ބީއެމްއެލްގެ ރިސްކް ހެޑް ޔާމީން އިސްތިއުފާ ދެއްވައިފި

ޔާމީން (ކ) ފަރާތުގައި

ދައުލަތުގެ ވިޔަފާރި ކުންފުނި، އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން، ބީއެމްއެލް ދިފާއު ކުރައްވައި މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ގިނަ ވާހަކަތަކެއް ދެއްކެވި، އެ ބޭންކްގެ ހެޑް އޮފް ރިސްކްގެ މަގާމުގައި ހުންނެވި ޔާމީން އާދަމް އިސްތިއުފާ ދެއްވައިފި އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި ބޭންކްގައި ގާތްގަނޑަކަށް 30 ވަރަކަށް އަހަރު ހިދުމަތް ކުރެއްވި ޔާމީން އިސްތިއުފާ ދެއްވީ މިދިޔަ މަހު 30ގަ އެވެ.

އޭނާ އިސްތިއުފާ ދެއްވި ސަބަބެއް ބަޔާންކޮށްފަ އެއް ނުވެ އެވެ.

މިދިޔަ އަހަރުގެ ޖުލައި މަހު އޮތް މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި، ޔާމީން ވަނީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ބޭންކްގެ ދައުރެއް ނޯންނާނެ ކަމަށް ވިދާޅުވެ، ވާހަކަ ދައްކަވައިފަ އެވެ.

އެމްއެމްޕީއާރުސީއަށް އެކި ފަރާތްތަކުން ދީފައި ހުރި ޗެކްތައް ބީއެމްއެލްގައި އޮތް އެސްއޯއެފްގެ އެކައުންޓްތަކަށް ޖަމާކޮށް، ނަގަމުން ދިޔަ އިރު، އެ ބޮޑު ހިޔާނާތުގައި ބޭންކްގެ ބައިވެރިވުން އޮންނާނެ ކަމަށް ބައެއް މެމްބަރުން ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވި އެވެ. އެހެން ނަމަވެސް ޔާމީން އާއި އެ ބޭންކްގެ އޭރުގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރު މުހައްމަދު ޝަރީފު ވަނީ އެ ހިޔާނާތުގައި ބޭންކްގެ ދައުރެއް ނޯންނާނެ ކަމަށް ވިދާޅުވެ، ބޭންކް ދިފާއު ކުރައްވައިފަ އެވެ.

އެ ބައްދަލުވުމުގައި ޔާމީން ވިދާޅުވީ އެސްއޯއެފްގެ މުއާމަލާތްތަކުގައި ޝައްކު ކުރެވޭ ކަންތައްތަކެއް ދިމާވުމުން، ސެންޓްރަލް ބޭންކް، އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އަށް ރިޕޯޓްކޮށް، އޭގެ ފަހުން އެސްއޯއެފްގެ އެކައުންޓް ވެސް ހިފެހެއްޓި ކަމަށެވެ. ނަމަވެސް ބައެއްގެ އެކައުންޓް އެގޮތަށް ހިފެހެއްޓުމަކީ ބޭންކަށް ކުރެވޭނެ ކަމެއް ނޫން ކަމަށް އިރުޝާދު ލިބުމުން އެ އެކައުންޓް ފަހުން ދޫކޮށްލީ ކަމަށެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތް 1.3 ބިލިއަން ރުފިޔާ އަށް އަރަ އެވެ.

comment ކޮމެންޓް