އިންތިހާބާ ދިމާކޮށް ފޭސްބުކްއިން ސިޔާސީ އިޝްތިހާރު މަނާކުރަނީ

އެމެރިކާގައި މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބާ ދިމާކޮށް އިންތިހާބު ނިމުމުން ސިޔާސީ އިޝްތިހާރު ޕޯސްޓުކުރުން ފޭސްބުކް އިން މަނާކުރަން ނިންމައިފި އެވެ.

އެމެރިކާގައި ބާއްވާ އިންތިހާބުތަކާ ގުޅިގެން ކޮންމެ ފަހަރަކުވެސް ތަފާތު ދޮގު މައުލޫމާތު ފެތުރޭ މައްސަލަ ވަނީ މިހާރު ބޮޑު މައްސަލައަކަށް ވެފައެވެ. އަދި ދޮގު މައުލޫމާތު އެންމެ ބޮޑަށް ފެތުރޭ އެއް ޕްލެޓްފޯމް އަކީ ފޭސްބުކް އެވެ.

އިންތިހާބުގެ ކުރީން ދޮގު މައުލޫމާތު ފެތުރޭން ފެށުނު ނަމަވެސް ފޭސްބުކް އިން ފިޔަވަޅު އެޅުމަށް ހަމަޖައްސާފައިވަނީ އިންތިހާބަށް ފަހު އެވެ. އެކަމާ ގުޅިގެން އާންމުންގެ ފާޑުކިޔުން ވަނީ ފޭސްބުކް އަށް ކުރިމަތިވެފަ އެވެ.

"އިޝްތިހާރަކީ އިންތިހާބާ ގުޅިގެން ހިޔާލު ފާޅުކުރުމަށް ލިބޭ ފުރުސަތެއް. އެހެންނަމަވެސް އާންމުންނަށް އޮޅުންތަކުން ލުޔެއް ދިނުމަށްޓަކައި ނޮވެމްބަރު ތިނަކަށް ފަހުން އިޝްތިހާރު މަނާކުރާނެ،" ފޭސްބުކް އިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

ފޭސްބުކް އިން ބުނެފައިވަނީ އިންތިހާބާ ގުޅިގެން ފޭސްބުކްގައި އާންމުކުރާ އިޝްތިހާރުތައް މޮނިޓާ ކުރުމުގެ މަސައްކަތް ކުރާނެ ކަމަށެވެ. އަދި ދޮގު މައުލޫމާތު ކޮންޓްރޯލުކުރުމަށް ގިނަ މަސައްކަތް ކުރާނެ ކަމަށެވެ. އެހެންނަމަވެސް އެއީ ފޭސްބުކް މީގެ އަހަރުތަކެއް ކުރީންވެސް ސަމާލުކަމެއް ދެމުންދާ އެހެންނަމަވެސް ކޮންޓްރޯލު ކުރެވިފައި ނުވާ މައްސަލައެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް