ދަ ސްޕޭސް: ސިއްހަތަށް ފައިދާހުރި ކާނާ، ސަޅި މާހައުލަކުން

އޮކްޓޫބަރ 3، 2020: ދަ ސްޕޭސް ރެސްޓޯރަންޓް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކެފޭ ރެސްޓޯރެންޓުން ފުރިފައިވާ މާލޭގައި ސިއްހަތަށް ފައިދާހުރި ކާނާއަށް ހާއްސަ ރެސްޓޯރެންޓުތަކަކީ ނިސްބަތުން މަދު ތަންތަނެވެ. މިކަމަށް އަމާޒުކޮށްގެން އީމާން، ސުދުނާއާއި އަލްމާގެ ތިން ބެއިން 2017ވަނަ އަހަރު ފެށި މަސައްކަތް ކާމިޔާބުވެ، ދަ ސްޕޭސްގެ ނަމުގައި ރެސްޓޯރެންޓެއް ހުޅުވީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގަ އެވެ.

އެއްބަނޑު އެއްބަފާ ތިން އަންހެން ބެއިން ހުޅުވި ދަ ސްޕޭސް ވަރަށްވެސް ފުރިހަމަ އެވެ. ތަނުގެ އިންޓީރިއާ ފަރުމާކޮށްފައިވަނީ ޒަމާނީ އެހެން ނަމަވެސް، ސާދާ އަދި އެތަނުން ލިބޭ ރަހަމީރު ކެއުމަށް އިންސާފުކޮށްލެވޭ ފަދަ އަރާމު މާހައުލެއްގެ ގޮތުގަ އެވެ.

އޮކްޓޫބަރ 3، 2020: ދަ ސްޕޭސް ރެސްޓޯރަންޓް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"އަބަދުވެސް ވަރަށް އަމިއްލަ ކަމެއް ކުރަން ބޭނުންވޭ ތިން މީހުން ވެސް. އެގޮތަށް ފެށުނީ. ވަރަށް ކުޑަކޮށް ފަށަން އުޅުނީ. އެކަމަކު ފުލް ފްލެޖްޑް ކިޗަންއެއް ހަދާފައި، ޝެފް އައިފަހުން އިތުރު އައިޓަމްތައް އިތުރުކުރީ." ދަ ސްޕޭސްގެ މެނޭޖިން ޕާޓްނަރު އަލްމާ ބުންޏެވެ.

ދަ ސްޕޭސްގެ ދެ މެނޭޖިން ޕާޓްނަރުންގެ ތެރެއިން އަލްމާއާއި އީމާން-- ސަން ފޮޓޯ

ދަ ސްޕޭސްގެ ފަލްސަފާއަކީ "ކްލީން އީޓިން، ހެލްތީ ލައިފްސްޓައިލް" އެވެ. މިތަނުގެ މެނޫއިން ފެންނަ ގިނަ އައިޓަމްތަކަކީ މި ފަލްސަފާއާ ގުޅޭގޮތުން ތައްޔާރުކުރާ އައިޓަމްތަކެވެ.

އެހެން ނަމަވެސް އެހެން ބާވަތްތަކުގެ ކެއުމަށް ލޯބިކުރާ ޒުވާނުން ވެސް މާޔޫސްކޮށް ނުލުމަށްޓަކައި ފަހުން އެހެން ބާވަތްތައް މެނޫއަށް އިތުރުކުރި ކަމަށް އޭނާ ބުންޏެވެ.

އޮކްޓޫބަރ 3، 2020: ދަ ސްޕޭސް ރެސްޓޯރަންޓް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"ގިނަ މީހުންނަށް ފުޑް އެކްސްޕޯސް ކުރަން އިތުރު ޑިޝްތައް ތައާރަފު ކުރިން. މިސާލަކަށް ބާގާސް، ކްރިސްޕީ ފިޝް ފިންގާސް، ޗިކަން ފިންގާސް، ޕިއްޒާ، ޕާސްތާ ފަދަ އެއްޗެހި އިތުރުކުރިން،" އަލްމާ ބުންޏެވެ.

ދަ ސްޕޭސްއިން ތައްޔާރުކުރާ ކެއުންތަކުގައި ބޭނުންކުރާ ސޯސްތަކާއި ބުއިންތަކުގައި ބޭނުންކުރާ ސޯސް އަދި ސިރަޕް ވެސް ތައްޔާރުކުރަނީ އެތަނުން އަމިއްލައަށެވެ.

އޮކްޓޫބަރ 3، 2020: ދަ ސްޕޭސް ރެސްޓޯރަންޓް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދަ ސްޕޭސްއިން ތައްޔާރުކުރާ ޑިޝްތަކުގެ ތެރެއިން އެންމެ ހިނގާ އެއް ޑިޝްއަކީ ޗަމީ ޗިކަން އެވެ. މި ޑިޝް ލިބެނީ ކްރީމީ ސޯސްއާއި މަޝްރޫމްސް އަދި ޕޯޓޭޓޯ ވެޖަސް ނުވަތަ ގާލިކް ރައިސްއާ ވެސް އެކުގަ އެވެ.

