އައިސް ތިބީ އެހީއަށް، އެކަމަކު ސިފައިންގެ އަދަދު ހާމަ ކުރުން ނުރައްކާ

13 ސެޕްޓެމްބަރ 2017: އިންޑިއާއިން ރާއްޖެއަށް ހަދިޔާ ކުރި ހެލިކަޕްޓަރު --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މައުލޫމާތު ހާމަ ކުރުމުގެ ހައްގުގެ ބޭނުންކޮށް، ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދާއި، އެ ސިފައިންނަށް ސަރުކަރުން ކުރާ ހަރަދު ހާމަ ކުރަން ނޫސްވެރިންތަކެއް އެދުމުން ޑިފެންސް މިނިސްޓްރީއިން ބުނީ އެ އަދަދުތައް ހާމަ ނުކުރެވޭނެ ކަމަށެވެ. އެއީ "ގައުމީ ސަލާމަތަށް ނުރައްކާ" ވެދާނެ ކަމެއް ކަމަށް ބުނެ އެވެ.

ސަރުކާރުން މީގެ ކުރިން ބުނެފައިވާ ގޮތުން، އިންޑިއާ ސިފައިން ރާއްޖޭގައި ތިބި ތިބުމަކީ މިލިޓަރީ ތިބުމެއް ނޫނެވެ. އެއީ ޑޯނިއާ މަތިންދާބޯޓާއި ހެލިކަޕްޓަރުތައް އޮޕަރޭޓުކޮށް، ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށާއި، ރެސްކިއު އޮޕަރޭޝަންތައް ހިންގުން ފަދަ އިންސާނީ އެހީއަށް އައިސް ތިބި ބައެކެވެ. އިންޑިއާގެ ނޫސްތަކުންވެސް ކުރިން ލިޔެފައިވާ ގޮތުގައި އެއީ "ހިއުމެނިޓޭރިއަން" މަސައްކަތަށް އައިސް ތިބި ބައެކެވެ.

އެހެންވިއްޔާ އެ މީހުންގެ މައުލޫމާތު ހާމަ ނުކުރެވެންވީ ކީއްވެހެއްޔެވެ؟ ގައުމީ ސަލާމަތަށް ނުރައްކާ ވަނީ ކީއްވެހެއްޔެވެ؟ އެކަން ކަނޑައެޅީ ކިހިނެއް ހެއްޔެވެ؟

ގައުމީ ސަލާމަތަށް ނުރައްކާވާ ގޮތް ޑިފެންސަށް ބުނެ ނުދެވުނު

ޑިފެންސް މިނިސްޓްރީއިން މައުލޫމާތު ހާމަ ނުކުރުމުން، އެ މައުލޫމާތަށް އެދުނު ދިޔަރެސްގެ ނޫސްވެރިން މައްސަލަ ޖެއްސީ އިންފޮމޭޝަން ކޮމިޝަނަރަށެވެ. ގާނޫނުގައިވާ ގޮތަށް ކޮމިޝަނަރު އެ މައްސަލަ ބައްލަވަން އިއްޔެ އަޑުއެހުމެއް ބޭއްވި އެވެ.

އެ އަޑުއެހުމުގައި އެންމެ ފުރަތަމަވެސް ކޮމިޝަނަރު ހުސެއިން ފިޔާޒު މޫސާ ޑިފެންސް މިނިސްޓްރީގެ އިންފޮމޭޝަން އޮފިސަރު މުހައްމަދު ޝިމާހުއާ ކުރެއްވި ސުވާލަކީ އިންޑިއާ ސިފައިންގެ މައުލޫމާތަކީ "ގައުމީ ސަލާމަތަށް ނުރައްކާ" ވެދާނެ މައުލޫމާތެއްކަން ޑިފެންސުން ކަނޑައެޅީ ކިހިނެއްތޯ އެވެ. ކޮމިޝަނަރުގެ ވާހަކައަކަށްވީ އެކަން އެގޮތަށް ކަނޑައަޅަންޏާ ކަނޑައަޅަން ވާނީ ކޮންމެވެސް ހަަމައަކުން އުސޫލަކުން ކަމެވެ. އެހެން ގައުމުތަކުގައި ގައުމީ ސަލާމަތާ ގުޅުންހުރި މައުލޫމާތު ކަމަށް ބުނެ ކަންކަން އާންމުންގެ ފަރާތުން ހިފަހައްޓާފައި ހުންނަކަންވެސް ކޮމިޝަނަރު ފިޔާޒު ފާހަގަކުރެއްވި އެވެ.

