މަޝްހޫރު ގިޓާ ކުޅުންތެރިޔާ އެޑީ ވޭން ހޭލެން މަރުވެއްޖެ

އެޑީ ވޭން ހޭލެން 80ގެ އަހަރުތަކުގެ ތެރޭގެ ޝޯއެއްގައި --- ފޮޓޯ : ބީބީސި

މަޝްހޫރު ރޮކް ބޭންޑެއް ކަމަށްވާ ވޭން ހޭލެންއިން މަގުބޫލުކަން ހޯދާފައިވާ ގިޓާ ކުޅުންތެރިޔެއް ކަމަށްވާ އެޑީ ވޭން ހޭލަން ކެންސަރު ބައްޔަށް ފަރުވާކުރަމުން ދަނިކޮށް މަރުވެއްޖެ އެވެ.

އުމުރުން 65 އަހަރުގައި އެޑީ މަރުވެފައި ވަނީ ކަރުގެ ކެންސަރު ޖެހި އެކަމަށް ފަރުވާ ދެމުން ދަނިކޮށް ކަމަށް އޭނާގެ ދަރިފުޅު ހާމަކޮށްފައި ވަނީ ރޭގަ އެވެ.

އެޑީގެ ބޭންޑު މަޝްހޫރު ވެފައި ވަނީ 1984 ވަނަ އަހަރު ނެރުނު ސިންގަލް ކަމަށްވާ "ޖަމްޕް" އިންނެވެ. އެ ލަވަ ވަނީ ބިލްބޯޑުގެ ޗާޓުގައި ވެސް ހިމެނިފަ އެވެ.

އޭނާގެ ދަރިފުޅު ވުލްފްގެންގް ވަނީ އެޑީގެ ހަނދާނުގައި ހާއްސަ ސިޓީއެއް ނެރެފަ އެވެ. އެ ސިޓީގައި ބުނެފައި ވަނީ އެޑީއަކީ މީހަކަށް ލިބޭނެ އެންމެ ރަނގަޅު ބައްޕަ ކަމަށެވެ.

"ސްޓޭޖު މަތީންނާއި ސްޓޭޖުން ބޭރުގައި ވެސް ބައްޕައާ އެކު ހޭދަކޮށްފައިވާ ކޮންމެ ވަގުތަކީ ވެސް އަހަރެން ލިބުނު ބޮޑު ހަދިޔާއެއް. އުމުރަށް ރައްކާ ކުރާނަން،" އޭނާ ބުންޏެވެ.

ރޮކް މިއުޒިކްގެ ބޮޑެތި ނަންތައް ވަނީ އެޑީގެ ހަނދާން އާކޮށްފަ އެވެ. އޭނާއަކީ ރޮކް ގިޓާގެ "މޮޒާޓް"ގެ ގޮތުގައި ގިނަ ބަޔަކު ދެކެ އެވެ. އެޑީގެ ވޭން ހޭލެން ބޭންޑް އަކީ ހާޑް ރޮކް މިއުޒިކް ޖާންރާ މަގުބޫލުކޮށް ގިނަ ބައެއްގެ މެދުގައި ލޯބިކުރާ މިއުޒިކަށް ހެދުމަށް އިސް ރޯލެއް އަދާކޮށްފައިވާ ބޭންޑެކެވެ.

ވޭން ހޭލެންގެ ގިޓާ ކުޅުމުގެ ހުނަރު ވަނީ ބޭންޑުގެ މަގުބޫލުކަން 40 އަހަރަށް ވުރެ ގިނަ ދުވަހު ހިފަހައްޓާފަ އެވެ. އެ ބޭންޑު ވަނީ ތަފާތު ޕްލެޓިނަމް ރެކޯޑްތަކެއް ގާއިމުކޮށްފަ އެވެ.

comment ކޮމެންޓް