ޗައިނާގެ ނުފޫޒުން އިންޑޯ ޕެސިފިކް ސަރަހައްދު "މިނިވަން ކުރަން" އެމެރިކާ މަސައްކަތް ކުރަނީ

އެެމެރިކާއާއި އިންޑިއާގެ ޚާރިޖީ ވަޒީރުން

ޓޯކިޔޯ (އޮކްޓޯބަރު 7) : ޗައިނާގެ ނުފޫޒުން މިނިވަންވެފައިވާ އިންޑޯ ޕެސިފިކް ސަރަހައްދެއް ގާއިމް ކުރުމަށް އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ އެމެރިކާގެ ބައިވެރިން ކަމަށްވާ އިންޑިއާ ޖަޕާން އޮސްޓްރޭލިއާ އެކު ފައްޓަވައިފިއެވެ.

މިގައުމުތަކުގެ ޚާރިޖީ ވަޒީރުންނާ މުޚާތަބު ކުރައްވައި ޕޮމްޕެއޯ ވިދާޅުވީ ޗައިނާގެ ނުފޫޒުން މިނިވަންވެފައިވާ އިންޑޯ ޕެސިފިކް ސަރަހައްދެއް ގާއިމްކުރުމަކީ އެމެރިކާގެ މުހިއްމު މަސްލަހަތެއްކަމަށާ އެކަމަށް އެގައުމުތަކުގެ އެހީތެރިކަން އެމެރިކާ ބޭނުންވާ ކަމުގައެވެ. ޕޮމްޕެއޯ މިގޮތަށް ގޮވާލެއްވީ އިންޑިޔާ ކަނޑުގެ ގައުމުތަކުންނާ އަދި އޭޝިއާ ޕެސިފިކް ގައުމުތަކުން ޗައިނާގެ ނުފޫޒު ނައްތާލައި މުޅި ސަރަހައްދުން ޗައިނާ އެކަހެރިކޮށްލުމަށް އެމެރިކާ އެކަށައަޅާފައިވާ ސްޓްރެޓެޖީގެ ދަށުން އިންޑިއާ ޖަޕާން އޮސްޓްރޭލިއާ ގެ ޚާރިޖީ ވަޒީރުންނާއެކު ޖަޕާނުގައި ބޭއްވި ބައްދަލުވުމެއްގައެވެ.

އެެމެރިކާގެ ސްޓްރެޓެޖީއަކީ އިންޑިއާ، ޖަޕާން، އޮސްޓްރޭލިއާ ގުޅިގެން ޗައިނާއާ ދެކޮޅަށް ހަރަކާތްތެރިވުން

ޕޮމްޕެއޯ އިސްކޮށް ހުންނަވައިގެން ބޭއްވި މި ބައްދަލުވުމުގައި އިންޑިޔާގެ ޚާރިޖީ ވަޒީރު ސްބްރަމާނިޔަމް ޖައިޝަންކަރާއި އޮސްޓްރޭލިޔާގެ ޚާރިޖީ ވަޒީރު މެޒީޕް ޕޭން އަދި ޖަޕާނުގެ ޚާރިޖީ ވަޒީރު ތޮށިމިޓްސޫ މޮޓެގީ ގެ އިތުރުން ޖަޕާނުގެ އައު ބޮޑުވަޒީރު ޔޮޝިހިޑޭ ސުގާ ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ޗައިނާއާ ދެކޮޅަށް އެމެރިކާ އުފައްދާފައިވާ 'ދަ ކުއަޑް' ގްރޫޕް ގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުންް

މިބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕޮމްޕެއޯ ވަނީ ޗައިނާދަނީ އިންޑޯ ޕެސިފިކް ސަރަހައްދުގެ ގައުމުތަކުގައި އިގްތިސާދީ އަދި އުމްރާނީ ތަރައްގީގެ ބޮޑެތި އިންފްރާސްޓްރަކްޗާ ތަކެއް ބިނާކޮށްދީ އެގައުމުތަކަށް ބާރާއި ނުފޫޒު ފޯރުވަމުން ކަމަށް ތުހުމަތު ކުރައްވާފައެވެ. އަދި ޗައިނާއިން ތަރައްގީގެ ނަމުގައި އޭޝިއާއާއި އޭޝިއާ ފެސިފިކް ގެ ގައުމުތަކުގެ ބޮލުގައި ބޮޑެތި ލޯންތަކެއް އަޅުވަމުންދާކަމަށްވެސް ޕޮމްޕެއޯ ތުހުމަތު ކުރެއްވިއެވެ.

