ގާބިލު މުވައްޒަފުން އުފެއްދުމަށް ފެނަކައި އިން އަމިއްލަ އިންސްޓިޓިއުޓެއް!

ގާބިލު މުވައްޒަފުން އުފެއްދުމަށް "ފެނަކަ އިންސްޓިޓިއުޓް ފޯ ޓްރެއިނިންގ އެންޑް ރިސާޗް"ގެ ނަމުގައި ތައުލީމާއި ތަމްރީނު ދޭ މަރުކަޒެއް ފެނަކަ ކޮޕަރޭޝަންގައި ރަޖިސްޓްރީ ކޮށްފިއެވެ.

ފެނަކައިން ބުނީ މިއަދު އެކުންފުނީގައި މިއަދު ވުޖޫދު ކުރެވިގެން ދިޔަ އިންސްޓިޓިއުޓްގެ މަގުސަދަކީ ކުންފުނީގެ މުވައްޒަފުންނަށް ވޮކޭޝަނަލް ޓެރޭނިންގ ދިނުމާއި، ދެވޭ ހިދުމަތްތަކާއި ގުޅޭ ދާއިރާއިން މަތީ ތައުލީމު ހޯދުމުގެ ފުރުސަތު ތަނަވަސް ކޮށްދިނުން ކަމަށެވެ.

ހަމަ އެއާއެކު އިޔާދަކުރަނިވި ހަކަތަ އާއި، ފެނާއި ނަރުދަމާގެ ދިރާސާތައް ކުރެވިގެން ދާނެ ކަމަށް ވެސް ފެނަކައިން ބުންޏެވެ.

ފެނަކައިގައި 3300 އަށްވުރެ ގިނަ މުވައްޒަފުން ވަޒީފާ އަދާކުރަމުން ދާއިރު، އެފަރާތައް ހިދުމަތުގައި ތިބެ، އާއިލާއާ އެއް ފަސްގަނޑެއްގައި ފަސޭހައިން ވާސިލުވެވޭނެ ހިސާބެއްގައި ތިބެ އުނގެނުމަށް ފުރުސަތު ތަނަވަސްކޮށްދީ ޒަމާނީ ތައުލީމާއި ތަމްރީނު ދިނުމާއިއެކު ޒިންމާދާރު ނަޒާހަތްތެރި މުވައްޒަފުންތަކެއް ބިނާކޮށްދިނުމަކީ ކުންފުނީގެ އަމާޒުކަށް ފެނަކައިން ވަނީ ބުނެފައެވެ.

އެ އަމާޒަށް ވާސިލުވުމަށް މިއަދު އިންސްޓިޓިއުޓެއް އުފެދިގެން ދިޔައީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އަހްމަދު ސައީދު މުހައްމަދުގެ ސީދާ ބެއްލެވުމުގެ ދަށުން ކަމަށާއި، މިއާއެކު މުވައްޒަފުންގެ ޒަމާންވީ
ޝަކުވާތަކަކަށް ނިމުން އައިސް، މުވައްޒަފުންގެ މަސައްކަތަށް އިތުރު އާރޯކަމެއް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ފެނަކައިން ބުނީ އެ އިންސްޓިޓިއުޓުން ތައުލީމް ހާސިލުކޮށް ދަސްވެނިވާ ދަރިވަރުންގެ ކިބައިގައި ބައިނަލްއަގުވާމީ ފެންވަރު ހުނަރާއި ގާބިލުކަން ހުރުމާއިއެކު އެ ދަރިވަރުންނަށް އެފެންވަރުގެ ސެޓްފިކެޓެއް ލިބޭނެ ކަމަށެވެ.

ކުންފުނިން ދޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް އެއިރަކު ދިމާވާ ގޮންޖެހުންތަކާ ކުރިމަތިލުމަކީ ކުންފުނީގެ މިހާރުގެ މެނޭޖްމަންޓުން އަބަދުވެސް އިސްކަންދޭ ކަމެއް ކަމަށް އެކުންފުނިން ބުނެއެވެ.

އަދި ހިދުމަތްދޭ ކޮންމެ ދާއިރާއެއްގައިވެސް ކަމަށް ގާބިލު ހުނަރުވެރި ޒުވާނުން އުފެއްދުމަކީ ސަރުކާރުގެ ވައުދަކަށްވެ، ސިޔާސަތުގެ ތެރޭ ހިމެނި، އިދާރާތަކުގެ ހިންގުން ހަރުދަނާ ކުރުމަށް ހުށަހެޅިފައިވާ ކަމަކަށް ވީއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފުރިހަމަ ލަފަޔާއި އިރުޝާދުގެ ތެރެއިން އަސާސީ ހިދުމަތުން އެއްވެސް ރައްޔިތަކު މަހްރޫމް ވިޔަނުދިނުމަށް ކުރަންޖެހުނު ކޮންމެ ކަމެއް ކުރެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އެމްޑީ ސައީދު ވިދާޅުވިއެވެ.

ހިދުމަތެއް އޭގެ އެންމެ ފުރިހަމަ ގޮތުގައި ރައްޔިތުންނާ ހަމައަށް ފޯރުކޮށްދެވޭނީ ހިދުމަތް ދިނުމުގައި ސާބިތުވެ ތިބި މުވައްޒަފުންނަކީ ކަންކަމަށް ލޯހުޅުވި، ރޯފިލާފައިވާ ބަޔަކަށްވެގެންކަން މިހާރުގެ މެނޭޖްމަންޓުން ގަބޫލުކުރާ ކަމަށް ފެނަކައިން ބުންޏެވެ.

އަދި މުވައްޒަފުން އަމަލީ މައިދާނުގައި މަސައްކަތް ކުރުމަށް ނުކުމެފައި ތިބި ނަމަވެސް އެ މުވައްޒަފުންގެ ކުރިއެރުމަށް އެކި ހުނަރުތަކާއި ތަމްރީނު ހޯދުމަށް އެއްވެސް ހުރަހެއް އޮވެގެން ނުވާނެކަމަށް ވެސް ސައީދު ވިދާޅުވިއެވެ.

comment ކޮމެންޓް