އަދީބުގެ ޑީލުން ދައުލަތަށް ސުމެއްތަ؟

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް 20 އަހަރުގެ ޖަލު ހުކުމް އިއްވުމުގެ ކުރިން ކޯޓުން ބޭރުގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެއްވެސް ދިވެހި ރައްޔިތަކު ދެ ބަސްނުވާނެ އެއް ކަމެއް އެބަ އޮތެވެ؛ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްޢަފޫރަކީ، މިފަހުން ރާއްޖޭގައި ހިންގި އެންމެ ބޮޑު ހިޔާނާތް ކަމަށްވާ 3.2 ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތުގެ މުގުލުގައި ހުރި އެއް މޭސްތިރިޔާ އެވެ. އެ ހިޔާނާތާ ގުޅިގެން އޭނާގެ މައްޗަށް ދައުލަތުން އުފުލި ހަތް ދައުވާއަށްް އިއުތިރާފުވުމުން މިދިޔަ ހޯމަ ދުވަހު އޭނާ 20 އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމް އިއްވައިފަ އެވެ. އެ ހުކުމާ ހަމަޔަށް ދެވުނީ ދައުލަތާއި އަދީބާ ދެމެދު ސޮއިކޮށްފައިވާ، ޕްލީ ބާގެއިން ނުވަތަ އިއުތިރާފު އެއްބަސްވުމެއްގެ ދަށުންނެވެ.

އަދީބުގެ މައްޗަށް އިއްވި 20 އަަހަރުގެ ހުކުމާ އެކު އުފެދޭ ބޮޑު ސުވާލެއް އެބަ އޮތެވެ؛ ދިވެހީންގެ އެތައް ޖީލެއްގެ މުއްސަނދިކަމުގެ ގޮތުގައި ހުރި ރީތި ރަށްތަކާއި ގިރިތަކާއި ފަޅުތައް ވިއްކައިގެން ލިބުނު އެތައް ބިލިއަން ރުފިޔާއެއް ވަގަށް ނެގުމުގެ ޖަރީމާއަށް އިންސާފު ލިބިއްޖެ ހެއްޔެވެ؟ އަދި ލިބޭނޭ ހެއްޔެވެ؟

އަދީބުގެ އެންމެ ބާރު ހިނގި ދުވަސްވަރުގައި ނަގާފައިވާ ސެލްފީއެއް: ރީތި ރަށްތަކާއި ފަޅުތަކާއި ގިރިތައް ނުއަގުގައި ވިއްކައިގެން ދައުލަތައް ލިބޭ ގެއްލުމުގެ އަގު ހަތަރު ބިލިއަނަށް އަރާ --- ފައިލް ފޮޓޯ/ އަދީބު

އަދީބަށް ހުކުމް އިއްވި މަޖިލިސް ނިންމާލައްވަމުން އަދީބަށް ނިސްބަތްކޮށް ގާޒީ ވަރަށް ބޮޑު ވާހަކަ އެއް ވިދާޅުވި އެވެ. އަދީބު ކުށަށް ތައުބާވި ކަމަށް ބުނެފައި ވާތީ އެކަމަށް އިޝާރާތް ކުރައްވާ ވިދާޅުވީ ތައުބާވެވުނީ ކަމަށް ވާނީ ދިވެހި ހުރިހާ ރައްޔިތުންގެ ހައްގު ހިމެނޭ އެ ފައިސާތައް އަނބުރާ ދައުލަތަށް ހޯދައިދެއްވުނު ދުވަހަކުން ކަމަށެވެ. އެ ވާހަކަތަކުން ދޭހަވާ ކަމަކީ ބޮޑު ހިޔާނާތަށް އިންސާފު ލިބޭނީ ވަގަށް ނެގި ފައިސާ އަނބުރާ ދައުލަތުގެ މާލިއްޔާއަށް ހޯދިގެން ކަމެވެ. އެކަމަކު އަދީބާ އެކު ދައުލަތުން މިހެދި ޑީލުން އެ މަގުސަދު ހާސިލްވާނެ ހެއްޔެވެ؟ އެ ފައިސާ އަނބުރާ ހޯދޭނެ ހެއްޔެވެ؟