2026 އަށް ދާއިރު އެމެރިކާގެ އިގްތިސާދުގެ މައްޗަށް ޗައިނާގެ އިގްތިސާދު ކުރިހޯދާނެ

ޗައިނާގެ މި އިންވެސްޓްމަންޓްތަކަކީ ދެކުނު އޭޝިއާއާއި ދެކުނު އިރުމަތީ އޭޝިއާ ހިމެނޭގޮތަށް މުޅި އިންޑޯ ޕެސިފިކް ސަރަހައްދުގައި އެމެރިކާގެ ބާރާއި ނުފޫޒު ގެއްލިގެން ދާނެކަމެއްކަމަށާ މިކަންބަލަން އެމެރިކާ ނޯންނާނެކަމަށްވެސް ޕޮމްޕެއޯ ވިދާޅުވިއެވެ. 2026 އަށް ދާއިރު އެމެރިކާގެ އިގްތިސާދުގެ މައްޗަށް ޗައިނާގެ އިގްތިސާދު ކުރިހޯދާނެކަމަށް އެމެރިކާގެ ދިރާސާތަކާއި ތިންކް ޓޭންކް ތަކުން އަންދާޒާކުރާތީ އެމެރިކާވަނީ އެމައްސަލާގައި ގޮތް ހުސްވާ ހިސާބުގައެވެ.

ދުނިޔޭގެ ފުލުހެއްގެ އަދާކޮށްގެން އެމެރިކާ ހިންގާ ހަންފެތުރުމުގެ ދައުރު

އެހާލަތަށް ގޮސްފިނަމަ ދުނިޔޭގެ ގައުމުތަކުގައި އަސްކަރީ ބޭސްތަށް ބިނާކޮށްގެން ދުނިޔޭގެ ފުލުހެއްގެ އަދާކުރުމަށް އެމެރިކާ ކުރަމުންދާ އިސްރާފުބޮޑު ޚަރަދުތައް ކުރާނެ މާލީ އަދި އިގްތިސާދީ ގާބިލްކަން އެމެރިކާގެ ކިބާގައި ނުހުންނާނެކަން އެމެރިކާ އިހްސާސް ކުރެއެވެ. އެހެންކަމުން ޗައިނާއަށްވުރެ އިގްތިސާދީ ގޮތުން އެމެރިކާ ފަހަތަށް ވެއްޓުމަކީ ދުނިޔޭގައި ހަންފެތުރުމަށް އެމެރިކާ އަދާކުރާ ދައުރު ވަރަށް ބޮޑަށް ހީނަރުވެގެންދާނެ ކަމެއްކަމަށްވެސް އެމެރިކާ ދެކެއެވެ.

ޗައިނާގެ ބެލްޓް އެންޑް ރޯޑު އިނިޓީއޭޓިވް (ޗައިނާ ވިޔަފާރީގެ ގޮތުގައި ދުނިޔޭގެ ގިނަ ގައުމުތަކާ ގުޅާލުން)

މިއާއެކު އެމެރިކާވަނީ އޭޝިއާގައިޥާ އެމެރިކާގެ ބައިވެރިން ބޭނުންކޮށްގެން ޗައިނާއާ ދެކޮޅަށް އަސްކަރީގޮތުންނާއި އިގްތިސާދީ ގޮތުން ވަރަށް ކުރިޔާޚިލާފަށް ވަރަށް ވަރުގަދައަށް ހަރަކާތްތެރިވާން ފަށާފައެވެ. ޗައިނާގެ އިގްތިސާދު އެމެރިކާގެ އިގްތިސާދުގެ މައްޗަށް ކުރިހޯދާއިރު އެމެރިކާ މިހާރު މޮނޮޕޮލީ ކޮށްގެން އުޅޭ ސިވީލިޔަން އެއާކްރާފްޓް (ފަސިންޖަރު މަތިންދާބޯޓު) ތަށްވެސް ޗައިނާއިން އުފައްދާނެއެވެ. މިހާރު ޗައިނާ އެމެރިކާއިން އެންމެ ގިނައިން ގަންނަ ފަސިންޖަރު މަތިންދާބޯޓާއި އެނޫންވެސް ހައިޓެކް އުފެއްދުންތަށް ޗައިނާއިން އުފައްދާނެއެވެ.

