ރިމާންޑް ޖަލަށް ބަދަލު ނުކުރެވިގެން ޑްރަގު ވިޔަފާރިވެރިއަކަށް ތުހުމަތުވާ މީހަކު ދޫވެއްޖެ

ކުރިމިނަލް ކޯޓު --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ކަރެކްޝަންސް ސާވިސްގެ ރިމާންޑް ޖަލަކަށް ބަދަލު ނުކުރެވިގެން މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމަށް ތުހުމަތު ކުރެވޭ މީހަކު ކުރިމިނަލް ކޯޓުން ދޫކޮށްލައިފިއެވެ.

އިއްޔެ ކޯޓުން ދޫކޮށްލާފައިވަނީ މ. އެންޑްލެސް، ހުސައިން އިރުފާން 35، އެވެ. އޭނާގެ މައްޗަށް ތުހުމަތު ކުރަނީ، މަސްތުވާތަކެތި ބޭނުން ކުރުމާއި ވިޔަފާރި ކުރާ ކަމުގެ ތުހުމަތެވެ.

އޭނާ ދޫކޮށްލީ، މިދިޔަ ސެޕްޓެމްބަރު މަހު 18 ވަނަ ދުވަހު ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކޯޓުން ކުރި އަމުރު މުރާޖާކޮށްދިނުމަށް، ހުސައިން އިރުފާނުގެ ފަރާތުން ހުށަހެޅުމުންނެވެ.

ކްރިނމިނަލް ކޯޓުގެ ގާޒީ މުހައްމަދު ސަމީރު ސޮއިކޮށް ހުސައިން އިރުފާނު ބަންދުން ދޫކޮށްލުމަށް ނެރުނު ކޯޓު ކޯޓު އަމުރު "ސަން"އަށް ވަނީ ލިބިފައެވެ.

ބަންދުން ދޫކޮށްލި ސަބަބެއްގެ ގޮތުގައި އެ އަމުރުގައި ބުނެފައި ވަނީ، ކޯޓު އަމުރާއި ޖަލުތަކުގެ ޕެރޯލް ގާނޫނުގެ ހަތަރުވަނަ މާއްދާއާ ހިލާފަށް މިހާތަނަށް އައިރުވެސް، އޭނާ ކަސްޓޯޑިއަލް ޖަލުން ރިމާންޑް ޖަލަކަށް ބަދަލުކޮށްފައި ނުވާ ކަމަށެވެ.

އޭގެ އިތުރުން އޭނާ ދޫކޮށްލަފައިވަނީ މީގެ ކުރިން ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން ބަންދުގައިވާ ފަރާތްތަކަށް ލުއި ދިނުމުގެ ގޮތުން ޝަރުތުތަކާއެކު ދޫކޮށްލައިވާ ކޭސްއެއްގެ މައްޗަށް ރިއާޔަތްކޮށެވެ.

"މީނާ [އިރުފާން] ރިމާންޑް ޖަލަކަށް ބަދަލުކުރެވެން އޮތީ، ޖަލުން ޖާގަ ލިބުނު ދުވަހަކުން ކަމަށް ބުނެފައިވުމާއި، ރިމާންޑް ޖަލުގައި ޖާގަ ނެތް ހާލަތެއްގައި ދިމާވެގެން ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން ހުށަހެޅި ހުށަހެޅުމަކަށް ޝަރީއަތް ނިމެންދެން ބަންދުގައިވާ ފަރާތްތަކަށް ލުޔެއް ދިނުމުގެ ގޮތުން މީގެ ކުރިން ޝަރުތުކޮށް ދޫކޮށްލާފައިވާކަން އެނގެން އޮތް ހިނދު، މި މައްސަލައިގައިވެސް މި ކަންކަމަށާއި ގާނޫނުގައި ބުނާ ހާލަތްތަކަށް ރިއާޔަތްކޮށް ޝަރުތުތަކަކާއެކު ދޫކޮށްލުމަށް،" ކޯޓު އަމުރުގައި ބުނެފައިވެއެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި އޭނާ ހައްޔަރުކޮށްފައިވަނީ، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ 362 ގްރާމް ކެނެބިސްއާއެކުއެވެ. އެ މައްސަލަ މިހާރު ވަނީ ތަހުގީގު ނިމި، ކޯޓަށްވެސް ހުށަހަޅާފައެވެ.

ޕެރޯލް ގާނޫނުގެ ހަތަރު ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ ބަންދުގައި ބައްހައްޓާ މީހުންގެ ޖަލުތަކުގެ ގިންތިތަކެވެ. އެގޮތުން ތަހުގީގަށް ބަންދު ކުރަން ޖެހޭ މީހުން ބައިތިއްބަން ޖެހެނީ ކަސްޓޯޑިއަލް ޖަލެއްގައެވެ. އަދި ތަހުގީގު ނިމި، އެމީހެއްގެ މައްޗަށް އެ މައްސަލައިގައި ހުކުމް ކުރުމުގެ ކުރިން ބަންދު ކުރާ މީހުން ބައިތިއްބަން ޖެހެނީ ރިމާންޑް ޖަލެއްގައެވެ.

ކަސްޓޯޑިއަލް ޖަލުތަކަކީ، ފުލުހުންގެ ބެލުމުގެ ދަށުގައިވާ ޖަލުތަކެވެ. ރިމާންޑް ޖަލުތަކަކީ، ކަރެކްޝަންސްގެ ބެލުމުގެ ދަށުގައިވާ ޖަލުތަކެވެ.

އެނގިފައިވާ ގޮތުގައި، އިރުފާނު ރިމާންޑް ޖަލެއްގައި ބެހެއްޓުމަށް ފުލުހުން ކަރެކްޝަންސްގައި އެދުމުން ރިމާންޑް ޖަލުގައި ޖާގަ ނެތް ކަމަށް ބުނެ ކަރެކްޝަންސް އިން ވަނީ އޭނާއާ ހަވާލުވުމަށް އުޒުރުވެރިފައެވެ.

އެކަމާ ގުޅޭ ގޮތުން ކަރެކްޝަންސްގެ ރަސްމީ ބަހެއް އަދި ނުލިބެއެވެ.

މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމަށް ތުހުމަތުވާ މީހަކު ދޫވި އިރު، މިއަދު ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް ޝަރުއީ މަރުހަލާގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުން ޝަރުއީ މަރުހަލާގައި ދޫވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

https://sun.mv/144033

comment ކޮމެންޓް