ސަރުކާރަށް ނިސްބަތްވާ މީހުންގެ ނަޒަރުގައި އަދީބަށް އިއްވި ޖަލު ހުކުމަކީ، ހިޔާނާތުގެ ފުނަށް ދިޔުމަށާއި އިންސާފު ގާއިމުކުރުމަށް ލިބުނު ބޮޑު ކާމިޔާބެއްގެ ގޮތުގައި ސިފަ ކުރި އެވެ. އަނެއް ބައެއްގެ ނަޒަރުގައި، އެކަމުން ދައުލަތަށް ލިބުނު މާ ބޮޑު ކާމިޔާބެއް ނެތެވެ.

800 އަހަރުގެ ހުކުމެއް ކުރެވެން އޮއްވާ 20 އަހަރު!

ހައި ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި އަދީބު ---

ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވާ ގޮތުން އަދީބާ ދެކޮޅަށް އެތައް ހެއްކެއް އެބަހުއްޓެވެ. އެގޮތުން އޭނާގެ މައްޗަށް 150 ދައުވާ އުފުލި، 800 އަހަރުގެ ޖަލު ހުކުމެއް އަންނާނެހާ ހެކި އެބަހުރި ކަމަށް މީގެ ކުރިން ޝަމީމް ވިދާޅުވެފައިވެ އެވެ.

"އަޅުގަނޑުމެން އަދީބުގެ އިއުތިރާފު އެއްބަސްވުމާ ނުލާ ކުރިއަށް ގޮސްގެން ކުރާނެ 150 އަށްވުރެ ގިނަ ދައުވާ އެބަ ހުއްޓޭ. އެ ދައުވާތައް ސާބިތުވެއްޖެއްޔާ، އެއީ ޑޮކިއުމެންޓްރީ އެވިޑެންސް އިނގޭތޯ. ސާބިތުކޮށްދެއްވިއްޔާ 800 އަށް ވުރެ ގިނަ އަހަރުގެ ހުކުމެއް އަންނަ ވަރުގެ ލިޔުން އަޅުގަނޑުމެން އަތުގައި އެބަހުރި،" ޝަމީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވާ ގޮތުން އެ އިއުތިރާފު އެއްބަސްވުމާ ނުލާވެސް ދައުލަތަށް ކުރިއަށްދާން އެބައޮތެވެ. ސުވާލަކީ، އެހާ ގިނަ ދައުވާތަކަށް އޭހާ ގިނަ އަހަރުތަކަށް އަދީބު ޖަލަށް ލެވޭނެ ކަމުގެ ޔަގީންކަން ދައުލަތަށް އޮތް އިރު، ދައުލަތް އިސްވެ އެފަދަ އެއްބަސްވުމެއް ހެދީ ކީއްވެގެން ހެއްޔެވެ؟

ތެދެކެވެ؛ ހިޔާނާތުގެ ފުނަށް ދިޔުމަށް އަދީބަކީ މުހިންމު މީހެކެވެ. އޭނާ އެ ޖަރީމާ ހިންގި ގޮތާއި ފައިސާ ލިބުނު މީހުން ވަރަށް ރަނގަޅަށް އެނގޭނެ އެވެ. އިއުތިރާފު އެއްބަސްވުމަކާ ހަމައަށް އާދެވުނު ހިސާބުންވެސް އަދީބު ވަނީ އެކި ފަހަރު އެކި ގޮތަށް ވާހަކަ ދައްކަވާފަ އެވެ. އޭގެ ފަހުން އޭނާ ފިލަން މަސައްކަތް ކުރި އެވެ. ދައުވާތަކަށް އިންކާރުވެސް ކުރި އެވެ. އިންކާރު ކުރުމަށްފަހު، ކުރިމިނަލް ކޯޓުން އަދީބާ އެއްކޮޅަށް މައްސަލަ ނިންމި އެވެ. ފަހުން، އަނެއްކާވެސް އޭނާ އިއުތިރާފުވި އެވެ.