ބެލްޓް އެންޑް ރޯޑު އިނިޝިއޭޓިވް އަކީ ޗައިނާގެ ދުނިޔޭގެ ވިޔަފާރީގެ ހަބު

މިހިސާބުން އެމެރިކާއާއި ޗައިނާގެ ވިޔަފާރީގެ ތިލަފަތް މިހާރަށްވުރެވެސް ބޮޑަށް ޗައިނާ ކޮޅަށް ބުރަވެ އެމެރިކާގެ އިގްތިސާދުގެ މައްޗަށް ޗައިނާގެ އިގްތިސާދު ކުރިހޯދާނެކަމަށް ތިންކް ޓޭންކުން ވަނީ ބުނެފައެވެ. އޭޝިއާ، އެފްރިކާ އަދި ޔޫރަޕްގެ 80 އަށްވުރެ ގިނަ ގައުމުގައި މަދަނީ އިންފްރާސްޓްރަކްޗާ ގާއިމްކޮށްދީ އެގައުމުތަކާއެކު ވިޔަފާރީގެ މުއާމަލާތްތައް ފުޅާކުރުމަށް ޗައިނާ ގާއިމްކުރާ ބެލްޓް އެންޑް ރޯޑު އިނިޝިއޭޓިވްއަކީ އެމެރިކާގެ މައްޗަށް ޗައިނާ ގަދަވެގަންނާނެ މައި ހަބުކަމަށް އެމެރިކާ ދެކެއެވެ. އެހެންކަމުން ޗައިނާއާ ދެކޮޅަށް އެމެރިކާ ގެންގުޅޭ ސްޓްރެޓެޖީ ބިނާވެފައިވަނީ ޗައިނާގެ ބެލްޓް އެންޑް ރޯޑުގެ ރޫޓުތަކަށް ލޯއަޅައި އެރޫޓުތަކުން ދަތުރުކުރާ އާގުބޯޓުތަކާއި އެނޫންވެސް އުޅަނދުތަކަށް ފާރަލައި ނުދީސާކޮށް ގޯނާ ކުރުމުގެ މައްޗަށް ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޗައިނާއާ ކުރިމަތިލުމަށް އެމެރިކާ ބޭނުންކުރަނީ 'ދަ ކުއަޑް' ގްރޫޕް

ޗައިނާއާއި އެމެރިކާއާ ދެމެދު އިއުލާނު ނުކުރާ ފިނި ހަނގުރާމައެއް މިހާރު އަމަލީގޮތުން ފެށިފައިވާއިރު މި ހަނގުރާމައިގާ ޗައިނާއާ ކުރިމަތިލުމަށް އެމެރިކާ ބޭނުންކުރަނީ އޭޝިއާއާއި އޭޝިއާ ޕެސިފިކްގައިވާ އެމެރިކާގެ ބައިވެރިންގެ ގޮތުގައި ބެލެވޭ ގައުމުތަކެވެ. މިގައުމުތަކަށް ކިޔަނީ 'ދަ ކުއަޑް' ގްރޫޕެވެ.

ޗައިނާއާ ދެކޮޅަށް ހަރަކާތްތެރިވާ 'ދަ ކުއަޑް' ގްރޫޕް ގެ ޚާރިޖީ ވަޒީރުން ޓޯކިޔޯގައި ބައްދަލުކުރެއްވުމަށްފަހު ފޮޓޯއަކަށް ހުއްޓިވަޑައިގެން

ޗައިނާއާ ދެކޮޅަށް ހަރަކާތްތެރިވުމަށް އެމެރިކާ އިސްވެ އޮވެގެން އުފައްދާފައިވާ 'ދަ ކުއަޑް' ގްރޫޕްގައި ހިމެނެނީ އެމެރިކާގެ އިތުރުން އިންޑިއާ ޖަޕާން އަދި އޮސްޓްރޭލިއާއެވެ. ދެކުނު އޭޝިއާއާއި ދެކުނު އިރުމަތީ އޭޝިއާ ހިމެނޭގޮތަށް މުޅި އިންޑޯ ޕެސިފިކް ސަރަހައްދުގައި ޗައިނާއާ ދެކޮޅަށް އެމެރިކާ ހިންގާ އަސްކަރީ ، ޖާސޫސީ އަދި ޑިޕްލޮމެޓިކް ބާރާއި ނުފޫޒުގެ ހަރަކާތްތަކުގައި އެމެރިކާ ބޭނުންކުރަނީ މިތިންގައުމެވެ.