ޖަވާބުގައި ޝިމާހު ވިދާޅުވީ، އެ މައުލޫމާތަށް އެދުމުން އެއީ ހާމަ ކުރެވޭނެ މައުލޫމާތެއްތޯ ބަލަން ފޮނުވީ އެމްއެންޑީއެފްގެ އިސް ރޭންކިން އޮފިޝަލުން ތިބޭ ސިފައިންގެ ލަފާދޭ މަޖިލީހަށް ކަމަށެވެ. އެއީ އެއްވެސް ސިޔާސީ ބޭފުޅަކު ނުހިމެނޭ މަޖިލީހެއް ކަމަށް ވިދާޅުވި އެވެ. އަދި އެ މައުލޫމާތަކީ ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ފަދަ މައުލޫމާތެއްކަމަށް ކަނޑައެޅީ އެ ބޭފުޅުން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ލަފާދޭ މަޖިލީހުގެ ބޭފުޅުން އެ ގޮތަށް ކަނޑައަޅާފައި އޮއްވާ އެފަދަ މައުލޫމާތެއް ދީފި ނަމަ އެ މައުލޫމާތެއް ދިން މީހަކު ކުށްވެރިވާނެ ކަމަށް ޝިމާހު ވިދާޅުވި އެވެ.

"ސިފައިންގެ ތެރޭގައި ހަމަ ތިބި އެންމެ އިސް ރޭންކުގެ އޮފިސަރުން ތިއްބަވަނީ. އެ ބޭފުޅުން އެގޮތަށް ނިންމެވީމަ ދެން އަޅުގަނޑުމެން އިތުރަކަށް ސުވާލެއް ނުކުރަން،" ޝިމާހު ވިދާޅުވި އެވެ.

އިންޑިއާ އިން ރާއްޖެ އަށް ހަދިޔާކުރި ޑޯނިއާ މަތިންދާބޯޓު --- ފޮޓޯ: އެމްއެންޑީއެފް

އެ މައުލޫމާތު ހާމަ ނުކުރެއްވީ އެކަމަށް ދެގައުމުގެ ދެމެދުގައި އެއްބަސްވެވިފައިވާތީތޯވެސް ކޮމިޝަނަރު އެއްސެވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެގޮތަށް އެއްބަސްވެފައިވާނަމަ މައުލޫމާތު ސިއްރު ކުރެވޭނެ އެވެ. ނަމަވެސް، އެ ކަމެއްވެސް ޝިމާހު ހާމަ ނުކުރައްވަ އެވެ. ޝިމާހު ވިދާޅުވީ، އެގޮތަށް އެއްބަސްވެފައި އޮތަސް، ނެތަސް، އެއްބަސްވުމުގައި ހުރި މައުލޫމާތު ހާމަކޮށްފި ނަމަ އިންޑިއާއާއެކު އޮންނަ ގުޅުމަށް އަސަރުކޮށްފާނެ ކަމަށެވެ. އަދި އެކަމާ ގުޅޭ މަޝްވަރާތަކަކީ ޔުނިލެޓެރަލް މަޝްވަރާތަކެއް ކަމުންވެސް އެ މައުލޫމާތު ހާމަ ނުކުރެވޭނެ ކަމަށް ވިދާޅުވި އެވެ.

