ހައިކޯޓުާއި ކްރިމިނަލް ކޯޓު މިއިން ކޮންމެ ކޯޓެއްގެ އިސް ފަނޑިޔާރު ކަމަށް ބޭފުޅަކު ކުރިމަތިލައްވައިފި

އޮކްޓޯބަރ 1، 2019: ދިވެހި ރާއްޖޭގެ ހައި ކޯޓުން މީހަކު ނިކުނަންނަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހައިކޯޓު އަދި ކްރިމިނަލް ކޯޓު މިއިން ކޮންމެ ކޯޓެއްގެ އިސް ފަނޑިޔާރު ކަމަށް ބޭފުޅަކު ކުރިމަތިލައްވައިފި އެވެ.

ހައިކޯޓުގެ އިސް ފަނޑިޔާރުކަމުން ޝުޖާއު އުސްމާނާއި ކްރިމިނަލް ކޯޓުގެ އިސް ފަނޑިޔާރުކަމުން އަހުމަދު ހައިލަމް އިސްތިއުފާ ދެއްވުމުން އެ މަގާމުތައް މިހާރު އޮތީ ހުސްކޮށެވެ. އެ ދެ ބޭފުޅުން އިސްތިއުފާ ދެއްވީ، ޖޭއެސްސީއިން އެ ބޭފުޅުންގެ މައްސަލަ ބަލައި ސަސްޕެންޑު ކުރަން ނިންމާފައި ވަނިކޮށެވެ.

ހައިކޯޓާއި ކްރިމިނަލް ކޯޓުގެ އިސްފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލާން ޖޭއެސްސީއިން ހުޅުވާލި މުއްދަތު ހަމަވީ މި މަހުގެ ހަ ވަނަ ދުވަހު އެވެ.

ޖޭއެސްސީއިން މިއަދު "ސަން"އަށް ބުނީ އެ މުއްދަތުގައި އެއިން ކޮންމެ ކޯޓެއްގެ އިސްފަނޑިޔާރު ކަމަށް ބޭފުޅަކު ކުރިމަތިލައްވާފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން ބޭފުޅުންތަކެއް ކަމެއް އެ ކޮމިޝަނުން ހާމައެއް ނުކުރެ އެވެ.

ހައިކޯޓާއި ކްރިމިނަލް ކޯޓަށް އިސްފަނޑިޔާރުން އަދި ހަމަޖައްސާފައި ނުވާއިރު، މިހާރު އެހެން ފަނޑިޔާރުން ދަނީ އެ މަގާމުތައް ވަގުތީ ގޮތުން ފުރުއްވަމުންނެވެ.

comment ކޮމެންޓް