މީގެތެރެއިން ޖަޕާނަކީ ދެވަނަ ބޮޑުހަނގުރާމައަށްފަހު އެމެރިކާގެ ސެޓަލައިޓް ގައުމަކަށްވެފައިވާ ގައުމެކެވެ. ދެވަނަ ބޮޑުހަނގުރާމައަށްފަހު ޖަޕާނުގައި އަސްކަރީ ބޭސްތަށް ބިނާކޮށް ޖަޕާނުގެ ދިފާއީ ކަންކަންވެސް ބަލަހައްޓައިދެނީ ޚުދު އެމެރިކާއިންނެވެ. އޮސްޓްރޭލިއާއަކީ ޒަމާނުއްސުރެ އެމެރިކާގެ ބާރާއި ނުފޫޒުގެ ދަށުގައިވާ އަދި އެމެރިކާއަށް އަސްކަރީ ފަސޭހަތަށްދޭ އަދި އެމެރިކާގެ އަސްކަރީ ބޭސްތަށްވެސް އޮންނަ ގައުމެކެވެ.

އިންޑިއާއަކީ ޒަމާނުއްސުރެ އަމިއްލަ ވަންތަކަމާއި ވަކިފަރާތަކަށް ނުޖެހުމުގެ އުސޫލުތަށް ގެންގުޅެމުން ދިޔަ ގައުމެއް

އިންޑިއާއަކީ ޒަމާނުއްސުރެ އަމިއްލަ ވަންތަކަމާއި ވަކިފަރާތަކަށް ނުޖެހުމުގެ އުސޫލުތަށް ގެންގުޅެމުން ދިޔަ ގައުމެއްނަމަވެސް އިންޑިއާ ޒަމާނުއްސުރެ ބޮޑަށް ގާތީ އެމެރިކާއަށްވުރެ ރަޝިއާއާއެވެ. އިންޑިއާގެ ގިނަ ހަތިޔާރުތަކަކީވެސް އަދި އިންޑިއާގެ އަސްކަރީ މައި ބައިވެރިއަކީވެސް ކުރީގެ ސޮވިއެޓް ޔުނިޔަންގެ ދުވަސްވަރުން ފެށިގެން މިހާތަނަށްވެސް ރަޝިއާއެވެ. ނަމަވެސް މިފަހަކަށް އައިސް ދުނިޔޭގެ މަސްރަހަށް އަންނަ ޖިޔޮ ޕޮލިޓިކަލް އަދި ޖިޔޮ ސްޓްރެޓީޖިކް ބަދަލުތަކާއެކު އިންޑިއާވަނީ ރަޝިއާއާ މާބޮޑަށް ދުރުނުވިނަމަވެސް އަމިއްލަ މަސްލަހަތަށް ޓަކައާއި އަދި ޗައިނާއާ ކުރިމަތިލުމަށްޓަކައި އެމެރިކާއާ ގުޅިގެން މަސައްކަތް ކުރަންފަށާފައެވެ.

އިންޑިއާއަކީ ސަރަހައްދީ ބާރަކަށްވެފައި ދުނިޔޭގެ ބޮޑު ބާރަކަށްވުމުގެ އުންމީދުވެސް ގެންގުޅޭ ގައުމެއްކަމުން އިންޑިއާކީ އަމިއްލަ މަސްލަހަތަށާއި އަމިއްލަ ވަންތަކަމާއި އަމިއްލަ ބާރުވެރިކަމާއި ނުފޫޒު ކުރިއެރުވުމަށް އިސްކަންދޭ ގައުމެކެވެ. މީގެއިތުރުން އިންޑިއާއަކީ ފަގީރުވެފައި ތަރައްގީ ނުވިނަމަވެސް ވަސީލަތްތައް ގިނަގައުމެވެ. އެމެރިކާއަށްވުރެ އާބާދީގެ ގޮތުން މާބިޔަ ގައުމެކެވެ.