ޑިފެންސް މިނިސްޓްރީ އޮތީ އެ މައުލޫމާތު ހާމަ ނުކުރަން ހިފާލާފަ އެވެ. ޝިމާހަށް އިތުރު މައުލޫމާތު ހާމަ ކުރުމުގެ ބާރު ނެތް ކަމަށް ބަލައި ކޮމިޝަނަރު ނިންމެވީ ސިފައިންގެ އިސް ބޭފުޅުން ގެނެސްގެން މައްސަލަ އެހެން ދުވަހަކު ކުރިއަށްގެންދިޔުމަށެވެ.

"މިކަމުން އެނގެނީ އިންޑިއާ ސިފައިން އައިސް ތިބީ އަސްކަރީ ގޮތުން ކަން"

އިންޑިއާއިން ރާއްޖެއަށް ހެލިކަޕްޓަރު ހަދިޔާ ކުރި އިރު ހެލިކަޕްޓަރާއެކު އިންޑިއާ ސިފައިންވެސް ރާއްޖެ ގެނަ އެވެ. އެއީ އެ ހެލިކޮޕްޓަރު ދުއްވާށެވެ. އެކަމަކު، އެކަން ކުރެވޭ ގާބިލު ދިވެހީން އެބަ ތިއްބެވެ. އެ މަސައްކަތް ދިވެހީންނަށް ކުރެވޭނެ އެވެ.

ދިވެހީންނަށް ކުރެވޭ މަސައްކަތެއް ކުރަން އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމުގެ މާނައެއް ނެތް ކަމަށް ބައެއް މީހުން ދެކެ އެވެ. އެހެންވެ، އެ ސިފައިން ތިބުމުގެ ހަގީގީ މަގުސަދާ މެދު ސުވާލު އުފައްދާ މީހުން އެބަ ތިއްބެވެ.

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރަކީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅު ބޭފުޅެކެވެ. އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމަކީ އިންޑިއާއިން ރާއްޖޭގެ ސިޔާސީ ކަންކަން ފަދަ ދާހިލީ ކަންކަމާ ބެހެން ފުރުސަތު ހުޅުވޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ހާރިޖީ މިނިވަންކަމަށްވެސް އަރައިގަންނާނެ ކަމެއް ކަމަށް އޭނާ ވިދާޅުވެ އެވެ.

އުމަރު ދެކެވަޑައިގަންނަވާ ގޮތުގައި ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ މައުލޫމާތަކީ ގައުމީ ސަލާމަތަށް ނުރައްކާވާނެ ފަދަ މައުލޫމާތެއް ނޫނެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި އެއީ އާންމުންނަށް އެނގެން ޖެހޭ މައުލޫމާތެކެވެ.

"ގައުމެއްގައި ސިފައިން ތިބިއްޔާ އެ ގައުމެއްގައި ސިފައިން ތިބި އަދަދު ބުނުން އެއީ އެކަން ހިނގާ ގޮތް. އެއީކީ ސިއްރެއް ނޫން އެއްވެސް ގައުމެއްގައި،" އުމަރު ވިދާޅުވި އެވެ.

"މިހާހިސާބަށް އެ ބޭފުޅުން ވިދާޅުވަމުން ގެންދަވަނީ މިއީ ބަލި މީހުން ގެންދިޔުމަށް ޓަކައި ހެލިކަޕްޓަރެއް ދުއްވަން ތިބޭ ބައެކޭ މި މީހުންނަކީ. އެހެންވީމަ ބަލި މީހުން ހެލިކަޕްޓަރެއް ހިފައިގެން މިތާ ތިބޭ ބައެއްގެ ސިފައިންގެ އަދަދު ނުބުނަންވީ ސަބަބެއް ނޯންނާނެ. ތިމަންނާމެންގެ އެމްބިއުލާންސްގައި ތިބެނީ ތިން މީހުންނޭ، ދުއްވާ މީހާއާއި، ދެ އެހީތެރިންނާއި ޑޮކްޓަރަކާއޭ. އެހެން ނުބުނަންވީ ސަބަބެއް ނޯންނާނެ،"