ސުވާލަކީ، އަދީބަށް މިހާރު ހުކުމް އިއްވާފައިވާއިރު، ދެން އަނެއްކާވެސް އޭނާ ދައުލަތައް އެއްބާރުލުން ދޭނެ ހެއްޔެވެ؟ މިއީ އަދީބުގެ މައްޗަށް ޖަލު އަދަބެއް އިއްވި ފުރަތަމަ ފަހަރެއް ވެސް ނޫނެވެ. ރައީސް ޔާމީން ވެރިކަމުގައި ހުންނެވި އިރުވެސް، އަދީބު ހިންގެވި ޖަރީމާތަކަށް 33 އަހަރުގެ ޖަލު ހުކުމެއް ކޯޓުން އޭނާގެ މައްޗަށް އިއްވި އެވެ. އެކަމަކު، ސިޔާސީ މަސްރަހުގެ އޮއެވަރު ބަދަލުވެ، އަދީބުގެ ޖަލު ހުކުމްތައް ބާތިލްވެގެން ގޮސް އޭނާ ހުރީ ގާތްގަނޑަކަށް މިނިވަނަކަށް ވެފަ އެވެ.

ކުރިން އިއްވި 33 އަހަރު ހުކުމާ އަޅާބަލާއިރު، މިފަހަރު އަދީބަށް އެ އިއްވީ 13 އަހަރުގެ މަދު ޖަލު ހުކުމެކެވެ. ޖުމްލަ 20 އަހަރު އަދީބަށް އިއްވި ނަމަވެސް، އޭނާ މިހާރުވެސް ބަންދުގައި ހުންނަތާ ހަތަރު އަހަރަށްވުރެ ގިނަ ވެއްޖެ އެވެ. އެހެންކަމުން ދެން އޭނޭގެ ހުކުމުގެ ބާކީ އޮންނާނީ 16 އަހަރެވެ. އަދީބުވެސް ބޭނުންވި ގޮތަށް ޖަލު ހުކުމުގެ މުއްދަތު ކުޑަ ވެއްޖެ އެވެ.

މިފަހަރު ވެސް ކިތަންމެ ބޮޑު ހުކުމެއް އިއްވާފައި ވިޔަސް، ދެން ވާނެ ގޮތެއް ނޭނގެ އެވެ. މަންޒަރު ފެންނަނީ ވެސް އެހެންނެވެ. ދީލަތި މާފެއް ނުލިބޭނެ ކަމެއް ވެސް އަދި ނޭނގެ އެވެ. ބޮޑު ހިޔާނާތަށް އިންސާފު ލިބޭ ކަމުގެ އިހުސާސެއް އަދިއަކު ނެތެވެ. އެކަމުގެ ކުލަވަރެއް ވެސް ނުފެނެ އެވެ.

ގެއްލުނީ 3.2 ބިލިއަން، ލިބެނީ ދެ މިލިއަން!

އެސެޓް ރިކަވަރީ ކޮމިޝަނުން ލަފާކުރަނީ ގެއްލުނު ފައިސާގެ އަދަދު 3.2 ބިލިއަން ރުފިޔާއަށް އަރާ ކަމަށެވެ. އަދީބަށް އިއްވި ހުކުމުން އޭނާ ދައުލަތަށް ދައްކަން ޖެހެނީ އެންމެ ދެ މިލިއަން ރުފިޔާ އެވެ. އެއީ ދައުލަތުން ޖޫރިމަނާއަށް އެދުނު މިންވަރެވެ. މިއީވެސް ބައެއް ގާނޫނީ ވަކީލުން އުފައްދާ ސުވާލެކެވެ. ބޮޑު އަދަދަކުން ދައުލަތުން ހިޔާނާތްވުމުން އޭގެ ބަދަލުގައި އެމީހަކު ދައުލަތަށް ދެ މިލިއަން ރުފިޔާ ދެއްކުމަށް ޖުރީމަނާ އައުން އެއީ އިންސާފުތޯ ބައެއް ވަކީލުން ސުވާލު އުފައްދަ އެވެ.