އެމެރިކާގެ ސެޓެލައިޓް ގައުމެއްގެ ގޮތުގައި ހަރަކާތްތެރިވާން ބިޔަ އިންޑިއާ ފަސްޖެހޭ

އެހެންކަމުން އޮސްޓްރޭލިއާއި ޖަޕާންފަދަ އެމެރިކާގެ ސެޓެލައިޓް ގައުމެއްގެ ގޮތުގައި އިންޑިއާ ހަރަކާތްތެރި ވުމަކީ އިންޑިއާގެ މަސްލަހަތު ތަންދޭކަމެއްނޫނެވެ. ނަމަވެސް ޗައިނާއަކީ އިންޑިއާގެ ވާދަވެރި ގައުމަކަށްވެފައި ދެކުނު އޭޝިއާއާއި އިންޑިއާ ކަނޑަށް ބާރާއި ނުފޫޒު ފޯރުވުމަކީ އިންޑިއާގެ މަސްލަހަތަކަށްވެސް ވާތީ އިންޑޯ ޕެސިފިކް ސަރަހައްދުގައި ޗައިނާއާ ދެކޮޅަށް އެމެރިކާ ހިންގާ ހަރަކާތްތަކަށް އިންޑިއާ ގެންދަނީ ވަރަށް ބޮޑަށް އެހީތެރިވެ ވާގިވެރިވަމުންނެވެ.

ޗައިނާ އީރާނުގައި 700 ބިލިޔަން ޑޮލަރު އިންވެސްޓްކުރަނީ

ނަމަވެސް ދާދިފަހުން އީރާނާއެކު ޗައިނާއިން ސޮއިކުރި ދިގުމުއްދަތުގެ އިގްތިސާދީ ސްޓްރެޓީޖިކް އެއްބަސްވުންތަކާއެކު ޗައިނާވަނީ 25 އަހަރުގެ މުއްދަތަށް ޗައިނާއަށް ބޭނުންވާ ތެލާއި ގޭހުގެ ގާތްގަނޑަކަށް 30 އިންސައްތަ އީރާނުން ލިބޭނެ ގޮތްތަކެއް ހަމަޖައްސާފައެވެ. އެމެރިކާ އީރާނަށް ފިއްތުންތަށް ކުރިމަތިކުރާ ސަބަބުތަކުގެ ތެރޭގައި މިކަންވެސް ހިމެނެއެވެ.

ޗައިނާގެ ބެލްޓް އެންޑް ރޯޑް ގެ އިންފްރާސްޓްރަކްޗަރ ގައި ހިމެނޭ މަގެއްމިއެއްބަސްވުންތަކުގެ ދަށުން ކުރިޔަށް އޮތް ދިހަ އަހަރު ތެރޭގައި ޗައިނާއިން އީރާނުގައި 700 ބިލިޔަން ޑޮލަރުގެ ޒަމާނީ އިންފްރާސްޓްރަކްޗާ ތަރައްގީ ކޮށްދިނުން ހިމެނެއެވެ. މީގެތެރޭގައި ހައިވޭތަކާއި ސަބްވޭތަކާއި ކާރުޚާނާތަކާއި ބްރިޖްތަކާއި މަގުތަށް ހިމެނެއެވެ.

ޗައިނާ ޕާކިސްތާނުގައި ބިނާކުރާ 60 ބިލިޔަން ޑޮލަރުގެ އިގްތިސާދީ ކޮރިޑޯ

އަނެއްކޮޅުން އަރަބި ކަނޑަށް އައްސޭރިވާގޮތަށް އޮންނަ ޕާކިސްތާނުގެ ގުވާދަރު ބަނދަރާއެކު ޗައިނާ ޕާކިސްތާނުގައި ބިނާކުރަމުން ގެންދާ 60 ބިލިޔަން ޑޮލަރުގެ އިގްތިސާދީ ކޮރިޑޯގެ ތެރެއިން ޕާކިސްތާން މެދުވެރިކޮށް އެއްގަމު މަގުންވެސް ތެލާއި ގޭހާ އަދި މުދަލާއެނޫންވެސް ތަކެތި ގެންދެވޭނެ ގޮތްތައް ޗައިނާ ވަނީ ހޯދާފައެވެ. އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ މިހާރު އޭޝިއާގެ ބައެއް ގައުމުތަކަށް ކުރައްވާ ދަތުރުފުޅަކީ ޗައިނާއާ ދެކޮޅަށް ސަރަހައްދުގެ ގައުމުތަށް ނެރުމަށް އެމެރިކާ ގެންގުޅޭ ސްޓްރެޖީގެ ދަށުން ކުރައްވާ ދަތުރުފުޅެކެވެ.

މިދަތުރުފުޅުގައި ޗައިނާގެ ނުފޫޒުން އެއްކިބާވެފައިވާ، މިނިވަން އިންޑޯ ޕެސިފިކް ގާއިމުކުރުމަށްޓަކައި ގުޅިގެން މަސައްކަތްކުރުމުގެ އެއްބަސްވުމެއްގައިވެސް އިންޑިއާ ޖަޕާން އަދި އޮސްޓްރޭލިއާގެ ޚާރިޖީ ވަޒީރުންނާއެކު ވަނީ ސޮއިކުރައްވާފައެވެ.