އުމަރު ނަސީރު: އިންޑިއާ ސިފައިންގެ އަދަދު ހާމަ ކުރަން ޖެހޭ ކަމަށް އޭނާ ދެކެވަޑައިގަންނަވާ -- ސަން ފައިލް ފޮޓޯ

އުމަރު ވިދާޅުވި ގޮތުގައި މައުލޫމާތު ހާމަ ކުރަން ދެކޮޅު ހެދުމުން ދޭހަވަނީ އެހެން ކަމެކެވެ. އޭނާ ވިދާޅުވި ގޮތުގައި އެކަމުން ދޭހަވަނީ އިންޑިއާ ސިފައިން ތިބި ތިބުމަކީ މިލިޓަރީ ތިބުމެއް ކަމެވެ. ހަމައެކަނި އިންސާނީ އެހީ ދޭން ނޫން ކަމެވެ.

"ސިފައިން ތިބި ތިބުން ހާމަ ކުރުމަކީ ދެ ގައުމަށް އޮތް ނުރައްކަލެއް ކަމަށް އެ ބޭފުޅުން [ޑިފެންސް މިނިސްޓްރީ] އަމިއްލައަށް ވިދާޅުވާތީވެ އެ ބޭފުޅުން އަމިއްލައަށް އެ އިއުތިރާފު ވެލެއްވީ މިހާރު އިންޑިއާ ސިފައިން ރާއްޖޭގައި ތިބޭ ތިބުމަކީ މިލިޓަރީ ތިބުމެއް ކަމަށް،" އުމަރު ވިދާޅުވި އެވެ.

ބޭރުގެ ސިފައިންގެ ބަޔަކަށް މިލިޓަރީ ގޮތެއްގައި ރާއްޖޭގައި ތިބެވޭނީ ރައްޔިތުންގެ މަޖިލީހުން އެކަމަށް ގަރާރެއް ފާސްކޮށްގެން ކަމަށް އުމަރު ގަބޫލު ކުރައްވަ އެވެ. އެ ނޫން ގޮތަކަށް ސިފައިން ބޭތިއްބުމަކީ ގާނޫނުތަކާ ހިލާފަށް ކުރާ ކަމެއް ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.

މިވަގުތު ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިންގެ އަދަދު އެނގިވަޑައިގަންނަވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގައި 200އަށް ވުރެ ގިނަ އިންޑިއާ ސިފައިން އެބަ ތިއްބެވެ. އަދި އިންޑިއާއިން އެދޭ ގޮތަށް ކަންކަން ގޮސްފި ނަމަ ރާއްޖޭގައި 15 ވަރަކަށް އަހަރު ފަހުން 5000 އިންޑިއާ ސިފައިން ތިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ހަމަ ޔަގީންކަމާއެކު މި ދަންނަވަނީ 200އަށް ވުރެ މަތީގައި އެ އަދަދު ހުންނާނީ، އެކި ބޭނުންތަކަށް،" އުމަރު ވިދާޅުވި އެވެ.

ތަރައްގީވެފައިވާ ގައުމުތަކުގައި އެހެން ގައުމުތަކުގެ ސިފައިން ތިބޭ: ނަޝީދު

އިންޑިއާ ސިފައިންގެ އަދަދު ހާމަ ނުކުރި މައްސަލައިގެ ތެރެއަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ވަދެވަޑައިގެންފަ އެވެ. އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމަނިކުފާނު ވަނީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމަކީ މައްސަލައެއް ނޫން ކަމަށް ދޭހަވާ ގޮތަށް ވާހަކަފުޅު ދައްކަވައިފަ އެވެ. އަދި ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ދިވެހީންނަށް އެނގެން ޖެހޭތޯ ސުވާލު ކުރުމުން އެ ސުވާލަށް ސީދާ ޖަވާބެއް ނުދެއްވަ އެވެ.