މަނީލޯންޑަރިންގެ ދައުވާ އުފުލި އިރު، މަނީލޯންޑާ ކުރި އަދަދުގެ ފަސް ގުނައަށް ޖޫރިމަނާ ކުރެވެން އޮއްވާ އެންމެ ދެ މިލިއަނަށް ޖޫރިމަނާ ކުރުމަކީ އެ ވަކީލުންގެ ކަންބޮޑުވުމެވެ.

"20 އަހަރުގެ ޖަލުގެ ހުކުމަކަށް ދައުލަތުން އެއްވަސްވި ނަމަވެސް، ބޮޑު އަދަދަކުން ދައުލަތަށް އަދީބު ޖޫރިމަނާ ކުރުމަށް އެދެވެން ވާނެ. ހިންގާފައި ހުރި ހިޔާނާތައް ބަލާނަމަ، ދެ މިލިއަނަކީ ވަރަށް ކުޑަ އަދަދަދެއް،" ނަން ނުޖެހުމަށް ޝަރުތުކޮށް ވާހަކަ ދެއްކި ވަކީލަކު ވިދާޅުވިއެވެ.

އަދީބަކީ އެ ހިޔާނާތުގައި ޖަލު ހުކުމް އިއްވެ ދެވަނަ މީހާ އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމުގެ އެކައުންޓަށް ހިޔާނާތުގެ ފައިސާއިންގެ އެއް މިލިއަން ޑޮލަރު ވަތް މައްސަލައިގައި އެމަނިކުފާނު ފަސް އަހަރަށް ޖަލަށްލާން ހުކުމްކޮށް ފަސް މިލިއަން ޑޮލަރަށް ޖޫރިމަނާ ކުރި އެވެ.

"މިސާލެއްގެ މައްޗަށް އަދީބު ހިޔާނާތްތެރިވީ އެއް ބިލިއަން ޑޮލަރަށް. ދައުވާ އުފުލި ރަށްތަކުގެ އަގު އެއް ބިލިއަންގެ ރޭޓުން ބަލާނަމަ، އޭނާ ފަސް ބިލިއަން ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ. މަނީލޯންޑަރިންގެ ގާނޫނުން އެފުރުސަތު އޮއްވާ އެފުރުސަތުގެ ބޭނުން ދައުލަތުން ނުހިފީ،" ވަކީލް ވިދާޅުވި އެވެ.

އެސެޓްރިކަވަރީ ކޮމިޝަނުން ފަހުން އާންމު ކުރި މައުލޫމާތުތަކަށް ބަލާއިރު، މުޅި ހިޔާނާތުގެ ޖުމްލަ އަގު ހަތަރު ބިލިއަނަށް އަރާނެ އެވެ. އެއީ ރަށްތައް ހަމަ އަގުގައި ވިއްކައިގެން ދައުލަތައް ލިބެނޭ ކަމަށް ބެލެވޭ އަދަދު ކަމަށް އެ ކޮމިޝަނުން ބުނެ އެވެ. އެހެން ކަމަށްވާނަމަ، ހަތަރު ބިލިއަންގެ ހިޔާނާތް ހިންގުމުން ދެ މިލިއަނަށް ޖޫރިމަނާ ކުރުމަށް ދައުލަތުން ޑީލް ހެދީ، ބަދަލުގައި ކިހާ މައުލޫމާތުތަކެއް އަދީބު ކައިރިން ލިބޭނެ ކަމަށް ބަލައިގެންހެއްޔެވެ؟

އަދީބު ގޭގައި ޔާމީން ޖަލުގައި!

އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާ ގުޅިގެން އަލްޖަޒީރާއިން ގެނެސްދިން އިންވެސްޓިގޭޓިވް ޑޮކިއުމެންޓްރީ "ސްޓީލިން ޕެރަޑައިސް"ގެ ޕޯސްޓަރެއް

އަދީބެކޭ އެއްގޮތަށް ހިޔާނާތް ހިންގި އިރު ދައުލަތުގެ އެންމެ އިސް މީހެއްގެ ގޮތުގައި ހުރި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަކީވެސް މިކަމުގައި ކުއްވެރިވާ ފަރާތެކެވެ. އެމަނިކުފާނު ޖަލަށް ހުކުމް ކުރިތާ މިހާރު އަހަރަކާ ގާތްވެފައި ވާއިރު، އަދިވެސް ހުންނެވީ ޖަލުގަ އެވެ. ސިއްހީ ހާލަތު ހުރި ގޮތުން އެތައް ފަހަރަކު އެމަނިކުފާނު ނިސްބަތްވާ އިދިކޮޅު ކޯލިޝަނުންނާއި އާއިލާގެ ފަރާތުން ގެއަށް ބަދަލު ކުރުމަށް އެދުނެވެ. ނަމަވެސް ރައީސް ޔާމީން ގެއަށް ބަދަލުކޮށްފައެއް ނުވެ އެވެ. އަދީބު ހުންނެވީ ސިއްހީ ހާލަތު ހުރި ގޮތުން ދައުވާތައް އިއުތިރާފުވުމާއެކު ގެއަށް ބަދަލުކޮށްފަ އެވެ.

އިއްޔެ ބޭއްވި މަޖިލިސް ޖަލްސާގައިވެސް ބައެއް މެމްބަރުން އެކަމުގެ ކަންބޮޑުވުން ފާޅުކުރި އެވެ. އެގޮތުން ކާށީދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވަނީ، ހިޔާނާތް ހިންގި ދެމީހުންގެ ތެރެއިން އެކަކު ގޭގައި އޮވެފައި، އަނެއް މީހާ ޖަލުގައި އޮތުމަކީ އިންސާފުތޯ ސުވާލު އުފައްދާފަ އެވެ.

"އަޅުގަނޑަށް އަޑު އިވިގެން ދިޔައީ، ސަރުކާރުން ހެދި ޑީލެއްގެ ސަބަބުން އަދީބު ގެއަށް ބަދަލު ކުރިކަން. 20 އަހަރުގެ ހުކުމަކާއި ދެ މިލިއަން ރުފިޔާގެ ޖޫރިމަނާ އައިސް، މުޅި ދައުލަތް ލޫޓުވާލި މީހަކު ގެއަށް ބަދަލުވެގެން އެދިޔައީ. އިއްޒަތްތެރި ރައީސް، ތަފާތުކުރުން ފެންނަމުން މިދަނީ ...ސަރުކާރާ ޑީލް ހަދައިގެން ބޮޑެތި ވަގުން މިންޖުވެގެން މިދަނީ. އަދީބު ގޭގައި، ޔާމީން ޖަލުގައި. މިއީ ކޮންކަހަލަ ވާހަކައެއްތޯ؟،" އިދިކޮޅު ޑީއާރުޕީގެ ލީޑަރު ޖާބިރު ވިދާޅުވި އެވެ.

