މަސްވެރިން ކިރުވާ މަހަށް މިފްކޯއަށް މިހާރު ވަގުތުން ފައިސާ ދެވޭނެ: މިނިސްޓަރު އަމީރު

ފެލިވަރަށް މަސް ކިރަން ގޮސް އޮތް ދޯންޏަކުން މަސް ކިރަނީ -- ސަން ފޮޓޯ/ ނަޖާހު މަސްުއޫދު

މަސްވެރިން މިފްކޯއިން މިހާރު ކިރުވާ މަހަށް ވަގުތުން ފައިސާ ދެވޭނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު މިއަދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަމީރު ވިދާޅުވީ މިފްކޯއިން މަސްވެރިން އަތުން މަސް ގަތުމަށްފަހު ފައިސާ ނުދެވި އޮތް މައްސަލައަށް މިހާރު ހައްލެއް ހޯދި، ވަގުތުން ފައިސާ ދެވޭ ހާލަތަކަށް ގެނެވިފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ސަރުކާރާ ހަވާލުވީއިރު މިފްކޯއިން ކްރެޑިޓަށް މަސްވެރިންނަށް ފައިސާ ނުދައްކާ، މަސް ދެމަސް ނަގަމުންދިޔަ. އެ މުއްދަތު ކުޑަކުރަމުން، ކުޑަކުރަމުން އައިސް މިހާރު ވަގުތުން ފައިސާ ދެވޭ ފަދަ ހާލަތެއްގައި މިއޮތީ." މިނިސްޓަރު އަމީރު ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު-- ފޮޓޯ/ރައްޔިތުންގެ މަޖިލިސް

މީގެ އިތުރުން ކޮވިޑް19އާ ގުޅިގެން މަސްވެރިންނަށް އާމްދަނީ ހޯދުމުގައި ކުރިމަތިވި ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް މަސައްކަތް ކޮށްފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެގޮތުން މަސްވެރިންނާއި ދަނޑުވެރިން ހިމެނޭ ގޮތަށް ކޮވިޑް19ގެ ސަބަބުން އަސަރުކޮށްފައިވާ ވިޔަފާރިތަކާއި މަސައްކަތްތެރިންނަށް އަދި އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް އިންކަމް ސަޕޯޓް އެލަވަންސާއި މަސްގަންނަ އަގު އެއްވަރެއްގައި ހިފެހެއްޓުމަށް ލޯނު ދޫކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

"މިހާތަނަށް މަސްވެރިންނަށް 8.4 މިލިއަން ރުފިޔާގެ އިންކަމް ސަޕޯޓް އެލަވަންސް ދީފައިވާނެ. ރިލީފް ޕެކޭޖުގެ އިތުރުން ދުނިޔޭގެ ބާޒާރުގައި ކޮވިޑް19ގެ ސަބަބުން ބޮޑުކަންނެލީގެ އަގު ދަށަށް ދިއުމާއެކު މަސްވެރިންގެ އަތުން މަސްގަންނަ އަގު ދަށަށް ނުދީ ހިފެހެއްޓުމުގެ ގޮތުން ބޮޑުކަންނެލި ގަނެ، އެކްސްޕޯޓުކުރާ ފަރާތްތަކަށް އެސްޑީއެފްސީ މެދުވެރިކޮށް 100 މިލިއަން ރުފިޔާގެ ކްރެޑިޓް ސްކީމެއް ވަނީ ހުޅުވާލެވިފައި." މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އަދި ވިދާޅުވީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ތަރައްގީކޮށްފައިވަނީ ތައިލެންޑަށް ބަރޯސާވާ ގޮތަށް ކަމަށާއި ނަމަވެސް އެކަން ބަދަލުކުރުމަށްޓަކައި އާ އުފެއްދުންތައް ތައާރަފުކޮށް، ރާއްޖޭގައި މަސް ރައްކާ ކުރެވޭ މިންވަރު އިތުރުކުރަމުންދާ ކަމަށެވެ.

"އަބަދުވެސް ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ތަރައްގީކޮށްފައި މިއޮތީ ތައިލެންޑަށް ސަބްސިޑައިޒް ކުރާ ގޮތަށް. މިހާރު ޓާގެޓަކީ ރާއްޖޭގައި މި ރޯ މެޓީރިއަލް ކޭން ކޮށްގެން [ބާނާ މަސް ދަޅުގައި ބަންދުކޮށްގެން] ވެލިއު އެޑްކޮށްގެން [އިތުރު އަގެއް ހިމަނައިގެން] ބޭރަށް އެކްސްޕޯޓު ކުރަން. އެ މަގުން ޕޮލިސީތައް ފަރުމާކުރަމުން މިދަނީ." މިނިސްޓަރު ވިދާޅުވި އެވެ.

މިކަން ހާސިލު ކުރުމަށްޓަކައި ރާއްޖޭގެ ސްޓޯރޭޖް ކެޕޭސިޓީ އިތުރުކޮށް، ފެލިވަރަށާއި ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް އިންވެސްޓު ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސްގައި މަސް ރައްކާކުރެވޭ މިންވަރު 4000 ޓަނަށް އަދި ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި މަސް ރައްކާ ކުރެވޭ މިންވަރު 6000 ޓަނަށް އިތުރުކުރަން މަސައްކަތް ކުރަމުންދާ ކަމަށް މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީ މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.

comment ކޮމެންޓް