ޖަޕާން، އޮސްޓްރޭލިއާ އަދި އިންޑިއާގެ ބަހުގެ ޙަމަލާތަކެއް ޗައިނާއަށް

އެމެރިކާ އިސްވެ އޮވެގެން ޖަޕާނުގައި ބޭއްވި ޗައިނާއާ އިދިކޮޅު ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ޖަޕާނުގެ ބޮޑުވަޒީރު ސުގާ ވަނީ މިނިވަން އިންޑޯ ޕެސިފިކް ސަރަހައްދެއް ގާއިމް ކުރުމަކީ އެސަރައްދުގެ ގައުމުތަކުގެ ހަމަޖެހުމާއި ސުލްހައަށް މަގުފަހިވާނެ ކަމެއް ކަމަށް ވިދާޅުވެފައެވެ. އޮސްޓްރޭލިޔާގެ ޚާރިޖީ ވަޒީރުވަނީ ބައިނަލް އަގްވާމީ ގާނޫނާ، އަދި ކަނޑުގެ ގާނޫނުތަކާބެހޭ އދ. ގެ ކޮންވެންޝަންތަކާ ޚިލާފަށް އެއްވެސް ގައުމަކުން އަމަލުކޮށް ކަނޑުގެ އެއްވެސް ސަރަހައްދަކަށް ބަރާއި ނުފޫޒު ހިންގުމަކީ އަދި އެއްވެސް ތަނެއް އަމިއްލަކުރުމަކީ ގަބޫލު ކުރެވޭނެކަމެއް ނޫންކަމަށް ވިދާޅުވެފައެވެ.

މިއީ ދެކުނު ޗައިނާ ކަނޑުގައި ޗައިނާއިން މިލްކުވެރިކަމަށް ދައުވާކުރާ ފަޅެއް ހިއްކައިގެން އެތަނުގައި ޗައިނާ ކުރާކަންކަށް ކުރެއްވި އިޝާރާތެއްކަމަށްވަނީ ބެލެވިފައެވެ. މިފަޅުގެ ސަރަހައްދަށްވަދެ ޗައިނާއަށް ގޯނާކުރަން މާބޮޑަށް އެމެރިކާއަށް ނުކެރުނު ނަމަވެސް އެމެރިކާ ގެންދަނީ ކަނޑު ދަތުރު ފަތުރު ކުރުމުގެ މިނިވަންކަމުގެ ނަމުގައި އެ ފަޅާ ކައިރީ ހިސާބުތަކަށް އަސްކަރީ މަނަވަރުތަށް ފޮނުވައި ޗައިނާ ރުޅިއަރުވަން މަސައްކަތް ކުރަމުންނެވެ. ނަމަވެސް ޗައިނާއާ އަސްކަރީ ގޮތުން ކުރިމަތިލާކަށް އެމެރިކާއަކަށް ނުކެރެއެވެ. ޗައިނާގެ ބަނޑުދަށުގައި އޮންނަ ދެކުނު ޗައިނާ ކަނޑަކީ އެމެރިކާއާ ގާތްގަނޑަކަށް 10 ހާސް ކިލޯމީޓަރުގެ ދުރުގައިވާ ސަރަހައްދެކެވެ.

މިބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިންޑިޔާގެ ޚާރިޖީ ވަޒީރު ޖައިޝަންކަރުވެސް ވަނީ ނުސީދާ ގޮތެއްގައި (ޗައިނާގެ ނަންވިދާޅުނުވެ) އެގައުމަށް ބަހުގެ ޙަމަލާތަކެއް ދެއްވާފައެވެ. މިގޮތުން އެއްވެސް ގައުމުކަމަށް ބައިނަލްއަގްވާމީ ގާނޫނުތަކާ ޚިލާފަށް ސަރަހައްދުތައް އަމިއްލަ ނުކުރެވޭނެ ކަމާއި އެއްވެސް ގައުމަކަށް އެގައުމުން ބޭރުގައިވާ ސަރަހައްދުތަކަށް ބާރާއި ނުފޫޒު ހިންގިގެން ނުވާނެކަމަށް ޖަޔަޝަންކަރު ވިދާޅުވިއެވެ.

(ނޫސްއެޖެންސީތައް)

comment ކޮމެންޓް