަރުގެ އޭޕްރިލް މަހު ބާއްވަން ތާވަލުކޮށްފައި އޮތް ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބު، ކޮވިޑް19 އާ ގުޅިގެން ވަނީ އަންނަ އަހަރަށް ފަސްކޮށްފަ އެވެ.

comment ކޮމެންޓް