ދަ ސްޕޭސްގެ ޗަމީ ޗިކަން-- ފޮޓޯ/ދަ ސްޕޭސް

މީގެ އިތުރުން ދަ ސްޕޭސްގެ މެނޫގައި ހުންނަ އައިޓަމްސްގެ ތެރެއިން ނޯވީޖިއަން ސެމަންއަކީ ވެސް އާންމުންގެ ބޮޑު ތަރުހީބެއް ލިބެމުންދާ އައިޓަމްއެކެވެ. މިއީ އާންމުކޮށް އެހެން ރެސްޓޯރެންޓްތަކުން ލިބެން ހުންނަ ސެމަންއާ އަޅާކިޔާއިރު ކޮލެޓީ ރަނގަޅު ސެމަންއެކެވެ.

ގްރިލްޑް ސެމަން ސްޓޭކް ސެލަޑް-- ފޮޓޯ/ދަ ސްޕޭސް

ދަ ސްޕޭސް ވުޖޫދުވެގެން އަހަރަކާއި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކުރިމަތިލާން ޖެހުނީ ކޮވިޑް19 ޕެންޑެމިކްއާ އެވެ. މި ޕެންޑެމިކްގައި އެތައް މަޝްހޫރު ވިޔަފާރިތަކަކާއި ދުވަސްވީ ރެސްޓޯރެންޓްތައް ބަނގުރޫޓުވެގެންދިޔަ ނަމަވެސް، ދަތިތަކާއެކު ވެސް ދަ ސްޕޭސްއިން ވަނީ މި ޕެންޑެމިކްގެ ތެރެއިން 'ދެމިގަނެފަ' އެވެ.

"ޕެންޑެމިކް ތެރޭގައި ވަރަށް ދަތިތަކާ ކުރިމަތިވި. އެކި ގޮތްގޮތަށް، އެކި މަސައްކަތް ކޮށްގެން ސަވައިވްވީ. އީދަށް އަޅުގަނޑުމެން ތައާރަފުކުރީ ބްރައުނީސް ގިފްޓް ޕެކްތަކެއް. ދެން އުރީދޫ މޫލީ ޕްލެޓްފޯމްގައި އެތަކެތި ވިއްކައިގެން ހަރަދުތައް ކަވާކުރެވުނު،" އަލްމާ ބުންޏެވެ.

މި ހުރިހާ ކަމަކާއެކު ދަ ސްޕޭސްއިން ވަނީ ލޮކްޑައުންގެ ތެރޭގައި ހިލޭ ސާބަހަށް ކާބޯތަކެތި ހަދިޔާވެސް ކޮށްފަ އެވެ. އެކި ގޮތްގޮތުން ހާލުގައި ޖެހިފައި ތިބި މީހުންނަށް އެހީވުމުގެ ގޮތުން، ގިނަ ރައްޔިތުންގެ އެހީއާއެކު ދަ ސްޕޭސްއިން ވަނީ ޖުމުލަ 1،550 ފުޑް ޕެކް ރެޑް ކްރެސެންޓަށް ހަދިޔާކޮށްފަ އެވެ.

އޮކްޓޫބަރ 3، 2020: ދަ ސްޕޭސް ރެސްޓޯރަންޓް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދަ ސްޕޭސްގެ މެނޭޖްމަންޓުން ވަނީ މި ޕްރޮޖެކްޓު ކާމިޔާބުކަމާއެކު ކުރިއަށް ގެންދެވުނީތީ އަދި މިފަދަ ދަތި ދުވަސްވަރެއްގައި ދެމުންދާ އެއްބާރުލުމަށްޓަކައި އާއިލާ، ރައްޓެހިން އަދި ކަސްޓަމަރުންނަށް ޝުކުރު އަދާކޮށްފަ އެވެ.

ދަ ސްޕޭސްއިން ތައްޔާރުކުރާ ރަހަމީރު ޑިޝްތަކުގެ ފޮޓޯއާއި މެނޫ ދަ ސްޕޭސްގެ އިންސްޓްގްރާމް އަދި ފޭސްބުކް ޕޭޖުން ބަލައިލެވޭނެ އެވެ. މިތަނުން ތައްޔާރުކުރާ ކާނާ، ގެއާ ހަމައަށް ޑެލިވަރީކުރަން ބޭނުންވާނަމަ، 7337700 ނަންބަރަށް ގުޅައިގެން ނުވަތަ އަވަސްފުޑްސް އެޕްލިކޭޝަން މެދުވެރިކޮށް އެ ހިދުމަތް ލިބޭނެ އެވެ.

ދަ ސްޕޭސް ހުންނާނީ މާލޭ ރޯޝަނީ މަގުގަ އެވެ.

comment ކޮމެންޓް