200 ބަންގްލަދޭޝް މީހުން އަނބުރާ ގައުމަށް ފޮނުވާލައިފި

ރާއްޖޭގައި ތިބި 200 ބަންގްލަދޭޝް މީހަކު، މޯލްޑިވިއަން މެދުވެރިކޮށް މިއަދު ދާކާ އަށް ގެންދަކީ --- ފޮޓޯ : މޯލްޑިވިއަން

ރާއްޖޭގައި އުޅޭ ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލުމަށް ކުރާ މަސައްކަތުގެ ތެރެއިން 200 ބިދޭސީން މިއަދު ފޮނުވާލައިފި އެވެ.

މޯލްޑިވިއަން އިން މިއަދު ބުނެފައި ވަނީ ބިދޭސީ ގައުމަށް ފޮނުވާލުމަށް ކުރިއަށް ގެންދާ ޕްރޮގްރާމްގެ ދަށުން މިއަދު 200 ބަންގްލަދޭޝް މީހުން، އެފަރާތްތަކުން އެގައުމުގެ ވެރި ރަށް ދާކާއަށް ދިޔުމަށް ފުރާފައިވާ ކަމަށެވެ.

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލުމަށް ކުރާ މަސައްކަތުގެ ތެރެއިން މިހާތަނަށް ވަނީ 5،000 އަށްވުރެ ގިނަ ބިދޭސީން ގައުމަށް ފޮނުވާލާފަ އެވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މީގެކުރީން ވިދާޅުވީ ގަވައިދާ އެއްގޮތަށް އުޅޭ ބިދޭސިންގެ ތެރެއިން ވެސް ގިނަ ބަޔަކު އަނބުރާ ގައުމަށް ދާން ބޭނުންވެގެން ވަނީ ގޮސްފައި ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، އެ ޕްރޮގްރާމްގެ އަމާޒަކީ މި އަހަރުގެ ނިޔަލަށް ގަވާއިދާ ހިލާފަށް އުޅޭ 20،000 ބިދޭސިން ފޮނުވާލުން ކަމަށެވެ.

"އެއީ ޓާގެޓަކީ. ނުވެދާނެ، އެކަމަކު ގަދައަޅާ މަސައްކަތް މިކުރަނީ ޓާގެޓަށް ވާސިލް ވެވޭތޯ،" މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖޭގައި ގަވައިދާ ހިލާފަށް 63،000 ބިދޭސިން އުޅޭނެ ކަމަށް ސަރުކާރުން ލަފާކުރެ އެވެ.

މޯލްޑިވިއަންގެ ރިޕެޓްރިއޭޝަން ފްލައިޓުތަކުގެ އިތުރުން ދިވެހި ސަރުކާރުން ޗާޓަރުކުރި ބިމާން ބަންގްލަދޭޝް އެއާވޭސްގެ ފްލައިޓެއްގަ އާއި ބަންގްލަދޭޝް އަސްކަރިއްޔާގެ ފްލައިޓެއްގައި ވެސް އެކި ފަހަރުތަކުގެ މަތިން ވަނީ އެ ގައުމުގެ ރައްޔިތުން ފުރުވާލައިފަ އެވެ.

comment ކޮމެންޓް