ދައުލަތަށް ލިބެންޖެހޭ ފައިސާގެ މައްސަލަތައް ހަ މަސް ތެރޭ ނިންމުމަށް އިސްލާހު ހުށަހަޅައިފި

ޖޫން 2، 2020: 2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 2 ވަނަ ޖަލްސާ -- ފޮޓޯ/ މަޖިލިސް

ދައުލަތަށް ލިބެންޖެހޭ ފައިސާގެ މައްސަލަތަކުގެ ޝަރީއަތް ހަ މަސް ތެރޭ ނިންމުމަށް ލާޒިމްކޮށް ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅައިފި އެވެ.

މިހާރު އެފަދަ ޝަރީއަތްތައް ވަކި މުއްދަތެއްގެ ތެރޭ ނިންމުމަށް ގާނޫނުގައި ބަޔާންކޮށްފައެއް ނުވެ އެވެ.

ޓެކްސް ނެގުމާބެހޭ އިދާރީ ގާނުނަށް އެ އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ބިލު މަޖިލީހަށް ހުށަހެޅީ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް އެވެ.

އިއްޔެ މަޖިލިސް ޖަލްސާގައި އެ ބިލުގެ ފުރަތަމަ ކިޔުން އިއްވާފައިވާއިރު، ޓެކްސް ފިޔަވައި އެހެނިހެން ފައިސާ ދައުލަތުގެ ނަމުގައި ބަލައިގަތުމުގެ ބާރު މީރާއަށް ދިނުމަށް ބިލުގައި ހިމަނާފައިވެ އެވެ. އޭގެ ތެރޭގައި ގާނުނެއްގެ ދަށުން ނުވަތަ ގަވައިދެއްގެ ދަށޫން ނުވަތަ އެއްބަސްވުމެއްގެ ދަށުން، ފަރުދެއްގެ އަތުން ނުވަތަ ގާނޫނީ ޝަހުސަކުން ސަރަކާރަށް ނުވަތަ ދައުލަތށް ނަގާ ޓެކުހަށް ނުވާ، އަގެއް ނުވަތަ ފީއެއް ނުވަތަ ކުއްޔެއް ނުވަތަ ޖޫރިމަނާ ހިމެނެނޭ ކަމަށް ބިލުގައި ބަޔާންކޮށްފައިވެ އެވެ.

ޓެކްސް އިސްތިސްނާވާ ގޮތަށް ދައުލަތައް ލިބެންޖެހޭ ފައިސާއެއް ދައްކަން ޖެހޭ މުއްދަތުގައި ނުދައްކާނަމަ، އެ ފައިސާ ޝަރީއަތް މެދުވެރިކޮށް ހޯދުމުގެ އިހްތިޔާރު އޮންނަނީ ބަންޑާރަނައިބަށެވެ. އެގޮތުން އެފަދަ މައްސަލައެއް ޝަރީއަތަށް ހުށެހެޅޭތާ ގިނަވެގެން ހަ މަސް ދުވަހުގެ ތެރޭގައި އެ މައްސަލަ ބަލައި ޝަރީއަތުން ގޮތެއް ކަނޑައަޅަން ވާނެ ކަމަށް ބިލުގައި ބުނެފައިވެ އެވެ.

ފައިސާ ހޯދުމަށް ޝަރީއަތަށް ދިޔުމުގެ ކުރިން، ފައިސާ ހޯދުމަށްޓަކައި މީރާއަށް އެޅިދާނެ ފިޔަވަޅުތައްވެސް ބިލުގައި ބަޔާންކޮށްފައިވެ އެވެ. އެގޮތުން ފައިސާ ދެއްކުމަށް ނޯޓިސް ފޮނުވުމާއި ފައިސާ ނުދައްކާ ފަރާތުގެ ނަން ހާމަ ކުރުމާއި ދައުލަތުގެ އިދާރާތަކުން ހޯދަން އެދޭ ހިދުމަތެއް އެ ފަރާތަކަށް ދިނުން ހިފެހެއްޓުމުގެ ބާރު މީރާއަށް ދީފައިވެ އެވެ.

އެ ފިޔަވަޅުތައް މީރާއިން އެޅުމަށްޓަކައި، އެ އިދާރާއިން އަމަލުކުރާނެ އުސޫލުތައް އެ ގާނޫނުގެ ދަށުން ހަދާ ގަވައިދުގައި ބަޔާން ކުރަންވާނެ ކަމަށްވެސް ބިލުގައި ބުނެފައިވެ އެވެ. އަދި އެ ގަވައިދު ހަދަން ވަނީ ފިނޭންސް މިނިސްޓަރުގެ މަޝްވަރާގެ މަތިންކަމަށް ވެސް ބިލުގައި ބަޔާންކޮށްފައިވެ އެވެ.

އެކަންތައްތަކުގެ އިތުރުން، ރާއްޖެ ބައިވެރިވެފައިވާ ޓެކުހާގުޅޭ މުއާހަދާތަކާއި، ޓެކުހާ ގުޅޭ އެނޫންވެސް އެއްބަސްވުންތަކުގެ ދަށުން ބޭރު ގައުމެއްގެ ނުވަތަ ސަރަހަދެއްގެ ޓެކުހާގުޅޭ އިދާރާއާއެކުގައި ޓެކުހާ ގުޅޭ މައުލޫމާތު ބަދަލުކުރުމާއި، އެގޮތުން ބަދަލު ކުރެވޭ މައުލޫމާތުގެ ސިއްރު ހިފެހެއްޓުމާ ގުޅޭ އުސޫލުތައްވެސް އިތުރަށް ބިލުގައި ހިމަމާފައިވެ އެވެ.

comment ކޮމެންޓް