އަދީބު ދައުވާތަކަށް އިއުތިރާފުވީ، މިދިޔަ މަހުގެ 30 ވަނަ ދުވަހު އެވެ. އެއާއެެކު އޭގެ ދެ ދުވަސް ފަހުން އޭނާ ގެއަށް ބަދަލު ކުރި އެވެ. ކަރެކްޝަންސް އިން އޭރު ބުނީ، އޭނާ ގެއަށް ބަދަލުކުރީ ބަލި ހާލަތު ހުރި ގޮތުން، ކޯޓުގެ ހުއްދައާ އެކު ކަމަށެވެ. މިއީ އަދީބު ދައުވާއަށް އިއުތިރާފުވުމުން ސަރުކާރުން ހެދި ޑީލްގެ ދަށުން ކުރި ކަމެއް ބާއެވެ؟ އެކަމުގެ އިނާމެއްގެ ގޮތުން އޭނާ ގެއަށް ބަދަލު ކުރީތޯވެސް ބައެއް މީހުން ސުވާލު އުފައްދަ އެވެ. އަދި އޭނާގެ ހުކުމުގެ ބާކީ ބައި ހަމަ ކުރާނީވެސް ގޭގައި ހުންނަވައިގެންތޯ ވެސް މިއީ އާންމު ރައްޔިތުން ކުރަމުންދާ ސުވާލެކެވެ. އެކަމަކު މިއީ އިންސާފެއް ހެއްޔެވެ؟

އެންމެން ބައިވެރިވި، އިންސާފު ލިބޭނެތަ؟

މި ސަރުކާރުގެ އެންމެ ބޮޑު އެއް ވައުދަކީ، ދައުލަތަށް ގެއްލުނު ފައިސާ ހޯދާ، އެއަށް ހިޔާނާތްތެރިވި މީހުން އިންސާފުގެ ކުރިމަށްޗަށް ގެނައުމެވެ. އަދީބު ވިދާޅުވާގޮތުން، ހިޔާނާތުގެ ފައިސާ ނުވަންނަ ރާއްޖޭގެ ސިޔާސީ ޕާޓީއެއް ނެތެވެ. ސިޔާސީ މަތިފަޑީގެ ތިބި މީހުންނާއި ދައުލަތުގެ އެކި އިދާރާތައްވެސް ހުރީ އެ ފައިސާގައި ޖެހިފަ އެވެ. އޭގެ މޫ ހުރީ ވަަރަށް ބޮޑަށް ފުނަށް ގޮސްފަ އެވެ. ޖާޑީ ޖާޑީގައި އެއްތަނުން އަނެއްތަނަށް އެ ފައިސާ އޭރު އުފުލި އިރު، ހުރިހާ މިނިވަން މުއައްސަސާތަކެއް ތިބީ ނިދާފަ އެވެ.

މި ސަރުކާރު އައި ފަހުން މިހާރު ދެ އަހަރާ ގާތްވީ އިރު، އަދިވެސް ހިޔާނާތުގެ ފައިސާއެއް ނުހޯދެ އެވެ. ދެ މީހަކަށް ހުކުމް ކުރުން ފިޔަވާ ޝަރުއީ މަރުހަލާއިން ލިބުނު ކުރިއެރުމެއް ނެތެވެ. އެ ފައިސާ ހޯދުމަށް އެކުލަވާލި ރިޔާސީ ކޮމިޝަނުން ދިން މައުލޫމަތަށް ބަލާއިރު، ފައިސާ ލިބުނު މީހުންގެ އަދަދު 300 އަށްވުރެ ގިނަ އެވެ. ރައްޔިތުންނަށް މުހިންމު ވަނީ، އެ ފައިސާ ލިބުނު މީހުންގެ އަތުން އެ ފައިސާ ވީހާވެސް އަވަހަކަށް ހޯދުމެވެ. އެ ފައިސާއަށް އުފެއްދި އެސެޓުތަކުން ފައިސާ ހޯދުމެވެ. އަދީބަށް ފައިދާވާ ގޮތަށް ހެދި އެ ޑީލުން އެ ފައިސާ ހޯދޭނެބާއެވެ؟ އެ ހިޔާނާތަށް އިންސާފު ގާއިމު ކުރެވިދާނެ ހެއްޔެވެ؟ މިއީ ޖަވާބެއް ލިބެން އަދި ނެތް ސުވާލެކެވެ.

comment ކޮމެންޓް