"އަޅުގަނޑު ހިތުން ދިވެހީންނަށް އެނގެން ބޭނުންވާނެ ހުރިހާ މައުލޫމާތެއްވެސް، ހުރިހާ ވާހަކައެއްވެސް. އެކަމަކު، އެއްވެސް ގައުމަކަށް އެބަ އެނގޭތޯ އަނެއް ގައުމެއްގައި ތިބެނީ އެ ގައުމެއްގެ ކޮން ބައެއްކަން؟،" ނަޝީދު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު: އެމަނިކުފާނު ވިދާޅުވަނީ، ތަރައްގީވެފައިވާ ގައުމުތަކުގައިވެސް އެހެން ގައުމުތަކުގެ ސިފައިން ތިބޭ ކަމަށް -- ފޮޓޯ/ ރައްޔިތުންގެ މަޖިލިސް

ހުއްދަ ދީގެން އައިސް އެގްރީމަންޓުތަކުގެ ތެރެއިން ތަމްރީނުތަކާއި އެހެންވެސް އެ ބާވަތުގެ މަސައްކަތްތަކަށް އަބަދުވެސް ސިފައިން އަންނަ ކަމަށާއި، އެއީ މިއަދަކު އެކަނި ވެގެން އުޅޭ ކަމެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ތަރައްގީވެފައިވާ ކޮންމެ ގައުމެއްގައިވެސް ކޮންމެވެސް އެހެން ގައުމެއްގެ ސިފައިން ތިބޭ ކަމަށް ވިދާޅުވި އެވެ.

"ތަރައްގީވެފައިވާ ގިނަ ގައުމުތަކުގައި ކޮންމެވެސް އެހެން ގައުމެއްގެ އަސްކަރިއްޔާ ތިބޭނެ،" ނަޝީދު ވިދާޅުވި އެވެ.

ލާމެހިވަފައިވާ ދުނިޔެއްގައި ކަންކަން ހައްލު ކުރުމަށް އެތައް ގައުމެއް ބައިވެރިވާން ޖެހޭ ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި ރާއްޖޭގެ ވިސްނުމަކީ އެހެން ގައުމުތަކާ ގުޅިގެން އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުން ކަމަށް ވިދާޅުވި އެވެ.

ހިޔާލު ފާޅުކުރުމަށް ހުރަސް ނާޅައި، އެކަމަށް މަގު ފަހިކޮށްދިނުމަކީ، ދައުލަތުގެ ހުރިހާ މުވައްޒަފުންނާއި އިދާރާތަކުގެ ޒިންމާއެއް ކަމަށް ބައިނަލްއަގުވާމީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދުވަހުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައިވެ އެވެ. އަދި އިދާރާތަކުން އިސްވެ މައުލޫމާތު ހާމަ ކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

"‏ދައުލަތުގެ އިދާރާތަކުން ކުރާ ކަންކަމުގެ މައުލޫމާތު، އާންމު ރައްޔިތުންނަށް ނުދީ ހިފެހެއްޓުމަކީ، އެއިދާރާތަކުގެ މުވައްޒަފުންގެ އަމިއްލަ އިހްތިޔާރުގައި އޮތް ކަމެއް ނޫން. އެމައުލޫމާތުތައް ލިބިގަތުމަކީ ރައްޔިތުންގެ ހައްގެއް،" ރައީސް ވިދާޅުވި އެވެ.

އިންޑިއާ ސިފައިންގެ މައުލޫމާތު ހާމަކުރަން ދެކޮޅުހަދާފައި ވަނީ މިހެން ވިދާޅުވިތާ ގިނަ ދުވަސްތަކެއް ނުވަނީހެވެ. ސުވާލަކީ އެ މައުލޫމާތު ހާމަނުކުރެވެނީ ގައުމީ ސަލާމަތަށް ކޮން ގޮތަކުން ނުރައްކާ އޮވެގެން ހެއްޔެވެ؟ އަދި މައުލޫމާތެއް ހާމަކުރުމަކީ ރާއްޖޭގެ ކޮން މިނިވަންކަމެއް ގެއްލޭ ކަމެއް ހެއްޔެވެ؟

comment ކޮމެންޓް